ކ. މާލެ
|
14 ޖެނުއަރީ 2021 | ބުރާސްފަތި 12:58
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އަލްޖަޒީރާ
ޓްރަމްޕް ވެރިކަމުން އަޒުލުކުރުން
ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ދެވަނަ ފަހަރަށް ފާސްކޮށްފި، ދެންވާނީ ކިހިނެއް؟
 
ވެރިކަމުގައި ހުއްޓާ ވެރިކަމުން އަޒުލުކުރުމަށްފަހު އޮފީސްދޫކުރައްވަން ޖެހިވަޑައިގަންނަވާ ރައީސުންނަކަށް އިނާޔަތްތަކެއް ނުލިބޭނެ
 
ޓްރަމްޕް ވެރިކަމުން އަޒުލުކުރުމުގެ މަސައްކަތް ސެނެޓްގައި ކުރިޔަށްދާނީ ޓްރަމްޕް އޮފީސް ދޫކުރައްވާ ނިކުންނެވުމުން
 
އަލުން ވެރިކަމަށް ކުރިމަތިލެއްވުމުގެ ފުރުސަތު ގެއްލުވާލުމަށް ބޭނުންވަނީ ސެނެޓްގެ ދެބައިކުޅަ އެއްބައި ވޯޓު
 
ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ސެނެޓްގެ ތިންބައިކުޅަ ދެބައި ވޯޓު ބޭނުންވާނެ

އެމެރިކާގެ ރައީސް ކަމުގައި މިހާރު ހުންނެވި ޑޮނަލްޑް ޓްރަމްޕް މިވަނީ ރައީސްކަމުން ދެ ފަހަރަށް އަޒުލުކުރުމަށް ހައުސްއިން ފާސްކޮށްގެން ތާރީޚުގެ ތެރެއިން ޖާގަ ހޯއްދަވާފައެވެ.

ހައުސް އިން ބުދަ ދުވަހު ޓްރަމްޕް ރައީސްކަމުން އަޒުލުކޮށްފައިވަނީ ޤާނޫނާއި ޚިލާފަށް ބާރުތައް ބޭނުންކުރައްވާ ސަރުކާރުގެ މައި މުއައްސަސާއެއްގެ ތެރޭގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކުރިކަމުގެ ކުށުގައެވެ.

އެއީ އިންތިޚާބީ ރައީސް ޖޯ ބައިޑަން އަށް އިންތިޚާބު ކާމިޔާބު ކުރެއްވުނުކަން ރަސްމީކޮށް އިއުލާންކުރުމަށް ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ކޮންގްރެސްގައި ބޭއްވި ބައްދަލުވުމުގެ ތެރެއަށް އާންމުންގެ ތެރެއިން ބަޔަކު ވަދެ ހަމަނުޖެހުން އުފެއްދުމާއި ގުޅިގެންނެވެ.

ޓްރަމްޕްގެ ސަޕޯޓަރުން ކެޕިޓޮލްގެ ތެރެއަށް އެދުވަހު ގަދަކަމުން ވަދެ ހަމަނުޖެހުން އުފައްދާފައިވަނީ ޓްރަމްޕް ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ވާހަކަދެއްކެވިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައެވެ. އެހެންކަމުން ޑިމޮކްރަޓުންގެ އިތުރުން ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަންގެ ބައެއް މެމްބަރުންގެ އިތުރުން ޓްރަމްޕްގެ ވަރަށް އަރިސް ބޭފުޅުންވެސް އެކަން ސިފަކުރައްވަނީ އެއީ ޓްރަމްޕް ހިތްވަރު ދެއްވައިގެން ގައުމުގެ މަސްލަހަތު ނަގާލުމަށް ހިންގި ދަށުދަރަޖައިގެ އަމަލެއްގެ ގޮތުގައެވެ.

މިއާއެކު ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ހައުސް އިން ފާސްކޮށްފައިވާއިރު ޓްރަމްޕްގެ ސިޔާސީ ހަޔާތުގެ ކުރިމަގު މިވަގުތު އޮތީ ސެނެޓުން ނިންމާ ގޮތެއްގެ މައްޗަށެވެ. އެއީ ޓްރަމްޕް ވެރިކަމުން އަޒުލު ކުރުމާމެދު ފަހު ބަސް ބުނާނީ ސެނެޓުން ކަމަށްވާތިއެވެ.

އެހެންކަމުން މިހާރު ގިނަބަޔަކަށް އިންތިޒާރުކުރެވެނީ ސެނެޓްގައި ޓްރަމްޕް ވެރިކަމުން އަޒުލުކުރުމުގެ މަސައްކަތް ފެށޭނެ އިރަކަށެވެ. އަދި އެކަން ކުރިޔަށްދާނެ ގޮތަކަށް ގިނަ ބަޔެއްގެ ލޯތައް ވަނީ އަމާޒުވެފައެވެ.

ކެޕިޓޮލް ކައިރިއަށް ޓްރަމްޕްގެ ސަޕޯޓަރުން އެއްވެ މުޒާހަރާކުރަނީ

ސެނެޓްގައި ކުރިޔަށްގެންދާ ޓްރެއަލް:

ހައުސްގެ މެޖޯރިޓީއަކީ ޑިމޮކްރަޓުން ކަމަށްވާއިރު އިމްޕީޗްމަންޓް އަރޓިކަލް ވީއެންމެ އަވަހަށް ސެނެޓަށް ފޮނުވާނެކަމަށް ގަބޫލުކުރެވެއެވެ. އިމްޕީޗްމަންޓް އަރޓިކަލް ސެނެޓަށް ފޮނުވުމާއެކު އެކަން ވެގެންދާނީ ސެނެޓުން އެންމެ އިސްކަމެއްދީގެން ކުރާނެ ކަމަށެވެ.

ސެނެޓްގެ ބައްދަލުވުމެއް އެންމެ އަވަހަށްވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ. އެއީ އިންތިޚާބީ ރައީސް ޖޯ ބައިޑަން ހުވާކުރެއްވުމުގެ އެއް ދުވަސްކުރިއެވެ.

ސެނެޓްގެ މެޖޯރިޓީ ލީޑަރ މިޗް މެކާނަލް ވަނީ އިމްޕީޗްމަންޓް ޓްރެއަލްގެ ކަންކަން އެމަރޖެންސީކަމެއްގެ ގޮތުގައި ފެށުމަށް ސެނެޓްގެ ބައްދަލުވުމެއް ބޭއްވުމަށް ސެނެޓްގެ މައިނޯރިޓީ ލީޑަރ ޗަކް ޝޫމަރ އެދިވަޑައިގެންނެވި އެދިވަޑައިގަތުން ގަބޫލުފުޅު ނުކުރައްވާފައެވެ. ހައުސްއިން ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ފާސްކުރުމާއެކު މެކާނަލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސެނެޓްގައި ޓްރަމްޕް ވެރިކަމުން އަޒުލުކުރުމުގެ ކަންކަން ކުރިޔަށްދާނީ ބައިޑަން ވެރިކަމުގެ ހުވާކުރެއްވުމަށް ފަހުކަމަށެވެ.

"ޓްރަމްޕް ވެރިކަމުން އަޒުލުކުރުމުގެ ކަންކަން މިހަފްތާގައި ފެށިނަމަވެސް އެކަމާމެދު ގޮތެއް ނިންމޭނީ ޓްރަމްޕް އޮފީސް ދޫކުރައްވާ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ވަޑައިގެންނެވުމުން. މިއީ އަހަރެން އެކަނި ނިންމާ ނިންމުމެއްނޫން. މިއީ އަސްލު މިކަން ހިނގާގޮތް." މެކާނަލްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މެކާނަލް ވިދާޅުވީ އެންމެ އަވަހަށްވެސް ޓްރެއަލް ފެށޭނީ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުކަމަށެވެ. އެއީ ބައިޑަން ވެރިކަމުގެ ހުވާކުރައްވާ ދުވަހެވެ. އޭގެކުރިން ސެނެޓްގެ ބައްދަލުވުމެއް ބޭއްވުމަށް ސެނެޓްގައި ތިއްބަވާ 100 ސެނެޓަރސް އެގޮތަށް ވޯޓު ދެއްވަންޖެހޭނެއެވެ.

އެހެންކަމުން މިހާރު ކަންތައް މިހިނގާ ގޮތުން ޓްރަމްޕް ވެރިކަމުން އަޒުލުކުރުމުގެ މަސައްކަތް ސެނެޓްގައި ކުރިޔަށްދާނީ ޓްރަމްޕް އޮފީސް ދޫކުރައްވާ ނިކުންނެވުމުންނެވެ. މިއީ އެމެރިކާގެ ތާރީޚުގައި މީގެކުރިން ކަން ހިނގާފައިވާ ގޮތެއް ނޫނެވެ.

ސެނެޓްގެ ތިންބައިކުޅަ ދެބައި ވޯޓު ބޭނުންވާނެ:

ބައެއް މާހިރުން ބުނާގޮތުގައި ޓްރަމްޕްގެ ދައުރު ނިމުމަށްފަހު ވެރިކަމުން އަޒުލުކުރުމަށް ސެނެޓްގައި ޓްރެއަލް އެއް ކުރިޔަކަށް ނުގެންދެވޭނެއެވެ.

"ޤާނޫނު އަސާސީން ސެނެޓަށް ލިބިދީފައިވާ ބާރަކީ އޭރެއްގައި ހުންނަ ރައީސަކު ވެރިކަމުން އަޒުލުކުރުމާއި ނުކުރުން." އެމެރިކާގެ ކޯޓު އޮފް އެޕީލް ޖަޖު ޖޭ މިޝަލް ލުޓިގް ވޮޝިންގޓަން ޕޯސްޓްގައި ލިޔުއްވާފައިވެއެވެ.

އެހެންނަމަވެސް އެކަމާއި ދެކޮޅު ހައްދަވާ ކަމާބެހޭ މާހިރުންވެސް އެބަތިއްބެވިއެވެ.

އެގޮތުން އަލްޖަޒީރާ އާ ވާހަކަދަކަވަމުން ޕޮލިޓިކަލް ސައިންސްގެ ޕްރޮފެސަރ އެއް ކަމުގައިވާ ތޯމަސް އެމް ކެކް ވިދާޅުވީ ރައީސްކަމުގައި އެމީހަކު ހުއްޓާ ވެރިކަމުން އަޒުލުކުރުމުގެ މަސައްކަތް ފަށައިފިނަމަ އެމީހަކު އޮފީސް ދޫކޮށް ދިޔަނަމަވެސް އެކަން ކުރިޔަށް ގެންދެވޭނެއެވެ.

ޓްރަމްޕް ވައިޓް ހައުސް ދޫކުރައްވާ ނިކުމެ ވަޑައިގަންނަވާ ފަހުން ސެނެޓުން ޓްރެއަލް ފަށައިފިނަމަ ޓްރެއަލް ކުރިޔަށް ގެންދިޔުން މެދުކަނޑާލުމަށް ޤާނޫނީގޮތުން މަސައްކަތްތަކެއް ޓްރަމްޕަށް ކުރެއްވިދާނެއެވެ. އެހެން އެކަންކޮށްފިނަމަ ޓްރަމްޕް ވެރިކަމުން އަޒުލުކުރުމުގެ ކަންކަން ދިގުލައިގެންދާނެއެވެ.

ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ސެނެޓްގެ ތިންބައިކުޅަ ދެބައި ވޯޓު ބޭނުންވާނެއެވެ. އެއީ ސެނެޓްގައި ތިއްބަވާ 100 މެމްބަރުންގެ ތެރެއިން 67 މެމްބަރުންގެ ވޯޓެވެ. އޭގެ މާނައަކީ ސެނެޓް މިހާރު ޕާޓީތަކަށް ބެހިފައިވާ ގޮތަށް ބަލާއިރު ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ރިޕަބްލިކަން މެމްބަރުންގެ ތެރެއިން މަދުވެގެން 17 މެމްބަރުންގެ އައު ބަސް އެކަމަށް ބޭނުންވާނެއެވެ.

މީގެއިތުރުން ކުރިޔަށް އޮތްތަނުގައި ޓްރަމްޕަށް ވެރިކަމަށް ނާދެވޭނެގޮތަށް ހެދުމަށް ސެނެޓްގައި ހިމެނިވަޑައިގަންނަވާ 51 ސެނެޓަރސްގެ ވޯޓާއެކު އެކަން ކުރެވިދާނެއެވެ.

މީގެކުރިން ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ސެނެޓްގައި ނެގުނު ވޯޓުން ޓްރަމްޕް ސަލާމަތްވެ ވަޑައިގަންނަވާފައިވަނީ 52 ވޯޓު 48 ވޯޓުންނާއި 53 ވޯޓު 47 ވޯޓުންނެވެ.

