ކ. މާލެ
|
21 ޖޫން 2020 | އާދީއްތަ 11:23
މާލޭގައި ބޭއްވި އެއްވުމެއްގެ ތެރެއިން އެއްވުމުގެ ބައިވެރިއެއްގެ ލޮލަށް ފުލުހުން ޕެޕަރ ސްޕްރޭ ޖަހަނީ
މާލޭގައި ބޭއްވި އެއްވުމެއްގެ ތެރެއިން އެއްވުމުގެ ބައިވެރިއެއްގެ ލޮލަށް ފުލުހުން ޕެޕަރ ސްޕްރޭ ޖަހަނީ
މުހައްމަދު ޝަރުހާން
ފުލުހުންގެ އަނިޔާވެރި ވުމުގެ މައްސަލަތައް
ފުލުހުންނާ ގުޅިގެން ހުށައެޅޭ މައްސަލަތައް ނުބަލައި، ފުލުހުންނަށް އިތުރު ބާރުތަކެއް ދިނުން ބުއްދިވެރިތަ؟
 
ފާއިތުވި 10 އަހަރު ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލަތަކުގެ ޖުމުލަ އަދަދަކީ 26
 
ބައެއް މުއައްސަސާތަކުން މައްސަލައެއް ހުށަނާޅައި ދެތިން އަހަރުވެސް ވެފައިވޭ

ފާއިތުވި އަހަރުތަކުގައި ފުލުހުންގެ އަނިޔާވެރިކަމާއި ގުޅިގެން ޕީޖީ އޮފީހަށް ހުށައެޅިފައިވާ މައްސަލަތަކުގެ ތަފްސީލުތައް ޕީޖީ އޮފީހުގެ އަހަރީ ރިޕޯޓުތަކުން ފެންނަންހުރި އިރު، އެފަދަ މައްސަލަތަކާއި ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމާބެހޭ މުއައްސަސާތަކުގެ ތެރޭގައި ހިއުމަންރައިޓްސް ކޮމިޝަން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި ކުރީގައި ނަމަ ޕޮލިސް އިންޓެގްރިޓީ ކޮމިޝަން ހިމެނެއެވެ.

އެހެން ނަމަވެސް އެ މުއައްސަސާތަކުން ޕީޖީ އޮފީހަށް ހުށައަޅާފައިވާ މައްސަލަތަކުގެ އަދަދުތަކަށް ބަލާއިރު، ބައެއް މުއައްސަސާތަކުން މައްސަލައެއް ހުށަނާޅައި ދެތިން އަހަރުވެސް ވެގެން ގޮސްފައިވެއެވެ. ފާއިތުވި އަހަރުތަކުގައިވެސް އެފަދަ އެތައް މައްސަލަތަކެއްގެ ޝަކުވާ އާންމުން ކޮށްފައިވާއިރު، އެފަދަ އެތައް ހާދިސާއެއް ހިނގާ މަންޒަރުތައްވެސް އަދިވެސް މީސްމީޑިއާގައި ދައުރުވަމުންދެއެވެ. ސުވާލަކީ، އެފަދަ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ބެލޭ ބާއެވެ؟ އެ މައްސަލަތަކަށް އިންސާފު ލިބިފައިހުރީ ކިހާ މިންވަރަކަށްތޯއެވެ؟

އެގޮތުން ބަލާއިރު ފާއިތުވި 10 އަހަރު ފުލުހުންގެ އަނިޔާވެރިކަމުގެ އެކި މައްސަލަތައް މިދެންނެވި މުއައްސަސާތަކުން ހުށައަޅާފައިވާއިރު، ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލަތަކުގެ ޖުމުލަ އަދަދަކީ 26 އެވެ. އެގޮތުން ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތެރެއިން ދައުވާ ކުރަން ފޮނުވާފައިވަނީ އެންމެ 7 މައްސަލައިގައެވެ. އަދި ފާއިތުވި 3 އަހަރު އެޗްއާރްސީއެމްއިން އެއްވެސް މައްސަލައެއް ޕީޖީ އޮފީހަށް ހުށައަޅާފައި ނުވާއިރު، ފުލުހެއްގެ ފަރާތުން ހިނގާ ކަމަކުން އިންސާނީ ޙައްޤެއް ގެއްލޭ ކަމެއް މެދުވެރިވެއްޖެ ނަމަ އިންސާފު ލިބުމުގެ ފުރުސަތަކީ ހަނި ފުރުސަތެކޭވެސް ބުނެވިދާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

އެއްވުމެއް ރޫޅާލަން ސްވެޓް ވުލުހުން ހަރަކާތްތެރިވަނީ

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ (