ގުރުއާނުގެ އާޔަތްތައް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ނުކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
7 ޑިސެމްބަރު 2020 | ހޯމަ 17:16ރައްޔިތުންގެ މަޖިލީހަކީ ވަރަށް ސިޔާސީ ތަނެއް


ރައީސް ރައީސް މުހައްމަދު ނަޝީދު އާސްކް ސްޕީކަރ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ
ގުރުއާންގެ އާޔަތްތައް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ނުކުރުމަށް ރައްޔިތުން މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ހޯމަ ދުވަހުގެ ރޭ ކުރިއަށްދިއަ ''އާސްކް ސްޕީކަރ'' ޕްރޮގްރާމްގައި އާންމު ރައްޔިތަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ވަރަށް ސިޔާސީ ތަނެއް ކަމަށާއި، އެތަނުގައި ވަރަށް ޖޯޝާއެކު ބަހުސްތައް ކުރިއަށްދާއިރު، ބައެއް ހާލަތްތަކުގައި ހުތުރު ބަސްތައް ވެސް އިއްޒަތްތެރި ބައެއް މެމްބަރުން ބޭނުން ކުރާ ކަމަށެވެ. އަދި އެނޭވާގައި ގުރުއާންގެ އާޔަތްތައް މެމްބަރުން ބޭނުން ކުރާއިރު، އާޔަތްތައް ކިޔަން ޖެހޭ ގޮތަށް ނުކިޔޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ގުރުއާން ކިޔުއްވަންވާނީ ގަދަރުވެރިކަމާއި ރިވެތިކޮށް ކަމަށެވެ. އަދި ސިޔާސީ ބޭނުމަށް ގުރުއާން ނުކިޔުއްވުމަށް އެމަނިކުފާނު އެދިލެއްވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ގުރުއާންގެ އާޔަތްތައް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ނުވަތަ ވަކި ފައިދާއެއް ހޯދުމުގެ ބެނުމުގައި ބޭނުންކުރުމަކީ ރަނގަޅުކަމެއް ނޫން ކަމަށެވެ.
ގުރުއާންގެ އާޔަތްތައް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ނުކުރުމަށް ރައީސް ނަޝީދު ގޮވާލައްވާފައިމިވަނީ، މަޖިލީހުގެ ޖަލްސާތަކުގައި މެމްބަރުން ވާހަކަފުޅު ދައްކަވާއިރު ގުރްއާނުގެ އާޔަތްތަކާއި، އޭގެ މާނަ ވިދާޅުނުވުމަށް އެދިވަޑައިގަތުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިތުބާރު ނެތްކަމުގެ މައްސަލާއާ ގުޅިގެން 23 ނޮވެންބަރު 2020 ގައި ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު މިހެން އެދިވަޑައިގެންނެވީ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ގުރްއާނުގެ އާޔަތެއް ވިދާޅުވެ އޭގެ މާނަ ވިދާޅުވާން ފެއްޓެވުމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ ގުރުއާން ހިތުދަސް ބޭފުޅެއް ނޫން ކަމަށާއި މަޖިލީހުގައި ވެސް ގިނައިން ތިއްބެވީ ގުރްއާން ހިތުދަސް މެމްބަރުން ނޫން ކަމަށެވެ. އަދި މާނަ ވިދާޅުވުމުން އޭގެ ސައްހަކަން ކަށަވަރު ކުރެވޭނެ ގޮތެއް ނެތްއިރު، އެންމެ ރަނގަޅު ގޮތަކީ މަޖިލީހުގައި މެމްބަރުން ވާހަކަ ދައްކަވާއިރު ގުރުއާނާއި އޭގެ މާނަ ވިދާޅުނުވުން ކަމަށް ނަޝީދު ވިދާޅުވިއެވެ.