ސެނެޓްގައި ޓްރެއަލް ކުރިޔަށްދާނީ ކިހާ މުއްދަތަކަށް؟

ޓްރަމްޕް ވެރިކަމުން އަަޒުލުކުރުމުގެ ކަންކަން ސެނެޓްގައި ކުރިޔަށްދާނީ ކިހާ ދުވަހަކަށް ކަމެއް އަދި ނޭންގެއެވެ. މީގެ ކުރިން ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް މަސައްކަތްކުރިއިރު 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 19 ވަނަ ދުވަހު ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ހައުސްއިން ފާސްކުރިއިރު ސެނެޓްގައި އެކަން ނިމުމަކާ ހިސާބަށް އައީ 48 ދުވަސް ފަހުން ފެބްރުއަރީ މަހުއެވެ.

މިފަހަރު އެއަށްވުރެ ގިނަ ދުވަސް ނެގުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެއީ އައު ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ކޮންމެހެން ނިންމަންޖެހޭ ކަންތައްތަކެއް ސެނެޓްގައި ނިންމަންޖެހޭނެތީއެވެ. އެގޮތުން ކެބިނެޓަށް ރުހުން ހޯދުމާއި ބައިޑަން ގެންނަން ބޭނުންފުޅުވާ ބަދަލުތަކަށް މަގުފަހިކުރުމަށް ކުރައްވާނެ ކަންކަން ކުރުމަށް އެންމެ ފުރަތަމަ ސެނެޓުން އިސްކަމެއްދޭނެތީއެވެ. ނަމަވެސް ބައިޑަންވެސް އަދި ސެނެޓްގެ މައިނޯރިޓީ ލީޑަރ ޗަކް ޝޫމަރވެސް ވިދާޅުވެފައިވަނީ މަސައްކަތަކަށް ވަގުތު ބަހާލައިގެން ޓްރަމްޕް ވެރިކަމުން އަޒުލުކުރުމުގެ ކަންކަން ކުރީބައިގައި ކުރަންޖެހޭ ކަމަށެވެ.

ޓްރަމްޕްގެ ވެރިކަން ނިމުމަކަށް އަންނަން ކުޑަދުވަސްކޮޅަކަށް ވެފައިވަނިކޮށް ވެރިކަމުން އަޒުލުކުރީ ކީއްވެ؟

ވެރިކަމުން އަޒުލުކުރުމަކީ ހަމައެކަނި ވައިޓް ހައުސްއިން ދޫކުރައްވަން ޖެހިވަޑައިގަތުމެއް ނޫނެވެ. އެއާއެކު ކުރިޔަށް އޮތްތަނުގައި ވެރިކަމަށް ކުރިމަތިލުމުގެ ފުރުސަތުވެސް އެމީހަކަށް ގެއްލިގެންދާނެއެވެ.

ބައެއް މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި ވެރިކަމުން އަޒުލުކުރުމަށް ބޭނުންވާ ތިންބައިކުޅަ ދެބައި ވޯޓު ސެނެޓުން ނުހޯދިއްޖެނަމަ ވަކިން ދެވަނަ ވޯޓެއް ވެރިކަމަށް ކުރިމަތިލެއްވުމުގެ ފުރުސަތު ގެއްލުވާލުމަށް ނެގޭނެއެވެ. އަލުން ވެރިކަމަށް ކުރިމަތިލެއްވުމުގެ ފުރުސަތު ގެއްލުވާލުމަށް ބޭނުންވަނީ ސެނެޓްގެ ދެބައިކުޅަ އެއްބައި ވޯޓެވެ.

އެހެންނަމަވެސް އަނެއްބައި މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި ސެނެޓުން ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ފުރަތަމަ ފާސްވެއްޖެނަމަ ވެރިކަމުން އަޒުލުކުރުން ފިޔަވައި އިތުރުކަމެއް ނުކުރެވޭނެއެވެ. އޭގެ މާނައަކީ ދެން އަންނަ ރިޔާސީ އިންތިޚާބެއްގައި ބައިވެރިވުމުގެ ފުރުސަތު ޓްރަމްޕަށް ލިބިވަޑައިގަންނަވާނެއެވެ.

މިމަހުގެ ފަހުކޮޅު ސެނެޓްގެ ކޮންޓްރޯލް ޑިމޮކްރަޓުންނަށް ލިބިގެންދިޔުމާއެކު ދެން އަންނަ އިންތިޚާބެއްގައި ވާދަކުރުމުގެ ފުރުސަތު ގެއްލުވާލުމުގެ ބާރު ޑިމޮކްރަޓުންނަށް ލިބިގެންދާނެ އެވެ.

