ކ. މާލެ
|
25 ޑިސެންބަރ 2020 | ހުކުރު 04:33
ޅ ފެލިވަރުގައި ދޯނިތަކުން މަސް ކިރަނީ- މަސްވެރިކަން ރަނގަޅު ދުވަސްވަރެއް ނަމަ، މަސް ނުކިރި ގިނަ ދުވަސް ވުމަކީ އާންމުކޮށް ހިނގާ ކަމެއް ކަމަށް މަސްވެރިން ބުނޭ
ޅ ފެލިވަރުގައި ދޯނިތަކުން މަސް ކިރަނީ- މަސްވެރިކަން ރަނގަޅު ދުވަސްވަރެއް ނަމަ، މަސް ނުކިރި ގިނަ ދުވަސް ވުމަކީ އާންމުކޮށް ހިނގާ ކަމެއް ކަމަށް މަސްވެރިން ބުނޭ
ރާއްޖެއެމްވީ
މަސްވެރިން ކުރިއަށް ގެންދިޔަ އިހުތިޖާޖު
"މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރާ މަސައްކަތަށް ގިނަ މަސްވެރިންގެ އުއްމީދު މިއަދުވެސް އެބައޮތް"
"ފެލިވަރުގައި ހިންގީ ރާއްޖޭގެ މަސްވެރިންގެ އަޑު އިއްވުމުގެ މަޤްސަދުގައި ހިންގި ޙަރަކާތެއް ނޫން"
"80 ޓަނުގެ މަސް 4 ދުވަސް ތެރޭގައި ކިރިން"
"މަސްވެރިކަން ރަނގަޅުނަމަ، ދުވަހުން ދުވަހަށް މަސް ނުކިރި ދިއުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫން"

ދާދި ފަހުން ޅ އަތޮޅު ފެލިވަރުގައި މަސްވެރިންތަކެއް މިވަނީ އިހުތިޖާޖު ކޮށްފައެވެ. މައިގަނޑު 4 ކަމަކަށް ގޮވާލައި ކުރިއަށް ގެންދިޔަ މި އިހުތިޖާޖުގައި ގިނަ މަސްވެރިންތަކެއް ބައިވެރިވި ނަމަވެސް، އެއީ މުޅި ރާއްޖޭގެ މަސްވެރިންގެ އަޑު އިއްވުމަށް ކުރިއަށް ގެންދިޔަ ޙަރަކާތެއް ނޫން ކަމަށް ޤަބޫލު ކުރާ މަސްވެރިންވެސް މަދެއް ނޫނެވެ. އައްޑޫގައި ޒަމާނުއްސުރެ މަސްވެރިކަން ކުރަމުންދާ ދޯންޏެއްގެ ފަޅުވެރިންވެސް ބުނަނީ، އެ ދުވަހުގެ އިހުތިޖާޖުގައި މަސްވެރިން ފާހަގަކުރި ހުރިހާ ކަމަކަށް އައްޑޫއާއި ދެކުނުގެ މަސްވެރިންނަށް ފުރިހަމައަށް އެއްބަސް ނުވެވޭ ކަމަށެވެ. ގާތްގަނޑަކަށް މަހެއް ވަންދެން ޅ އަތޮޅާއި އެކި ހިސާބުތަކުގައި މަސްވެރިކަން ކުރުމަށްފަހު، ފެލިވަރަށްގޮސް މަސް ކިރައިގެން އައިސް މިހާރު އައްޑޫގައި މަޑުކޮށްގެން އޮތް މި ދޯނީގެ ފަޅުވެރިން މިކަމުގައި ދެކޭގޮތް މުޅިން ތަފާތެވެެ. ހިއްސާ ކުރި ޝުއޫރުތައްވެސް ނުހަނު ތަފާތެވެ.

ދޯނީގެ ފަޅުވެރިއަކު "ރާއްޖެއެމްވީ" އަށް މައުލޫމާތު ދިން ގޮތުގައި، ގާތްގަނޑަކަށް 17 ދުވަސް ވަންދެން ކަނޑު މަތީގައި ހޭދަ ކުރުމަށްފަހު އެ ދޯނިންވެސް މަސް ކިރުމަށް ފެލިވަރަށް ދިޔައީ 80 ވަރަކަށް ޓަނުގެ މަސް ބާނައިގެންނެވެ. އެގޮތުން މަސް ކިރުމަށްޓަކައި ފެލިވަރުގެ ކާރުބާރޫ ބޮޑު ބަނދަރުގައި އެ ދޯންޏަށްވެސް 4 ދުވަހު މަޑު ކުރަން ޖެހުނުކަން ފާހަގަކޮށް ދޯނީގެ ފަޅުވެރިން ބުނީ، މަސްވެރިކަން ރަނގަޅު ދުވަސްވަރެއް ނަމަ، ދުވަހުން ދުވަހަށް މަސް ނުކިރި ދިއުމަކީ ހުރިހާ ތަނެއްގައިވެސް އާންމުކޮށް ހިނގާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް، 4 ދުވަހު މަޑު ކުރުމަށްފަހު އެ ދޯނިވެސް އެނބުރި ދިޔައީ ބޭނި މަސްކޮޅު ކިރާ ނިންމައިގެންނެވެ.

އަޅުގަނޑުމެން މިހާރުވެސް މި އައީ ފެލިވަރުން، އެ ސަރަޙައްދުގައި މަހަށް ގޮސްފައި، މަހެއްހާ ދުވަސް ފެލިވަރު ހިސާބުގައި އުޅެލާފައި އައްޑޫއަށް އައިސް މި އޮތީ، އަޅުގަނޑުމެންވެސް 80 ވަރަކަށް ޓަނުގެ މަސް އެތަނަށް ކިރިން، އަޅުގަނޑުމެންނަށް އެހާ ބޮޑު ތަކުލީިފެއް އެކަމަކުން ދިމައެއް ނުވޭ، ރާއްޖޭގައި އަޅުގަނޑުމެން އަލަކަށް ނޫން މަސްވެރިކަން ކޮށްގެން މި އައީކީ، ދުވަހުން ދުވަހަށް މަސް ނުކިރިދޭ ތަންތަން ފުލްވީމަ ހުރިހާ ތަނަކުންވެސް، އެއީ އާ ކަމެއް ނޫން"
ރާއްޖެއެމްވީއަށް މައުލޫމާތު ދިން އައްޑޫ މަސްވެރިއެއް

އަންގާރަ ދުވަހު ފެލިވަރުގައި ކުރިއަށްދިޔަ އިހުތިޖާޖުގައި ބައިވެރިވި މަސްވެރިން ވަނީ މައިގަނޑު 4 ކަމަކަށް ޑިމާންޑް ކޮށްފައެވެ. އޭގެ ތެރޭގައި މަހުގެ ހަމަ އަގު 20 ރުފިޔާއަށްވުރެ ދަށް ނުވާނެހެން ދެމެހެއްޓުމާއި، ލުއި ފަސޭހަ ގޮތެއްގައި މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ.

އޭގެ އިތުރުން، މިފްކޯގެ ބެލުމުގެ ދަށަށް ކީކިމިނި ގެނެސް، އެތަން މަސްވެރިންނަށް ބޭނުން ކުރެވޭނެ ޙާލަތަށް ގެނައުމާއި، ދުވަހުން ދުވަހަަށް މަސް ކިރޭނެ އިންތިޒާމު ހަމަޖެއްސުންވެސް މަސްވެރިންގެ ޑިމާންޑުތަކުގެ ތެރޭގައި ހިމެނެއެވެ.

