ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތުގެ ތެރެއިން މިހާރު ބޮޑަށް ބަލަނީ ކްލޯސް ކޮންޓެކްޓުންނަށް: އެޗްއީއޯސީ
16 އޯގަސްޓު 2020 | އާދީއްތަ 10:19ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި މިހާރު ބަލަނީ ޕޮޒިޓިވްވާ ކޭސްއާ ބައްދަލުވެފައިވާ މީހެއް


އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް
ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތުގެ ތެރެއިން މިހާރު ބޮޑަށް ބަލަނީ ޑައިރެކްޓް ކޮންޓެކްޓުންނަށްވުރެ ބޮޑަށް ކްލޯސް ކޮންޓެކްޓުންނަށް ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ން ބުނެފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ޑައިރެކްޓް ކޮންޓެކްޓުންނާއި، ކްލޯސް ކޮންޓެކްޓުން ބައެއް ފަރާތްތަށް އޮޅޭ ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި މިހާރު ބަލަނީ ޕޮޒިޓިވްވާ ކޭސްއާ ބައްދަލުވެފައިވާ މީހެއް ކަމަށެވެ. ކްލޯސް ކޮންޓެކްޓުންގެ ގޮތުގައި ބަލާނީ ޕޮޒިޓިވްވި ކޭސްއާ ބައްދަލުވެ 15 މިނެޓްއަށްވުރެ ގިނައިރު މާސްކް އެޅުމެއްނެތި އެއްކޮށް ގިނައިރު ހޭދަކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ. އެގޮތުން ޑައިރެކްޓް ކޮންޓެކްޓާއި ކްލޯސް ކޮންޓެކްޓުން ކަނޑައެޅުގައި ވަކި ކަންތައްތަކެއް އެޗްޕީއޭއިން ބަލާކަން ޑރ. އަފްޒަލް ފާހަގަކުރެއްވިއެވެ.
ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާ މިދަނޑިވަޅުގައި އެޗްއީއޯސީގެ ޓީމުން ޚާއްސަ އިސްކަމެއްދީގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރިއަށް ގެންދެއެވެ. މި މަސައްކަތުގައި އިތުރު މީހުން ބޭނުންވާ ހާލަތްތަކުގައި އިތުރު މީހުން ހޯދައިގެން ވެސް މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށް އެޗްއީއޯސީން ބުނެއެވެ.
ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށް އާންމު ރައްޔިތުންގެ އެއްބާރުލުން ދިނުމަށާއި، ތެދު މައުލޫމާތު ހިއްސާކޮށްދިނުމަށް އެޗްއީއޯސީން އެދެއެވެ.







