އިދިކޮޅުން މުޒާހަރާތައް ކުރަނީ ހިންގާފައިވާ ވައްކަމުގެ ޖަރީމާތަައް ތިލަވަމުންދާތީ: މެމްބަރު ވަހީދު
7 ސެޕްޓެމްބަރު 2020 | ހޯމަ 08:01ފިތުނަ ފަސާދަ އުފައްދައިގެން ގައުމު ނާޒުކު ފައްތަރަކަށް ވައްޓާލަން މަސައްކަތް ކުރޭ


28 އޮގަސްޓްވީ ހުކުރު ދުވަހު އިދިކޮޅުން ބޭއްވި މުޒާހަރާގެ ތެރެއިން
ސިއްހީ ގޮތުން ގައުމު ނާޒުކު ހާލަތެއްގައި އޮތް ދަނޑިވަޅެއްގައި އިދިކޮޅަށް ނިސްބަތްވާ ޕީޕީއެމް-ޕީއެންސީ މުޒާހަރާތައް ކުރަނީ ހިންގާފައިވާ ވައްކަމުގެ ޖަރީމާތަައް ތިލަވަމުންދާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ސިޔާސީ ދުނިޔެ ޕްރޮގްރާމްގައި މެމްބަރު ވަހީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ފިތުނަ ފަސާދަ އުފައްދައިގެން ގައުމު ނާޒުކު ފައްތަރަކަށް ވައްޓާލަން ކަމަށާއި، މިހާލަތުގައި ނާޖާއިޒް ފައިދާ ނެގުމަށް އެފަރާތްތައް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ ވައްކަންތަކަށް އަލިއަޅުއްލައްވާ މެމްބަރު ވަހީދު ވިދާޅުވީ ވައްކަން ނުކުރާ އެއްވެސް ދިމާލެއް ނެތް ކަމަށެވެ. އެގޮތުން ސައުދީން ހަދިޔާ ކުރި ކަދުރާއި، ޕެނަޑޯލްގެ އިތުރުން ހައްޖުގެ ކޯޓާތަކުން ވެސް ވައްކަން ކުރިކަން މެމްބަރު ވަހީދު ފާހަގަކުރެއްވިއެވެ.
މިފަދަ ހާލަތެއް މުޒާހަރާތައް ކުރަމުންދަނީ ހިޔާ މަޝްރޫއުންއިން ހިންގާފައި އޮތް ބޮޑެތި ވައްކަންތައް ތަހުގީގު ކުރަމުންދާތީ ރައްޔިތުންގެ ފޯކަސް އެހެން ދިމާލަކަށް އަނބުރާލުމުގެ މަގުސަދުގައި ކަމަށް މެމްބަރު ވަހީދު ވިދާޅުވިއެވެ.
ބޮޑެތި ހިޔާނަތްތައް ހިންގާފައިވާކަން ހާމަވާ ދުވަސް އަންނަކަން ފާހަގަކުރައްވައި މެމްބަރު ވަހީދު ވިދާޅުވީ ތަހުގީގުތައް ލަސްވެގެން ދިއުމަކީ ރައްޔިތުންގެ އިތުރުން އެމްޑީޕީގެ މެމްބަރުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. ނަމަވެސް 10 ބުޅި ކަންވާރު ގޮށްގަނެފައި އޮންނަ އުސޫލުން ވައްކަން ކޮށްފައިވާތީ މިކަންކަން ތަހުގީގު ކުރުމަށް ވަގުތު ނަގާނެކަން ރައްޔިތުން ވެސް ގަބޫލުކުރަން ޖެހޭ ކަމަށް މެމްބަރު ވަހީދު ވިދާޅުވިއެވެ.
މެމްބަރު ވަހީދު ވިދާޅުވީ މުޒާހަރާތަކުގައި ކުށުގެވެއްޓަށް ނިސްބަވްވާ ގޭންގުތަކުން ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭއިރު، މިކަންކަން ނުބަލައި ދޫކޮށްލުމަކީ ވެސް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި ވިދާޅުވީ މިކަންކަން ބަލައި ތަހުގީގު ކުރާނެ ކަމަށާއި، ދައުލަތުން ވައްކަން ކޮށްފައިވާ މީހުން ޖަލުގައި ހައްޔަރު ކުރެވޭނެ ދުވަސް ވެސް އަންނާނެ ކަަމަށެވެ.
މެމްބަރު ވަހީދު ވިދާޅުވީ މިގައުމު ހަމަނުޖެހުން ނަގާލުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށާއި، ގައުމުގެ މެޖޯރިޓީ ރައްޔިތުން މިހާރު މާބޮޑަށް ހޭލުންތެރި ކަމަށެވެ.







