މަގުމަތިން ވެރިކަން ވައްޓާލުމުގެ ފުރުސަތު ލިބުނު، ނަމަވެސް އެމްޑީޕީން އެގޮތަށް ކަންތަކެއް ނުކުރާނެ: ރައީސް ނަޝީދު
30 ޖުލައި 2020 | ބުރާސްފަތި 12:10އެމްޑީޕީގެ ސަރުކާރެއް އޮތުމަކީ ދިވެހިންނަށް ލިބުނު ނިއުމަތެއް


އެމްޑީޕީގެ ސަޕޯޓަރުންނާއި އެކު ރައީސް ނަޝީދު އުފާފާޅު ކުރައްވަނީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ މަގުމަތިން ވެރިކަން ވައްޓާލަން ތާއީދު ކުރާނެ ޕާޓީއެއް ނުކުރާނެ ކަމަށާއި، އެފުރުސަތު ލިބިވެސް ދޫކޮށްފައިވާ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހުގެ ރޭ އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ 2007 ވަނަ އަހަރު ދެފަހަރަށް 2012 އާއި 2018 އާ ދެމެދު އެ ދިޔަ އަހަރުތަކުގައި މަގުމަތިން ސަރުކާރު ބަދަލު ކުރުމުގެ ފުރުސަތު އެމްޑީޕީއަށް ލިބިގެން ދިޔަ ކަމަށެވެ. ނަމަވެސް އެއީ އެމްޑީޕީ އެދޭ ގޮތެއް ނޫން ކަމަށާއި، އެ ފުރުސަތުތައް ލިބުނު ކަމުގައި ވިޔަސް އެގޮތަށް އަމަލު ނުކުރާނެ ކަމަށެވެ.
މިހާރު އެމްޑީޕީގެ ސަރުކާރެއް އޮތުމަކީ ދިވެހިންނަށް ލިބުނު ނިއުމަތެއްކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އިގްތިސާދީ ގޮތުން ދަތިވި ނަމަވެސް ހުރިހާ ރައްޔިތުން ޖީބަށް އިތުރަށް ފައިސާ ލިބޭނެ ގޮތްތައް ހޯދައިދޭނެ ކަމަށެވެ. މީގެ އިތުރުން ބޯހިޔާވަހިކަން، މަތީ ތައުލީމާއި، ސްކޫލު، ބޭސްފަރުވާ ދަތުރުފަތުރު، ވާޒީފާގެ ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެއްވެ އުޅުމުގެ މިނިވަންކަން ގާނޫނަށް އިސްލާހު ގެނައުން ވެސް އެޖެންޑާގައި ވާގޮތަށް ކުރިއަށްދާނެ ކަމަށާއި، ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަން ތާއީދު ކުރާ ކަމަށެވެ. ނަމަވެސް މަގުމަތިން ސަރުކާރު ވައްޓާލާކަށް ތާއީދު ނުކުރާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މި ފަސް އަހަރުގެ ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދާ ރައްޔިތުންނަށް ފަސޭހަ ފުއްދުންތެރި ދިރިއުޅުމެއް ހޯދައިދޭނެ ކަމަށެވެ.








