ކ. މާލެ
|
27 ޖޫން 2020 | ހޮނިހިރު 19:46
އުތުރު އަތޮޅުތަކުގެ ރައްޔިތުން މާލެއަށް އައި ދޯނިފަހަރުތައް މާލޭގެ ބަނދަރުގައި
އުތުރު އަތޮޅުތަކުގެ ރައްޔިތުން މާލެއަށް އައި ދޯނިފަހަރުތައް މާލޭގެ ބަނދަރުގައި
ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު
ޚަތީބު ބޮޑު މުޙަންމަދު ކަލޭފާނު
ރާއްޖޭގެ ޑިމޮކްރަސީގެ ޒަމާނީ ބާބު ފެށޭނީ، ކުޅުދުއްފުށީ ބޮޑު މުޙައްމަދުގެ އުތުރު އަރުމާޒަކުން ނޫން ހެއްޔެވެ؟
 
8000ގެ އާބާދީއެއް އޮތް މާލެއަށް، 9452 މީހުންގެ ފްލީޓެއްގައި އައިސް، ކެތްކުރެއްވީ ފަޅުތެރޭގައި
 
ޖަމީލްދީދީގެ އަތުގައި ހިއްޕެވީ، ކެކިކެކިހުރި ތެޔޮތާހެއްހައި ހޫނުވެފައިވާ ރައްޔިތެއްގެ ތެރެއިން

ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި، ރާއްޖެއަށް ކާޑު ނުގެނެވޭ މިންވަރަށް މި ސަރަޙައްދުގެ ކަނޑުތައް ނާމާންވެގެން ދިޔަހިނދު، އެ ސަރުކާރެއްގެ ޙިމާޔަތުގައި ރާއްޖެ އޮތް، އިނގިރޭސިންގެ އެހީތެރިކަމަށް އެދެން މަޖުބޫރުވިއެވެ. އޭރު ސިލޯނުގައި އޮތް އިނގިރޭސި ފްލީޓުގެ ވެރިއާގެ އެހީތެރިކަމާއެކުވެސް، ރާއްޖެއަށް ކާޑު ގެނެވެނީ އެހާމެ މަދުންނެވެ. ކާންބޯން ނުލިބިގެން، ރާއްޖެ ބަނޑަށްޖެހި ރައްޔިތުން މަރުވާންފެށި ހިނދު، މުޙައްމަދު އަމީންގެ ލީޑަރޝިޕްގައި ހިނގަހިނގާ އޮތް ސަރުކާރަށް ކާޑު ކޮންޓްރޯލް ކުރާންވެސް ޖެހުނެވެ.

ދުވާލަކަށް ރައްޔިތަކަށް ވިއްކަމުން އައި، ހަނޑޫ ލާއްސެއްގެ މިންވަރު، ބައިލާއްސަށްވެ، އެންމެ ފަހުން، ބައިލާހީގެ ދެބައިކުޅަ އެއްބައި ނޫނީ ނުވިއްކޭ ހިސާބަށް ކާޑު ލިބުން ދަތިވެއްޖެއެވެ. މި ދަނޑިވަޅު، ބޮޑު އިސްޓޯރާއި ކާޑުގެތައް އުފައްދައި، މަސްކިރަން ކުރިން އޮތް އިޚްތިޔާރު ގެއްލި، ހަމައެކަނި ބޮޑު އިސްޓޯރަށް ކޮންޓްރޯލު އަގުގައި، މަސްކިރަން ޖެހިއްޖެއެވެ. އެކަމުންވެސް އަންނާންފެށި ދަތި އުނދަގޫ ރައްޔިތުންނަށް ކުރިމަތިވިއެވެ. ބައެއް ސިޔާސަތުގެ ދޯހަޅިކަން ބަރުދާސްތުކުރާންވެސް ޖެހިއްޖެއެވެ. އެހެންކަމުން ސަރުކާރުގެ ރިހޭ ފައިމައްޗަށް ފޮއި، ވެއްޓެން ފެށިއެވެ!

ދެން އިވޭންފެށީ، މިފަދަ ޙާލަތެއްގައި ނުނިކުމެ ނުދާނެ ޝަކުވާތަކުގެގެ އަޑެވެ. އަނެއްކޮޅުން، ރައްޔިތުން ތިބީ ބަނޑަށް ޖެހިފައެވެ. ފެންނާން ފެށީ މީހުންތައް ލޯމަތީގައި، ބަނޑަށް މަރުވަމުންދިޔަ ހިތާމަވެރި މަންޒަރެވެ. މީހުންނޭ ދެންނެވިއަސް އެއީ ކޮންމެވެސް ޢާއިލާއެއްގެ ބައްޕައެއް، މަންމައެއް، ބޭބެއެއް، ނުވަތަ ދައްތައެއް، ނޫނީ ކޮއްކޮ އެކެވެ. މިއީ، ކޮންމެ ރަށަކަށްމެ، ބަރުދާސްތު ކުރަންޖެހިފައިވިހާ ކަންކަމެވެ. ރައްޔިތުންގެ ޙާލަތު ގޯސްވެ، މިޙާލަތުން އުފަންކުރުވާ ނުތަނަވަސްކަން ބޮޑުވެ، ޝަކުވާއަށް ބަދަލުވެ، ޝަކުވާގެ އުދުޅި، ސަރުކާރު ބޮލަށް ކަނޑަން ފަށައިފިއެވެ.

ކުޅުދުއްފުށީ ޚަތީބު ބޮޑު މުޙައްމަދުގެ ޤިޔާދަތު( ލީޑަރޝިޕް)ގައި، ރާއްޖޭގެ އުތުރު އަތޮޅުތައް، މިޝަކުވާއާއިގެން، މާލެ އައުމަށް ތައްޔާރުވާންފެށީ، މިދެންނެވި ދަތިތައް އިންތިހާއަށް ބޮޑުވެގެންނެވެ. ރާއްޖޭގެ އުތުރު އަތޮޅުތަކުގެ ރައްޔިތުންވެސް، ތަޙަންމަލު ކުރަންޖެހުނު މި ދަތި އުނދަގޫތައް، ފިލުވަން އެމީހުންނަށް ފެންނަ ގޮތް، ސަރުކާރަށް ހުށަހަޅަން ފެނުނީ، އޭރު އުތުރުގައި ނަގާކިޔާ ޝަޚުސިއްޔަތު، ކުޅުދުއްފުށީ ބޮޑު މުޙައްމަދު ޚަތީބުގެ އެހީތެރިކަން ހޯދައިގެންނެވެ. އެހައިތަނުން މާލެއަށް އުތުރު އަތޮޅުތަކުގެ ރައްޔިތުން އަންނާންވެއްޖެ ކަމަށް ދެކި، ކުރާން އޮތް ބޮޑުދަތުރަށް ތައްޔާރުވާންފެށިއެވެ. އެއީދިވެހި ތާރީޚު ނުދެކޭފަދަ ބޮޑު ފްލީޓެކެވެ. އެއީ 552 ގަޑެއްޗެވެ. ގަނޑެއްޗޭ މި ދެންނެވީ ފްލީޓުގައި ބައްތެއްޔާއި، މަސްދޯންޏާއި، ކުޑަދޯނިފަހަރު ހިމެނޭތީއެވެ. އެވަރުގެ ފްލީޓެއް އިންތިޒާމު ކުރެވޭނީ، މި ދަތުރު ރާވަމުންދާ ފަރާތްތަކުން، އުތުރުގެ އަތޮޅުތަކަށް ދަތުރު ތަކެއްވެސް ކޮށްގެންނެވެ. އެހެން ކަމުން، ފުރަތަމަ ފެށުނީ އެ މަސައްކަތެވެ. "އުތުރު އަރުމާޒު" އިންތިޒާމު ކުރުމުގެ މަސައްކަތެވެ. އުތުރު އަރުމާޒު ދަތުރުގެ ތައްޔާރީތައް، ވިލަރެސްކުރާ މައި މަރުކަޒަކީ، ކުޅުދުއްފުށްޓެވެ.

