ކ. މާލެ
|
29 އޯގަސްޓް 2020 | ހޮނިހިރު 14:06
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް - ރާއްޖޭގެ ބިން ބޭރު މީހުންނަށް ވިއްކުމާ އަބަދުވެސް ދެކޮޅު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް - ރާއްޖޭގެ ބިން ބޭރު މީހުންނަށް ވިއްކުމާ އަބަދުވެސް ދެކޮޅު
ރައީސް އޮފީސް
ބޭރު މީހުންނަށް ރާއްޖެ ވިއްކުން
ރާއްޖޭގެ ބައިބައި ވިއްކަން އުޅުއްވީ ޔާމީން – އެކަން ހުއްޓުވީ ސޯލިހް
 
ރައީސް ޔާމީން ވިދާޅުވަމުން ދިޔައީ ފ.އަތޮޅު ބައިނަލް އަގްވާމީ ވަކި ބައްރަކަށް ވާނެ ކަމުގައި
 
ބިލު ފާސްވިތާ 24 ގަޑީއިރު ތެރޭ ރައީސް ޔާމީން ވަނީ ބިލް ތަސްދީގު ކުރައްވާފައި
 
ބޭރުމީހުންނަށް ބިން މިލްކު ކުރެވޭ ބިލު މަޖިލިހަށް ހުށަހެޅުއްވީ އޭރުގެ ޕީޕީއެމް ޕީޖީ ލީޑަރު ނިހާން

ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 251 ވަނަ މާއްދާގައި "ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށެއް ނުދެވޭނެ އެވެ" މިހެން އޮވެއެވެ. މިކަން މިހެން އޮތް އޮތުން ބަދަލުކޮށް ރާއްޖޭގެ ސަރަހައްދުން ބޭރު މީހުންނަށް ބިން މިލްކް ކުރެވޭ ގޮތް ހެއްދެވީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަމާމެދު ޝައްކެއްނެތެވެ.

ބޭރު މީހުންނަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތައް ޔާމީންގެ ވެރިކަމުގައި ގާނޫނު އަސާސީއަށް ގެނައި ބަދަލު ބާތިލް ކުރައްވާނެ ކަމަށް ވެރިކަމަށް ވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ކެމްޕޭންގައި ގެންދެވީ ވިދާޅުވަމުންނެވެ. ބިން ވިއްކާ އިސްލާހް ގެންނަން ރައްޔިތުންގެ މަޖިލީހުގައި އޮތް ޕީޕީއެމްގެ ސުޕަރ މެޖޯރިޓީގެ ނާޖާއިޒް ބޭނުން ހިފައިގެން މަސައްކަތް ކުރިއިރު، އޭރު ހިންނަވަރު ދާއިރާގެ މެމްބަރުގެ ގޮތުގައި މަޖިލީހުގައި އިންނެވި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެންދެވީ އޭރުވެސް އެކަމާ ދެކޮޅު ހައްދަވަމުންނެވެ.

އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ ބިން ބޭރުމީހުންނަށް މިލްކް ކުރެވޭ ގޮތައް ގާނޫނު އަސާސީ އަށް ބަދަލު ގެނައީ ފައިސާގެ ދަހިވެތި ކަމުގައެވެ. އެއީ ހޯދުނު ގޮތަކަށް ފައިސާ ހޯދުން ހުއްދަ ވެފައި އޮތް ދުވަސްވަރެވެ. ހަރުއަޑުން ވެރިކަމުގައި ހުންނެވި ރައީސް ޔާމީން ގެންދެވީ ހޯދުނު ގޮތަކަށް ފައިސާ ހޯދުމަށާއި، ހަރާމެއް ހަލާލެއް ނުބަލާ ފައިސާ ހޯދުމަށް މީހުންނަށް ހިތްވަރު ދެމުންނެވެ.

ރައީސް ޔާމީންގެ ޕްލޭނަކީ ރާއްޖޭގައި ބިން ހިއްކައިގެން އެއް ބިލިއަން ޑޮލަރު އިންވެސްޓްކުރާ ފަރާތްތަކަށް ބިމުން ބައެއް މިލްކު ކުރެވޭ ގޮތަށް ހެދުމެވެ. ކޮންމެ އަކަސް ގާނޫނު އަސާސީ ބަދަލު ނުކޮށް މިކަން ވާން ނެތުމުން ބިލެއް ތައްޔާރުކޮށް މަޖިލީހަށް ވެއްދީއެވެ. އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ މިހާރު ބޭރު މީހުންނަށް ގައުމު ވިއްކާލާފާނެއަތީ ބިރުން މިއުޅޭ ރައީސް ޔާމީންގެ ޕީޕީއެމްގެ އޭރުގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކެވެ. ރައީސް ޔާމީންގެ އޯޑަރަށް ހަރަކާތްތެރިވަމުން އައި 18 ވަނަ މަޖިލީހުން އެ ބަދަލު ފާސްވީ ބޮޑު އަޣުލަބިއްޔަތަކުންނެވެ. ޖުލައި 22، 2015 ގައި މި ބަދަލު ގެންނަން ފާސްކުރީ 70 މެމްބަރުންގެ ވޯޓުންނެވެ. ދެކޮޅު ހެއްދެވީ އެންމެ 14 މެމްބަރުންނެވެ.

ބޭރު މީހުންނަށް ރާއްޖޭގެ ބައިތައް ވިއްކުމަށް ޝައުގުވެރިކަން ރައީސް ޔާމީން ހުރި މިންވަރަކީ ރައްޔިތުންގެ މަޖިލީހުން ބިލް ފާސް ކުރި ދުވަސް ނޫން އަނެއް ދުވަހު އެ ބިލް ތަސްދީގުކޮށް އަމަލު ކުރަން ފެށުމެވެ.

ރައީސް ޔާމީންގެ ސަރުކާރުން ފ.އަތޮޅު ވިއްކާލުމަށް ރޭވި ރޭވުމާއި ދެކޮޅަށް އޭރު ކުރި މުޒާހަރާގެ ތެރެއިން

ރައީސް ޔާމީންގެ ޕްލޭންގައި އޮތް ގޮތައް ކަންކަން ދިޔަ ނަމަ ބޭރު މީހުން މިހާރު ތިބީހީ މިރާއްޖޭން ބިން ގަނެ މިލްކް ކޮށްގެން ކުދި ކުދި ގައުމުތަކެއް މި ގައުމުގެ ތެރޭގައި އުފައްދައިގެންނެވެ. އެކަން އެހެން ހިނގާނެ ކަން އެނގެނީ ޚުދު ރައީސް ޔާމީން ދައްކަވާފައިވާ ވާހަކަފުޅު ތަކުންނެވެ. ފ.އަތޮޅު ވިއްކާލުމަށް ރޭވި ރޭވުން މުޅިން ކާމިޔާބު ނުވުމުގެ ފޫހިކަމުގައި ހުންނަވާ ށ، ފުނަދޫ ގައި ޖުލައި، 02، 2018 ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ފ.އަތޮޅު "ބައިނަލްއަގުވާމީ ވަކި ބައްރެއްގެ ގޮތަށް ތަރައްގީ ކުރަން ހިޔާލުކޮށްފައި ހުރިހާ ކަމެއް ނިންމާފައި އޮތީ" ކަމުގައެވެ.

ބޭރު މީހުންނަށް ރާއްޖޭން ބިން މިލްކް ކުރެވޭ ގޮތައް ގާނޫނު އަސާސީ ބަދަލު ކުރުމަށްފަހު މީހުން އެކަމަށް ފާޑު ކިޔަން ފެށުމުން އެކަން ދިފާއު ކޮށް އެކަމަށް ރައްދު ދެމުން ގެންދިޔައީ ވެސް މިއަދު ގައުމު ވިއްކާލަފާނެއަތީ ބިރުން މިއުޅޭ ޕީޕީއެމް އަށް ނިސްބްތްވާ މެމްބަރުންނެވެ. ބޭރުގެ ފަރާތްތަކަށް ބިން މިލްކް ކުރެވޭ ގޮތަށް އޮތް އޮތުން ދިފާއު ކުރައްވައި ޕީޕީއެމް މެމްބަރުން ބުނަމުން ދިޔައީ ދުނިޔޭގެ އެހެން ގައުމުތައް ވެސް ތަރައްގީ ވެގެން ގޮސްފައި ވަނީ މި އުސޫލުން ބިން މިލްކު ކުރެވޭ ގޮތަށް އެ ގައުމުތަކުގައި ވެސް އޮންނާތީ ކަމަށެވެ.

ރައީސް ޔާމީން ރައްޔިތުންނަށް ވިސްނައި ދެމުން ދިއައީ ބޭރު މީހުންނަށް ގައުމުގެ ބައިތައް ވިއްކާލުމަކީ "އޯކޭ" ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ދައުލަތާއި ރައްޔިތުންނަށް މުއްސަނދިކަން ލިބި އެކަމުން ވަޒީފާގެ ފުރުސަތުތައް ހުޅުވިގެން ދާނެ ކަމުގައެވެ.

ރައީސް ޔާމީންގެ ސަރުކާރުން ފ.އަތޮޅު ވިއްކާލުމަށް ރޭވި ރޭވުމާއި ދެކޮޅަށް އޭރު ކުރި މުޒާހަރާގެ ތެރެއިން

އަޑުތައް އިވިފައިވާ ގޮތުގައި، ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ފ.އަތޮޅު ވިއްކާލުމަށް ރައީސް ޔާމީން ހިންގި ޕްލޭންގެ ދަށުން ގާނޫނު އަސާސީ ބަދަލު ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތު ދިނުމާއި، ބައެއް މެމްބަރުންނާ އެކު ޑީލްތައް ހެދުންތައް ފަދަ ކަންކަން ވެސް އޮތީ ހިންގާފައެވެ. ރާއްޖޭގެ ބިން ބޭރުގެ ބަޔަކަށް މިލްކު ކުރެވޭ ގޮތައް ގާނޫނޫ އަސާސީ އަށް ބަދަލު ގެނެސް ހިންގަން އުޅުނު ޕްލޭން ކާމިޔާބު ނުވީ ރައްޔިތުން އެކަމާ ދެކޮޅު ހަދާ ސިޔާސީ ފިއްތުން އިތުރުވުމުގެ ސަބަބުންނެވެ.

ރާއްޖޭގެ މިނިވަންކަމާ ސިޔާދަތު ބޭރުމީހުންގެ އަތްމައްޗަށް މަދު ފައިސާކޮޅަކަށް ވިއްކާލައްވަން އޭރުގެ ރައީސް އަބްދުﷲ ޔާމީން ނިންމެވި ނިންމެވުން ތަންފީޒް ކުރެވޭ ގޮތް ނުވެ އުޅެނިކޮށް ރައީސް ޔާމީންގެ އަނިޔާވެރި ވެރިކަން ވެއްޓި ގައުމު އަމާން ބަނދަރަކަށް ގެންދެވުމަށް ގައުމުގެ ހުންގާން އިބްރާހިމް މުހައްމަދު ސޯލިހްގެ އަތްޕުޅުގެ މައްޗަށް އެރުމާއެކު އެންމެ ފުރަތަމަވެސް ސޯލިހް ކުރެއްވި އެއް ކަމަކީ ބޭރު މީހުންނަށް ބިން މިލްކް ކުރެވޭ ގޮތައް އޮތް އޮތުން ނިމުމަކަށް ގެންނެވުމެވެ. މިއީ ތާރީޚުގައި މިކަން ލިޔެވިފައި އޮތް ގޮތެވެ. ޔާމީން އުޅުއްވީ ގައުމުގެ ބައިބައި ބޭރު މީހުންނަށް ވިއްކާށެވެ. ރައީސް ސޯލިހް ކުރެއްވި ކަމަކީ އެކަން އެގޮތައް ވިޔަ ނުދިނުމެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
70%
4%
15%
7%
4%
ކޮމެންޓް