ކ. މާލެ
|
15 މެއި 2017 | ހޯމަ 12:56
ރިލުވާނާއި ޔާމީންގެ މަންމަ ރާއްޖެޓީވީގެ ފަލަސުރުޚީ ފްރޮގްރާމްގައި
ރިލުވާނާއި ޔާމީންގެ މަންމަ ރާއްޖެޓީވީގެ ފަލަސުރުޚީ ފްރޮގްރާމްގައި
ރާއްޖެއެމްވީ
ދެ މައެއްގެ އުދާސް
ރިލުވާނާއި ޔާމީންގެ މަންމަގެ އިހްސާސްތައް، ހިތްފަޅައިގެން ހިނގައްޖެ!
 
ރިލްވާންގެ މައްސަލައިގެ ހަގީގަތް ނުހޯދި 1000 ދުވަސް ވަނީ ވެފައި
 
ޔާމީން މަރާލުމަކީ އެ އާއިލާގެ މައި ބަދަ ބިންދާލުން
 
ރިލްވާންގެ މަންމަގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް ޔާމީން ބައްދަލުނުކުރެއްވުން

ދަރިންނަކީ މައިންގެ ދެލޮލުގެ ނޫރެވެ. އެދެލޮލުގެ ފިނިކަމެވެ. ބަނޑުގައި އެދަރިފުޅު ގަރުބަ ގަތީއްސުރެ އެ ދަރިފުޅާމެދު ކުރެވެން ފަށަނީ އާދަޔާ ޚިލާފު ފޮނި އެހާމެ އުފާވެރި އުއްމީދުތަކެކެވެ. އުފަންވުމަށްފަހު އެދަރިފުޅު ބޮޑުކުރަނީ އިންތިހާއަށް ބޮޑެތި ގުރުބާނީތަކެއް ވެގެންނެވެ. ނިންޖާއި އުފަލުން މަހުރޫމްވެގެންނެވެ. ދަރިފުޅަށް ތައުލީމު ދީ މޮޅު ކުއްޖަކަށް ހަދަނީ، އެހެނިހެން އެތަކެއް ތަކުލީފުތައް ވެސް އުފުލަމުންނެވެ. ބޮޑުވެގެން އެދަރިފުޅު މޮޅު މީހެއްގެ ގޮތުގައި މަންމަ އާއި ބައްޕަ ފަޙްރުވެރިވާ ފަދަ މީހަކަށް ވާނެކަމުގެ ފޮނި އުއްމީދުގައެެވެ. އާއިލާއާއި ގައުމަށް ފައިދާހުރި ނަން ވިދާލާނެ ދަރިއަކަށް އެދަރިފުޅު ހެދުމަށްޓަކައެވެ.

 

ވީ ނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލުވާނުގެ މަންމަ އާއި، އަނިޔާވެރި ހަންޖަރެއްގެ ތޫނު އެތައް އެތި ފަހަރެއްގެ ހަމަލާއިން އަނިޔާވެރި ގޮތަކަށް މަރާލެވިފައިވާ ޔާމީން ރަޝީދުގެ މަންމަ ވެސް އެމައިންގެ ދަރީންނާމެދު ދެކުނީ، މިފަދަ ފޮނި ހުވަފެންތަކެކެވެ. އެދެމައިން ދެކެމުން އައި ފޮނިހުވަފެންތައް ވިއްސި ވިހާލިކޮށްލީ އަނިޔާވެރި ރަހުމެން ނެތް ބައެއްގެ މުޑުދާރު އަމަލުތަކެއްގެ ސަބަބުންނެވެ. އިންސާފެއްނެތް މި ފަސްގަނޑުގައި ހިނގާ ބޭއިންސާފާމެދު ކެރިގެން ޖެހިލުމެއް ނެތި ދެ ޒުވާނުންވެސް ދިޔައީ، އަޑު އުފުލަމުންނެވެ. މަރާލާނެ ކަމަށް ބުނެ ދެމުން ދިޔަ އިންޒާރަކަށް ބެލުމެއް ފަސްޖެހުމެއް ނެތިއެވެ.

