ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް އެލަވަންސް ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދީފި
31 އޯގަސްޓު 2020 | ހޯމަ 10:00އެލަވަންސް ދިނުމުގެ މަސައްކަތްތައް މިހާރު ވެސް ކުރިއަށްދޭ


އައިޖީއެމްއެޗް
ކޮވިޑް-19ގެ ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް ސަރުކާރުން ދޭން ނިންމާފައިވާ ޚާއްސަ އެލަވަންސް ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދީފިއެވެ.
ރާއްޖެޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް އެލަވަންސް ދިނުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
ވެރިފިކޭޝަން ޕްރޮސެސްއަށް ކުރުމުގައި ލަސްތަކެއް އުޅޭކަން ފާހަގަކުރައްވައި މިނިސްޓަރު އަމީރު ވިދާޅުވީ އެ މަސައްކަތް ވެސް އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތްތައް ކުރާ ކަމަށެވެ. އަދި ވިދާޅުވީ އެލަވަންސް ދިނުމުގައި އަމަލު ކުރަނީ ކަނޑައަޅާފައިވާ އުސޫލާ ގަވާއިދާ އެއްގޮތަށް ކަމަށެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ މިހާރު ވެސް އެލަވަންސް ނުދެވި ހުރި ފަރާތްތަކަށް އެލަވަންސް ވަރަށް އަވަހަށް ދެވިގެންދާނެ ކަަމަށެވެ. އަދި އެލަވަންސް ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.
ފްރޮންޓްލައިން މަސައްކަތް ކުރާ މީހުންނަށް ޚާއްސަ އެލެވަންސެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނިންމެވިކަން އިއުލާނުކުރެއްވީ މެއި މަހުގެ 7 ވަނަ ދުވަހުއެވެ.
ކޮވިޑާ ދެކޮޅަށް ކުރީ ސަފުގައި މަސައްކަތްކުރާ ފަރާތްތަައް ތިން ގިންތިއަކަށް ބަހާލައިގެން ފްރޮންޓްލައިން އެލަވަންސް މިހާރު ދޭން ފަށާފައިވާއިރު މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ފްރަންޓްލައިން އެލަވަންސް ޖުމްލަ 1045 މީހަކަށް ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތުދެއެވެ.