ވޮޝިންގޓަންގެ ބައެއް ސޯސްތަކުން ބުނާގޮތުގައި 2024 ވަނަ އަހަރު އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕް ވާދަކުރައްވާނެއެވެ. އެހެންކަމުން އެފުރުސަތު ޓްރަމްޕަށް ދޭކަށް ޑިމޮކްރަޓިކް މެމްބަރުން ބޭނުންފުޅެއް ނުވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ވެރިކަން ކުރެއްވުމުން ލިބިވަޑައިގަންނަވާ އެއްވެސް އިނާޔަތެއް ޓްރަމްޕަށް ލިބިވަޑައިގަންނަވާނެތަ؟

ރައީސްކަން ކުރައްވެމަށްފަހު އޮފީސް ދޫކުރައްވާ ވަޑައިގެންނެވުމުން ލިބިވަޑައިގަންނަވާ އިނާޔަތްތަކެއް ހުރެއެވެ. އޭގެތެރޭގައި ޕެންޝަންގެ ގޮތުގައި އަހަރަކު ދެލައްކަ އެމެރިކާ ޑޮލަރު ލިބިވަޑައިގަތުމާއި އެއް މިލިއަން ޑޮލަރު ތަންތަނަށް ދަތުކުރެއްވުމަށާއި ސްޓާފުންނަށް ޚަރަދުކުރެއްވުމަށް ލިބިވަޑައިގަންނަވާނެއެވެ.

އެހެންނަމަވެސް 1958 ވަނަ އަހަރު ފާސްކޮށްފައިވާ ރައީސްކަން ކޮށްފައިވާ މީހުންގެ ޤާނޫނު ބުނާގޮތުން ވެރިކަމުގައި ހުއްޓާ ވެރިކަމުން އަޒުލުކުރުމަށްފަހު އޮފީސްދޫކުރައްވަން ޖެހިވަޑައިގަންނަވާ ރައީސުންނަކަށް މިއިނާޔަތްތަކެއް ނުލިބޭނެއެވެ.

އެހެންކަމުން މިހާރު ކަންތައްމިދާ ގޮތުން ޓްރަމްޕްގެ ވެރިކަން ނިމުމަށްފަހުވެސް އެމެރިކާގެ ރައީސްކަން ކުރެއްވީތީ ޓްރަމްޕަށް ސިޔާސީ ގޮތުންވެސް އަދި މާލީ ގޮތުންވެސް ފައިދާލިބޭނެކަމަކަށް ގަބޫލެއްނުކުރެވެއެވެ. އަދި އެފަދަ އިނާޔަތެއް ނުވަތަ ފައިދާ އެއް ލިބޭނަމަ އެކަންވާނީ ވެސް ދަތި އުނދަގޫ ގޮތްތަކެއްގެ ތެރެއިންނެވެ.

ކެޕިޓޮލްގައި ހިނގާދިޔަ ކަންތަކާއި ގުޅިގެން ޓްރަމްޕްގެ މައްޗަށް ދައުވާ ކުރެވިދާނެތަ؟

ޓްރަމްޕް ވެރިކަމުން އަޒުލު ކުރުމަށް ހުށަހެޅި މައިގަނޑު ކަންތައްތަކަކީ ކެޕިޓޮލްގައި ހިނގާދިޔަ ހަމަނުޖެހުންތަކެވެ. އެކަންތައްތަކާއި ގުޅުވައި ޓްރަމްޕް ވެރިކަމުން އަޒުލުކުރިނަމަވެސް އެއީ އެކަންކަމާއި ގުޅިގެން ޓްރަމްޕްގެ މައްޗަށް ދައުވާނުކުރެވޭނެ ކަންކަމެއްނޫނެވެ. އެހެންކަމުން ކެޕިޓޮލްގައި ހިނގާދިޔަ ކަންތައްތަކުގައި ޓްރަމްޕްގެ ހިއްސާއޮތްކަން ހާމަވާނަމަ އެމައްސަލަތަކުގައި ޓްރަމްޕްގެ މައްޗަށް ދައުވާކުރެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
100%
0%
0%
0%
0%
0%
ކޮމެންޓް