ކ. މާލެ
|
9 އޯގަސްޓް 2020 | އާދީއްތަ 17:31
ރަސްފަންނުގައި ހެދި ޕެވީލިއަން، އެތަން ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި
ރަސްފަންނުގައި ހެދި ޕެވީލިއަން، އެތަން ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި
އަމްނާ އިމާދު
ރަސްފަންނު ޕެވީލިއަން ވީރާނާވުން
މައްސަލަ ކޯޓުގައި، ތަން ވީރާނާވެ އިސްރާފަކަށް ވަނީ!
 
މައްސަލަ ކޯޓުގައި ހިނގަމުންދާތީވެ އެއްވެސް މަސައްކަތެއް ކުރެވޭކަށް ނެތް
 
ޕެވީލިއަނަށް މުޅި ޖުމްލަ 13.9 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވޭ
 
ޕެވީލިއަން އެއްކޮށް ހުސްކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހު

މާލެ ސިޓީގެ ހުޅަނގު ފަރާތުގައި ތަރައްގީކޮށްފައިވާ ރަސްފަންނު ޕެވީލިއަންއަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ޚަރަދެއް ކޮށްގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގާއިމުކޮށްފައިވާ ތަނެކެވެ. އާންމު ރައްޔިތުން މޫދަށް އެރުމަށް ހާއްސަކޮށް ހަދާފައިވާ ރަސްފަންނުގައި ރެސްޓޯރެންޓްގެ ޚިދުމަތް ދިނުމަށް ޕެވީލިއަން ގާއިމުކުރާތީ އޭރު ބައެއް މީހުން ފާޑުވެސް ކިޔެއެވެ.

އެކަމަކު އެތަން ތަރައްގީކޮށް އާންމުންނަށް ޚިދުމަތް ދޭން ފެށުމުން ގިނަ ބައެއްގެ މެދުގައި މަގުބޫލު ތަނަކަށް ޕެވީލިއަން ވެގެންދިޔައެވެ. ސަބަބުތަކެއް ވެސް ނެތިއެއް ނޫނެއެވެ. ކާރުބާރު ބޮޑު މާލެ ސިޓީގައި ޕެވީލިއަން ގާއިމުކޮށްފައި ހުރީ ހިތްގައިމު ސަރަހައްދެއްގައި ކަމަށްވާތީއެވެ. ބޯ ހަމަޖައްސާލާ ކޮފީ ބުއިމަށް ޒުވާނުން ދާން އެންމެ މަގުބޫލު އެއް މަންޒިލަކަށް ޕެވީލިއަންގައި ހުރި ރެސްޓޯރަންޓުތަކާއި ކެފޭތައް ވެގެން ދިޔައެވެ.

ނަމަވެސް މިއަދު އެތަނުން ފެންނަ މަންޒަރު ތަފާތެވެ. މިއަދު އެތަން ހުރި ފަޅަށެވެ. ތަނުގައި ހުރި ވިޔަފާރިތައް ބަންދުކޮށްފައެވެ. މާލޭގައި ހިންދެމިލާނެ ތަނެއް ނުލިބިތިއްބައި ލިބުނު ރީތި "ވިއު" މިއަދު ބެލޭނެ ގޮތެއް ނެތެވެ. ވިއު ބަލާ ޕެވީލިއަން ހުރީ ވީރާނާވާން ދޫކޮށްލާފައެވެ.

ޕެވީލިއަންގެ އެތެރޭގައި ހަދާފައިވާ ރެސްޓައުރެންޓެއް، ކަބަޑުތައް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލާފައި

ބައިނަލްއަގުވާމީ ފުޑް ބްރޭންޑްތަކުގެ ރެސްޓޯރެންޓްތައް ހިންގުމަށް ހާއްސަކުރި ޕެވީލިއަން އެއްކޮށް ހުސްކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށް އައިރު އެތަން މިހާރު ވަނީ ގޮނޑަކަށްވެފައެވެ. ވަށައިގެން ޖަހާފައިވާ ފެންސުތައް ފީވެ، ފެންސުގެ ބައިބައި ވަނީ ނެއްޓެން ފަށާފައެވެ. ކަރަންޓް ޕެނަލްގައި ހުރި ކޭބަލްތައް ވަނީ ބުރިކޮށްލާފައެވެ. އަޅާފައިވާ ޓެގްތައް ފީވެ ހަލާކުވެފައިވާއިރު، މިހާރު އެތަނަށް ވަނުމަކީ އެއްވެސް ގޮތަކަށް ރައްކާތެރި ކަމެއް ނޫނެވެ.

އަޅާފައިވާ ޓެގްތައް ހަލާކުވެފައި. އެތަނަށް ވަނުމަކީ މިހާރު ރައްކާތެރި ގޮތެއް ނޫން

ބިއްލޫރިތައް ތަޅައިގެން ގޮސް ފުރާޅުންވެސް ބޮޑު ބައެއް ވަނީ ވެއްޓިފައެވެ. ޕެވީލިއަންއަށް އެއްވެސް ބަޔަކަށް ނުވަދެވޭނެހެން އެތަން ވަށާ ޓޭޕް ދަމާފައިހުރި ނަމަވެސް، އެތަން ކޮންމެވެސް ބަޔަކު ބޭނުންކުރާކަން އެނގެއެވެ. އެތަނުގެ ތެރޭގައި ސިނގެރޭޓާއި ތަފާތު އެކު ބުއިންތައް ބުއިމަށްފަހު، އުކާލާފައި ހުރި ކުނިބުނި ބައިވަރެވެ. ބައެއް މީހުން އެތަނުގެ އެތެރޭގައި ދިރިއުޅެފައިވާކަމުގެ ނިޝާންތައް ވެސް ފެންނަން ހުއްޓެވެ.

ޕެވީލިއަންގެ ފުރަތަމަ ފަންގިފިލާގައި މީހަކު އެއްޗެހި ހިއްކަން އަޅަނީ، އެތަނުގައި މީހުން ދިރިއުޅޭކަމުގެ ނިޝާންތައް ފެންނަން އެބަހުރި

ޕެވީލިއަން ހިންގަމުންދަނީ ކޮންބައެއް؟

ކުރީގެ ހައުސިންގ މިނިސްޓްރީން ޕެވީލިއަން ހިންގުމަށް ހަވާލުކުރީ މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއެވެ. އެމްޑަބްލިއުއެސްސީން އެތަން ހަވާލުކޮށްފައިވަނީ ސިބްކޯ ކުންފުންޏާއެވެ. އެއީ މަހަކު 250،000 (ދެލައްކަ ފަންސާސްހާސް) ރުފިޔާ ދައްކާ ގޮތަށެވެ. އެކަމަކު ސިބްކޯއަށް އެތަނުން އެކަށީގެންވާ ވަރަށް ވިޔަފާރިނުވާ ކަމަށް ބުނެ ހަ މަސްދުވަހުގެ ކުލި އެމްޑަބްލިއުއެސްސީއަށް ދައްކާފައިނުވާ ކަމަށް މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވަނީ ވިދާޅުވެފައެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު, ސްކައިޕް މެދުވެރިކޮށް ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ސިބްކޯ އަކީ، ޔާމީންގެ ސަރުކާރުގެ ވެރިންނާ ގާތް ގުޅުމެއް އޮތް މުހައްމަދު ޝަވީދުގެ ހިއްސާ ވެސް އޮންނަ ކުންފުންޏެކެވެ. މި މައްސަލަ އިތުރަށް ތަފުސީލު ކޮށްދެއްވާ ޝާހު ވިދާޅުވީ ސިބްކޯއަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން އެމްޑަބްލިއުއެސްސީގެ ފަރާތުން ލިބިފައިނުވާ ކަމަށް އެކުންފުނިން ތުހުމަތު ކުރަމުންދާ ކަމަށެވެ.

