މީގެ ޒަމާންތަކެއް ކުރިއެވެ. ވޯރާ ވިޔަފާރިވެރިންގެ ސަބަބުން ދިވެހިންގެ ބިމުގައި ދިވެހިންގެ ވިޔަފާރިތައް ގެއްލިގެން ދިޔައެވެ. ގިނަ ވިޔަފާރިތައް ކޮންޓްރޯލްކޮށް, ވޯރާއިން ބުނާ ގޮތް ދިވެހި ވިޔަފާރިވެރިންނަށް ހަދަން މަޖުބޫރުވިއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވޯރާއިން ދިވެހިންގެ ބިމުގައި ގަދަވެ، ދިވެހިންނަށް އަމުރު ހިންގަން ފެށިއިރު ފުރަތަމަ ވޯރާ ވިޔަފާރިވެރިން ރާއްޖެ އަންނަން ފެށީ ވިޔަފާރި ކޮށްލުމަށްފަހު ފުރައިގެން ދާ ގޮތަށެވެ.
މިހެން ފެށި ވިޔަފާރިއެއް ފުޅާވެ 1857 ވަނަ އަހަރުގެ ތެރޭގައި ވޯރާ ވިޔަފާރިވެރިންނަށް މާލޭގައި ވިޔަފާރިކުރުމަށް ތިބުމުގެ ހުއްދަ އައްސުލްތާން މުހައްމަދު ޢިމާދުއްދީން (4) ދެއްވިއެވެ. ނަމަވެސް އެ ޒަމާނުގައި ދިވެހިންގެ ބޯމައްޗަށް ބަނަވަމުންދަނީ ކިހައި ބޮޑު ވިލާގަނޑެއް ކަމަށް ދިވެހިންނާއި، އޭރުގެ އިސްވެރިންނަށް ނުވިސްނުނެވެ.
މާލޭގައި ތިބެގެން ވިޔަފާރި ކުރުމުގެ ހުއްދަ ދެވުނުތާ 30 އަހަރު ނުވަނީސް، މުޅި ދިވެހި ބާޒާރު އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނައެވެ. މުދާތަކުގެ އަގު ކޮންޓްރޯލް ކުރާ ބަޔަކީ ވޯރާއިންކަމުގައި ވެއްޖެއެވެ. މާގިނަ ދުވަހެއް ނުވަނީސް ފާޅުގައި ދިވެހި ދައުލަތުގެ އިގްތިސާދީ ސިޔާސަތަށް ފާޑު ކިޔައި، ދެކޮޅު ހަދަން ފެށިއެވެ. ނަމަވެސް އެޒަމާނުގައި އިސްބޭފުޅުން އެމީހުންނާ ދެކޮޅަށް ތެދުވެ ބަސްބުނަން ޖެހެލުންވިއެވެ.
ސަބަބަކީ ވޯރާއިން ހިންގާ ބައެއް ވިޔަފާރިތަކުގައި އެ ބޭފުޅުންގެ އަމިއްލަ މަސްލަހަތު އެކުލެވޭތީއެވެ. އަދި ބައެއް ބޭފުޅުން ހަނު ތިބީ ވޯރާއިންގެ ފަރާތުން ލިބެމުންދިޔަ އަމިއްލަ ފައިދާއަށެވެ. ނަތީޖާއަކަށްވީ ވޯރާއިންގެ ނުފޫޒުގައި 105 އަހަރުގެ ދިގު މުއްދަތަކަށް ދިވެހިން އެ ތަކުލީފުތައް އުފުލަން ޖެހުމެވެ.
މި ތަކުލީފުތަކުން ދިވެހި ދައުލަތާއި، އާންމު ރައްޔިތުން ސަލާމަތް ކުރީ ބުރަބޮޑު މަސައްކަތްތަކަކުންނެވެ. އެގޮތުން ވޯރާއިން ރާއްޖެއިން ފައްސާލުމަށް 15 ރަމަޟާން 1376 ގައި ރައްޔިތުންގެ މަޖިލީހުން އެކްސްޕޯޓް އިމްޕޯޓް ލައިސަންސް ނެތް ބިދޭސީ ވިޔަފާރިވެރިން އެ އަހަރުގެ މުހައްރަމް މަހުގެ ތެރޭގައި ރާއްޖެއިން ފޮނުވާލަންޖެހޭ ގޮތައް ބިލެއް ފާސްކޮށް، 23 އޮގަސްޓް 1957 ގައި ވޯރާއިން ރާއްޖެއިން ބޭރުކޮށްލިއެވެ.
