ދާއިމީ ގޮތެއްގައި އެހެން ގައުމެއްގެ ސިފައިން ތިބުމަކީ ގިނަ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން: ރައީސް ވަހީދު
8 ސެޕްޓެމްބަރު 2020 | އަންގާރަ 14:08ރާއްޖޭގެ ރައްޔިތުންނަކީ މިނިވަންކަމާއި އިސްތިގުލާލު ވަރަށް މުގައްދަސް އެއްޗެއްގެ ގޮތުގައި ދެކޭ ބައެއް


މިފަހުން ސަރުކާރުގެ ސިޔާސަތުތަކަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ގެންދަވަނީ ފާޑު ވިދާޅުވަމުން
ދިވެހި ރާއްޖޭގައި އެހެން ގައުމެއްގެ ހަތިޔާރު އެޅި ސިފައިން ތިބުމަކީ މި ގައުމުގެ ގިނަ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ސްޕެޝަލް އެޑްވައިޒަރު، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހުގެ ހަވީރު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށްފަހު ނުކުމެވަޑައިގަންނަވާ މީޑިއާތަކާ ވާހަކަ ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ވަރަށް މުގައްދަސް އެއްޗެއްގެ ގޮތުގައި ދެކޭ ބައެއް ކަމަށެވެ. އެހެންކަމުން ދާއިމީ ގޮތެއްގައި އެއްވެސް ގައުމެއްގައި ސިފައިން ރާއްޖޭގައި ގާއިމްވެގެން ތިބުމަށް މި ގައުމުގެ ގިނަ ރައްޔިތުން ގަބޫލެއް ނުވާނެ ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.
ރައީސް ވަހީދު ވިދާޅުވީ ކަނޑައެޅިފައިވާ ވަކި މަޝްރޫއެއް ނިންމުމަށްޓަކައި ދެ ދައުލަތުގެ އެއްބަސްވުމުގެ ދަށުން މި ގައުމުގައި ސިފައިންނަށް ތިބެވިދާނެ ކަމަށެވެ. ނަމަވެސް ދާއިމީ ގޮތެއްގައި ހަތިޔާރު އެޅި ސިފައިން ރާއްޖޭގައި ގާއިމުވެ ތިބުމަކީ އެއީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.
ރައީސް ވަހީދު މިހެން ވިދާޅުވެފައިވާއިރު، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިމަހުގެ 6 ވީ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ އެހެން އެއްވެސް ގައުމެއްގެ ހަނގުރާމަވެރި، ހަތިޔާރު އަޅައިގެން ތިބޭ ސިފައިންގެ ފައުޖެއް ރާއްޖޭގައި ނެތް ކަމަށެވެ.





