ގަވާއިދުތައް ގެޒެޓް ކުރެވި އަމަލު ކުރެވެން ފެށުމާއެކު މަސްވެރިންގެ ގިނަ ކަންބޮޑުންތަކަށް ހައްލު ލިބޭނެ: މިނިސްޓްރީ
14 ސެޕްޓެމްބަރު 2020 | ހޯމަ 13:43މަސްވެރިންނަށް ދިމާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން

މަސްވެރިންނަށް ހަމަ އަގުނުލިބޭ ކަމުގެ ޝަކުވާއަކީ އަބަދުވެސް އެމީހުން ކުރަމުންދާ ޝަކުވާއެއް
މަސްވެރިންނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ނައްތާލުމަށް އެކުލަވާލާ ގަވާއިދުތައް ގެޒެޓް ކުރެވި އަމަލު ކުރެވެން ފެށުމާއެކު ގިނަ މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ބުނެފިއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވީ މަސްވެރިންނަށް ދިމާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، އުންމީދު ކުރަނީ މަސްވެރިކަން ކުރިއެރުމަށް އެކުލަވާ ގަވާއިދު ގެޒެޓް ކުރެވި ތަންފީޒު ކުރެވިގެން ދިއުމާއެކު ބޮޑެތި ހައްލުތަކެއް ލިބިގެންދާނެ ކަމަށެވެ.
މަސްވެރިކަމާ ގުޅުންހުރި ދެގަވާއިދެއް ގެޒެޓްކޮށް ނިމިފައިވާކަން ފާހަގަކުރައްވައި ހަސަން ރަޝީދު ވިދާޅުވީ މިހާރު ހަތަރު ގަވާއިދު ގެޒެޓް ކުރުމުގެ މަގުމަތީގައިވާ ކަމަށެވެ.
ހަސަން ރަޝީދު ވިދާޅުވީ މި ގަވާއިދުތައް ހެދުމުގައި ވަރަށް ގިނަ ކަންތައްތައް ބަލަންޖެހޭ ކަމަށާއި، ގަވާއިދުތަކަކީ އަވަސް އަރުވަލައިގެން ކުރެވޭނެ މަސައްކަތެއް ނޫން ކަމަށެވެ. އަދި ވަރަށް ގިނަ ޓެކްނިކަލް ބައިތައް އެކުލެވިގެންވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ހަސަން ރަޝީދު ވިދާޅުވީ މަސައްކަތްތައް ކުރަނީ ވަރަށް ބޮޑަށް ޕްލޭން ކުރެވިގެންދާ ކަމަށާއި، މި މަސައްކަތަށް މަސްވެރިންގެ ހިޔާލު ވެސް ހޯދާ ކަމަށެވެ. މިހާރުގެ ހާލަތާއި، މީގެ ކުރިން ކަންތައްތައް ހިނގާފައިވާ ގޮތަށް ވެސް ބައްލަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަސަން ރަޝީދު ވިދާޅުވީ ގަވާއިދު އެކުލަލާވާލައި ގެޒެޓް ކުރުމުގައި ވަރަށް ގިނަ މަރުހަލާތައް ކަނޑައްތު ކުރަންޖެހޭ ކަމަށެވެ. މިމަސައްކަތަކީ ވަގުތު ބޭނުންވާ މަސައްކަތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ހަސަން ރަޝީދު ވިދާޅުވީ މަސައްކަތް ކުރަނީ ވަރަށް މަސްވެރިންގެ ކަންބޮޑުވުންތަކާއި، ދިމާވާ ގޮންޖެހުންތަކަށް ހައްލު ލިބޭ ވަރަށް ފުރިހަމަ ގަވާއިދެއް ތަންފީޒު ކުރުމަށް ކަމަށެވެ. އެގޮތުން މާލަސްތަކެއް ނުވެ ހުރިހާ ގަވާއިދެއް ގެޒެޓް ކުރެވިގެންދާނެ ކަމަށް ވެސް ހަސަން ރަޝީދު ވިދާޅުވިއެވެ.