ވޯރާއިން މި ރާއްޖެއިން އެއްކޮށް ފޮނުވާލެވުނީ އޭރުގެ ބޮޑުވަޒީރު، އަދި ރާއްޖޭގެ މިނިވަންކަމުގެ ބާނީ އިބްރާހީމް ނާސިރުގެ ހިކުމަތްތެރި ކަމުންނެވެ. އެ ހިސާބުން އަނެއްކާ ވެސް ދިވެހިންނަށް ދިވެހިންގެ ވިޔަފާރިތައް ލިބިއްޖެއެވެ. ދިވެހިންގެ ބަސް ވިޔަފާރީތަކުގައި ވިކެން ފަށައިފިއެވެ. ޒަމާންތައް ފާއިތުވެގެން ގޮސް 1980 ގެ ފަހުކޮޅު ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް ގެންނަން ފެށިއެވެ.
ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް ގެންނަން ފެށިފަހުން 2020 އަށްއައިރު މިހާރު ރާއްޖޭގައި މިވަނީ ބިދޭސީންގެ މައްސަލަ ބޮޑުވެފައެވެ. ގަވާއިދާ ހިލާފަށް ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެމުންދާއިރު، ބިދޭސީން ރާއްޖެއަށް ގެނައުން ވެސް އޮތީ ވިޔަފާރިއަކަށް ބަދަލުވެފައެވެ. މިކަމުގައި ވެސް ސަރުކާރުގެ މުއައްސަސާތަކުގެ ބޮޑުންގެ ދައުރު ވަރަށް ބޮޑެވެ.
އެގޮތުން 2004 ވަނަ އަހަރުން ފެނިގެން އެއަރޕޯޓް އިމިގްރޭޝަންގެ ކޮމްޕިއުޓަރުން ލޭބަރ މިނިސްޓްރީގެ ޑޭޓާބޭސްއަށް މަޢުލޫމާތު އަޅާބަލަހައްޓަމުން ގެންގޮސްފައިވާއިރު ޑޭޓާބޭސް ބޭނުން ކުރަމުން ގެންގޮސްފައިވަނީ ރާއްޖޭގައި މަސައްކަތް ކުރުމަށް އަންނަ ބިދޭސީ މީހުން ރާއްޖެ އެތެރެވާ ތާރީޚާއި އަދި ރާއްޖޭން ބޭރުވާ ތާރީޚުތައް ޑޭޓާބޭސްއަށް އެންޓަރ ކުރުމަށެވެ. ނަމަވެސް މިފަދަ ބޭސްއެއް ބަލަހައްޓަންޖެހޭ މިންވަރަށް މި ޑޭޓާބޭސް ބަލަހައްޓަމުން ނުގެންދެވޭ ކަމުގައި އޮޑިޓަރ ޖެނެރަލް ފާހަގަކުރެއްވިއެވެ. އަދި މިކަމަށް ސަމާލުކަން ނުދީ ހިތައް އެރި ގޮތަކަށް ކޯޓާ ދޫކުރަމުން ދިޔައެވެ. ފިލައިގެން ދާ ބިދޭސީން ހޯދުމަށް މަސައްކަތެއް ކޮށްފައިނުވެއެވެ. އިއުލާނެއް ޖަހާލުމަށް ފަހު އެ މަސައްކަތް އެ ހިސާބުން ނިމުނީ ކަމަށް ބަލާ، އޮންނަ އުސޫލަށް ނަމެއްގައި އަމަލުކުރި ފަހަރުތައް ބައިވަރެވެ.
ނަތީޖާއެއްގެ ގޮތުން މިއަދު ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށް ވިސްނާއިރު، ކަންކަން އޮތީ ބޮއްސުން ލާފައެވެ. ބިދޭސީންގެ ނުފޫޒު ބައެއް ވިޔަފާރިތަކުގައި ގަދަވެ، ބިދޭސީންގެ ދައުރެއް ނެތި ރާއްޖޭގައި ހިނގާ އެއްވެސް އިގްތިސާދީ ހަރަކާތެއް ނެތޭ ބުންޏަށް ދޮގަކަށް ނުވާނެއެވެ. ކޮންސްޓްރަކްޝަން މަސައްކަތުގެ ތެރެއިން ގޮސް ކާންބޯން ކުރާ މަސައްކަތުގައި ވެސް ބިދޭސީންނެވެ. ދަނޑުހެދުމުގެ މަސައްކަތްތަކުގައި ވެސް ބިދޭސީންނަށް ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑަށް ބަރޯސާވެއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.
މީގެ އިތުރުން މާލޭގެ ކުދިއަދި މެދުފަންތީގެ ގިނަ ވިޔަފާރިތައް ހިންގަމުންދަނީ ބިދޭސީންނެވެ. ލޯކަލް މާރުކޭޓްތަކުގެ ގިނަ ގޮޅިތަކުގެ ވިޔަފާރިތައް ކޮންޓްރޯލް ކުރަމުންދަނީ ވެސް ބިދޭސީންނެވެ. އެއީ ވެސް ކޮންމެވެސް ދިވެއްސަކާ ގުޅިގެންނެވެ.
ދިވެހި މީހާގެ އަތުން ކުއްޔަށް ނަގާގެން ވިޔަފާރި ކުރާ ބިދޭސީން ވެސް ވަކި މަދެއް ނޫނެއެވެ. މި ދުވަސްވަރަށް މާލެ ސިޓީގައި ގަޑިއާތަކުގެ ވިޔަފާރި ހުއްޓުމަކަށް ގެނެސްފައި އޮތް ނަމަވެސް މި ވިޔަފާރި ހިންގި ދުވަސްވަރު ގާޑިއާތަކުގެ 99 އިންސައްތަ ހިންގީ ބިދޭސީން ކަމަށް ދިވެހިން ހެކިވާނެއެވެ.
އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލެއް ވިދާޅުވީ ރާއްޖޭގެ ކުދިއަދި މެދުފަންތީގެ ވިޔަފާރިތައް ބިދޭސީން ހިންގަމުންދާ ކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ. އެގޮތުން ބައެއް ވިޔަފާރިތަކަށް ފިޔަވަޅު އަޅާފައިވާއިރު، އަނެއް ބައި ވިޔަފާރިތަކަށް ފިޔަވަޅު ނޭޅެނީ ވިޔަފާރީގެ ރަޖިސްޓްރީ ދިވެއްސެއްގެ ނަން މަތީގައި އޮންނާތީ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ނަން ހާމަނުކޮށް ރާއްޖެއެމްވީއަށް މައުލޫމާތުދިން ވިޔަފާރިވެރިއެއް ބުނީ މާލެސިޓީގައި ގެސްޓްހައުސްގެ ވިޔަފާރިތައް ބިދޭސީން ހިންގާ ކަމަށެވެ. އަދި ރާއްޖޭގައި ބިދޭސީން ވިޔަފާރި ކުރުމަށްޓަކައި ދިވެހިންނާއި ކައިވެނި ކުރުމަކީ ވެސް އެމީހުން މިހާރަކަށް އައިސް ކޮށްއުޅޭ ކަމެއްގެ ގޮތުގައި ސިފަކުރިއެވެ.