ބޮޑު މުޙަންމަދު ކަލޭފާނު (ޚަތީބު ކުޅުދުއްފުށީ ބޮޑު މުޙަންމަދު)

ބޮޑު މުޙަންމަދު ކަލޭފާނަކީ ކޮން ބޭކަލެއް؟

އަމްލަރުޙޫމް ޚަތީބު ކުޅުދުއްފުށީ ބޮޑު މުޙަންމަދު ހަޔާތްޕުޅު، މި ރިޕޯޓަށް ސިފަ ކޮށްދެއްވި އެއްބޭފުޅަކީ، އޭނާގެ ކާފަ ދަރިކަލުން، ކުޅުދުއްފުށީ ގުލްބަކާގޭ ޢަބްދުއްރަޙީމެވެ. ޢަބްދުއްރަޙީމް އަޙްމަދު، ފުރާވަރަށް އަރައިގެންއައި ޒުވާން ހަޔާތަކީ، އޭނާގެ ކާފަ ހަޔާތްޕުޅުގެ ފަހުކޮޅެވެ. ޢަބްދުއްރަޙީމަކީ، ކާފަ ކުޅުދުއްފުށީ ހޮޅުއަށީގައި އިންނަވާއިރު، ދުއްސަވަން ބޭނުންވާ އަޑަފިކޮޅު ތައްޔާރުކޮށް، ކާފަ އިންނެވި ތާކަށް ފޯރުކޮށްދެމުން ގެންދިއަ ބޭކަލެކެވެ. ކާފައާއި އެއް ސުފުރާއަކުން ކޭންބައްލަވާ ބޭކަލެކެވެ. ކާފަ ނިޔާވާން ދިމާވި ވާގިނެތޭ ބަލީގެ ދުވަސްވަރުގެ ކަންކަންވެސް، ލޮލުން ދެކެލައްވާފައި ހުންނެވި، އަދި މިއަދުވެސް ކާފަގެ ގޭގައި ދިރުއުޅުއްވާވެސް، ބޭކަލެކެވެ.

ޢަބްދުއްރަޙީމް، މި ރިޕޯޓަށް ޙިއްސާކޮށްދެއްވި ގޮތުގައި، ގުލްބަކާގޭގެ ނަމުން މިއަދު ނަންކިޔާ އެ ގެއަށް، ކާފަގެ ހެޔޮ ޙާލުގައި ކިޔައިއުޅޭ ނަމަކީ "ބިސްކޯދުގެ"އެވެ. އެއީ ދެފަރާތަށް ދެ ފެންޑާލައިފައި ހުންނަ، އެތެރެގެއަކާއި ބޭރުގެއެއް ހިމެނޭ ކުޑަވަރެއްގެ ގެއެކެވެ. ގޭގެ ދޮރުން ބޮޑު މުޙަންމަދު ކަލޭފާނުވެސް ވަންނަވަނީ ބޯ ގުދުކޮށް ލައްވައިގެންނެވެ. އެއީ ވަރަށް ތިރި ދަމާދޮރެއް ލައިފައިހުންނަ ގެއެކެވެ. ގޭގެ ގައުފޮޅުމަތީގައި ބިއްވަކަރު ޖަހައިފައިވާ ކުޑަވަރެއްގެ ގެއެކެވެ. ޢަބްދުއްރަޙީމް ހަދާން ހުންނަން ފެށީއްސުރެ، ކާފަ ނިދިކުރައްވަނީ، އެ ގޭގެ ދެކުނު ފަރާތު ފެންޑާގައި މަދިރިގެއެއް ޖަހައިފައިހުންނަ އެނދެއްގައެވެ.

ވަރަށް ޤަވާއިދުން، ގަޑިން ގަޑިއަށް ކޭންބައްލަވައި އުޅުއްވި ބޭކަލެއް އެއީ. މެންދުރު ކޭންބައްލަވަނީ މެންދުރު ނަމާދުން ދުރުވެފަ. އެގަޑީގައި ކޭންބައްލަވަނީ ފެންބަތާއި ގަރުދިޔަ. ރިހަ އާއި ބަތާ ކޭންބައްލަވަނީ ރޭގަނޑަށް. ހަވީރު ސައި ބައްލަވަނީ ފާރޮއްޓާއެކީ. ހެނދުނު ނާސްތާގައި ރޮށި ކޭންބައްލަވާ. ޒުވާން ހަޔާތުގައި ފުރަތަމަ ކުރެއްވި މަސައްކަތަކީ، މަހަށް ދިއުން. ކަތީބު ކަމުގައި ހުންނެވި އިރު، ގިނައިން އިންނަވާނީ އޮފީހުގައި. އެއީ ރައްޔިތުންގެ ލޯބި ލިފައިވާ ބޭކަލެއް. މަގުކޮޅުން ކާފަ ފެނުނަސް، ފާލަންމަތީގައި ތިބޭކުދިން ދުވެފިލާނެ. މަގުން ހިންގަވާފައި ދުރުވާއިރު، އެކަކުވެސް ކާފަ ކުރިކަނޑާފައެއް ނުދާނެ. އަޅުގަނޑު ހަނދާން ހުންނަން ފެށީއްސުރެ، ރޭގަނޑު އަށެއްގެ ފަހަކުން ގެއަކުން ނުނިކުންނަވާނެ."
މުޙައްމަދު ކަލޭފާނު ކޭންބައްލަވައި އުޅުއްވި ސާދާ ގޮތް، ޢަބްދުއްރަޙީމް ކިއުއްވައި ދެއްވަމުން، ބުނުއްވި

ޚަތީބު ބޮޑު މުޙަންމަދު ކަލޭފާނަކީ، އެއްކަށި ވީރެއްހާ ބާރުގަދަ ބޭކަލެކެވެ. އިސްކޮޅުގައި ހަފޫޓު ހުންނަހާ ދިގު، ބައިމަތިފުޅާ، ހައިބަތު ހުރި ބޭކަލެކެވެ. އެއީ ބަސްމަދު ބޭކަލެކެވެ. މީހަކު އޭނާގެ ކުރިމަތީގައި ނުތަނަވަސް ވާހަކައެއް ދެއްކިއަސް، ވަގުތުން ޒުވާބުދީއެއް ނޫޅުއްވައެވެ. އެކަމަކު، އެމީހަކާއި ފަހުން ބައްދަލުކޮށް، ކަންކަން އޮޅުފިލުވައިދީ ހައްދަވައެވެ. " ކާފަގެ ބާރުގަދަކަމަކީ، 160 ރާތަލުގެ ހަނޑޫ ބަސްތާ، އެއް އަތުން ނަގާފަ އަތުކޮޅަށް އެއްލާލާ" ބޮޑު މުޙަންމަދު ކަލޭފާނުގެ ބާރުގަދަކަން ސިފަކޮށްދެއްވަމުން، ޢަބްދުއްރަޙީމް ބުނުއްވިއެވެ.

ހެދުން އެޅުމުގައި، ޢާންމު ގޮތެއްގައި، ބޮލުގައި ފޮށާ އޮޅުއްވައިގެން، އަތްކުރު ގަމީހާއި މުންޑު އަނދެ އުޅުއްވި، ބޮޑު މުޙަންމަދު ކަލޭފާނުގެ ޚަޠީބު ކަމުގައި، ކުޅުދުއްފުއްޓަށް އިންޖީނެއް ގެންނަވައި، ރަށުގައި ކަރަންޓުގެ ޚިދުމަތް ދެއްވިއެވެ. އެރަށުގައި، ރަށްވެހިގެއަކާއި، ކާޑުގެއަކާއި، ފާރޮށިގެއެއްވެސް އެޒަމާނުގައި ހުރެއެވެ. ރަށްވެހިގެ ހެއްދެވީ މިހާރު ބައު ހޮސްޕިޓަލު، އެ ހުރި ބިމުގައެވެ. އޭރުވެސް އެ ރަށުގެ ތިން އަވަށުގައި ތިން މަކްތަބު ހިންގެވިއެވެ. މިހާރު އެރަށުން ފެންނާން ހުރި "އަމީރު އަމީން ސްކޫލް" ގެ ޢިމާރާތަކީވެސް، އެޒަމާނުގައި ރަނގަޅު ފެންވަރަކަށް ކިޔަވައިދޭ މަކްތަބެއް ހިންގި ތަނެކެވެ. އަމީރު އަމީން ސްކޫލް ފެންނާން އެހުރީ، މިދެންނެވި މަކްތަބު ހިންގަން މުޙަންމަދު ކަލޭފާނު އެޅުއްވި ބިންގަލުގައެވެ.

ކުޅުދުއްފުށީ ސެންޓަރު ޙަސަން އަޙްމަދު، (ހަސަންބެ) ކިއުއްވައިދެއްވި ގޮތުގައި، މުޙަންމަދު ކަލޭފާނަކީ، ކުޅުދުއްފުށީ ރައްޔިތުންގެ އިތުރަށް ބޮޑު ތިލަދުންމަތީގައިވެސް އޭރު ހުންނެވި، އެންމެން ޤަދަރުކުރާ، އަދި އެންމެންގެ މައްޗަށް ބަސްވިކޭ ޝަޚުސިއްޔަތެކެވެ. ހަމަ އެހެންމެ މުޙަންމަދު ކަލޭފާނަކީ، މުޙަންމަދު އަމީން ދީދީއާއި ރައީސް އިބްރާހިމް ނާސިރުވެސް، އެހާ ޤަދަރު ކުރެއްވި، އަދި އެ ދެ ރައީސުންނާއިވެސް، އެހާ ގާތް ގުޅުމެއް ބޭއްވި ބޭކަލެކެވެ.

"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މުޙަންމަދު އަމީން ތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅެއްގައި، އަތޮޅުގެ ރަށްރަށަށް، އަމީން ގޮވައިގެން ފަލިޖައްސަވާފަ ކަލޭފާނު ދަތުރު ކުރެއްވި. އެ ދަތުރު ނިންމާފަ، އަމީން ގޮވައިގެން މާލެއަށްވެސް އެ އޮޑީގަ، ދަތުރު ކުރެއްވި."
ސެންޓަރު ޙަސަން
މުޙަންމަދު ކަލޭފާނާއި އަދި އޭރު އުޅުއްވި ބައެއް ބޭފުޅުން

ޢަބްދުއްރަޙީމް ބުނުއްވާ ގޮތުގައި، އޭނާގެ ކާފައަށް ރައީސް ނާސިރުވެސް ވަރަށް ޤަދަރު ކުރެއްވިއެވެ. އަމީން ދީދީގެ ދައުރުންފެށިގެން، ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައިވެސް، ކުޅުދުއްފުށީ ޚަތީބު ކަމުގައި، އެ ހުންނެވި ހުންނެވުމަކީ، އޭގެ ހެތްކެކެވެ. ނިޔާވުމާއި ހަމައަށްވެސް އޭނާ ހުންނެވީ އެރަށުގެ ޚަޠީބުކަމުގައެވެ.

"މިހާރުވެސް ގޭގައި އެބަހުރި، އިބްރާހިމް ނާސިރު، ކާފައަށް ދެއްވި، ފިލިޕްސް ރޭޑިއޯއެއް. މާލެއަށް ދުރުވެއްޖެއްޔާ ނާސިރު ފައިންޕުޅުވެސް ދެކޭ" ރައީސް އިބްރާހިމް ނާސިރާއި، މުޙަންމަދު ކަލޭނާ ދެމެދު އޮތް ގާތްގުޅުން، ޢަބްދުއްރަޙީމް ސިފަކޮށް ދެއްވިއެވެ.

މުޙަންމަދު ކަލޭފާނަކީ، ރައްޔިތުންގެ މައްޗަށް ލޯބި އޮތް ، ރައްޔިތުންގެ ފައިސާއަށް އަމާނާތްތެރިވި، ރައްޔިތުންގެ އިތުބާރުއޮތް ލީޑަރެކެވެ. އޭގެ އެއް މިސާލަކީ، އަމީންދީދީގެ ލީޑަރިޝިޕްގައި ހދ. އަތޮޅަށް ފޮނުއްވި އަތޮޅުވެރިއަކު، ރަށްރަށުގެ އޮފީހުގެ ބެލުމުގައި ހުރި، ރައްޔިތުންގެ ފައިސާ، އަތޮޅު އޮފީހުގެ ބެލުމުގެ ދަށަށް ގެންދަވަން ކުޅުދުއްފުއްޓަށް ދުރުވުމުން، މުޙަންމަދު ކަލޭފާނު ކަންކުރެއްވި ގޮތެވެ.

"އެދުވަހު، ކަލޭފާނު ދުރުވެ، ރައްޔިތުންގެ ފައިސާފޮށީގެ މަތީގައި އިށީންނަވާފަ، ބުނުއްވި ކަމަށްވޭ، މިއީ ސަރުކާރުގެ އެއްޗެއްނޫނޭ. ރައްޔިތުން މަސައްކަތް ކޮށްގެން ހޯދާފަހުރި ރައްޔިތުންގެ ޙައްޤެކޭ. މި ފޮށި ނަގައިގެން ގެންދަންވާނީ އަހަރެންގެ ދުވަސް ދުއްވާލައިފައޭ" ސެންޓަރު ޙަސަންބެ، އެ ވާހަކަ ވާރުދަވެފައި އޮތް ގޮތަށް، ކިއުއްވައި ދެއްވިއެވެ. ކޮންމެއަކަސް މިދެންނެވި ދުވަހު، އަތޮޅުވެރިޔާ އެނބުރި ދުރުވީ، ހުސްއަތާއެވެ.
ސެންޓަރު ޙަސަން

އުތުރު އަރުމާޒު މާލެއަށް އަންނަން ޖެހުނީ ކީއްވެ؟

ކުރީ ޒަމާނުގައި ދަތުރުކުރި ފަދަ ރިޔާ ނެގި ދޯނިތަކެއް

މުޙަންމަދު އަމީންގެ ސަރުކާރާއި އެހާ ގުޅުން ރަނގަޅު، އަދި އަމީންދީދީއާއި އެހާމެ ރަޙުމަތްތެރި ބޭކަލަކު، ލީޑަރަކަށް ހުންނަވައިގެން އެހާގިނަ ބަޔަކާއެކު، މާލެއަށް އަންނަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟ މި ސުވާލު ތިލަދުންމަތީގައި ތިއްބެވި ހަރު ބޭކަލުންނަށް ދަންނަވައިލުމުން ދެއްވަނީ އެއް ޖަވާބެކެވެ. ބުނުއްވަނީ އެއީ މަޖުބޫރު ވެގެން ކުރި ދަތުރެއް ކަމަށެވެ. އެ ނޫން އެހެން ގޮތެއް ނެތުނީ ކަމެވެ. ކާޑުގެ ދަތިކަމާއި، މަސް ކިރުމުގެ ދަތިކަމާއި، ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައް ދޯހަޅިކަމުން، މި ޝަކުވާއާއިގެން، ތިލަދުން މަތީ ރައްޔިތުން، މުޙަންމަދު ކަލޭފާނާއި ބައްދަލުކުރީއެވެ. އެކަމުގައި ލީޑަރަކަށް ވެދެއްވަން ދެންނެވީއެވެ. އެހެންކަމުން މިއީ މުޅި އުތުރު ބައިވެރި ކުރައްވައިގެން ރޭއްވެވި ދަތުރެކެވެ. އަދި އެ ދަތުރުގައި ސަރުކާރަށް ހުށަހަޅާނެ ލިއުމެއްވެސް ތައްޔާރު ކުރެއްވިއެވެ.

ބޮޑު މުޙަންމަދު ކަލޭފާނުގެ ލީޑަޝިޕަކީ، ޑިމޮކްރަސީގެ ރީތި މިސާލެކެވެ.

ތިލަދުންމަތީ މީހުން މާލެއަށް އަންނަ ޚަބަރު، މުޙައްމަދު އަމީނަށް އޮތީ، އޭގެ ދުވަސްކޮޅެއް ކުރިން އެނގިފައެވެ. އަދި އެ ޚަބަރު ގެނެސްދިން، ތިލަދުންމަތީ ދެ ބޭކަލެއްގެ ހަވާލުގައި، ރައްޔިތުން ހޭލުންތެރިކުރުމަށް، ސިޓީތަކެއް، އަމީން ފޮނުއްވިއެވެ." ދިވެހިރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި" މި މަޒްމޫނުގައި، މިކަން އަމީން ސިފަކުރައްވާފައި އޮތީ، އެހާބޮޑަށް އެކަމަސް ސީރިއަސްވެ ނުލެއްވީ، ކުޅުދުއްފުއްޓާއި، ތިލަދުންމައްޗަށް ކުރައްވާ އިތުބާރެއްގެ ސަބަބުންނެވެ. " ވިހިވަނަ ޤަރުނުގައި ދިވެހިރާއްޖެ" މި ފޮތުގައި އެ ޙާދިސާ ސިފަކޮށްފައިވާ ގޮތުން، އަމީންދީދީއަށް، މިކަމާ އަޅައިނުލެއްވުނެއް ކަމަކު، އަމީންގެ ބައްޕާފުޅު އަޙުމަދު ދޮށިމޭނާ ކިލޭގެފާނަށް، އުތުރުއަރުމާޒުގެ ޚަބަރު ރަނގަޅަށް އެނގިވަޑައިގަންނަވައެވެ. ވުމާއެކު،މާލޭގައި ބަސްކިޔާއުޅޭ ޒުވާނުންގެ ޚިޔާލު ހޯއްދަވަމުން ރަށުތެރޭގައި އަޑު ހުރިގޮތް ބައްލަވަމުން ގެންދެވިއެވެ. އަދި ބައެއް ޒުވާނުންގެ ޚިޔާލު ބަދަލުވިޔަ ނުދެއްވުމުގެ ގޮތުން، ބައެއްކަހަލަ "ހަދިޔާ" ކުރައްވަމުންވެސް ގެންދެވިއެވެ.

ބޮޑު މުޙަންމަދު ކަލޭފާނުގެ ޤިޔާދަތުގައި، އުތުރު އަރުމާޒުގެ ފްލީޓު މާލެއަށް ފުރުމުގެ ދެތިންދުވަސް ކުރިން، ރާއްޖެތެރޭގެ ޙާލު ބައްލަވައި، ރައްރަށުގެ ރައްޔިތުންނަށް ނަސޭޙަތްދީ، ކާޑުގެ ތަކެއްޗާމެދު އެބޭފުޅުންނަށް ފެނިވަޑައިގަންނަވާ ރަނގަޅު ގޮތަކަށް ހަމަޖެއްސުމަށް ޓަކައި، މުހަންމަދު އަމީން ދީދީގެ ސަރުކާރުން، ތިލަދުންމައްޗަށް ވަފްދެއް ފޮނުއްވިއެވެ. މި ވަފްދުގައި ހިމެނިވަޑައިގަތީ، މުޙަންމަދު ޖަމީލްދީދީއާއި އަންނަބީލު މަލިމް މުޙަންމަދުދީ އެވެ.

ޖަމީލްދީދީގެ ވަފްދު މާލެއިން ފުރުއްވުމާއެކު، ކުޅުދުއްފުއްޓަށް އޮތީ މި ޚަބަރު ލިބިފައެވެ. އެ ޚަބަރު އެނގިފައި އޮތީ އެރަށުގައި ސަރުކާރާ ދެކޮޅަށް ތިބިމީހުން ހިފައި ހައްޔަރުކޮށް ބިޑިއަޅަން، ބިޑި ހިފައިގެން އަންނަ އުޅަނދެއް މާލެއިން ފުރައިފި ކަމެވެ. މި ޚަބަރު ލިބުމުން މުޅި ކުޅުދުއްފުށީގައި އޮތީ އާދަޔާ ޚިލާފު ރޫޙަކާއި ފޯރިއެކެވެ. ރޭގަނޑާއި ދުވާލު އެ އުޅަނދަށް ފާރަލަމުން ގެންދާން ފެށިއެވެ.

ޖަމީލު ދީދީގެ ވަފްދާއި ކަނޑުމަތިން ބައްދަލުވާ އުޅަނދުތަކުން، ޚަބަރު ލިބެމުން ދިޔައީ، އަންނަ އާދިއްތަ ދުވަހުގެ 2 ޖަހާއިރު ތިލަދުންމަތީ މީހުން މާލެދާން ފުރާނެކަމެވެ. ހޮނިހިރު ދުވަހުގެ އިރު އޮއްސެން ވާއިރަށް، އެންމެން ކުޅުދުއްފުއްޓަށްދާން އަންގައިފައި އޮތް ކަމެވެ. ވުމާއެކު، ޖަމީލުދީދީގެ ވަފުދު ކުޅުދުއްފުއްޓަށް މިސްރާބުޖެހީ، ތިލަދުންމަތީގައި ރަށްރަށުގައި ސަރުކާރާ އެއްކޮޅަށްތިބި ރައްޔިތުންނާއި ވާހަކަ ދައްކަވައި، ނަސޭހަތް ދެއްވުމަށްފަހުއެވެ. ޚާއްސަކޮށް އުތީމު ބައްތެލި ކޮޅު، ކުޅުދުއްފުއްޓަށް ނާންނާނެ ގޮތް ވޭތޯ ބެލުމަށް، އަތޮޅުވެރިން އުތީމަށް ފޮނުއްވުމަށް ފަހުއެވެ.

