ކ. މާލެ
|
18 ޖެނުއަރީ 2021 | ހޯމަ 13:15
އާދިއްތަ ދުވަހުގެ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަހުމަދު ފައިސަލް ވާހަކަދައްވަނީ
އާދިއްތަ ދުވަހުގެ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަހުމަދު ފައިސަލް ވާހަކަދައްވަނީ
ރާއްޖެއެމްވީ
ކޮވިޑް-19ގެ ވެކްސިން
ކޮވިޑް-19ގެ ވެކްސިން ޖެހުމަކީ މުހިންމު ކަމެއް: ޑރ.ފައިސަލް
 
ވެކްސިނަށް އާންމުން ހޭލުންތެރި ކުރާނެ
 
ވެކްސިނުން ލިބޭ ރައްކާތެރިކަން ކަށަވަރުކުރާނެ
 
ކޮވިޑް-19އަކީ ވެކްސިނުން ކޮންޓްރޯލް ކުރެވޭނެ ބައްޔެއް

ވެކްސިންއަކީ ބައްޔެއް ކޮންޓްރޯލް ކުރުމަށް ވަރަށް މުހިންމު ވަސީލަތެއް ކަމަށާއި، ކޮވިޑް-19ގެ ވެކްސިން ޖެހުމަކީ މުހިންމު ކަމެއް ކަމަށް ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެކްސިންއާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޑރ.ފައިސަލް ވިދާޅުވީ ވެކްސިންއަކީ ބައްޔެއް ކޮންޓްރޯލް ކުރުމަށް ވަރަށް މުހިންމު ވަސީލަތެއް ކަމަށާއި، މާޒީގައި ވެސް ވަރަށް ގިނަ ބަލިތަކެއް ކޮންޓްރޯލްކޮށް ނައްތާލީ ވެކްސިންދީގެން ކަމަށެވެ.

އެގޮތުން ކަރުފޮޅާ، އިދިފުށަށް ދަމާ ބަލި، ކަށިވިދުރިއަކީ ވެކްސިން ޖަހައިގެން ނައްތާލެވިފައިވާ ބަލިތައް ކަމަށާއި، ޕޯލިއޯގެ ދެވައްތަރެއް ސްޓްރެއިން ޓައިފް 2 އާއި ޓައިޕް 3 ނައްތާލީ ވެކްސިނުންކަން ޑރ.ފައިސަލް ފާހަގަކުރެއްވިއެވެ.

ކޮވިޑް-19އަކީ ވެކްސިނުން ކޮންޓްރޯލް ކުރެވޭނެ ބައްޔެއްކަން ފާހަގަކުރައްވައި ޑރ.ފައިސަލް ވިދާޅުވީ ފުރަތަމަ މަސައްކަތްކުރަން ޖެހޭނީ އެގައުމުން ބަލި ނައްތާލަން ކަމަށެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ބަލި އުޅޭއިރު، އެއް ގައުމަކުން ބަލި ނައްތާލި ނަމަވެސް ދަތުރުފަތުރުން ގުޅިފައިވާ ދުވަސްވަރެއްގައި ބަލި އެ ގައުމަކަށް އެތެރުވުމަކީ ވަރަށް ގާތް ކަމެއް ކަމަށެވެ. އެހެންކަމުން އެހެން ގައުމުތަކެކޭ އެއްފަދައިން ވެކްސިން ދިނުމުގެ ޕްރޮގްރާމްގައި ބައިވެރިވާން ޖެހޭ ކަމަށް ޑރ.ފައިސަލް ވިދާޅުވިއެވެ.

ރާއްޖޭގައި ވެކްސިން ދިނުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަން ފާހަގަކުރައްވައި ޑރ.ފައިސަލް ވިދާޅުވީ ވެކްސިނުން ލިބޭ ރައްކާތެރިކަން ކަށަވަރުކުރާނެ ކަމަށެވެ. އެގޮތުން ރައްކާތެރި އަދި ރަނގަޅު އަސަރު މީހުންނަށް ކުރާނެ ވެކްސިންއެއްތޯއާއި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނުވަތަ ކަމާބެހޭ އެއްވެސް މުއައްސަސާއަކުން ރައްކާތެރިކަން ކަށަވަރުކޮށްދޭތޯ ބަލާނެ ކަމަށް ޑރ.ފައިސަލް ވިދާޅުވިއެވެ.

ޑރ.ފައިސަލް ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ސިއްހީ ޚިދުމަތްތެރިންނަށް ކަމަށްވާއިރު، އެފަރާތްތައް ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާ ކަމަށެވެ. އަދި ވެކްސިންއަށް އާންމު ހޭލުންތެރިކުރުވުމަކީ ޚާއްސަ އިސްކަމެއްދީގެން ކުރާނެ ކަމެއް ކަމަށް ޑރ.ފައިސަލް ވިދާޅުވިއެވެ.

ވެކްސިން ހޯދުމުގެ މަސައްކަތުގައި މިހާރު ކޮވެކްސް ފެސިލިޓީން ރާއްޖޭގެ އާބާދީގެ 20 އިންސައްތައަށް ހިލޭ ވެކްސިން ހޯދުމަށް ހުށަހެޅި ހުށަހެޅުން ރަސްމީކޮށް ޑަބްލިޔުއެޗްއޯއިން ވަނީ ގަބޫލުކޮށްފައެވެ. ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް އެންމެ ފުރަތަމަ ވެކްސިން ލިބޭނީ އާބާދީގެ ދެ ލައްކަ މީހުންނަށެވެ. އަދި ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ލިބޭ ވެކްސިނެއްގެ ހަތަރު ލައްކަ ޑޯޒް ލިބޭނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިމަހުގެ ފަހުކޮޅު ވެކްސިން ލިބޭނެކަން ޔަގީންވެފައިވާއިރު ދިވެހި ސަރުކާރާއި ސިންގަޕޫރުގެ ކުންފުންޏެއް ކަމުގައިވާ އެސްޓްރާޒެނެކާ ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ވެސް ވަނީ ނިންމާފައެވެ. އަދި މިކަމަށް މާލިއްޔަތު ގަވާއިދަށް ބަދަލެއް ގެނައުމަށް ވަނީ ނިންމާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
100%
0%
0%
0%
0%
ކޮމެންޓް