 

މިނިވަންކަމާއެކު އުފުލަމުންދިޔަ، ޚިޔާލުތަކާއި، ފާޅުކުރަމުންދިޔަ ހައްގު ބަސްތައް ބަޔަކަށް ހަޖަމެއް ނުވިއެވެ. އާޚިރު ނަތީޖާއަކަށްވީ ރިލުވާނުގެ އަޑު އެއްކޮށް ކަނޑުވާލުމަށް އޭނާ ވަގަށް ނަގައި ގެއްލުވާލުމެވެ. 2014 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 8 ވަނަ ދުވަހު އެ ޒުވާނާ ވުޖޫދުން ގެއްލުވާލީއެވެ. އަދިއަދަށްވެސް ވީތަނެއްވެސް އެނގޭ މީހަކުވެސް ނެތެވެ.

 

ލޮބުވެތި މަންމަގެ ހިތް ކުދިކުދިކޮށްލާފައެވެ. އާއިލާ ފުންހިތާމައިގެ ކަނޑަކަށް ޣަރަގުކޮށްލާފައެވެ. އެކުވެރިންނާއި ރަށްޓެހިން ރޮއްވާފައެވެ. ރިލުވާނާމެދު ބަޔަކު މިފަދަ ޖަރީމާއެއް ހިންގާނެފަދަ އަމަލެއް އެދަރިފުޅު ނުހިންގާކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް، އޭނާގެ މަންމަ, އައިމިނަތު އީސާ ބުންޏެވެ. 

 

ގެއްލުނުތާ 1010 ދުވަސްވީއިރު މަންމަ އަދިވެސް އެދެނީ ލޯބިވާ އެންމެ ހަގުދަރިފުޅު ދެކިލުމަށެވެ. ލޯބިން ފިރުމާލާ ސަމާސަކޮށްލާ  ދެލޮލުގައި ބޮސްދިނުމަށެވެ. ހިތްފުރެންދެން ލޯބިދޭށެވެ.

 

" ދަރިފުޅު މަރުވީކަމަކަށް ހިތަކަށްނާރާ. ގަބޫލެއް ނުކުރެވޭ މަރުވީކަމަކަށް. އަދިވެސް އޭނާ އެބައުޅެއޭ ހިތް އެބަބުނޭ" ރިލުވާނުގެ މަންމަ ބުނެއެވެ.


ގެއްލުނުތާ ތިން އަހަރުވާން ގާތްވާއިރުވެސް އެ ހަނދާންތައް ހިތުގައި ހުރީ ތާޒާ ކަންމަތީގައެވެ. ރިލުވާނު ގެއްލުނުރޭ އެންމެފަހުން ކައިގެންދިޔައީ މަންމަގެ އަތުންނެވެ. މަޖާކޮށް ސަކަރާތްޖެހިއެވެ. އެއީ އެދަރިފުޅު ފެންނާނެ އެންމެ ފަހު ރެއޭ ހިތަށްވެސް އަރާނީ ކިހިނަކުންތޯއެވެ.

 

" ދުނިޔޭގައި ހުރިކަމުގެ އިހްސާސް އެބަކުރެވޭ، ހިތަށް އަރަނީ ގެއަށް އެ ވަންނަނީއޭ، ގެންގުޅުނު ހުރިހާ އެއްޗެއް އެހުރީ ރީތިކޮށް ތަރުތީބުކޮށް ރަށްކާކޮށްފައި" ރޮމުން ގިސްލަމުން ރިލުވާނުގެ މަންމަ އާމިނަތު އީސާ ކިޔައިދިނެވެ.

ދަރިފުޅު ގެއްލުނު ހިތާމައިގައި މަންމަ ކަރުނައަޅަމުންދަނީއެވެ. ހިތަށް ކިރިޔާވެސް ފިނިކަމެއް ލިބެނީ މީހުންގެ އޯގާތެރި ބަސްތަކުންނެވެ. އެހެނަސް ރިލުވާނުގެ މަންމަ މިއަދުވެސް ކުރާ ޝަކުވާއެއް އެބަ އޮތެވެ. ރިލުވާނު ގެއްލުނު އިރުވެސް ދިވެހިންގެ ވަލިއްޔުލް އަމުރުގެ ގޮތުގައި އަބްދުﷲ ޔާމީން އެ އާއިލާއާއި ބައްދަލުކޮށްލާ ހިތްވަރުދީ ނުހެއްދެވީތީ އެވެ. ރިލްވާނުގެ އާއިލާއަށް ހިތްވަރު ދިނުމުގެ ބަދަލުގައި ރައީސް ޔާމީން ވިދާޅުވި ބަސްފުޅުތަކަކީ އެ އާއިލާއަށް ޒަހަމްތަކެއް ފަދަ ބަސްތަކެކެވެ. 

 "ދެން ނޫސްވެރިޔަކު ގެއްލުނީ ދެއްތޯ،  ދެން ތިކަން ބަލާނެ ދެއްތޯ،" ރިލްވާންގެ މައްސަލައިގައި ރައީސް ޔާމީން ފުރަތަމަ ވިދާޅުވި ބަސްފުޅަކީ މިއެވެ. 

 

ރިލުވާނު އަޅުގަނޑުމެންނާއި ވަކިވެ ދިޔައީއެވެ. ހިތްދަތި ހަނދާންތަކެއް ދޫކޮށްފައެވެ. ޖަވާބު ނުލިބޭ އެތައް ސުވާލުތަކެއް ކުރިމަތިކުރުވާފައެވެ. ލޮބުވެތި މަންމަ މި ފަނާވަނިވި ދުނިޔެއަށް އެކަނިކޮށްލާފައެވެ. އެހެނަސް އެމަންމަ އަދިވެސް ގަބޫލުކުރަނީ ރިލުވާނު އެނބުރި އަދި އަންނާނެކަމަށެވެ.

 

"މިހާރު އަދި މާ ބޮޑަށް ހަނދާންވަނީ، އަޅުގަނޑަށް ފެންނަނީ ހުވަފެނުގައި އައިސް އަޅުގަނޑާ ވާހަވެސް ދައްދަނީ، ވަރަށް ގިނައިން ފެނޭ" ރޮމުން ރިލުވާނުގެ މަންމަ ކިޔައިދިނެވެ.


އެންމެ ގާތް އެކުވެރިޔާ އަށް ވީނުވީއެއް ނޭނގި އިންސާފަށް އެދި މަގުމައްޗަށް ނުކުތީ އެކުވެރިޔާގެ ފެންނާނެކަމުގެ ފޮނި އުންމީދުގައެވެ. އެކުވެރިޔާއަށް އިންސާފު ނުލިބި ގިނަ ދުވަސްވާވަރަކުން ހިތަށް އަރާފައިބަމުންދިޔަ އިހްސާސްތައް ޒުވާނާ ޔާމީން ރަޝީދު ފާޅުކުރަމުން ދިޔައީ، އޭނާގެ ޓްވިޓާ އަދި ބްލޮގް މެދުވެރިކޮށެވެ.

 

" އެކުވެރިޔާ މޮޔަމީހާއެވެ. އެކުވެރިޔާ ހޯދުމުގައި އަހަރެން ފަސްޖެހުމެއްނެތެވެ. ފެންނަންދެން ދުލެއް ނުދޭނަމެވެ. އެކުވެރިޔާއަށް އިންސާފު ހޯދައިދޭން ފަހު ނޭވާއާއި ޖެހެންދެން އެބަހުރީމުއެވެ" ޓްވިޓާގައި "ބަސްނާހާ ލިޔުންތެރިޔާ"ގެ ޓެގްލައިން ޖަހާފައިވާ ޔާމީން މިފަދަ އެތައް ޓްވީޓެއް ކޮށްފައިވެ އެވެ. 