"ހުވަރަފުށީ ޚަޠީބު ކަލޭފާނާއި، ވައިކަރަދޫ ޚަތީބު ޢީސާ އާއި، އެރަށު ނައިބު ޢަލީ ގޮވައިގެން، މުޙަންމަދު ޖަމީލު ދީދީމެން (މަލިމް މުޙަންމަދު ދީދީ، އާއި މުޙަންމަދު ޖަމީލުދީދީ) ދަތުރު ކުރެއްވި އުޅަނދު، ވަންއިރު، އަތިރިމަތިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ނަމަވެސް ދޯނި ގޮނޑުދޮށާ ކައިރިކުރިތަނާ ކުއްލިއަކަށް ރައްޔިތުން އެކީގައި ކަހަލަ ގޮތަކަށް އަތިރިއާ ދިމާއަށް އަންނަން ފަށައިފިއެވެ. އެމީހުންގެ އަތުގައި ދޯނިއެހެލާ ވަލަކާއި ކަނދުބުރި ހުއްޓެވެ. އޭގެ ބޭނުމަކީ ދޯނި އެއްގަމަށް އެހެލުމެވެ. މިމީހުން ވަކި ހިސާބަކަށް ކައިރިވެފައި ގޮވާލިއެވެ. "މަރަކީ އެއްފަހަރު ވާކަމެކޭ. ވިހާނީވެސް އެއްދުވަހުއޭ. ބަލާކަށް ތިބޭނެ ކަމެއް ނެތޭ. އެރިގަންނަންވިއްޔޭ . ދަމައިގަންނާށޭ". – (ވިހިވަނަ ގަރުނުގައި ދިވެހިރާއްޖެ. ސަފުޙާ 41)

މިތަން ދެކެވަޑައިގަތް ހިނދު، ކުޅުދުއްފުށީގެ މަސްރަޙު އޮތް ގޮތް، ޖަމީލުދީދީއަށް ސާފުވިއެވެ. ދެން ކުޅުދުއްފުއްޓަށް ފައިބެވަޑައި ނުގެން، ދޯނި އަނބުރާލައި، ކުޅުދުއްފުށީ ފަޅުން ނިކުމެގެން ދަތުރު ކުރައްވަނިކޮށް، ކުޅުދުއްފުށީގެ ދޯނިފަހަރު ނިކުމެ، އެ އޮޑީގައި ވާ އައްސައިގެން، ރަށުފަޅަށް ވެއްދިއެވެ.

"ތިޔަބޭފުޅުންގެ ޖާނަކަށް ކަމެއް ނުވާނެއެވެ. އަވަހަށް ފައިބައިވަޑައިގަންނަވާށެވެ. ތިޔަބައިމީހުންވެސް ތިޔަހެން އުޅެންވާނެއޭ. އަހަރެމެންވެސް ބަނޑުހައިގަނެގެން އުޅެވޭ ގޮތޭ. ދެން އޭނާ ( ޚަޠީބު ބޮޑު މުޙަންމަދު) ޖަމީލުދީދީއާއި މަލިމް މުޙަންމަދު ދީދީ، ދޯނިންބާލައިގެން، ދެބޭފުޅުންގެ އަތްޕުޅުގައި ދެއަތުން ހިއްޕަވައިގެން ދުރުވީ އެރަށު ނިކަގަސްދޮށާއި ދިމާއަށެވެ. މިތަނަކީ އެކިއެކި މުނާސަބާތަކުގައި ރަށުގެ ރައްޔިތުން ނިކުމެއުޅޭ ތަނެވެ" -- (ވިހިވަނަ ގަރުނުގައި ދިވެހިރާއްޖެ. ސަފުޙާ 41)
ކުރީ ޒަމާނުގައި ދަތުރުކުރި ފަދަ ރިޔާ ނެގި ދޯނިތަކެއް މާލޭގެ ބަނދަރުގައި

މިދެންނެވި ވަގުތު، ފެނިގެން އެދަނީ، ޚަޠީބު ބޮޑު މުޙަންމަދު ކަލޭފާނުގެ ލީޑަރޝިޕް ކޮލިޓީއެވެ. ޖަމީލު ދީދީއާއި މަލިމް މުޙަންމަދު ދީދިގެ އަތްޕުޅުގައި ދެއަތުން ހިފަހައްޓަވައިގެން ހުންނަވާ، އެނާގެ ޙިމާޔަތުގައި، އެބޭފުޅުން ރަށަށް އެރުއްވި އެރުއްވުމަކީވެސް މިސާލީ ކަމެކެވެ. އޭރު މުޅިރައްޔިތުންހެން އެތިބީ ބަނޑުހައި ހޫނުކަމުގެ ވޭނުން ލިބިފައިވި ރުޅިވެރި ކަމުގައެވެ.

އެފަދަ ރައްޔިތެއްގެ މެދުން ކުޅުދުއްފުއްޓަށް، އެ ވަފުދު އެރުވި އެރުވުމާއި، އެ ދެއްވި ޙިމާޔަތާއި، އިޙުތިރާމާއި، ޤަދަރުން ދޭހަކޮށްދެނީ، ބޮޑު މުޙަންމަދު ކަލޭފާނަކީ، ސަރުކާރުގެ ފިކުރު ހާމަކުރައްވަން، އެ ވަޑައިގަތް ވަފްދަށްވެސް، އިޙުތިރާމު އަދާކުރެއްވި ބޭކަލެއް ކަމެވެ. އޭނާގެ ކިބައިގައި، އަނިޔާވެރިކަން އިސްކުރުމުގެ ވިސްނުންފުޅެއް ނެތް ކަމެވެ. ރައްޔިތުން އެ އެދޭ ގޮތް ސަރުކާރާއި ހަމައަށް ފޯރުކޮށްދެއްވަން އެ ހުންނެވީ، ޑިމޮކްރެޓިކް ލީޑަރެއްގެ ކިބައިގައި ހުންނަންވާނެ، ސިފަތަކުން ޒީނަތްވެގެން ކަމެވެ. އަނިޔާވެރިކަން އިސް ނުކުރުމާއި، ކެތްތެރިކަން ކުރިއަށް ނެރުއްވުމާއި، އަނެއް ފަރާތުގެ އަޑުވެސް އެއްސެވުމާއި، އެ ވާހަކަތައްވެސް ހަޖަމްކުރުމުގެ ޤާބިލްކަން މުޙަންމަދު ކަލޭފާނުގެ ކިބައިގައި ހުރިކަން، މި ކަންކަމުން ދޭހަވެއެވެ.

