ކ. މާލެ
|
27 އޮކްޓޯބަރ 2020 | އަންގާރަ 13:35
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
މަޖިލިސް
ދައުލަތުގެ ދަރަނި އަނބުރާ ދެއްކުމާއި ގުޅޭ ރިޕޯޓް
ބޭރުން ނަގާފައިވާ ދަރަނި ފިޔަވައި އެހެން ދަރަނި ރީ-ސްޓްރަކްޗަރ ކުރުމަށް އެދުމަށް މަޖިލީހުން ފާސްކޮށްފި
 
އެންމެ ބޮޑު ދަރަންޏެއް އުޅެނީ ސަރުކާރުން އެހެން ފަރާތްތަކަށް ވިއްކާފައިވާ ޓީ-ބިލް އަދި ބޮންޑުގައި
 
މިހާރު ދައުލަތަށް އެންމެ ބޮޑަށް ރިސްކު ބޮޑީ ދައުލަތުގެ ނަމުގައި ނަގާފައިވާ ގެރެންޓީތައްކަން ފާހަގަކުރެވޭ
 
ރިޕޯޓް ފާސްކުރުމަށް 55 މެމްބަރުން ވޯޓު ދެެއްވި

ސަރުކާރުން ދޭދޭ ގައުމުތަކުން ނަގާފައިވާ ދަރަންޏާއި ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކުން ނަގާފައިވާ ދަރަނި ފިޔަވައި އެހެން ދަރަނި ރީސްޓްރަކްޗަރ ނުވަތަ ރީ-ޕްރޮފައިލްކުރުމުގެ މަސައްކަތް ސަރުކާރާއި އެމްއެމްއޭއިން ލަސްނުކޮށް ފެއްޓުމަށް ދެންނެވުމަށް މަޖިލީހުން ފާސްކޮށްފި އެވެ.

ދިވެހި ދައުލަތުގެ ދަރަނި އަނބުރާ ދެއްކުމާއި ގުޅޭ ގޮތުން މުޅި މަޖިލީހުގެ ކޮމިޓީގައި ވަނީ އެކަން ދިރާސާކޮށްފައެވެ. އެރިޕޯޓް ފާސްކުރުމަށް އަންގާރަ ދުވަހުގެ ޖަލްސާގައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ. ރިޕޯޓް ފާސްކުރަން ވަކިގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވިއެވެ.

މިރިޕޯޓަކީ 2013 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ދައުލަތް ދަރަނިވެރިވެފައިވާ މިންވަރާއި އެދަރަނި ބެހެއްޓިފައިވާ ގޮތާއި އަދި ކުރިއަށް އޮތް ތިން އަހަރުގައި އެ ދަރަނި އަނބުރާ ދެއްކުމަށް ދައުލަތުގެ އާމްދަނީ ޖާގަދޭނެ މިންވަރު ދެނެގަތުމުގައި އަމަލުކުރާނެ ގޮތުގެ އިރުޝާދަކަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓެކެވެ. މިމައްސަލަ ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.

މިމައްސަލަ ދިރާސާކުރުމަށްފަހު އެކުލަވާލާފައިވާ ރިޕޯޓްގައި 26 ކަމެއް ވަނީ ފާހަގަކޮށްފައެވެ. އޭގެތެރެއިން އެއްކަމަކީ 2013 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ސަރުކާރުން ނަގާފައިވާ ލޯނުތަކާއި ގެރެންޓީތަކާއި ގުޅޭގޮތުން ފާހަގަކުރެވިފައިވާ ކަންތައްތަކެވެ. ދައުލަތުގެ ދަރަނި މިހާރު ހުރީ 172 ބިލިއަން ރުފިޔާ ގައެވެ. މީގެތެރޭގައި ހިމެނެނީ 2013 ވަނަ އަހަރުގެ ކުރީގެ އަހަރުތަކާއެކު 2020 ވަނަ އަހަރުގައި ދޭދޭ ގައުމުތަކުން ނަގާފައިވާ ދަރަނީގެ ޖުމްލަ 13 ބިލިއަން ރުފިޔާއެވެ. އަދި 2013 ވަނަ އަހަރުގެ ކުރީގެ އަހަރުތަކާއެކު 2020 ވަނަ އަހަރުގައި ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމިއްޔާތަކުން ނަގާފައިވާ ދަރަނީގެ ޖުމްލަ 12 ބިލިއަން ރުފިޔާއެވެ.