ޔާމީން ރަޝީދަކީވެސް  ޖެހިލުން ކުޑަކަމާ އެކު، ރާއްޖޭގެ މި މާހައުލުގައި މިހާރު ހިންގަމުންދާ މުޑުދާރު އަމަލުތަކުގެ ވާހަކަތައް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ދައްކަމުން އައި ހިތްވަރުގަދަ ކެރޭ ޒުވާނެކެވެ.

އެ ޒުވާނާގެ އަޑު ކަނޑުވާލީ، މީގެ ތިން ހަފްތާއެއްހާ ދުވަސްކުރިން ނިމިގެންދިޔަ އޭޕްރީލްމަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ތޫނު އެއްޗަކުން ހަށިގަނޑުގެ އެތަން މިތަނަށް ހަމަލާދީ އިންތިހާއަށް އަނިޔާވެރި ލާއިންސާނީ ގޮތަކަށެވެ.

 

އާއިލާގެ މައިބަދައިގެ ގޮތުގައި ލޯބިވާ މަންމަ މަރިޔަމް ޝަފީގާ ދެކެމުންއައި ދަރިފުޅު ޔާމީންގެ މަރާއެކު އާއިލާއަށް ވަނީ ފުން ހިތާމައެއްގަ އެވެ. ނަފުސާނީ ބަލިމަޑުކަމެއްގަ އެވެ. ބަޔަކު އެފަދަގޮތަކަށް ލޯބިވާ ދަރިފުޅު މަރާލަންވީ ސަބަބާއި މެދު ސުވާލު އުފައްދަމުން އެމަންމަ ބުނަމުން ދަނީ ދަރިފުޅު މަރާލިކަން އަދިވެސް ގަބޫލްކުރަން ދަތިވާކަމަށެވެ.

ޝަފީގާއަށް އިހްސާސްކުރެވެނީ މިހެންނެވެ. ގެއަށްވަދެ ގޮވާލާހެން ހީވެއެވެ. ކޮއްކޮމެންނާއި ހީ ސަމާސާ ކުރަނީ އޭ ހީވަނީ އެވެ. ގެއަށް އައުން ލަސްވެގެން ފޯނު ނަގާގުޅާލެވެންވެސް އުޅެވެ އެވެ.

މާތްކަލާކޯއެވެ. ކޮންފަދަ ބޮޑު ހިތާމައެއްތޯއެވެ. މައުސޫމް ނޫކަށިފުރައިގެ ޒުވާނާ އޭނާގެ ދުލާއި ގަލަމުގެ މިނިވަންކަން ބޭނުންކުރުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ އަނިޔާވެރިމަރެކެވެ.

އޭނާ މަރާލީ ދީނީ އަގީދާގެ ސަބަބުން ކަމަށް ބައެއް މީހުން ތުހްމަތު ކުރިޔަސް، ޔާމީންގެ މަންމަ އެކަމެއް ގަބޫލެއް ނުކުރެ އެވެ. ޔާމީން މަންމަ، މަރިޔަމް ޝަފީގާ ބުންޏެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އެއީ އެދަރިފުޅަށް  ހަދައިގެންވާނެގޮތެއްނޫނެވެ. ޔާމީނަކީ އަޚްލާގު ރަނގަޅު ކިޔަވައިގެން ހުރި މަޑުމައިތިރި ޒުވާނެކެވެ. ނަމާދުކޮށް ދީނީ ކަންކަމަށް ސަމާލުކަން ދެއެވެ. އެހެންވެ، ބަޔަކު އޭނާ މަރާލަންވީ ސަބަބެއް ޝަފީގާ އަށް ނުވިސްނެެއެވެ.

" އެކުއްޖާއަށް އެހެން ހަދަންވީ ކީއްވެ. މަރާލި މީހުންނާއި އެކުއްޖާއާއި އެއްވެސް ގުޅުމެއް އޮތްކަމަކަށް ނުދެކެން. މިކަމުގެ އަޑީގައި ކޮންމެވެސް ބަޔަކު ތިބޭނެ. އެމީހުން އެކަން ކުރީ ކީއްވެތޯ ބަލަން ޖެހޭ. އިންސާފު ހޯދައިދޭށޭ މިކިޔަނީ، އެކަން ކުރި މީހުން ހޯދަން މަސައްކަތް ކުރާލެއް މާބޮޑަށްވެސް ލަސް. އެހެން މަންމައަކު މިފަދަ ވޭނެއް އުފުލާތަން ދެކެން ބޭނުން ނުވޭ" ޔާމީންގެ މަންމަ ޝަފީގާ ބުންޏެވެ.