ކޮންމެ އަކަސް މިދެންނެވި ދުވަހު، އެބޭފުޅުންނަށް އިޙުތިރާމު އަދާކޮށް، އެބޭފުޅުން ފުރާވައިޑައި ގަތުމުން، ވިދިގެން އައި 1943ގެ ފެބްރުވަރީ 28ގައި، އުތުރު އަރުމާޒު މާލެއަށް ދަތުރުފެށިއެވެ. ކުޅުދުއްފުށީ ފަޅުތެރެ ފުރި ބާރުވެފައިވާ އޮޑިފަހަރުގެ ރިޔާ މޮހާލީ، ބޮޑު މުޙަންމަދު ކަލޭފާނާއި ދަތުރުގެ އިސް ބޭކަލުން ދަތުރުކުރާ "އުތީމު ބައްތެލިކޮޅު" ގެ ރިޔާ، އަރުމާޒުގެ ކުރީގައި އޮވެގެންނެވެ. ކޮންމެ އަތޮޅަކުން ބައިވެރިވި ދޯނިފަހަރު، ފްލީޓާއި ގުޅެމުން ދިޔައީ، އެ އަތޮޅަކާއި އަރާ ހަމަވުމުންނެވެ. އެއަށްފަހު، މާހަލާހައަށް އައިސް ރޭވިފައިވާ ގޮތް އެންމެންނަށް ބުނެދިނުމަށްފަހު، މާލެއަށް މިސްރާބު ޖެއްސެވެ. ޚަޠީބު ބޮޑު މުޙައްމަދުގެ ޑިމޮކްރެޓިކް ވިސްނުމާއި ޝަޚުސީ ސިފަތަށް ދެން ފެނިގެންދާ ދެވަނަ މަންޒަރަކީ، މާލޭގެ ފަޅުތެރެއިން އެ ފެނުނު ހިމޭން މުޒާހަރާއެވެ. އޭނާގެ ޤިޔާދަތުގައި ދަތުރުކުރި އެ ބޮޑު ފްލީޓުގެ ދޯނިތައް، މާލޭގެ ބަނދަރަށް ރިޔާ ދޫކޮށްލީ، ދިވެހި ތާރީޚުގައި ސިހިގެންދާ މަންޒަރެއްގެ ގޮތުގައެވެ. އުތުރު އަރުމާޒުގެ ފްލީޓުން އައި 9452 މީހުންގެ ލަޝްކަރު ސައިޒް، އެވަގުތު މާލޭގެ އާބާދީ ކަމަށްވާ 8000 މީހުންނާއި ޢަދަދުގެ ގޮތުން ނުބައްދަލެވެ. ނަމަވެސް އެމީހުން ތިބީ މާލޭގެ ފަޅުތެރޭގައެވެ. އެ އައި ހޫނުކަންމަތީގައި މާލެއަށް އަރަން ބޭނުންވި ނަމަ، އެ އެންމެން ތިބީހީ މާލޭގެ ފަސްމަތީގައެވެ. މިހައިތަނުން ދެން މި ނަކަލް ކޮށްލަނީ، އެ ވަގުތާއި އެ ޙާލަތު ސިފަކުރައްވައި، މުޙަންމަދު އަމީން ދިދީގެ ގަލަންކޮޅުން، ލިއުއްވި" ހަނގުރާމައިގެ ވިލާގަނދެއްގެ ދަށުގައި ދިވެހިރާއްޖެ" މި ފޮތުގައި އަމީން ލިއުއްވާފައި އޮތް ޢިބާރާތެކެވެ.

"ބޮޑު ނައު ކޮޅުގެ ކުނބަށް އެރި މީހުންނާއި، މެންދުރު ނަމާދަށް ގޮވަން މުންނާރަށްއެރި މުންނާރު ކަލޭގެއާއި ހަމަ އެއްބަހެވެ! ދެ ބަނޑޮސް ދޭތެރެއިން ވަނުމަށް އުތުރުން އެ އަންނަނީ، ދުވަހަކުވެސް މާލެ ނާންނަފަދަ، ގިނަގުނަ ވެގެންވާ އޮޑިތަކާއި، ބައްތެލިތަކާއި، ދޮނިތަކެވެ". – އެ މަންޒަރު ސިފަކުރައްވައި،" ހަނގުރާމައިގެ ވިލާގަނދެއްގެ ދަށުގައި ދިވެހިރާއްޖެ" މި މަޒްމޫނުގައި، މުޙައްމަދު އަމީން ދީދީ ލިއުއްވައި ވެއެވެ. "އަޅުގަނޑުމެން ކަނޑައެޅީ، އަލްފާޟިލް އިބްރާހިމް ޢަލީދީދީއާއި އަލްފާޟިލް އިބްރާހިމް މުޙަންމަދު ދިދީ އާއި މި ދެބޭފުޅުން، ނައުކޮޅު ބައްތެލީގައި، އެމީހުންނާއި ބައްދަލު ކުރެއްވުމަށް ވަޑައިގެން، އެމީހުން އެ އަންނަ ގޮތަށް މާލެ ނައިސް، ގަލުފަޅަށް ދިއުމަށް އަމުރު ކުރެއްވުމަށެވެ. އެމީހުން އެތާނގައި ތިބެގެން ދައުލަތަށް ދަންނަވާންވި އެއްޗެއް، އެމީހުންގެ ތެރެއިން ބަޔަކު ވަކީލުން ކަމުގައި ޚިޔާރުކޮށްގެން، އެބަޔަކު މެދުވެރިކޮށްގެން ދެންނެވުމަށް، އެމީހުންނަށް އެނގުމަށެވެ". އަމީން އިތުރަށް ލިޔުއްވާފައި ވެއެވެ.

އެހެން ނަމަވެސް، ކަން ވެގެންދިޔައީ އަމީންގެ ހިތްޕުޅަށް އެންމެ ފަސޭހަފުޅު ގޮތަކަށް ނޫނެވެ. ފްލީޓަށް އެންގި އެ އެންގުން އެމީހުން އަޑުއަހާކަށް ނެތެވެ. އެ އައި ގޮތަށް އައިސް، ދޯނިތައްވަނީ މާލޭގެ ކަނޑިންމައިންނެވެ. ރިޔާ ދޫކޮށްލީ މާލޭގެ ފަޅަށެވެ. އެއަށްފަހު، އިއްވަންފެށީ އެމީހުންގެ އަޑެވެ.

މިދެންނެވި މަޒްމޫނުގައި އަމީންދީދީ ލިޔުއްވާފައިވަނީ، އުތުރު އަރުމާޒުގެ ބޮޑުންނާއި ބައްދަލުކުރަން، ފުރަތަމަ ފޮނުއްވީ، އަޙުމަދު މާފަތް ތަކުރުފާނާއި، ދޮންމަނިކު ޢަބްދުއްﷲ ދީދީކަމަށެވެ. ރައްޔިތުންގެ ފަރާތުން ބަސްކިޔަންތިބި ބަޔަކު މާލެއަށް ފޭބުމަށް މިބޭކަލުން ދެންނެވިއެވެ. އެކަމަށް އިޖާބަ ނުދިނުމުން، ދެން ފޮނުއްވީ ކުރިން ފޮނުއްވި ދެބޭފުޅުންނާއި، އަލް އަމީރު އަލީ ކުޑަރަންނަބަނޑޭރި ކިލެގެފާނެވެ. މިފަހަރުވެސް އެމީހުންދިނީ ބީރު ކަންފަތެކެވެ.

އެދުވަހު ހަވީރުވީތަނާ އެމީހުންގެ ވެރިން، ދޯންޏެއްގައި މާލޭގެ ފާލަންކައިރިއަށް އައީ، އަލްއަމީރު މުޙައްމަދު ފަރިދު ދީދިއާއި، އަލްއަމީރު ޢަލީ ކުޑަރަންނަބަނޑޭރި ކިލެގެފާނާއި، އަލްފާޟިލް ވެލާނާގޭ އިބްރާހިމްދީދީއާއި، މުޙަންމަދު އަމީންދީދީ، ފާލަންމައްޗަށް ވަޑައިގަތުމުންނެވެ. އެއީ އުތުރު އަރުމާޒުގެ ބޮޑުން އެދެމުންދިޔަ ގޮތެވެ. އަމީން ލިޔުއްވާފައި ގޮތުގައި އެމީހުން އިއްވި ބަހަކީ، އެމީހުން ގަބޫލުކުރާ ރަސްކަލަކު މާލޭގައި ނެތްކަމާއި، އެދުމަކީ މުޙައްމަދު ޝަމްސުއްދީން ރަސްކަލަކަށް ލައިގެން، މުޙައްމަދު ފަރިދުދީދީ، އެމީހުން ގޮވައިގެން އުޅުއްވުމެވެ.

މިހައިތަނުން ދެން ތިރީގައި، މި ނަކަލު ކޮށްލަނީ، " ވިހިވަނަ ގަރުނުގައި ދިވެހިރާއްޖެ" މި ފޮތުގައި، އުތުރު އަރުމާޒުގެ ބޮޑުން ސަރުކާރަށް ހުށަހެޅުއްވި ކަންތައްތަކާމެދު، ލިއެފައިވާ ޖުމްލައެވެ. މިއީ ވިދިގެންއައި ހުކުރު ދުވަހު، ކަންވެގެން ދިޔަ ގޮތުގެ މައްޗަށް ލިޔެފައިވާ ޢިބާރާތެކެވެ. އެވަގުތާއި ޖެހެންދެން، ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް، އެކި ފަހަރުމަތިން، އަމީންދީދީ މަސައްކަތް ކުރެއްވި ކަމާއި، އަދި އެރޭ ކުއްލި ގޮތަކަށް އެއްކުރެވުނު ރައްޔިތުންގެ މަޖިލީހުން، މި މައްސަލަ ނިންމުމުގެ ބާރު އަމީންދީދީއަށް އަރުވައިފައި އޮތްކަމާއި، އުތުރު އަރުމާޒަށް ފެންނަފަށުގައި އެއްވި، މާލޭގެ ރައްޔިތުންވެސް، އަމީންދީދީއަށް އެމީހުންގެ ތާއިދު އޮތްކަން ހާމަކޮށް، އަމީން ދީދީއަށް ފެނިވަޑައިގަންނަވާ ގޮތަކަށް، މި މައްސަލަ ނިންމަން އޮތީ އިޚުތިޔާރު ދިފައެވެ. މިކަން މިހެން ހިނގަމުން ދަނިކޮށް މާލެމަތިން ދަތުރުކުރި މަތިންދާބޯޓެއްފެނި، އިނގިރޭސިން އަމީނަށް އެހީވެދޭން އަންނަނީކަމަށްވެސް، އުތުރު އަރުމާޒަށް ހީވެފައި އޮތެވެ. މިއީ، ދެފަރާތުން ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމަށް، ޚިޔާލު އެއްގޮތްވަމުން ދިޔަ ވަގުތެވެ.

"އުތުރުން އައި މީހުންގެ ތެރެއިން ނަގާކިޔަންއުޅުނީ ފަންސާހަކަށް މިހުންނެވެ. މިމީހުން ބާލައިގެން ކަސްޓަމް މައްޗަށް ގެންގޮސް، އެމީހުން އައި ބޭނުމާބެހޭ ގޮތުން ދައުލަތުގެ ފަރާތުން ސުވާލު ކުރެއްވުމުން، ގާތްގަނޑަކަށް 19 ވަރަކަށް މައްސަލަ، ސިޓީއެއްގެ ސިފައިގައި ހުށަހެޅިއެވެ. އެ ލިއުމުގައި އެމީހުން އެދޭ ކަންތައްތައް، ވަރަށް ފުރިހަމައަށް ބަޔާންކޮށްފައި ހުއްޓެވެ." – "ވިހިވަނަ ގަރުނުގެ ތެރޭގައި ދިވެހިރާއްޖެ" މި ފޮތުން ނަކަލްކކޮށްފައި އެވާ،ދެ ޖުމްލައިގެ ލިޔެފައި ވެއެވެ.

މިދެންނެވި ވަގުތު އުތުރުން އައިސްތިބި ބޮޑުންނާއި ވާހަކަފުޅު ދައްކަވަމުން، މުޙައްމަދު އަމީން ދެއްކެވި ވާހަކަފުޅު، " ވިހިވަނަ ގަރުނުގެ ތެރޭގައި ދިވެހިރާއްޖެ" މި ފޮތުގައި ބަޔާންކޮސްފައިވަނީ އަންނަނިވި ޢިބާރާތުންނެވެ.

"އަޅުގަނޑާއި ސިދިބެއާއި އިބްރާހިމްބެ މިތިބީ، ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ބޭފުޅުންނާއި ސަރުކާރު ހަވާލުވިހާ އަވަހަކަށް، އަމިއްލައަށްވެސް އިސްތިޢުފާދީ، އަރުވާލެވިގެން، ތިޔަބޭފުޅުން ގަބޫލުފުޅު މުއްތަކަށް ދާން ތައްޔާރަށެވެ. އެހެން ނަމަވެސް އަޅުގަނޑަށް އެންމެ ދަތި ކަމަކަށް އޮތީ، ޝަރީޢަތުން ކުށްވެރިވެގެން ހައްޔަރުކޮށްފައި ހުންނެވި ރަދުން، ހަމަ މިއަދު ގެނެސް ރަސްކަމަށް އިސްކުރުމެވެ. އެހެނެއްނޫނެވެ. ވީހާ އަވަހަކަށް ރަންނަބަނޑޭރި ކިލެގެފާނު ގެނެސް ދައުލަތް ހިންގެވުމާ ޙަވާލު ކޮށްފާނަމެވެ. އަޅުގަނޑުމެން މި ހިންގަނީ އެނާގެ ވެރިކަމެވެ. ކިލެގެފާނު އަންގަވާފައިވާ ގޮތަށް އަޅުގަނޑުމެންނަށް ވެރިކަން ނުކުރެވޭކަމަށް ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނަމަ، އަޅުގަނޑަށްވުރެ ކުޅަދާނަ، އަޅުގަނޑުވެސް ދަންނަ، ކަކާގޭ އަލްފާޟިލް އިބްރާހިމް ޙިލްމީ، އެދިވަޑައިގަންނަވާނަމަ، ކިލެގެފާނު ދަށުން ދައުލަތް ހިންގެވުމަށް އިސްކޮށްފާނަމެވެ. ތިޔައިން އެއްވެސް ބޭފުޅަކަށް އެއްވެސް އަދަބެއްދީ، އަރުވާލާ މިކަހަލަ ކަމެއް ނުކުރާނަމެވެ."

