ކ. މާލެ
|
18 ޖުލައި 2020 | ހޮނިހިރު 11:23
ދެ ވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އެމެރިކާއިން ޖަޕާނުގެ ހިރޯޝީމާ އަށް އެޅި އެޓޮމިކް ބޮމުގެ ހާދިސާގައި އެ ސަރަހައްދު ބިމާހަމަވެފައި
ދެ ވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އެމެރިކާއިން ޖަޕާނުގެ ހިރޯޝީމާ އަށް އެޅި އެޓޮމިކް ބޮމުގެ ހާދިސާގައި އެ ސަރަހައްދު ބިމާހަމަވެފައި
ހިރޯޝިމާ ޕީސް މެމޯރިއަލް މިއުޒިއަމް
ދެވަނަ ބޮޑު ހަނގުރާމައިގެ ރާއްޖޭގެ ދައުރު
ދެވަނަ ބޮޑު ހަނގުރާމައިގައި އިއްތިހާދުން ކާމިޔާބު ހޯދުމުގައި ރާއްޖެއިން ހިތާރޫހުން ވީ ގުރުބާނީ ރައީސް ރޫޒްވެލްޓް ފާހަގަ ކުރެއްވި
ހަނގުރާމައިގައި ޖަޕާނު ސިފައިންގެ ނުރައްކާ ރާއްޖޭގެ ކަނޑުތަކަށް ފޯރި
ހަނގުރާމައިގައި ޢަމަލީ ގޮތުން ބައިވެރި ނުވި ނަމަވެސް ރާއްޖެ އޮތީ އިންތިޙާދީންނަށް ފުރިހަމަ އެއްބާރުލުން ދީގެން
ހަނގުރާމައިގައި އިނގިރޭސިން ބޭނުންކުރި ޕޯރޓު ތަކުގެ ތެރެއިން، މަޝްހޫރު "ޕޯރޓު ޓީ" އޮތީ ރާއްޖޭގައި

އެއްފަރާތުން، އެޑޮލްފް ހިޓްލަރާއި ޖަޕާނާއެކުގައިވި ބައިވެރިންނެވެ. އަނެއް ފަރާތުގައި އިނގިރޭސި ބޮޑުވަޒީރު ޗާރޗިލް އާއި އެމެރިކާގެ ރައީސް ރޫޒްވެލްޓާއެކު އޮތް އިއްތިޙާދީންނެވެ. ހިނގަމުން އެދަނީ، 1939ގައި، ޖަރުމަނުން ޕޮލެންޑަށް އަރައިގަތުމާއި ވިދިގެން ފެށުނު، ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައެވެ. ޖަޕާނުގެ ސަބްމެރީނަކަށް ފާރަލައި ގޮއްވާލަން ގަމުން ނައްޓާލި ބޮންއަޅާ ބޯޓުގެ ޕައިލެޓުންގެ އިތުރުން، ތިންވަނައަށް އިންނެވީ ދިވެހި ސަރުކާރު ހިންގުމުގެ މަސްއޫލިއްޔަތު ކޮނޑުއަޅައިގެން ހުންނެވި، މުޙައްމަދު އަމީނެވެ. ބޯޓު ފުރާ އޮތީ ހުސް ބޮމެވެ. ދެފަރާތުން ބޭރަށް ނެރެފައިހުރީ 2 މެޝިންބަޑިއެވެ.

"މި ބަޑީގެ އެއްކޮޅުގައި ހިފަހައްޓައިދޭނުހޭ؟" ބޯޓުގައި އިން، އިނގިރޭސި އޮފިސަރަކު، މުޙައްމަދު އަމީން ދީދީގެ އަރިހުގައި ދެންނެވިއެވެ.

"ހިތުގެ އަޑިންނެވެ" ޖަވާބުގައި، އެ އޮފިސަރަށް، އަމީންދީދީ، ވިދާޅުވިއެވެ. މިއީ، މުޙައްމަދު އަމީން އަމިއްލަ އަތްޕުޅުން ލިއުއްވި "ދިވެހިރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި" މި މަޒްމޫނުން ފެންނާން އޮތް ޖުމްލައެކެވެ.

އަމީންދީދީ، އެ ވިދާޅުވާ ބޮންއަޅާ ބޯޓަށް، އޭރު އޮތީ، ޝައްކު ކުރެވުނު ޖަޕާނުގެ ސަބްމެރީންގެ ސިގްނަލެއް ލިބިފައެވެ. ވަގުތުން ބޯޓުން ސައިރަން އަޅައިފިއެވެ. އެންމެން، ސަބްމެރީން ގޮއްވާލަން އެލާޓަށް އަތުވެއްޖެއެވެ! ސަބްމެރީނަށް ބޯޓުން ފޮނުވި މެސެޖުގެ ޖަވާބުގައި، އެމީހުން ބުނީ، އަހަރެމެންނަކީ، އިނގިރޭސި ސަބްމެރީނެއް ކަމަށެވެ. އެހިނދު، ހޯދާން އެ ނިކުތް، ސަބްމެރީން ފެނޭތޯ ބޯޓު އަނބުރާލިއެވެ!

ދެވަނަ ބޮޑު ހަނގުރާމައިގައި، ދިވެހި ރާއްޖެ ޢަމަލީ ގޮތުން ބައިވެރިއެއް ނުވެއެވެ. އެހެން ނަމަވެސް ރާއްޖެ އޮތީ އިންތިޙާދީންނަށް، ފުރިހަމަ އެއްބާރުލުން ހިތަކަށް ދީގެންނެވެ. ޤައުމުގެ އުތުރާ ދެކުނުގައި އިނގިރޭސި ފައުޖުތައް އޮތެވެ.

ކޮންމެއަކަސް، މިދެންނެވި ބޮންއަޅާ ބޯޓުގައި އަމީންދީދީ، އެ އިންނެވީ އިނގިރޭސި އެއަރފޯރސް އޮފިސަރެއްގެ ޙައިސިއްޔަތަކުން ނޫނެވެ. އެދުވަހު ގަމުން ކޮޅުނބަށް ދެވެން އޮތީ، މިދެންނެވި ބޯޓުގައި ކަމަށްވީތީ، އެ ދަތުރުމަތީގައެވެ. ނަމަވެސް އެ ބޯޓު، ކޮޅުނބަށް ޖެއްސީ، ޖަޕާނުގެ ސަބްމެރީނަށް ޙަމަލާދޭން ނައްޓާލި ދަތުރުގައި އެތައް ގަޑީއިރެއް ހޭދަކުރުމަށް ފަހުއެވެ. އޭރު ޖަޕާނު ސިފައިންގެ ނުރައްކާތެރިކަން، ރާއްޖޭގެ ކަނޑުތަކާއި ހަމައަށް އަތުވެއްޖެއެވެ. މި ޚުޠޫރަތްތެރި ދަނޑިވަޅުގައި، އައްޑޫ ރައްޔިތުން ބިރުން ސިހި، ފިތް ކަނޑައިގެން ދިޔަ ބާރު އަޑުފައް ގަނޑަކީ، މި ދެންނެވި ބަހުގެ ދަލީލެކެވެ. ސުވާލަކީ، އެކަން ހިނގައިދިޔައީ ކިހިނެއް ހެއްޔެވެ؟

1964 ގަައި އައްޑު އަތޮޅު ގަމުގައި އިނގިރޭސިން ޤާއިމް ކޮށްފައި އޮތް އަސްކަރީ ބޭސް - ދެވަނަ ބޮޑު ހަނގުރާމައިގައި، އިނގިރޭސިން ބޭނުންކުރި ޕޯރޓު ތަކުގެ ތެރެއިން، މަޝްހޫރު "ޕޯރޓު ޓީ" އަކީ އިނގިރޭސިންގެ ޕޯރޓް

މިހައިތަނުން، އަޅުގަނޑު، ސިފަކޮށްދެވޭތޯ މިބަލީ، ދެވަނަ ބޮޑު ހަނގުރާމައިގައި، އިނގިރޭސިން ބޭނުންކުރި ޕޯރޓު ތަކުގެ ތެރެއިން، މަޝްހޫރު "ޕޯރޓު ޓީ" އެވެ. އެއީ އައްޑޫ އަތޮޅުގައި އޮތް އިނގިރޭސިންގެ ޕޯރޓެވެ. ދިވެހީން ދަންނަ ޢާންމު ނަމުންނަމަ، ގަމެވެ. ނަމަވެސް މި ޕޯރޓުގެ ބައިތައް އޮތީ، ގަމަށް ވުރެން މާދުރަށް ފެތުރިފައެވެ. އައްޑޫގެ ކަނޑުތަކާއި، ފަޅުރަށްތަކާއި، ހިތަދޫގެ ކޯއްޓޭފަދަ ތަންތަނަކީ، އޭރު "ޕޯރޓު ޓީ" ގެ ޑިވިޝަން ތަކެވެ.

"ޕޯޓު-ޓީ" ތައްޔާރު ކުރުމަށް އައްޑޫއަތޮޅު ވިލިގިއްޔަށް 150 އެއްހައި އިނގިރޭސި ސިފައިން ފޭބިއިރު، އެރަށުގެ މެދުތެރޭގައި ތިބީ "ފައިފަލަބަލި" ޖެހިގެން އެކަހެރި ކޮށްފައިތިބި އަތޮޅުގެ ބަލިމީހުންނެވެ. އެހެންކަމުން ވިލިގިނލި ހުސްކުރުމަށްޓަކައި، ހުވަދޫ އަތޮޅު މަގުއްދޫގައި، ގެތަކެއް އެޅުމަށްފަހު، އިނގިރޭސިންގެ މަނަވަރެއްގައި، މިދެންނެވި މީހުން އެރަށަށް ބަދަލުކޮށް، އިނގިރޭސިންގެ ކިއްލާ އައްޑޫގައި، ބިނާކުރަން ފެށިއެވެ.

ދެން، ދައްކާއެލަނީ އައްޑޫގައި ޤާއިމްކުރި އިނގިރޭސިންގެ އަސްކަރީ މަރުކަޒުގެ ބޮޑު މަންޒަރެވެ. އައްޑޫގެ "ފެންމުލި"، މަތިން ދައްކާލާއިރު، ފެންނަނީ އެންޓި އެއަރކްރާފްޓު ދެ ބަޑި ހަރުކޮށްފައި ހުއްޓައެވެ. އޭރު ހިތަދޫ ކޯއްޓޭގައިވެސް މީގެ 4 ބަޑި ބަހައްޓައިފައި ހުއްޓެވެ. ހިތަދޫގައިވެސް 150 އެއްހައި އިނގިރޭސި ސިފައިން، އޭރު ޙަރަކާތްތެރި ވަމުން ދެއެވެ. ވިލިގިނލި ޚާއްސަކޮށްފައި އޮތީ، "ދުރުބަލާގެ" ނުވަތަ ރާޑަރު ސިސްޓަމަށެވެ. އެ ރަށުގައިވެސް 6 ބަޑި ބަހައްޓައިފައި ހުއްޓެވެ. ހަމަ އެހެންމެ މީދޫ ފުށްޓަރު ފަރާތު "މާއެޅު"ގައިވެސް، ބޮޑު ބަޑީގެ ދެ ބަޑި ބަހައްޓައިފައި ހުއްޓެވެ. "ކަޑިހުރާ" ޚާއްސަ ކޮށްފައި އޮތީ، އައްޑޫގެ ކަނޑުތަކަށް އަޅާފައިހުރި މައިންތަކުގެ ބެޓެރި ސިސްޓަމަށެވެ. ކަނޑުތަކުގައި އަޅާފައިވާ ދާތަކަށް ބާރުދޭ ވައިރުތައްވެސް ގުޅާފައިހުރީ އެތާނގައެވެ.

މާމެންދުއަކީ، އާރު.އޭ.އެފްގެ މަތިންދާބޯޓު ތަކުގެ ޚާއްސަ މަރުކަޒެވެ. ވައިރުލަސް ސްޓޭޝަންވެސް ޤާއިމްކޮށްފައި ހުރީ މިތާނގައެވެ. މަރަދޫ ހުޅަނގު ކޮޅުގައި ހުރީ އިނގިރޭސިންގެ ކަނބުރުގެ ނުވަތަ ވޯރްޝޮޕެވެ. އޭރު ގަމުގައި އަސްކަރީ ތަމްރީނުތަކާ، ފަރިތަކުރުންތަކަށް، ބިންތައް ޚާއްސަ ކޮށްފައިވެއެވެ. ގަމުގެ އެއަރޕޯޓުގައިވެސް ރާޑަރސިސްޓަމަކާއި ހޮސްޕިޓަލެއްގެ އިތުރުން، އިނގިރޭސިންގެ ބޭނުމަށް ޢިމާރާތްތައް ހެދިއެވެ.

މުޙަންމަދު އަމީން ދީދީއަކީ، މިދުވަސްވަރު، އެންމެ ގިނައިން އައްޑުއަށް ދަތުރުކުރެއްވި އެއްބޭފުޅަށްވީތީ، އިނގިރޭސިން ޤާއިމް ކޮށްފައި އޮތް އަސްކަރީ ބޭސް ސިފަކޮށްދޭން އެނގިވަޑައިގަންނަވާނެ އެއް ބޭފުޅަކީ، އަމީން ދީދީއެވެ. އެމަނިކުފާނު، މިދެންނެވި މަންޒަރު ސިފަކޮށް ދެއްވާފައި އޮތް ގޮތުންނަމަ، "ޕޯޓު ޓީ" ގެ ބަނދަރުގައި ސާޅީހަކަށް މަނަވަރާ، ތިރީހަކަށް އާގުބޯޓު އޮތް ފަހަރުތައް، އެމަނިކުފާނު ވަނީ ދެކެވަޑައިގެންފައެވެ. ހަމަ އެހެންމެ، ގަމުގެ ރަންވޭގައި ބޮންއަޅާ ބޯޓު ފަހަރުގެ ހަތަރުފަސް ބޯޓު، ތިރިކޮށްފައި އޮންނަ މަންޒަރުވެސް އޭރު ފެންނަމުން ދިޔައެވެ. މިދެންނެވި ދުވަސްވަރު، ބައެއް ފަހަރަށް، އިނގިރޭސި ސިފައިންގެ އަށެއްކަ ހާސް ސިފައިން، ރާއްޖޭގައި ތިބެއެވެ. އެހެންކަމުން، ސިފަވަމުންދާ "ޕޯޓު-ޓީ" އަކީ، ދެވަނަ ބޮޑު ހަނގުރާމައިގެ ވަރުގަދަ މަރުކަޒެކެވެ. މި ސަބަބަށްޓަކައި، އިއްތިޙާދާ ދެކޮޅަށް ހަނގުރާމަކުރާ ބައިވެރިން، ފާރަލަމުންދާ މަރުކަޒަކަށް ރާއްޖެ ވެގެން އައެވެ.

އައްޑޫ ސިޓީ ގަމުގައި އާރު.އޭ.އެފްގެ ބޯޓެއް - ޖަޕާނުން ދިން، ޙަމަލާގައި ކަނޑުވި، މީހުންގެ ތެރެއިން އެންމެ ޙާލު ބޮޑުވެފައިތިބި މީހުން ގެންގޮސްފައިވަނީ އާރު.އޭ.އެފް ގެ ބޯޓެއްގައި

ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި، އައްޑޫ ރައްޔިތުން ފިތްކަނޑައިގެން ދިޔަ، ބާރުގަދަ އަޑުފައްގަނޑަކުން، މުޅި އަތޮޅު، ގުގުމައިގަތް ދުވަހަކީ، މި ޕޯޓުގައި އޮތް އިނގިރޭސިންގެ ތެޔޮ ޓޭންކަރަށް، ޖަޕާނުގެ ސަބްމެރީނަކުން ޓޮރުޕިޓޯކުރި ދުވަހެވެ. އެ ޙަމަލާގައި ޓޭންކަރު ގޮއްވާލުމާއެކު، އަލިފާންޑު މައްޗަށް އަރައިގެންދިޔައީ ވަރަށް ބާރު އަޑުފަށްގަނޑަކާއެކީއެވެ. މި ބާރު އަޑުފަށްގަނޑުން، އެންމެންނަށްހެން އިޙުސާސްވީ، ބޮން އަޅަންފެށީ ކަމަށެވެ. ކޮންމެ އަކަސް އެއީ، ބިރުވެރިކަމާއި، ނާމާންކަމުން ފުރިގެންދިޔަ ޙަމަލާއަކަށް، ވެގެން ދިޔައެވެ.

ދިވެހިރާއްޖޭގެ ކަނޑުތައް، ނާމާންވެއްޖެ ކަމުގެ އިޙުސާސް، ވެރިރަށް މާލެއަށް ކުރެވެންފެށީ، އިއްތިޙާދުގައި ހިމެނޭ މަނަވަރު ފަހަރަށް، ޖަޕާނު ސިފައިން ޙަމަލާދީ، ފައްތާލަން ފެށުމުންނެވެ. މިފަދަ ޙާދިސާއެއްގައި ކަނޑުވި އެމެރިކާ ސިފައިންނާއި، އިނގިރޭސި ސިފައިން، ރާއްޖޭގެ އެކި ކަންކޮޅު ތަކުން، ކަނޑުމަތިން ފެންނާން ފެށުމުންނެވެ. މިއީ ރާއްޖެއާއި ދާދިގާތުން، ނުވަތަ ރާއްޖޭގެ ސަރަޙައްދުގައި ދެމުންދާ ހަމަލާ ތަކެކެވެ. މި ގޮތުން ފެންނަމުން އެދިޔަ މީހުން ސިފަވާންތިބީ، ވަރަށް ބޮޑަށް ފިހި، ހާނިއްކަވެފައި ތިބި ބައެއްގެ ގޮތުގައެވެ.

އަރި އަތޮޅު މާމިގިއްޔަށް ޑިންގީއެއްގައި ގޮސް އެރި، އެމެރިކާ ނޭވީންގެ 14 މީހުންނަކީ، އެމެރިކާގެ މަނަވަރު "އެސް.އެސް. ހެންރީ ނޮކްސް" ޖަޕާނުން ފައްތާލި ހިނދު، ކަނޑުވި ސިފައިންނެވެ. މި މީހުން މާލެއަށް ގެނެސް، އޭރުގެ ކަސްޓަމްސް އޮފީސް ކުރިމަތީގައި ހުރި ބޮޑުގޭގައި ބައިތިއްބައިގެން، އެމީހުންނަށް ހެދުން ފަހައިދީ، ބޭސްކޮށްދީ ހެދީ ދިވެހި ސަރުކާރުންނެވެ. ހަމަ އެހެންމެ އެ އެންމެން "ޑަންގީ ރަހުމާނީ" ގައި، ކޮޅުނބަށް ފޮނުވައި ދިނީވެސް، ދިވެހި ސަރުކާރުންނެވެ. މިދުވަސްވަރު ތ. ބުރުނީމީހުން މާލެއާއި ހަމައަށް ފޯރުކޮށްދިން އެމެރިކާ ސިފައިންނަކީވެސް، މިދެންނެވި މަނަވަރު ގޮއްވާލުމުން ކަނޑުވި ސިފައިންގެ ބައެކެވެ. އެމީހުންނަށް ބޭސްކޮށްދީ، ކޮޅުނބަށް ފޮނުވާލިތާ، ދުވަސްކޮޅެއްގެ ތެރޭގައި، އެމެރިކާގެ ރައީސް ރޫޒްވެލްޓުގެ ޝުކުރުގެ ޚާއްސަ ސިޓީފުޅަކައިގެން، ސިލޯނުގައި ހުންނަ އެއަރފޯސްގެ ވެރިޔާ ރާއްޖެއަށް ޒިޔާރަތް ކުރިއެވެ.

ދެން ރާއްޖޭގެ ކަނޑުތަކުން ފެންނާންފެށީ، އިނގިރޭސި މަނަވަރު "ސޭން އިރުވެސްޓޯ" އަށް، ޖަޕާނުން ދިން، ޙަމަލާގައި ކަނޑުވި، އިނގިރޭސި ކަނޑުގެ ސިފައިންނެވެ. މީގެ ސާދަ މީހުން ހިރިލަންދޫ މަސްދޯންޏަކުން ކަނިމީދޫއާއި ހަމައަށް ފޯރުކޮށްދިނެވެ. އެރަށުގައި މި މީހުންގެ ތެރެއިން އެކަކު ނިޔާވުމުން، އޭނާ ކަނިމީދޫގައި ވަޅުލުމަށްފަހު، ދެންތިބި ސިފައިން މާލެއަށްގެނެސް، ފަރުވާދޭން ފެށިއެވެ. އެމީހުންގެ ތެރެއިން އެންމެ ޙާލު ބޮޑުވެފައިތިބި މީހުން ގެންގޮސްފައިވަނީ އާރު.އޭ.އެފް ގެ ބޯޓެއްގައެވެ.

ދެންވެސް ފެނުނީ، ފައްތާލި އިނގިރޭސި މަނަވަރުން ކަނޑުވި ސިފައިންގެ އެގާރަ މީހެކެވެ. ށ.ފީވަކާދިމާލުން، ނަގައިގެން ށ.ފޭދޫ ދޯންޏަކުން، އެމީހުން ގެނެސް މާލެއަށް ބޭލިއެވެ. މި މަންޒަރުތައް، ތަކުރާރު ވަމުން ދިޔައިރު، އިނގިރޭސި ސިފައިން ހއ. ކެލާ ތުނޑީގައި ފޭލިގެ ޖަހައި، އެރަށުގައިވެސް ޤާއިމް ވެއްޖެއެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި، އިއްތިޙާދީންނަށް، ދިވެހި ރައްޔިތުން ދެމުން ގެންދިޔަ އަޅާލުމާއި އޯގާތެރިކަމާއި، ކުރަމުންދިޔަ ޚިދުމަތުގެ އަގު ވަޒަން ކޮށްދެވެން، އިނގިރޭސިންނަށް އޮތީ، ބަނޑަށްޖެހި މީސްތަކުން މަރުވަމުންދިޔަ، ރާއްޖެއަށް ކާޑުގެ އެހީތެރިކަން އެކަށޭނަ ގޮތެއްގައި ފޯރުކޮށް ދިނުމެވެ. އެހައިތަނުން ސިލޯނުގައި އޭރު އޮތް އިނގިރޭސި އިސްތިޢުމާރީ ސަރުކާރުގެ ވަކީލެއްގެ ގޮތުން، ވޯކަރ ރާއްޖެއަށް ފޮނުއްވިއެވެ.

"ދިވެހިރާއްޖެ، ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި" މި މަޒްމޫނުގައި، މުޙައްމަދު އަމީން، ސިފަކުރައްވާފައިވަނީ، މި ދަތުރުގެ ބޭނުމަކީ، ރާއްޖެތެރެއަށް ދަތުރުކޮށް، ރާއްޖޭގެ ޙާލަތު ދެނެގަތުމަށްފަހު، ޙާލަތާބެހޭ ރިޕޯޓެއް އެކުލަވައި ލުމެވެ. މި ދަތުރުގެ ވާހަކަ މުޙައްމަދު އަމީން ލިއުއްވާފައި އޮތް ގޮތުންނަމަ، އެމަނިކުފާނުވެސް ވޯކަރުގެ އަރިހުގައި އުތުރުގެ އަތޮޅުތަކަށް ޒިޔާރަތްކޮށް، ތަފްސީލީ ރިޕޯރޓު އެކުލަވައި ލުމުގައި އެހީތެރިވެ ދެއްވިއެވެ. އަދި ވޯކަރު ދެކުނަށްވެސް ދަތުރުފުޅެއް ކުރައްވައި، ރާއްޖެ ބަނޑަށް ޖެހިފައި އޮތް ޙާލަތު ބެއްލެވިއެވެ. ރާއްޖެއަށް ކާޑު ބޭނުންވާނެ މިންވަރު ދެނެގަތެވެ.

އިނގިރޭސި ބޮޑުވަޒީރު ޗާރޗިލް - ޗާޗިލް، މަންޒަރުން ގެއްލުނީ، 1945 ގެ ޖުލައި ކުރީކޮޅު ބޭއްވި އިންތިޚާބުން ކޮންޒަރވެޓިވް ޕާޓީ ނާކާމިޔާބުވުމުން

ދިވެހި ރައްޔިތުން އެމެރިކާ ސަރުކާރަށާއި އިނގިރޭސި ސަރުކާރަށް، ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި، ވެދިން އެހީތެރިކަން، ފެންނާން އޮތީ، އައްޑޫ އަތޮޅުގެ ބިމުގެ ބޮޑު ބަޔަކާއި، ކެލާ ތުނޑީގައި އިނގިރޭސިން ވަޒަންވެރިވެ، މިލިޓަރީ ބޭހެއް ޤާއިމް ކުރުމުގެ ހުއްދަ ދިން މަންޒަރުން، އެކަންޏެއް ނޫނެވެ. މާލޭގައި ބިންހިއްކަން ގެންގުޅުނު ޖައްރާފު، އައްޑޫގައި ކުރަމުންދިޔަ ބިންހިއްކުމުގެ މަސައްކަތަށް ކުއްޔަށް ދޭން، އިނގިރޭސީން އެދުނު ހިނދު، ހިލޭ ސާބަހަށް، އެ ޖައްރާފު، ސަރުކާރުން ދޫކުރިއެވެ.

ހަމަ އެހެންމެ، "ޕޯޓު-ޓީ" ގެ މަސައްކަތްތައް ފެށުނު ދަނޑިވަޅުގައި، އައްޑޫ އަތޮޅު ރައްޔިތުންގެ ހަތަރު ފައްސަތޭކަ އެއްހައި ރައްޔިތުން، ކޮންމެ ދުވަހަކުހެން ނިކުމެ، އިނގިރޭސިންގެ މަސައްކަތް ތަކުގައި ބައިވެރިވީވެސް، އަމީން ދީދީ ސިފަކުރައްވާ ގޮތުންނަމަ، ހިލޭ ސާބަހަށެވެ. ދިވެހި ދައުލަތުން އިނގިރޭސިންނަށް ވެދޭ މަދަދެއްގެ ގޮތުގައެވެ. މަސައްކަތު ނިކުންނަށް ކޮންމެ މީހަކަށް ދުވާލަކަށް ހަނޑޫ ރާތަލަކާއި ގޮދަން ރާތަލަކާއި، 4 އައުންސް ހަކުރު ނޫން އެއްޗެއް ނުލިބެއެވެ. އުޖޫރަ ލިބޭ ގޮތަށް، އިނގިރޭސިންގެ ވަޒީފާތަކަށް، އައްޑޫ ރައްޔިތުން ނިކުތީ އޭގެ ފަހުންނެވެ.

މިދެންނެވި، ކަންކަމުން ހާމަވަނީ، ދެވަނަ ބޮޑު ހަނގުރާމައިގައި، ދިވެހީންގެ ބިމާއި ހަކަތަވެސް، އިއްތިޙާދީންނަށް ޤުރުބާން ކޮށްދިން ކަމެވެ. އަދި މި ހަނގުރާމަ ހުއްޓުމާއެކު، އެކަމުގެ އުފަލުގައި މާލޭގެ ބުރުޒު ތަކަށާއި ޢިމާރާތްތަކުގައި، ދިދަ ނަގައި، އުފައު ފާޅުކުރުމުގެ ޚާއްސަ ރަސްމިއްޔާތެއް ބޭއްވި އެވެ. އިއްތިޙާދީގެ މި ސަރަޙައްދުގެ ކޮމާންޑަރަށް ތަހުނިޔާގެ މެސެޖުވެސް އަމީން ފޮނުއްވިއެވެ. ހަމަ އެހެންމެ ދިވެހި ރައްޔިތުންނާއި ސަރުކާރުން، އިނގިރޭސި ދައުލަތަށް ދިން، އެއްބާރުލުމާއި، ވެދިން އެހީތެރިކަމަށް، ޝުކުރު އަދާކޮށް، އިނިރޭސީންވެސް މެސެޖު ބަދަލު ކުރިއެވެ.

އޭރު، މަންޒަރުގެ ކުޑަ ތަންކޮޅެއްގެ ކުރިން ފެންނާން އޮތް އެހެން މަންޒަރަކީ، ސިލޯނުގައި ހުންނަ އިނގިރޭސި ސިފައިންގެ ވެރިޔާ ލެފްޓިނެންޓު ޖެނެރަލް ސަރ ހެންރީ ޕައުނޯލް، ރާއްޖޭގެ ރަސްގެފާނު ޙަސަން ނޫރައްދީނުލް ސާނީއަށް، އިނގިރޭސިންގެ މާތް ރާޖާއަށް އެރުވި ކޭ.ސީ.އެމް.ޖީގެ ޢިއްޒަތުގެ ނިޝާން، ރަދުންނަށް ވެދުމަށް އަރުވަން ވަޑައިގަތް ދަތުރުފުޅެވެ. މަތިގޭ ބޮޑު ކޮޓަރި ކޮޅުގައި އެ ހިނގައި ދިޔަ މިދެންނެވި ރަސްމިއްޔާތެވެ.

އެމެރިކާގެ ރައީސް ރޫޒްވެލްޓް - ދެވަނަ ބޮޑު ހަނގުރާމަ ނިމުމުގެ ކުރީން، އެއަހަރުގެ އެޕްރީލް 12 ވަނަ ދުވަހު، އެމެރިކާގެ ރައީސް ރޫޒްވެލްޓު ވަނީ، އަވަހާރަވެފައި

އިނގިރޭސީންނާއި ރާއްޖެއާއި ދެމެދު ފެންނާން އޮތް މި ގާތް ގުޅުންތަކުގެ ތެރެއިން، އިނގިރޭސިންގެ އަތުން، ދިވެހިރާއްޖެ މިނިވަންކަން ހޯދުމުގެ މަސައްކަތް، އިބްރާހީމް ނާސިރު، ފެއްޓެވި ހިނދު، ބޮޑު ހަނގުރާމައިގައި އިއްތިޙާދުންގެ ތެރެއިން ފެނުނު މަޝްހޫރު މޫނުތައް، ސްޓޭޖަކު ނެތެވެ. 12 ސެޕްޓެމްބަރު 1945ގައި، ދެވަނަ ބޮޑު ހަނގުރާމަ ނިމުމުގެ ކުރީން، އެއަހަރުގެ އެޕްރީލް 12 ވަނަ ދުވަހު، އެމެރިކާގެ ރައީސް ރޫޒްވެލްޓު ވަނީ، އަވަހާރަވެފައެވެ. އޭރު ހަނގުރާމަ ނިމެން އޮތީ މަހަކަށް ވެފައެވެ. އިއްތިޙާދުގައި ހިމެނޭ އަނެއްބާރު ކަމުގައިވި އިނގިރޭސިންގެ އޭރުގެ ބޮޑުވަޒީރު ވިންސްޓަން ޗާޗިލް، މަންޒަރުން ގެއްލުނީ، 1945 ގެ ޖުލައި ކުރީކޮޅު ބޭއްވި އިންތިޚާބުން ކޮންޒަރވެޓިވް ޕާޓީ ނާކާމިޔާބުވެ، 393 ގޮނޑީގެ އަޣުލަބިއްޔަތެއްލިބި ލޭބަރ ޕާޓީގެ އެޓްލީ ޕްރައިމިނިސްޓަރުގެ މަޤާމަށް ހޮވުމުންނެވެ. އަނެއްކޮޅުން، މުޙައްމަދު އަމީންގެ ސަރުކާރު އޮތީ، ބަޣާވާތަކުން ވައްޓާލައިފައެވެ.

މިދެންނެވި ލީޑަރުންގެ މޫނުފުޅުތައް، މަންޒަރުން ފަނޑުވެގެން ދާއިއިރު، ރާއްޖޭގެ ސިޔާސީ ސްޓޭޖުން، އެހައިތަނުން ފެންނާން ހުންނެވީ، އައު މޫނެކެވެ. ބޮޑުވަޒީރު އިބްރާހިމް ނާސިރެވެ. އެމަނިކުފާނު ބޭނުންފުޅުވީ މާޒީގެ ފަސްބައިގައި އެލިވަޑައި ގެންނެވުމުގެ ބަދަލުގައި، މިނިވަން ގައުމެއްގެ ދިދަ، ރާއްޖޭގައި ވިހުރާށެވެ. މި މަސައްކަތުގެ ނަތީޖާއަކަށްވީ، 1965 ގެ ޖުލައި 26 ވަނަ ދުވަހު، އިނގިރޭސި ދައުލަތުން، ދިވެހި ދައުލަތަށް، މިނިވަންކަން ދިނުމެވެ. އެ ތާރީޚީ އެގްރިމަންޓުގައި ދެ ސަރުކާރުން އެދުވަހު ސޮއިކުރެވިގެން ދިއުމެވެ. ބޮޑު ހަނގުރާމައިގެ ތެރޭގައި، އައްޑޫގައި އޮތް ތެޔޮޓޭންކަރު، ޖަޕާނުން ގޮއްވާލުމާއި، ދިވެހި ކަނޑުތައް ނާމާންވެގެން އެއައި އައުމަށް، ނިމުން އައީ، ހަނގުރާމަ ނިމުމުންނެވެ. އޭރު އައު ފެށުމަކުން ދިވެހީން އެ ފަށާ ބާބަކީ، ރާއްޖޭގެ ބިންތަކާއި، ކަނޑުތަކާއި، އިގްތިސާދާއި، ޚާރިޖީ ސިޔާސަތުވެސް މިނިވަންކޮށް، މިނިވަން ގައުމެއްގެ ބާބެވެ. އދ. ގެ މެންބަރަކަށްވެ، އެ މަޖިލީހުގައިވެސް ދިވެހި ދިދަ ވިހުރެމުން އެދަނީ، ޒަމާނީ ދިވެހިރާއްޖޭގެ އައު ފެށުމެވެ.

- ކޮމެންޓް