 

ޔާމީން ރަޝީދަށް ތަކުރާރުކޮށް ދެމުންދިޔަ މަރުގެ އިންޒާރުތައް ދިޔައީ ކަމާބެހޭ ފަރާތްތަކަށް ހިއްސާކުރަމުންނެވެ. އެހެނަސް ދިނީ ބީރުކަންފަތެކެވެ. މިފަދަ ބިރުވެރި ގޮތަކަށް ޔާމީން މަރާލާފައިވާއިރު، ރިލްވާނުގެ މަންމައެކޭ އެއްފަދައިން ޝަފީގާގެ ހިތުގައި ވެސް އެއްގޮތް އުދާސްތަކެއް އަނދަމުންދެ އެވެ. 

ދިވެހި ރައްޔިތަކު ލާއިންސާނީ ގޮތަކަށް މަރާލިއިރު، ޖަނާޒާގައި ވެސް ސަރުކާރުގެ އޮފިޝަލަކު ބައިވެރިނުވުމެވެ. އަދި ޝަފީގާގެ އާއިލާ ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ދާއިރާގެ މެމްބަރުން ވެސް އެ އާއިލާއަށް ހަމްދަރުދީގެ ބަހެއް ބުނެނުލުމުންނާއި ބައްދަލު ނުކުރުމުން އެ އާއިލާއިން އިންތިހާއަށް ކަންބޮޑުވެ އެވެ. 

ދާއިރާގެ މެންބަރު ކީއްކުރަންތޯއެވެ. މި ސަރުކާރުގެ ކުޑަމިނުން ކޯޑިނޭޓަރެއްހާ ހިސާބުވެސް ޔާމީންގެ ޖަނާޒާގައިވެސް ބައިވެރިވެފައެއް ނުވެއެވެ.

 

ޔާމީން ރަޝީދުގެ މަރާއެކު ޒުވާނާގެ އާއިލާ އަދިވެސް ތިބީ ޝޮކެއްގައެވެ. އޭނާގެ އެ ކުއްލިމަރު ގަބޫލުކުރަން ދައްޗެވެ.

 

" އަދިވެސް ހަމަ ކޮޓަރި ހުޅުވާލާފަ ބަލާލެވޭ އޮތްތޯ، ހިޔެއެްނުވޭ މަރުވީހެނެއް. ހީވަނީ ގޮވާލަފާނެހެން. ހުވަފެނުގައިވެސް ފެނޭ" ރޮމުން ގިސްލަމުން ޝަފީގާ ކިޔައިދިނެވެ.

ޔާމީނާ ނުލާ އާއިލާގެ ހާލަތު ސިފަކޮށްދެމުން ޔަމީންގެ މަންމަ ބުނީ، ޔާމީނަކީ ކުޑަކުޑަ އެ އާއިލާގެ މައިބަދަކަމަށެވެ. އައިލާ މިއަދު އޮތީ މައިބަދަ އާއިނުލާ ދިރިއޮތް އިންސާނަކު ފަދައިންނެވެ

ރިލްވާންގެ މަންމަ އާއި އެ އާއިލާގެ ހާލަތަކީ ވެސް މިއެވެ. ނަމަވެސް މި ހިތްވަރުގަދަ ދެމައިން ތިބީ އިންސާފު ހޯދުމަށް ފޫގަޅައިގެންނެވެ. އިންސާފު ލިބެންދެން މަސައްކަތް ކުރާށެވެ. އަދި ދިވެހި އެހެން ދަރިޔަކަށް މިފަދަ ކަމެއް ކުރިމަތިވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
71%
0%
14%
14%
0%
ކޮމެންޓް