އެގޮތުން މޯލްޑިވްސް ޑްރަގު އޮތޯރިޓީން ލިބެންޖެހޭ ބައެއް ހުއްދަތައް ސިބްކޯއަށް ލިބިފައިނުވާ ކަމަށާއި، ހުއްދަ ނުލިބުމުގެ ސަބަބުން އެފަރާތުން ކުއްޔަށްދޭ ބައިނަލްއަގުވާމީ ބްރޭންޑްތަކުގެ ތަންތަނަށް މައްސަލަތަކެއް ކުރިމަތިވިކަން ޝާހު ފާހަގަކުރެއްވިއެވެ.

ޕެވީލިއަންގައި އިތުރު ރެސްޓައުރެންޓެއް ހިންގަންޖެހޭނަމަ ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހޭނެ

ޕެވީލިއަންގެ މައްސަލަ އޮތީ ކޯޓުގައި!

އެމްޑަބްލިއުއެސްސީއަށް ލިބެންވާ ކުލި ނުލިބި ދެފަރާތުގެ މަޝްވަރާތަކުން ހައްލުވެސް ނުލިބިގެން އެމްޑަބްލިއުއެސްސީން މި މައްސަލަ ސިވިލް ކޯޓަށް ވެއްދިއެވެ. އަދި ސިވިލް ކޯޓުން ވަނީ ސިބްކޯއާ އެމްޑަބްލިއުއެސްސީއާ ދެމެދު ހަދާފައިވާ އެއްބަސްވުން އެއްކޮށް ހުއްޓާލުމަށް ހުކުމް ކޮށްފައެވެ. ސިވިލް ކޯޓުގެ ހުކުމް، ސިބްކޯއިން ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

ހައި ކޯޓުގައި މައްސަލަ ހިނގަމުންދާތީ އެތަނަކަށް ކުރެވޭނެ އެއް ކަމެއްވެސް ނެތެވެ. އެތަނުގެ ވެރިފަރާތުގެ ހައިސިއްޔަތުން އެމްޑަބްލިއުއެސްސީ އާއި، ކުއްޔަށް ހިފާފައިވާ ފަރާތުގެ ހައިސިއްޔަތުން ސިބްކޯ ވެސް ހިމެނޭ ގޮތަށެވެ. ފާއިތުވެގެންދާ ކޮންމެ ދުވަހަކު އެތަނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާއިރު، ކުރެވޭނެ ހަމަ އެއް ކަމެއް ވެސް ނެތެވެ.

ޕެވީލިއަންގެ ސީލިންގް ބައިތައް ހަލާކުވެ، ފުރާޅުވެސް ވަނީ ނެއްޓިފައި

މި މައްސަލައާ ގުޅޭ ގޮތުން ޝާހު ވިދާޅުވީ ތަނުގެ ތެރޭގައި ހަދާފައި ހުރި ބައެއް ތަންތަން ވީރާނާވެގެން ދިޔަ ނަމަވެސް އެތަނުގެ ސްޓަރަކްޗަރ ކުރީ ރަނގަޅަށް ކަމަށެވެ. އިތުރަށް ވިދާޅުވީ ކޯޓުގެ މަރުހަލާ ނިމި، ދެން އެތަން ބަޔަކާ ހަވާލުކުރާނީ ދެ ފަރާތަށް ފައިދާވާ ގޮތަށް ބެލުމަށްފަހު ކަމަށާއި، އެއްބަސްވުމަށް ބަދަލުތަކެއް ގެންނާނެ ކަމަށެވެ.

މައްސަލަ ކޯޓުގައި ކުރިއަށް ދިޔަ ނަމަވެސް، އަދިވެސް ޕެވީލިއަންގެ މައްސަލަ މަޝްވަރާކޮށްގެން ހައްލު ކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށް ޝާހު ވިދާޅުވިއެވެ. މި މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ޑިސްޕިއުޓް ރިސޮލިއުޝަން މަރުހަލާގައި މަޝްވަރާކޮށްގެން އެކަށީގެންވާ ވަރުގެ ހައްލެއް ނުލިބުމުންނެވެ.