އެހެން ނަމަވެސް، މަސްވެރިން ކުރިއަށް ގެންދިޔަ އިހުތިޖާޖާ ގުޅޭގޮތުން ޚިޔާލު ތަފާތުވާ އެތައް ބަޔަކުވެސް އުޅެއެވެ. އެގޮތުން ރާއްޖެއެމްވީން ވާހަކަ ދައްކާލި ދެކުނުގެ މަސްވެރިއަކު ބުނީ، އެއީ ރާއްޖޭގެ މަސްވެރިންގެ އަޑު އިއްވުމުގެ މަޤްސަދުގައި ހިންގި ޙަރަކާތެއް ނޫން ކަމަށެވެ. ޚާއްސަ ގޮތެއްގައި އައްޑޫއާއި ދެކުނުގެ އަތޮޅުތަކުގެ ގިނަ މަސްވެރިން އެ އިހުތިޖާޖުގައި ފާޅު ކުރި ޙިޔާލުތައް ޤަބޫލު ނުކުރާކަން އޭނާ ފާހަގަކުރިއެވެ. އޭނާ ބުނި ގޮތުގައި އެކަމުގެ ފަހަތުގައި ބައެއްގެ ފޮރުވިފައިވާ ސިޔާސީ މަޤްސަދުތަކެއްވެސް ވެއެވެ.

އެކޮޅުގެ މީހުންގެ ސިޔާސީ މައްސަލައެއް ކަންނޭނގެ އެއީ، އެއީ ރާއްޖޭގެ ހުރިހާ މަސްވެރިން ބޭނުންވެގެން ކޮށްގެން އުޅޭ ކަމެއް ނޫން، ސިޔާސީ ސްޓަންޓެއް ޖައްސައިގެން އެ އުޅެނީ، އެއީ ރާއްޖޭގެ މަސްވެރިންގެ އަޑެއް ނޫން އެއް އިއްވަނީކީ، މުޅި ރާއްޖޭގެ މަސްވެރިން ކޮށްގެން އުޅޭ ކަމެއް ނޫން އެއީ، އައްޑޫއާ ދެެކުނުގެ ބައެއް ރަށްތަކާއި މަސްވެރިންނަށް ވަރަށް ބޮޑު އޮޅުވާލުމެއް އޮޅުވާލައިގެން އެމީހުން ކުރަމުން ގެންދާ ކަމެއް އެއީ، އެކަމަކީ އަޅުގަނޑުމެންނަަށް އެއްވެސް ވަރަކަށް އެނގޭ ކަމެއް ނޫން، އަދި މުޅިން ދޮގު ވާހަކަތަކެއް އެ ދައްކައިގެން އުޅެނީ.
ރާއްޖެއެމްވީއަށް މައުލޫމާތު ދިން ދެކުނުގެ މަސްވެރިއެއް

ކޮންމެއަކަސް، މަސްވެރިންގެ ހިޔާލުވެސް މި މުޅި މައްސަލައިގައި ދެކަފިވެފައިވާއިރު، ޙަޤީޤަތަކީ އައު ސަރުކާރު އައުމާއެކު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް މިހާރަށްވުރެ ފުޅާ ކުރުމަށް އަމާޒު ހިފައި، މަސައްކަތްތަކެއް ކުރަމުންދާ ކަމެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައިވެސް މަސްވެރިކަމަށް އަމާޒުކޮށް ގިނަ ކަންކަން ހިމަނާފައިވާއިރު، އެކަންކަމުގެ ސަބަބުން މަސްވެރިން މިހާރު ކުރަމުންދާ ޝަކުވާތަކަށް އަވަސް ޙައްލުތަކެއް އަންނާނެ ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ.

މި ފެށޭ 2021 ވަނަ އަހަރުގެ ތެރޭގައި، ދިވެހި މަސްވެރިކަން އިތުރަށް ތަރައްޤީ ކުރުމަށް ސަރުކާރުން ރާވާފައިވާ ކަންކަމުގެ ތެރޭގައި، އައިސް ލިބުމުގެ ދަތިކަން ފިލުވައިދިނުމަށްޓަކައި، މުޅިން އައު، ހަތް އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް ފެށުމަށް ވަނީ ނިންމާފައެވެ.

އަދި ދޯނިފަހަރުގެ ވަތުގައި ފެން ފިނިކުރާ ނިޒާމުތައް ޤާއިމު ކުރުމުގެ މަސައްކަތް އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާއިރު، މަސް ކިރުވުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމުގެ ގޮތުން، މަސް ގަންނަ އިތުރު ފެސިލިޓީތައް ޤާއިމުކުރުމުގެ މަސައްކަތްވެސް، މި އަންނަ އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ސަރުކާރުން ވަނީ އިއުލާނު ކޮށްފައެވެ.

