ކ. މާލެ
|
23 ޖެނުއަރީ 2021 | ހޮނިހިރު 19:02
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އިންތިޚާބީ ރައީސް މުޙައްމަދު ލަތީފް
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އިންތިޚާބީ ރައީސް މުޙައްމަދު ލަތީފް
މިހާރު
ވީއޭއެމްގެ ނޯމަލައިޒިންގ ކޮމިޓީ މައްސަލަ
ސިވިލް ކޯޓުގެ ޙުކުމަށް ވަނީ ވަރަށް ބޮޑަށް ނުފޫޒުފޯރުވާފައި: ލަތީފް
 
މި މައްސަލަ ލަތީފް އިސްތިއުނާފު ކުރައްވާނެ
 
ސިވިލް ކޯޓުގެ ޙުކުމް ކޮށްފައިވަނީ ލަތީފާ ދެކޮޅަށް
 
ވީއޭއެމް ވަނީ ނޯމަލައިޒިންގ ކޮމިޓީއަކާ ހަވާލުކޮށްފައި

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ހިންގުން ނޯމަލައިޒިންގ ކޮމިޓީއަކާ ހަވާލުކުރަން ކޮމިޝަނާ އޮފް ސްޕޯޓްސްއިން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބެލެވޭނެ ޤާނޫނީ ހަމައެއް ނެތް ކަމަށް ސިވިލް ކޯޓުން ނިންމުމުން، އެ ޙުކުމް ބަލައި ނުގަންނަ ކަމަށް ވީއޭއެމްގެ އިންތިޚާބީ ރައީސް މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ވީއޭއެމްގެ ހިންގާ ކޮމިޓީ އުވާލައި، ނޯމަލައިޒިންގ ކޮމިޓީއާ އެ އެސޯސިއޭޝަން ހިންގުން ކޮމިޝަނާ އޮފް ސްޕޯޓްސް އަޙްމަދު ސަލީމް (ހީނާ) ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ. ފުރަތަމަ ފަސް މެންބަރުންގެ ކޮމިޓީއަކުން ވީއޭއެމް ހިންގާފައިވާއިރު، އެފްއައިވީބީގެ އިންޒާރާއެކު ފަހުން އެ ކޮމިޓީ އުވާލިއެވެ.

އެކަމަކު އެއަށްފަހު ކޮމިޝަނާ އޮފް ސްޕޯޓްސް ސޮއިކުރައްވައި، 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ވީއޭއެމަށް ފޮނުވި ސިޓީގައި ވަނީ އެ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ވީއޭއެމްގެ މެންބަރު ކުލަބުތަކުން އިސްވެ ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ލަތީފުގެ އިތުބާރު ނެތްކަމުގެ ވޯޓެއްނަގައި، ހާޒިރުވެތިބި ފުރިހަމަ މެންބަރުންގެ އިއްތިފާގުން ފާސްކުރުމާ ގުޅިގެން، ވީއޭއެމްގެ އިންތިޚާބު ބޭއްވެންދެން ކުރަންޖެހޭ ކަންކަން ކުރުމަށާއި، ވީއޭއެމްގެ ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން ކުރުމަށް ތިން މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ނޯމަލައިޒިންގ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ބުނެފައެވެ.

އެހެންކަމުން ނޯމަލައިޒިންގ ކޮމިޓީއާ ވީއޭއެމް ހަވާލުކުރި ކުރުން ބަދަލުކުރަން ލަތީފް ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅުއްވާފައެވެ. މީގެ ކުރިން އެ މައްސަލައިގައި އެދުނު ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ކުރިން ނިންމިއިރު، މިދިޔަ ހަފުތާގެ ބުދަ ދުވަހު އެ ކޯޓުން ވަނީ ވީއޭއެމްގެ ހިންގުން ނޯމަލައިޒިންގ ކޮމިޓީއަކާ ހަވާލުކުރަން ކޮމިޝަނާ އޮފް ސްޕޯޓްސްއިން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބެލެވޭނެ ޤާނޫނީ ހަމައެއް ނެތް ކަމަށް ނިންމައި ޙުކުމް ކޮށްފައެވެ.

"ރާއްޖެޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި ލަތީފް ވިދާޅުވީ ސިވިލް ކޯޓުގެ ޙުކުމް ބަލައި ނުގަންނަ ކަމަށާއި، އެ ޙުކުމަށް ވަރަށް ބޮޑަށް ނުފޫޒުފޯރުވާފައިވާ ކަމަށެވެ. އެގޮތުން ވީއޭއެމްގެ ހިންގާ ކޮމިޓީ އުވާލާފައި އޮތީ ކޮމިޝަނާ އޮފް ސްޕޯޓްސްއަށް ލިބިގެންނުވާ ބާރެއްގެ ދަށުން ކަމަށާއި، ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނުގެ ދަށުން ކުޅިވަރު އެސޯސިއޭޝަނެއްގެ ހިންގާ ކޮމިޓީ އުވާލުމުގެ ބާރު ކޮމިޝަނާ އޮފް ސްޕޯޓްސްއަށް ދެ ހާލަތެއްގައި ލިބޭއިރު، ވީއޭއެމްއަށް އެ ދެ ހާލަތްވެސް އައިސްފައި ނުވާ ކަމަށް ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ އެ ހާލަތްތައް މެދުވެރިވި ނަމަވެސް، ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ހިންގާ ކޮމިޓީ ކޮމިޝަނާ އޮފް ސްޕޯޓްސްއަށް އުވާލެވޭނީ ނެޝަނަލް ސްޕޯޓްސް ކައުންސިލުގެ ލަފައެއް ހޯދުމަށްފަހު ކަމަށާއި، އެކަމަކު އެ ލަފާވެސް ކޮމިޝަނާ އޮފް ސްޕޯޓްސް ހޯދާފައިނުވާ ކަމަށެވެ. އެކަމަކު ކޯޓުން ފާހަގަކުރި ކަންތަކުގައި ކޮމިޝަނާ އޮފް ސްޕޯޓްސްއަށް ނެޝަނަލް ސްޕޯޓްސް ކައުންސިލުގެ ލަފާ ލިބުނު ކަމަށް ހިމަނާފައިވާ ކަމަށާއި، އެހެންކަމުން ސްޕޯޓްސް ކައުންސިލުގެ ބޭފުޅުންގެ ހެކިބަސް ނެގުމަށް އެދުނު ނަމަވެސް، ކޯޓުން މައްސަލަ ނިންމިއިރުވެސް އެކަން ކޮށްފައިނުވާ ކަމަށްވެސް ލަތީފް ވިދާޅުވިއެވެ.

ލަތީފް އިތުރަށް ވިދާޅުވީ ކޯޓުން ޙުކުމް ކުރުމުގައި ބަލާފައިވާ 2019 ވަނަ އަހަރުގެ މެއި މަހު އެކުލަވާލި "ވޮލީބޯލް އެސޯސިއޭޝަން މެނޭޖުމަންޓް އޮޑިޓް ރިޕޯޓު" އަކީވެސް ބައެއްގެ ނުފޫޒުގެ ދަށުން ހަދާފައިވާ ރިޕޯޓެއް ކަމަށެވެ. އެގޮތުން އެ އޮޑިޓް ރިޕޯޓު ހެދުމަށް ކޮމިޝަނާ އޮފް ސްޕޯޓްސްއިން ކަނޑައެޅި ތިން މެންބަރުން ފުރަތަމަ ދުވަހު ވީއޭއެމްއަށް ވަޑައިގެންނެވި ކަމަށާއި، އެކަމަކު ފަހުން މުޅި އޮޑިޓް ރިޕޯޓު ތައްޔާރުކުރުމުގައި ހަރަކާތްތެރިވީ ފަރުހަތު ޖަލީލް އެކަނި ކަމަށެވެ. އެކަމަކު ކޯޓަށް ހުށަހަޅާފައިވާ އޮޑިޓް ރިޕޯޓުގައި ފަރުހަތުގެ ސޮއި ނުހިމެނޭ ކަމަށްވެސް ލަތީފް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ވީއޭއެމްގެ ހިންގާ ކޮމިޓީ ފްރޭމް ކުރުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިންވެސް މަސައްކަތް ކޮށްފައިވާ ކަމަށް ލަތީފް ވަނީ ތުހުމަތުކުރައްވާފައެވެ.

ސިވިލް ކޯޓުން ލަތީފާ ދެކޮޅަށް ޙުކުމް ކުރި ނަމަވެސް، ލަތީފް ވިދާޅުވީ މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށެވެ. އަދި މި މައްސަލަ އިސްތިއުނާފު ކުރަން ނިންމެވީ ކުރިއަށް އޮތް މުސްތަގުބަލުގައިވެސް ކުޅިވަރުގެ ތެރެއަށް ސިޔާސީ ކަންކަން ވަނުން ގަބޫލު ނުކުރާތީ އެ އަޒުމުގައި ކަމަށްވެސް ލަތީފް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން "ރާއްޖެޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި ކޮމިޝަނާ އޮފް ސްޕޯޓްސް އަޙްމަދު ސަލީމް (ހީނާ) ވިދާޅުވީ މި މައްސަލައިގައި ކޯޓުން ޙުކުމް ކުރުމާއެކު، ކޯޓުގެ ޙުކުމަށް އިޙުތިރާމު ކުރާ ކަމަށެވެ. އެހެންކަމުން ކޯޓުގެ ނިންމުމާ ދޭތެރޭ އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އަދި ކުޅިވަރުގައި ލަތީފަކީވެސް ވަރަށް އިޙުތިރާމު ކުރާ ބޭފުޅެއް ކަމުން، ލަތީފާ ދޭތެރޭވެސް ވަކި އެއްޗެއް ބުނަން ބޭނުންނުވާ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

ވީއޭއެމްގެ މައްސަލަ ފާހަގަކުރައްވާ ހީނާ ވިދާޅުވީ އެ މައްސަލައިގެ އެކިއެކި މަރުހަލާތައް އަދިވެސް ކުރިއަށްދާ ކަމަށެވެ. އެހެންކަމުން ވީއޭއެމްގެ އިންތިޚާބު ބޭއްވޭނެ ތާރީޚެއް އަދި ބުނަން ނޭނގޭ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ވީއޭއެމްގެ ހިންގުން ނޯމަލައިޒިންގ ކޮމިޓީއަކާ ހަވާލުކުރަން ކޮމިޝަނާ އޮފް ސްޕޯޓްސްއިން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބެލެވޭނެ ޤާނޫނީ ހަމައެއް ނެތް ކަމަށް ސިވިލް ކޯޓުން ނިންމިއިރު، އޭވީސީ އާއި އެފްއައިވީބީންވެސް ވީއޭއެމްގެ ނޯމަލައިޒިންގ ކޮމިޓީ ބަލައިގެންފައެއް ނުވެއެވެ. އަދި ވީއޭއެމްގެ މައްސަލައިގައި އެންމެ ފަހު ގޮތެއް ނިންމުމަށް އެފްއައިވީބީން ވަނީ "އެޑްހޮކް ކޮމިޝަން" އެއް އުފައްދާފައެވެ.

ވީއޭއެމްގެ މައްސަލަ އެފްއައިވީބީގެ ބެލުމުގެ ދަށުގައި އޮތްއިރު، ލަތީފުގެ ދައުރު ހަމަވާނީ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. އަދި ދައުރު ނިމުމުގެ ކުރިން ވީއޭއެމްގެ އިންތިޚާބު ބޭއްވުމަށް ލަތީފް މަސައްކަތް ކުރއްވަމުން އައި ނަމަވެސް، އެ އެސޯސިއޭޝަނުގެ ކުރިއަށް އޮތް އިންތިޚާބުގައި ވާދަނުކުރަން ލަތީފް މީގެ ކުރިން ވަނީ ނިންމަވާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
67%
33%
0%
0%
0%
0%
ކޮމެންޓް