ބާކީ 145 ބިލިއަން ރުފިޔާގެ ދަރަނި ހިމެނެނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ ގެރެންޓީގެ ދަރަނި އާއި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނުދައްކާ ހުރި ބިލްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އޯވަރޑްރާފްޓް އަދަދާއި އެމްއެމްއޭއިން ނަގާފައިވާ ލޯނާއި ގަނެފައިވާ ބޮންޑާއި އަދި ޓްރަޝަރީ ބިލްތަކާއި ސަރުކާރުން އެހެން ފަރާތްތަކަށް ވިއްކާފައިވާ ޓީ-ބިލް އަދި ބޮންޑެވެ. މީގެތެރެއިން އެންމެ ބޮޑު ދަރަންޏެއް އުޅެނީ ސަރުކާރުން އެހެން ފަރާތްތަކަށް ވިއްކާފައިވާ ޓީ-ބިލް އަދި ބޮންޑުގައެވެ. އެއީ 91 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ.

މިކަންކަމާއި ގުޅިގެން ކޮމިޓީއަށް ފާހަގަކުރެވުުނު ކަންކަމުގެ ތެރޭގައި ހިމެނެނީ ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލުގައި ފީސިބިލިޓީ ސްޓަޑީއެއް ހުށަހަޅަންވާނެ ކަމާއި އަދި މި ސްޓަޑީގައި މަޝްރޫޢުއާ ބެހޭ ތަފްސީލު ޑިޒައިން އަދި ބިލް އޮފް ކުއަންޓިޓީ ހިމެނެންވާނެ ކަމަށް ބަޔާންކޮށްފައި ވާއިރު އަދި ޕްރޮޖެކްޓް އެސެސްމަންޓް މިނިވަން ފަރާތެއް މެދުވެރިކޮށް ކުރުމަށް އަންގާފައިވާއިރު މިއެސެސްމަންޓްތައް ރަނގަޅަށް ހެދިފައިވޭތޯ ކުރިއަށްވުރެ ބޮޑަށް ބަލަންޖެހޭ ކަމަށެވެ.

އަދި ދައުލަތުން ނަގާފައިވާ ލޯނުތައް ނަގާފައިވަނީ ކޮންސެޝަނަލް ރޭޓްތަކުގައިކަން ފާހަގަކުރެވޭކަމާއި ނަމަވެސް ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށްޓަކައި 2017 ވަނަ އަހަރު ވިއްކާފައިވާ 250 މިލިއަން އެމެރިކާ ޑޮލަރުގެ ސޮވްރިން ބޮންޑް (ސަނީ ސައިޑް ބޮންޑް) ގެ އިންޓްރެސްޓް ރޭޓަކީ 7 އިންސައްތަ ކަމަށާއި 2022 ވަނަ އަހަރު މި ބޮންޑަށް އަނބުރާ ފައިސާ ދެއްކުމަށް ހަމަޖެހިފައިވާއިރު މި ބޮންޑު ރީ-ޕްރޮފައިލް ކުރަންޖެހޭ ކަމަށް ކޮމިޓީއަށް ފާހަގަވާކަމަށް ބުނެފައިވެ އެވެ.