މުޙަންމަދު ކަލޭފާން (ޚަތީބު ކުޅުދުއްފުށީ ބޮޑު މުޙަންމަދު) ގެ މަހާނަ

ސުވާލަކީ، ކަންވެ ނިމި ދިޔައީ، އެދުވަހު ވާހަކަ ދެކެވުނު ގޮތަށް ތޯއެވެ؟ 29 މާރޗް 1943ގައި، އުރުތު އަރުމާޒު މާލެއަށް އައި އައުމުގައި، މާލޭން އިސްކޮށް އުޅުއްވި ކަމަށްބަލައި، މާލޭގެ ޢިއްޒަތްތެރި ތިން ބޭފުޅަކު، އެކަމުގެ އަދަބެއްގެ ގޮތުން، އަރުވާލިއެވެ. ހަމައެހެންމެ މި ފްލީޓުގެ ލީޑަރ ކުޅުދުއްފުށީ ޚަތީބު ބޮޑު މުޙަންމަދުގެ އިތުރުން، ބައެއް ބައިވެރިންވެސް އަރުވާލިއެވެ. ހިމިތީގައި 4 އަހަރު ހޭދަކުރެއްވި ފަހުން، ޚަތީބު ބޮޑު މުޙަންމަދު މިނިވަން ކުރެއްވިއެވެ. އެއަށްފަހު، އަނެއްކައިވެސް ކުޅުދުއްފުށީ ޚަތީބުކަން ދެއްވިއެވެ. އަދި ކަލޭފާނު ކަމުގެ ޢިއްޒަތްވެސް ދެއްވިއެވެ. އެއަށްފަހު، އެއީ ޚަތީބު ބޮޑު މުޙައްމަދު ކަލޭފާނެވެ. އަމީންދީދީގެ ދައުރުނިމި، ރަސްކަމެއްފެށި، ރައީސް ނާސިރުގެ ޒަޢާމަތު ފެށިގެން، 1971 އާއި ހަމައަށް އައިއިރުވެސް، ކުޅުދުއްފުށީ ޚަޠީބަކީ، މުޙައްމަދު ކަލޭފާނެވެ. 1971 ގައި އޭނާ ނިޔާވުމާއި ހަމައަށް، އެ މަޤާމުގައި ދެމިހުންނެވީ، އެހައިތަނަށް ހިނގި ކޮންމެ ސަރުކާރެއްގެ އިތުބާރު އޮތް ބޭފުޅެއްގެ ގޮތުގައެވެ. ބުނެވޭ ގޮތުގައި މުޙައްމަދު ކަލޭފާނު ވަޅުފުޅު ލެވުނު ދުވަހަކީ، މިސްރުގެ ޖަމާލް އަބްދުއްނާސިރުވެސް ފަސްދާނު ލެވުނު ދުވަހެވެ. މިއަދުވެސް ކުޅުދުއްފުށީ ކުޑަމިސްކިތް އެ ހުރި ސަހަރާގައި، މުޙަންމަދު ކަލޭފާނުގެ މަހާނަ، ފެންނާން އެހުރީ، ރާއްޖޭގެ އުތުރުގައި އުފެދުނު ވަރުގަދަ ލީޑަރެއްގެ ޒިކްރާ، އާވާނެ ފަދައިންނެވެ.

ފެންނަމުން އެދިޔަ ޙާދިސާއަށް ބަލާއިރު، މިޒަމާނުގެ ޑިމޮކްރަސީ ރާއްޖޭގައި ފެށުނީ ކޮންތާރީޚެއްގައިތޯ؟ އިތުރަށް ސުވާލު އުފައްދާނެ ޖާގަ އެބަ އޮތް ހެއްޔެވެ؟ 552 ގަނޑެތީގައި 9452 ދެމީހުންނާއެކު، ރައްޔިތުންގެ އަޑު އިއްވަން، ކުޅުދުއްފުށީ އަލްމަރުޙޫމް ޚަޠީބު ބޮޑު މުޙައްމަދު، މާލެއަށް އައި، "އުތުރު އަރުމާޒް"ގެ ދަތުރަކީ، ދިވެހި ތާރީޚުދުއް، ރައްޔިތުންގެ އެންމެ ބޮޑު އިޙުތިޖާޖެއް ނޫންހެއްޔެވެ؟ ސަރުކާރެއް ޖަވާބުދާރީ ކުރުވަން ހިންގި އެންމެ ބޮޑު ޙަރަކާތަށް ނުވާނެ ހެއްޔެވެ؟ ހަމަ އެހެންމެ، ކެކިކެކި އޮތް ތެޔޮ ތާހެއްހާ ހޫނުކަން، ކުޅުދުއްފުށީގެ މަސްރަޙަށް ވެރިވެފައި އޮތްވައިމެ، އެ ޙާލަތުގައިވެސް ކެތްތެރިކަން އިސްކޮށް، މުޙަންމަދު ޖަމީލު ދީދީއާއި މަލިމް މުޙައްމަދުދީދީ އެނާގެ ޙިމާޔަތުގައި ކުޅުދުއްފުއްޓަށް ބާލައި، އެބޭފުޅުންނަށް ރައްޔިތުންގެ އަޑު އިއްވައި، އަދި އެބެފުޅުންގެ އަޑުވެސް ބޮޑު މުޙައްމަދު ކަލޭފާނު، އެއްސެވި ، ޙިކުމަތުގެ ދުވަހުގެ ވާހަކަ، ޒަމާނީ ޑިމޮކްރަސީ ރާއްޖެއަށް ތަޢާރަފުވާންފެށި ހިސާބުގެ ބާބުގައި ލިޔެވިގެން ނުދާނޭ ހެއްޔެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
0%
74%
11%
11%
0%
5%
ކޮމެންޓް
28 ޖޫން 2020 | އާދީއްތަ 03:52
މި ލިޔުން މާ އޯވާރލީ ޑްރެމަޓިކް. މާ ބޮޑަށް ސަނާ ކިޔާފަ ތިއޮތީ ތި ކަތީބެއްގެ ކާފަ ކިޔާދިން ވާހަކަތަކަށް ބިނާކޮށް.
ގުޅުންހުރި
މަޖިލިސް އިންތިޚާބާ ގުޅިގެން އެޕްރީލް 21 އަދި 22 އަކީ، ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސް ހަމަޖައްސަވައިފި
13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
އިސްރާއީލްގެ ހަމަލާއެއްގައި ޣައްޒާގެ ފުލުހުންގެ އޮޕަރޭޝަންތަކުގެ އިސްވެރިޔާ ޝަހީދުކޮށްލައިފި
ދިރާސީ އައު އަހަރު ބަދަލުކުރީ ފިސްކަލް އައު އަހަރާއި އެލައިންކޮށް އެއްގޮތްކުރުމަށް - މިނިސްޓަރު
ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުތަކެއް އޭސީސީން ތަހުގީގުކުރަނީ
"ވ.ކެޔޮދޫ ސްކޫލްގެ 4 ބުރީގެ އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރާތާ 400އެއްހާ ދުވަހުގެތެރޭގައި އެ މަސައްކަތް ނިމޭނެ"
އުރީދޫ އާއި ޤިބްލަ ހައްޖު އަދި އުމްރާ ގުރޫޕާއެކު ކަސްޓަމަރުންނަށް ހާއްސަ އުމްރާ ދެ ދަތުރު ހޯދުމުގެ ފުރުސަތު!
ގިރާވަރުފަޅު ލޭންޑް ޔޫސް ޕްލޭނާގުޅޭ މަޝްވަރާއަށް ގޯތި ލިބުނު މީހުންނާ ބައްދަލުކުރަނީ