އިގްތިސާދީ މާހިރެއް ކަމުގައިވާ އާތިފް ޝަކޫރު ވިދާޅުވީ ވޯރާ ވިޔަފާރިވެރިން ދިވެހިންގެ ވިޔަފާރިތައް ކޮންޓްރޯލް ކުރި ގޮތާއި، އޭރުގެ ހާލަތާއި، އަދި މިހާރު ރާއްޖޭގެ ހާލަތާއި، ބިދޭސީ މަސައްކަތްތެރިން ވިޔަފާރި ކުރާ ގޮތް ވަރަށް ތަފާތު ކަމަށެވެ. މި ދެ މައްސަލަ އެއްނުކުރެވޭނެކަން ފާހަގަކުރައްވައި އާތިފް ވިދާޅުވީ އެޒަމާނަކީ ދިވެހިން ވިޔަފާރިއަށް އެހައި ހޭލުންތެރި ނުވި ނަމަވެސް މިހާރު ދިވެހިން ވިޔަފާރިއަށް ވަރަށް ހޭލުންތެރި ކަމަށާއި، މިހާރު ވެސް ރާއްޖޭގެ ބޮޑެތި ވިޔަފާރިތައް އޮތީ ދިވެހިންގެ އަތްމަތީގައި ކަމަށެވެ.
މީގެ އިތުރުން އާތިފް ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގައި ބިދޭސީންގެ ދައުރު ބޮޑުވުމުން ދައުލަތަށް އެކަމުގެ ސަބަބުން ގެއްލުންވާ ކަމަށެވެ. ބައެއް ވިޔަފާރިތަކަކީ ރަޖިސްޓްރީ ނުކޮށް ކުދިކުދި ތަންތަންކޮޅުގައި ހިންގާ ވިޔަފާރިތަކަށް ވާތީ ދައުލަތަށް ދައްކަންޖެހޭ ޓެކްސްގެ ފައިސާ ނުދައްކާ ވިޔަފާރި ކުރާކަން އާތިފް ފާހަގަކުރެއްވިއެވެ.
ދިވެހިންނަށާއި، ދައުލަތަށް ލިބޭ ފައިސާ މަދުވާނެ. އެކަމަކު އެކަންކަން ރެގިއުލޭޓްކޮށް އަޅަން ޖެހޭ ފިޔަވަޅު އަޅާ ކަމަށް ވަންޏާ އެ ވިޔަފާރިތަކުން ވެސް ދައުލަތަށް ފައިސާ ވަންނަމުން ދާނެ. އެކަމަކު ކޮވިޑް-19އަށް ފަހު ފާހަގަކުރެވޭ ގިނަ ދިވެހިން ކުދި އަދި މެދު ފަންތީގެ ވިޔަފާރީގައި އުޅޭކަން.
ކުދި އަދި މެދުފަންތީގެ ވިޔަފާރީގައި ބިދޭސީންގެ ދައުރު ބޮޑުވާ ކަމަށްވަނީނަމަ ދިވެހިންނަށް ލިބޭ ގިނަ ފުރުސަތުތަކެއް ގެއްލިގެންދެއެވެ. ބިދޭސީން ހިންގާ ވިޔަފާރިތަކުގެ ވަޒީފާއަށް ބިދޭސީން ވައްދަމުންދާއިރު، އެއީ ދިވެހިންނަށް ލިބޭ ގެއްލުމެކެވެ.
ގައުމުން ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ފައިސާ ބޭރު ކުރާއިރު، އެއީ މުޅި ރާއްޖެއަށް ލިބޭ ގެއްލުމެކެވެ. މިކަމަށް ހައްލެއް ވެސް އެބައޮތެވެ. ދިވެހިން މިހާރަށް ވުރެ މުރާލިވާންވީއެވެ. ބިދޭސީންނަށް އެކަނި ކުރެވޭ މަސައްކަތް ކަމަށް ލޭބަލް ކުރެވިފައި ހުރި މަސައްކަތް މިއަދު ދިވެހިން ކުރަންވެއްޖެއެވެ. ދިވެހިންގެ ބުރަ މަސައްކަތުން ހުރިހާ ކަމަކުން މިނިވަންކަން ހޯދި ބީދައިން ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް ބިދޭސީން އަތްގަދަ ކުރުމުގެ މިސްރާބަށް ޖަހާފައިވާ އޮޑި އެބަ އަނބުރާލަން ޖެހެއެވެ.
އިމިގްރޭޝަނުން ދީފައިވާ އެންމެ ފަހުގެ މައުލޫމާތު ތަކަށްބަލާއިރު، ގަވާއިދާ އެއްގޮތަށް 150،000 ބިދޭސީން ރާއްޖޭގައި އުޅޭއިރު، ރަސްމީ ލިޔެކިޔުމެއްނެތި 63،000 ބިދޭސީން އުޅޭކަމަށް ލަފާކޮށްފައިވެއެވެ. ރާއްޖޭގައި 213،000 އަށްވުރެ ގިނަ ބިދޭސީން އުޅޭނެ ކަމަށް ބެލެވެއެވެ. ބިދޭސީން ރާއްޖޭގައި އުޅޭ މިންވަރު ސީދާ އަދަދަކުން ސާފުވާން ނެތްއިރު، މި މައްސަލާގައި ގައުމު ފެއިލްވެފައިވާއިރު އެބަ އަންގައިދެއެވެ.
ބިދޭސީންގެ މައްސަލަތައް ބޮޑުވަމުންދާއިރު، ކުށުގެ ވެހީގައި ވެސް ބިދޭސީން އުޅެއެވެ. ބިދޭސީންނަށް މުސާރަ ނުދިނުމުގެ މައްސަލަތަކުގައި މުޒާހަރާތައްކޮށް ފުލުހުންނާ ކުރިމަތިލުންތަކެއް ހިނގާފައިވެއެވެ. އެގޮތުން ޖުލައި މަހުގެ 06 ވަނަ ދުވަހު ހުޅުމާލޭގައި ބިދޭސީން ކުރި މުޒާހަރާ ފާހަގަކޮށްލެވެއެވެ. ބިދޭސީންގެ މައްސަލަތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ސިފަކުރައްވާފައިވެއެވެ.
މީގެ އިތުރުން ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުމާއި، ވ. އަތޮޅުގައި ތަރައްގީ ކުރަމުންދާ ރިސޯޓެއްގައި މަސައްކަތް ކުރަމުންދާ ބިދޭސީންތަކެއް އިހުތިޖާޖުކޮށް ހިންގު ހަމަނުޖެހުން ވެސް ހިމެނެއެވެ. މިފަހަކަށް އައިސް ސިލްސިލާ މުޒާހަރާތަކެއް ބިދޭސީން ކުރަމުންދާއިރު، މިކަމާ މެދު ދިވެހިންގެ ތެރޭގައި ވެސް ވަނީ ހިޔާލު ތަފާތުވެފައެވެ.
ބިދޭސީންނަށް މުސާރަ ނުދީ ދޭންޖެހޭ ހައްގުތަކުން މަހުރޫމް ކުރާއިރު، މުޒަހަރާ ކުރެވޭނެ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ނަމަވެސް ދިވެހިންނާއި، ދިވެހިންގެ މުދަލަށް ގެއްލުން ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުންފާޅު ކުރެވެއެވެ. މިއީ ގައުމަށް ހުރި ނުރައްކަލެއްގެ ރަނގަބީލުގެ ގޮތުގައި ސިފަކޮށްފައިވާއިރު، އަވަސް މުސްތަގުބަލެއްގައި މިމައްސަލަތަކަށް ހައްލު ހޯދަން އެބަޖެހެއެވެ.
މިހުރިހާ މައްސަލަތަކާއެކު ވޯރާވިޔަފާރިވެރިންގެ ހަނދާންތަކުގެ ސޮފުހާތައް ހުޅުލާ ދިވެހިން މިގައުމުގައި މިހާރު ވެސް އެބަތިއްބެވެ. ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގައި ވެސް މިއަދު ވެސް ރާއްޖެއަށް ބޭނުން ވަނީ ރާއްޖޭގެ މިނިވަންކަމުގެ ބާނީ އިބްރާހީމް ނާސިރު ފަދަ ލީޑަރެކެވެ.
މިއީ މިނިވަން ދުވަހެއްގައި ކޮންމެހެންވެސް ދައްކަންޖެހޭ މުހިންމު ވާހަކަތަކެވެ. ނޭނގިތިއްބާ މިނިވަންކަން އަތުން ގެއްލިގެން ދިއުމުގެކުރިން ކޮންމެހެންވެސް އިސްލާހްކުރަންޖެހިފައިވާ ކަންތައްތަކެވެ.