ތިނަދޫ އާއި ޓުޓިކޮރިންނާ ދެމެދު ކާގޯ ފެރީގެ ޚިދުމަތް ފެށުމަކީ ސީމަނުންނަށް ލިބޭ ފަހި ފުރުސަތެއް: އެމްޑީ ސައީދު
23 ޑިސެމްބަރު 2020 | ބުދަ 02:40މި ޚިދުމަތާއިއެކު އައު ވަޒީފާތަކެއް އުފެދިގެންދާނެ

މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ސައީދު
ގދ.ތިނަދޫ އާއި ޓުޓިކޮރިންނާ ދެމެދު ކާގޯ ފެރީގެ ޚިދުމަތް ފެށިގެން ދިއުމަކީ ބޯޓު ދަތުރު ކުރަންދާން ބޭނުންވާ ސީމަނުންނަށް ލިބޭ ފަހި ފުރުސަތެއް ކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.
ތިނަދޫ އާއި އިންޑިއާގެ ޓުޓިކޮރިންނާއި ދެމެދު ކާގޯ ފެރީގެ ޚިދުމަތް ފެށުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ ބޯޓުތަކުގެ ފަޅުވެރިންގެ ގޮތުގައި ދިވެހީންނަށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި މި ފެރީގެ ސަބަބުން ދަތުރުކުރަން ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ފަހި ފުރުސަތަކެއް ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ.
ސައީދު ވިދާޅުވީ މިޚިދުމަތަކާއިއެކު އައު ވަޒީފާތަކެއް އުފެދިގެންދާނެ ކަމަށާއި މިއީ މި ސިނާއަތަށް ވެސް ލިބޭ އިތުރު ކުރިއެރުމެއް ކަަމަށެވެ. އަދި ޚާއްސަކޮށް މިއީ ޒުވާން ވިޔަފާރިވެރިންނަށް ލިބިގެންދާނެ ފަހި ފުރުސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ތިނަދޫ އާއި ޓުޓިކޮރިންނާ ދެމެދު ކާގޯ ފެރީގެ ޚިދުމަތް ފެށިގެން ދިއުމަކީ ތިނަދޫއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ ތިނަދޫ ބަނދަރަކީ ރީޖަނަލް ބަނދަރެއްގެ ގޮތުގައި މިއަދު ރައްޔިތުން ގަބޫލުކުރާނެ ކަމަށެވެ.
މީގެ އިތުރުން ސައީދު ވިދާޅުވީ މިޚިދުމަތާއެކު މުދަލުގެ އަގުހެޔޮވެ، އަތޮޅުގެ ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.
އެމްއެސްއެސް އިން އިންޑިއާގެ ޓުޓިކޮރިނުން އައްޑޫ އަދި ގދ. ތިނަދުއާ ދެމެދު ކާގޯ ފެރީގެ ޚިދުމަތް ފެށުމާއެކު ގދ. އަތޮޅުން ލިބެން ހުންނަ ބައެއް މުދަލުގެ އަގުހެޔޮ ވާނެ ކަމަށް އެއަތޮޅުގެ ވިޔަފާރިވެރިން ބުނެއެވެ.