މީގެއިތުރުން ދައުލަތުގެ ޖުމްލަ ދަރަނި ސަރވިސްކުރުމަށް ދައުލަތުން ގެރެންޓީކޮށްފައިވާ ދަރަނީގެ ސަރވިސް ކުރުންވެސް ހިމެނިގެން 2019 ވަނަ އަހަރު 10،228 މިލިއަން ރުފިޔާ ޚަރަދުކޮށް 2020 ވަނަ އަހަރުގެ ނިޔަލަށް 9145 މިލިއަން ރުފިޔާ ޚަރަދުކުރެވޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. އަދި މިހާރު ދައުލަތަށް އެންމެ ބޮޑަށް ރިސްކު ބޮޑީ ދައުލަތުގެ ނަމުގައި ނަގާފައިވާ ގެރެންޓީތައްކަން ފާހަގަކުރެވޭ ކަމަށާއި ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކުން ނަގާފައިވާ ދަރަނި އަދާކުރުމަށް ނުކުޅެދިފައިވާއިރު 2019 ވަނަ އަހަރުގެ ދަރަނި ސަރވިސްކުރުމުގެ ޚަރަދުގެ 70 އިންސައްތަ އަދި މިއަހަރުގެ ދަރަނި ސަރވިސްކުރުމަށް އަންދާޒާކޮށްފައިވާ އަދަދުގެ 66 އިންސައްތައަކީ ދައުލަތުން ގެރެންޓީކޮށްފައިވާ ދަރަނި ސަރވިސް ކުރުމުގެ ޚަރަދުކަމަށް ފާހަގަކޮށްފައިވެ އެވެ.

ސޮވަރިންގ ރޭޓިންގ އަށް އަންނަ ނޭދެވޭ ބަދަލުތަކާއެކު ބޭރުގެ މާލީ ބާޒާރުތަކުން ދަރަނި ހޯދުމުގެ އަގު މަތިވެގެންދާތީ މިއަހަރުގެ ތެރޭގައި ރާއްޖޭގެ ސޮވްރިން ރޭޓިންގ ދަށްކުރެވުމާއެކު ބޭރުގެ މާލީ ބާޒާރުގައި 2017 ވަނަ އަހަރު ލިސްޓްކޮށްފައިވާ ރާއްޖޭގެ ޔޫރޯ ބޮންޑުގެ އަގުދަށްވެ މާލީ އިދާރާތަކުން ހެޔޮ އަގުގައި ދަރަނި ހޯދުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާކަން ކޮމިޓީން ފާހަގަކޮށްފައިވެ އެވެ. އަދި ދައުލަތަށް ކުރު މުއްދަތެއްގައި ބޭނުންވާ ފައިސާ ހޯދުމަށް ނޮން-ކޮންސެޝަނަލް އޮޕްޝަންތަކަށް ބަރޯސާވާންޖެހި ދަރަނީގެ އަގު އިތުރަށް މަތިވުމުގެ ފުރުސަތު ބޮޑުވެފައިވާކަމަށް ކޮމިޓީން ފާހަަގަކޮށްފައިވެއެވެ.

އެހެންކަމުން ކޮމިޓީން ހުށަހަޅާފައިވަނީ ދަރަނި ރީސްޓްރަކްޗަރ ނުވަތަ ރީ ޕްރޮފައިލްކުރާނެ ޚާއްސަ ކޮމިޓީއެއް އެކުލަވާލައި އެކޮމިޓީން އެމަސައްކަތްކުރުމުގައި ރާއްޖެ އާއި ބައިނަލްއަގްވާމީ ކަމާގުޅޭ ޤާނޫނީ އަދި މާލީ މާހިރުންގެ ލަފަޔާއި އިރުޝާދު ހޯދުމަށެވެ. އަދި މިމަސައްކަތް 8 މަސް ދުވަސްތެރޭގައި ނިންމާ އެކޮމިޓީގެ ހޯދުންތައް ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހަށް ހިއްސާކުރުމަށް ވަނީ ހުށަހަޅާފައެވެ. އަދި މިކޮމިޓީގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ ތަފްސީލާއި ހޯދުންތައް މަހަކު އެއްފަހަރު މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަކަށް ހާޒިރުވެ ހިއްސާކުރުމަށްވެސް ވަނީ ހުށަހަޅާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް