އެމްއެމްއޭއިން އާންމު އުސޫލާ އެއްގޮތަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން ޚިދުމަތް ދޭން ފަށަނީ
3 ޖުލައި 2020 | ހުކުރު 13:08އާދިއްތަ އިން ބުރާސްފަތި ދުވަހުގެ ނިޔަލަށް ޚިދުމަތް ދޭނެ


މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، (އެމްއެމްއޭ) އަށް ޚިދުމަތް ހޯއްދުމަށް އަންނަ ހުރިހާ ފަރާތްތަކުން ވެސް މާސްކް އެޅުމަށް އިލްތިމާސްކޮށްފައިވޭ
ނިއު ނޯމަލްއަށް ދިން ލުއިތަކާއެކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަންނަ އާދިއްތަ ދުވަހުން ފެށިގެން އާއްމު އުސޫލުން ޚިދުމަތް ދޭން ފަށާނެ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.
އެމްއެމްއޭއިން ބުނީ 05 ޖުލައި ވާ އާދިއްތަ ދުވަހުން ފެށިގެން އެމްއެމްއޭ އަދި ބޭންކުތައް ހުޅުވާފައި ހުންނާނީ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ.
އެމްއެމްއޭއިން ބުނީ ބޭންކިންގ ޚިދުމަތް (ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް) ހެނދުނު 08:30ން މެންދުރުފަހު 02:00ށް ލިބޭނެ ކަމަށެވެ. އަދި ސިޓީއާއި ތަކެތި ބަލައިގަތުމުގެ ޚިދުމަތް ހެނދުނު 08:30ން މެންދުރުފަހު 02:00ށް ލިބޭނެ ކަމަށެވެ.
އެމްއެމްއޭއިން ބުނީ ޖެމްސް ބޭނުންނުކުރާ އިދާރާތަކާއި އާންމު ފަރާތްތަކުން އޮތޯރިޓީއަށް ފޮނުވާ ސިޓީ އާއި އެހެނިހެން ތަކެތި inward.docs@mma.gov.mv އީމެއިލް މެދުވެރިކޮށް ފޮނުއްވުމަށް އިސްކަން ދިނުމަށް އެދޭ ކަމަށެވެ.
މީގެ އިތުރުން އެމްއެމްއޭއިން ބުނީ 05 ޖުލައި ވާ އާދިއްތަ ދުވަހުން ފެށިގެން ކުދި ރުފިޔާ ދޫކުރުމުގެ ޚިދުމަތާއި ވަކި ލާރި ދޫކޮށް ބަލައިގަތުމުގެ ޚިދުމަތް ދެމުން ގެންދާނީ، ކޮންމެ ހަފްތާއެއްގެ އަންގާރަ އަދި ބުރާސްފަތި ދުވަހު ކަމަށެވެ.
މި ޚިދުމަތް ހޯއްދުމަށް ކުރިޔެކޭވެސް އެއްފަދައިން އޮތޯރިޓީގެ ނަމްބަރު 7919292 އަށް ޚިދުމަތް ހޯއްދުމަށް އަންނަ ފަރާތުގެ މައުލޫމާތާއި ހޯދުމަށް ބޭނުންވާ ޚިދުމަތް ލިޔުމަށްފަހު އެސްއެމްއެސް ނުވަތަ ވައިބަރ މެދުވެރިކޮށް ފޮނުއްވުމަށް އެދޭ ކަމަށް އެމްއެމްއޭއިން ބުނެއެވެ.
ޚިދުމަތް ހޯދުމަށް އަންނަ ހުރިހާ ފަރާތްތަކުން ވެސް މާސްކް އެޅުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.






