ކ. މާލެ
|
4 ސެޕްޓެންބަރ 2020 | ހުކުރު 18:44
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްއާއި ކުރީގެ މެމްބަރު އަލްމަރްހޫމް ހުސައިން މުހައްމަދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްއާއި ކުރީގެ މެމްބަރު އަލްމަރްހޫމް ހުސައިން މުހައްމަދު
ޓްވިޓަރ
މަތިވެރި ދާއިރާގެ ކުރީގެ މެމްބަރު ހުސެންބެ
މަޖިލީހުގެ ކުރީގެ މެމްބަރު ހުސައިން މުހައްމަދު އަކީ މީޑިއާ އާއި ތައުލީމީ ދާއިރާގައި މުހިއްމު ހިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެއް!
 
މަޖިލިސް މެމްބަރުކަން 2005 ވނަ އަހަރުން 2019 އަށް ކުރެއްވި
 
ބޭރު ޚަބަރު އެންމެ އަވަހަކަށް ތަރުޖަމާކޮށް، ގެނެސް ދެއްވި، ބޭރުގެ ކުޅިވަރު ޚަބަރުތައް ގެނެސް ދިނުމުގައި އާ ސޮފްހާއެއް ހުޅުވައި ދެއްވި
 
ހުސެންބެއަކީ ތައުލީމީ ދާއިރާގަ އާއި މީޑިއާ އަދި ނޫސްވެރިކަމުގެ ދާއިރާއަށް ގިނަގުނަ ހިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެއް

إنا لله وإنا إليه راجعون

اللهم اغفر له وارحمه وعافه واعف عنه

އަޅުގަނޑުމެންގެ އަޚު ޙުސައިން މުޙައްމަދު (ރަޙިމަހުﷲ)ގެ ގައުމީ ޚިދުމަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް މުހިއްމު ހިދްމަތްތައް ފާހަގަ ކޮށްލުމުގެ ކުރިން، އެމަނިކުފާނު އަވަހާރަ ވުމާއި ގުޅިގެން، އެކަނިކުފާނާއެކުގައި މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން ފާޅު ކުރައްވާފައިވާ ޝުއޫރުތަކަށް ބަލާލާނަމެވެ.

އެގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާ ކުރީގެ މެމްބަރު ހުސައިން މުހައްމަދު (ހުސެންބެ) އަކީ ޤައުމަށް ތަފާތު އެކި ދާއިރާތަކުން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް، އަދި ގާތް އެކުވެރި ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ. އަދި ދަތި އުނދަގޫ ވަގުތުތަކުގައި ވެސް ހެޔޮ ލަފާ މަޝްވަރާ ދެއްވި އެކުވެރިއެއް ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. ރައީސް ޞާލިހުގެ އެ ވާހަކަފުޅުތަކަށް ބަލާއިރުވެސް، އެދެ ބޭފުޅުންނަކީ 2005 ވަނަ އަހަރުން ފެށިގެން މިދިއަ 2019 ވަނަ އަހަރު ނިމުނު 18 ވަނަ ރައްޔިތުންގެ މަޖިލީހާ ހަމައަށް އެކުގައި އުޅުއްވި ގާތް ރަހުމަތްތެރިންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ހުސައިން މުހައްމަދު އަކީ ތެދުވެރި، މާއްދިއްޔަތަށް ނުހެއްލޭ ލިޔުންތެރިއެއް ކަމަށެވެ. އަދި ރާއްޖޭގެ ބްރޯޑްކާސްޓިންގ ގެ ހަޔާތުގެ ބޮޑު ޚިދުމަތްތެރިއެއް ކަމަށާއި ހުސެންބެ އަކީ އާއިލީ ރަހުމަތްތެރިއެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ، ހުސެން މުހައްމަދު އަވަހާރަވުމުން އެއީ ޕާޓީ އަށް ލިބުނު ވަރަށް ބޮޑު ނިކަމަތި ކަމެއްކަ މަށާއި އެއީ ވަރަށް ގިނަ ގުނަ ހިދުމަތްތަކެއް ކުރެއްވި ވަރަށް ޤާބިލް ވަރަށް ޒިންމާދާރު ބޭކަލެއް ކަމަށެވެ. އަދި އެއީ ޕާޓީ އަށާއި ޙުދު ޤާސިމްއަށް ވެސް ގެއްލިގެންދިޔަ ވަފާތެރި ހިދުމަތްތެރިއެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

ގ. ލިއެނާ، ހުސެއިން މުހައްމަދު (ހުސެންބެ) އަވަހާރަވުމާ ގުޅިގެން، ރައީސް ޞާލިހު އާއި ރައީސް ނަޝީދު ވަނީ ތައުޒިޔާ ހުސެންބެގެ އާއިލާއަށް ތައުޒިޔާ ދަންނަވާފައި ވެއެވެ.