އޭގެ އިތުރުން، މެރިކަލްޗަރގެ ޒަރީޢާއިން މަސްވެރިކަމުގެ ޞިނާޢަތު ސިންދަފާތު ކުރުމުގެ މަސައްކަތްވެސް، މި އަންނަ އަހަރުގެ ތެރޭގައި އިތުރަށް ހަރުދަނާ ކުރުމަކީ ސަރުކާރުގެ މުހިއްމު އަމާޒަކަށްވާއިރު، މަސްވެރިންނަށް މިވަގުތު ކުރިމަތިވެފައިވާ، މަސް ކިރުވުމުގެ ދަތިތަކަށް އަވަސް ޙައްލެއް ހޯދައިދިނުމަށްޓަކައި، 460 މިލިއަން ރުފިޔާއަށްވުރެ އަގުބޮޑު މަޝްރޫޢުތަކެއް، މި އަންނަ އަހަރުގެ ތެރޭގައި ފެށުމަށްވެސް ދަނީ ތައްޔާރު ވަމުންނެވެ. އެގޮތުން، ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި ހުރި މިފްކޯގެ މަސް ކާރުޚާނާ އިތުރަށް ތަރައްޤީކޮށް، މަސް ރައްކާކުރެވޭ މިންވަރު 3050 ޓަނުން 8000 ޓަނަށް އިތުރު ކުރުމުގެ ޢަމަލީ މަސައްކަތް މި އަންނަ އަހަރުގެ ތެރޭގައި ފެށޭނެކަން ސަރުކާރުން މިވަނީ އިއުލާނު ކޮށްފައެވެ.

އަދި ގދ. ތިނަދުއާއި މ. މުލަކުގައި، މަސް ގަންނަ މަރުކަޒެއް ޤާއިމު ކުރުމަށް ހަމަޖެހިފައިވާއިރު، މި މަޝްރޫޢުތައް ނިމުމުން، މަސްވެރިންގެ ވަރަށް ގިނަ ޝަކުވާތަކަށް ޙައްލު ލިބިގެންދާނެ ކަމުގެ ޔަޤީންކަން ސަރުކާރުން ދެއެވެ.

ސަރުކާރުން ބުނަނީ ކޮންޓްރޯލް ކޮށްފައި އޮތް މަހުގެ އަގު ދޫކޮށްލުމުންވެސް މަސްވެރިންނަށް ރަނގަޅުވާނޭ ކަމަށާއި، ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު އުފުލޭ އިރު، ރާއްޖޭގައި މަހަށް ލިބޭ އަގުވެސް މައްޗަށް ދާނޭ ކަމުގައެވެ.

މަސްވެރިންގެ ބަޔަކު ފެލިވަރުގައި އިހްތިޖާޖު ކުރި އިރު، ހިނގަމުން މިދާ އަހަރަކީ ދުނިޔޭގެ ފަހުގެ ތާރީޚުގައި ކުރިމަތިވި އެންމެ ނުރައްކާތެރި ބަލިމަޑުކަމުގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދު ހީނަރުވެ، ދުނިޔޭގެ ގައުމުތަކުގެ ބޯޑަރުތަކާއި ވިޔަފާރިތައް ބަންދުވުމުގެ ސަބަބުން ގިނަގުނަ ތަކުލީފްތަކެއް މުޅި ދުނިޔެއަށް ކުރިމަތިވި އަހަރެކެވެ. ރާއްޖޭން މަސް އެކްސްޕޯޓުކުރާ ޔޫރަޕްގެ މާކެޓްތައްވެސް މިއަހަރުގެ ބޮޑުބައި އޮތީ ބަލިމަޑުކަމުގެ ސަބަބުން ބަންދުވެފައެވެ. އެކަމުގެ ސަބަބުން ޔޫރަޕްގައި ރާއްޖޭގެ ކަނޑުމަހަށް އޮތް ޑިމާންޑް ކުޑަވެ، މަހަށް ލިބޭ އަގުވެސް ވަނީ ދަށްވެފައެވެ.

- ކޮމެންޓް