ޕެވީލިއަންގެ ސިޑި، މިތަން ވެސް ވަނީ ވަރަށް ބޮޑަށް ފީވެފައި

މާޒިޔާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ހަދާފައިވާ ޕެވީލިއަންގައި އެންމެ ތިރީ ބުރީގައި ފަސް ފާޚާނާ ބަރި އާއި، މޫދަށް އެރޭ މީހުން ފެންވަރާނެ ތަނެއްގެ އިތުރުން، ލުއި ކާނާ ފަދަ ތަކެތި ވިއްކާ ފިހާރައެއްވެސް ހަދަން ޖެހެއެވެ. އެކަމަކު މިތަންތަން ހަދާފައެއް ނުވެއެވެ. އެހެންކަމުން ކޯޓުން މައްސަލަ ނިންމާ ދެވަނަ ފަހަރަށް ޕެވީލިއަން ބަޔަކާ ހަވާލުކުރާއިރު، މިތަންތަން ހަދަން ހަވާލުކޮށް އެއްބަސްވުމަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އެމްޑަބްލިއުއެސްސީން ބުނެފައިވަނީ ޕެވީލިއަން ހަދަން އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން 4.3 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ. އެގޮތުން މަސައްކަތުގެ އަގާއެކު ޕެވީލިއަނަށް މުޅި ޖުމްލަ 13.9 މިލިޔަން ރުފިޔާ ޚަރަދުކުރިކަން، ފެންނަން ހުރި ރިކޯޑުތަކުން ދައްކައެވެ. އެކަމަކު ހިތާމައަކީ ބޮޑު ހޭދައެއް ކޮށްގެން ތަރައްގީ ކުރި ޕެވީލިއަން މިހާރު ވީރާނާވާން ދޫކޮށްލާފައި އޮތުމެވެ.

ޕެވީލިއަންގެ ތިންވަނަ ފަންގިފިލާ، މިތަން ވަނީ މިހާރު ކުނިގޮނޑަކަށް ހަދާފައި

2018 ވަނަ އަހަރު ހުޅުވި ތިން ބުރީގެ ޕެވީލިއަންގައި އަލުން ރެސްޓޯރެންޓެއް ހިންގާ ކަމަށް ވަނީނަމަ، އެތަން ބޮޑު ޚަރަދެއް ކޮށްގެން މަރާމާތު ކުރަންޖެހޭނެއެވެ. އެކަމަކު އެ ތަނުގައި އަލުން މަސައްކަތް ފެށޭނެ ދުވަހެއް ނޭނގެއެވެ. ރައްޔިތުންގެ ފައިސާއިން ބޮޑު ޚަރަދެއްކޮށްފައިވާ ތަނެއް މިހެން ދޫކޮށްލުމަކީ ރައްޔިތުންނަށް ދެވޭނެ ވަރަށް ބޮޑު އަނިޔާއެކެވެ!

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
11%
6%
6%
56%
11%
11%
ކޮމެންޓް
10 އޯގަސްޓް 2020 | ހޯމަ 22:14
ކިޔާ މީހާ
ކޯޓުގަ މަައްސަލަ އޮވެގެން ގޮތެއް ނުހެދޭ ވާހަކަ އެތައް ފަހަރެއްގެ މަތިން ލިޔެފަ އެންމެ ފަހުން ތި ޖަހާލީ މައްސަލަ އަކީ އަޅާ ނުލާ ދޫކޮއްލާތީ އޭ!! ކޮބާތަ ތި ލިޔަން އުޅޭ އެއްޗެެއްގެ މަގުސަދަކީ؟؟
10 އޯގަސްޓް 2020 | ހޯމަ 15:19
ފާރިހަތު ޖަލީލު
ފާރިދެކޭގޮތުގައި މިކަހަލަ ކަންކަން ކުރަންވާނީ އިޤްތިޞާދަށް ގެއްލުން ނުވާގޮތަށް!