ހުސެންބެ އަވަހާރަވުމާއި ގުޅިގެން، ހުސެންބެގެ އެންމެ ގާތް އެއް އެކުވެރިޔާ، ނައިފަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު މުހައްމަދު "ރާއްޖެއެމްވީ"އަށް ދެއްވި ހާއްސަ އިންޓިވިއުއެއްގައި ވިދާޅުވީ، ހުސެންބެ މާލޭގައި ހުރިނަމަ، ކޮންމެ ރެއަކު ކަހަލަހެން ހުސެންބެ އޭނާގެ ގެއަށް ވަޑައިގަންނަވާ ކަމަށާއި، އެއީ ވަރަށް މަޖާ ސަކަ މިޒާޖެެއްގެ ބޭފުޅެއް ކަމަށެވެ. އަދި ވަރަށް ގިނަ ރޭރޭ އެގޭގައި ރާޒުވާ ކުޅުއްވަން ތިއްބަވާ ކަމަށާއި، ބައެއް ދުވަސް ދުވަހު، ކެޔޮޅުކަމު (ފަރުމަސް ބާނަން) ވަޑައިގަންނަވާ ކަމަށެެވެ.

އަހުމަދު ވިދާޅުވީ، ހުސެންބެ އަކީ މަސްވެރިކަން ކުރަން ވަރަށް ލޯބި ކުރައްވާ އަދި އެކަމަށް ވަރަށް ގަޔާވާ ބޭފުޅެއް ކަމަށާއި ދޭތެރެއަކުން ވަގުތެއް ލިބިއްޖެނަމަ، އެ ދެބޭފުޅުން މަސްވެރިކަމަށް ނިކުންނަވާ ކަމަށް ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ އޭނާއާ ހުސެންބެއާ ދިމާވީ، 2005 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ފަހުން ކަމަށެވެ. އަދި އޭގެފަހުން، ހުސެންބެ އަކީ އޭނާގެ އެންމެ ގާތް ބޭފުޅާ ކަމަށާއި ހުސެންބެ އަކީ "އެއްވަނައިގެ ބޭފުޅެއް" ކަމަށެވެ.

އަހުމަދު ވިދާޅުވީ، 2005 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް އެ ދެ ބޭފުޅުން އުޅުއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފުރަތަމަ އުފެއްދެވި ޑީއާރުޕީގައި ކަމަށެވެ. ނަމަވެސް ޑީއާރުޕީގެ ތެރޭގައި ދެބަސްވުން އުފެދި ޕާޓީ ދެބައި ވީހިސާބުން، އެދެބޭފުޅުން ޑީއާރުޕީގެ އޭރުގެ ލީޑަރު އަހުމަދު ތަސްމީނު އަލީއާއެކު މަސައްކަތް ކުރެއްވުމަށްފަހު، ފަހުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވީ ވެސް ދެ ބޭފުޅުން އެކުގައި ކަމަށެވެ.

އެގޮތުން، 2014 ވަނަ އަހަރު ބޭއްވި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަތިވެރި ދާއިރާގެ މެމްބަރު ކަމަށް ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ހުސެންބެ ވާދަކުރައްވައި، އެގޮނޑި ކާމިޔާބު ކުރެއްވި އެވެ.

ހުސައިންބެ ގައުމީ ހިދުމަތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ހިދްމަތް ފެށިފައިވަނީ، 2005 ވަނަ އަހަރު އެވެ. މި ދުވަސްވަރަކީ، ރާއްޖޭގައި އިސްލާހީ ހަރަކާތް ފެށިގެން ދިޔަ ދިވަސްވަރުކަމުން 2005 ވަނަ އަހަރުން ފެށިގެން އެކުލަވާލެވުނު މަޖިލިސްތަކަކީ ވަރަށް ވާދަވެރި، އަދި ދިވެހިރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ބަޔަކު މީހުން ނިކުމެ މަސައްކަތް ފަށައިގެން އުޅުނު ދުވަސްވަރު ކަމަށްވާތީ ގައުމުވެސް އޮތީ ސިޔާސީ ހަލަބޮލި ކަމެއްގެ ތެރޭގައެވެ. އަދި މިދުވަސްވަރު ރައްޔިތުންގެ މަޖިލީހުގެ ހަރަކާތްތަކަކީ ވެސް ކުރިން ތިއްބެވި ގޮތަށް ދެއަތް އުރާލައިގެން ތިއްބެވެން އޮތް ދުވަސް ވަރެއް ވެސް ނޫނެވެ.

ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހުސެންބެ ފާހަގަ ކުރުވުނީ، 16 އަދި 17 ވަނަ މަޖިލީހަށް ވުރެ ތަންކޮޅެއް ހަރަަކާތެރި ބޭފުޅެއްގެ ގޮތުގަ އެެވެ. އޭރު ވެރިކަމުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ނުފޫޒުން ދިވެހި ސިފައިން ބޭނުންކޮށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާ "ހިސޯރު" ކުރި އެވެ. މަޖިލީހުގެ އިދާރާގައި ތަޅު އެޅުވި އެވެ. މިކަންތަންގަނޑެއް ހިނގީ ރައީސް ޔާމީންގެ ސަރުކާރުން ހިންގި ހިޔާނާތާއި ކޮރަޕްޝަނުގެ އަމަލުތަކާއި ދެކޮޅަށް އޭރު އިދިކޮޅުގައި އޮތް އެމްޑީޕީއާއެކު ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ މަސައްކަތް ކުރަން ފަށައި، ތުހުމަތު ކުރެވޭ ބޮޑެތި މައްސަލަތައް އޮއްބާލަން ރައީސް ޔާމީންގެ ސަރުކާރުން މަސައްކަތްކު ރަން ފެށި ހިސާބުން ނެވެ. އެގޮތުން ރައީސް ޔާމީން 18 ވަނަ ރައްޔިތުންގެ މަޖިލިސް ވެސް ބޭނުން ކުރެއްވީ ހިޔާނާތާއި ވައްކަމާއި ކޮރަޕްޝަންގެ އަމަލުތައް ފޮރުވަން ގެންގުޅުއްވި ނިވާފަތްގަނޑެއްގެ ގޮތުގައެވެ.

މިދެންނެވި 18 ވަނަ މަޖިލީހުގެ އެންމެ ފާހަގަކޮށްލެވުނު އެއްކަމަކީ، މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުވާލުމުގެ މައްސަލަ އެވެ. މި މައްސަލާގައި ހުސެންބެ ވަނީ އެ މެމްބަރުންނަށް އިންސާފު ހޯދާ ދެއްވުމަށް، އެބޭފުޅުންނާއި އަދި އޭރު އިދިކޮޅު ކޯލިޝަނުގެ ބޭފުޅުންނާއެކު ބުރަ މަސައްކަތްތަކެއް ކުރައްވާފަ އެވެ. އެގޮތުން މަޖިލީހުގެ ތެރެއިންނާއި، މަޖިލީހުގެ ބޭރުން އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މަސައްކަތުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން އިސް ސަފުގައި މަސައްކަތް ކުރެއްވިއެވެ. އެގޮތުން 12 މެމްބަރުން ވަކި ކުރި މައްސަލަތައް ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ މައްސަލަތަކުގައި ސުޕްރީމް ކޯޓަށް ވަޑައިގެން، އަދި ކަމާބެހޭ އިދާރާތަކަށް ވަޑައިގެން 12 މެމްބަރުންނަށް އިންސާފު ހޯދާ ދެއްވުމަށް މަސައްކަތް ކުރައްވާފައި ވެއެވެ.

ހަމައެގޮތަށް، ރައީސް ޔާމީންގެ ވެރިކަން ނިންމައި، ކޯލިޝަން ސަރުކާރުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހުއަށް ކެމްޕެއިން ކުރުމުގައި ހިންގި ހަރަކާތްތަކުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން އިސް ސަފުގައި ހުސެންބެ ބައިވެރިވެވަޑައި ގަންނަވާފައިވެއެވެ.

ހުސެންބެގެ ގައުމީ ޚިދުމަތްތަށް ބަލާލާއިރު، ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު އުތުރުބުރީގެ މެންބަރުކަން 2005-2009 އަށް ކުރެއްވިއެވެ. އަދި އައު ގާނޫނު އަސާސީގެ ދަށުން ބޭއްވި ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެވެ. އެ އިންތިހާބުގައި ޑީއާރުޕީގެ ޓިކެޓްގައި މަތިވެރި ދާއިރާގެ ގޮނޑި 2009 ވަނަ އަހަރު ކާމިޔާބު ކުރެއްވިއިރު، ޖެހިގައި އައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2014 ވަނަ އަަހަރު، ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ހަމަ މަތިވެރި ދާއިރާ އަށް ކުރިމަތި ލައްވައި ގޮނޑި ކާމިޔާބު ކުރެއްވިއެވެ. އެހެންކަމުން ހުސެންބެ ވަނީ ރައްޔިތުންގެ މަޖިލީހުގައި 2005 އިން ފެށިގެން 2019 އާ ހަމައަށް މެމްބަރުކަން ކުރައްވާފައެެވެ. އެހެންކަމުން ހުސެންބެ ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ތިން ދައުރު ފުރިހަމަ ކުރައްވާފައެވެ.

ހުސެންބެ އަކީ، މިހާރު އަމަލު ކުރަމުންދާ އައު ގާނޫނުއަސާސީ އެކުލަވާލުމަށް އެކުލަވާލި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރެކެވެ.

މީގެއިތުރުން ހުސެންބެ އަކީ ތައުލީމީ ދާއިރާގެ ތަފާތު އެކިއެކި މަޤާމުތަކާއި އިސްމަޤާމުތައް އަދާކުރައްވައި އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން އީ.ޑީ.ސީ.ގެ އެކިއެކި މަޤާމުތަކާއި، އެޑިޔުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ކަމާއި، ޑެޕިއުޓީ މިނިސްޓަރކަން ކުރައްވާފައިވެއެވެ.

ހުސެންބެ އަކީ މީޑީއާ ނުވަތަ ނޫސްވެރިކަމުގެ ދާއިރާއިން ވެސް ވަރަށް ބޮޑަށް ފާހަގަ ކޮށްލެވޭ ހިދުމަތް ތެރިއެކެވެ. އެގޮތުން ޓީ.ވީ. މޯލްޑިވްސްގެ ޑެޕިއުޓީ ޑިރެކްޓަރ، ޑިރެކްޓަރ އޮފް ޕްރޮގްރާމްސްގެ މަގާމު އަދާކުރައްވާފައިވެއެވެ. އަދި ޓީ.ވީއެމް.ގެ އިސްވެރިޔާގެ މަގާމު ނުވަތަ ޑިރެކްޓަރ ޖެނެރަލްކަމާއި، އެގްޒެކެޓިވް ޑިރެކްޓަރކަން ކުރައްވާފައިވެއެެވެ.

މީގެއިތުރުން، ދިވެހިރާއްޖޭގެ އަޑުގެ ބޭރުގެ ޚަބަރުތައް ލިޔުއްވުމުގެ މަސައްކަތް 1980ގެ އަހަރުތަކުން ފެށިގެން 2000ގެ އަހަރުތަކަށް ކުރައްވާފައިވެއެވެ.

މީޑިއާގެ ދާއިރާ އިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ، ބީ.ބީސީ.ގެ ޚަބަރު އެންމެ އަވަހަށް ދިވެހި ބަހަށް ތަރުޖަމާ ކުރެއްވުން ނުވަތަ އެކަމަށް އެންމެ ކުޅަދާނަ ބޭފުޅާގެ ގޮތުގައި ހުސެންބެ ފާހަގަ ކޮށްލެވުމެވެ. އަދި “ބޭރުދުނިޔެ އިން ކުޅިވަރު" އެއީ ޙުސެންބެ، މުޅިން އަލަށް ރާއްޖޭގެ ނޫސްވެރިކަމަށް ތައާރަފުކުރެއްވި ސޮފުހާއެއް ކަމަށް ދިވެހި ތާރީހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވެއެވެ.

އާފަތިސް ނޫހުގައި ބޭރުގެ ޚަބަރުތައް ލިޔުއްވުމުގެ މަސައްކަތް 1980ގެ އަހަރުތަކުން 2000ގެ އަހަރުތަކުގައި ހުސެންބެ ކުރައްވާފައި ވެއެވެ.

މީގެއިތުރުން، ދުނިޔޭގެ ސިޔާސީ މަސްރަހު ދިރާސާ ކުރެއްވުމުގެ މުފައްކިރެއްގެ ގޮތުގައި 30 އަހަރުގެ ޢިލްމީ ތަޖުރިބާ އަށްފަހު، ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިސް ސަފުގައި ހުސެންބެ ހަރަކާތްތެރި ވެވަޑައިގަންނަވަން ފެއްޓެވީ 2005ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަރިއަތޮޅު އުތުރުބުރީގެ ގޮނޑި ކާމިޔާބު ކުރެއްވި ހިސާބުންނެވެ.

ހުސެންބެ އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށި. آمين

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް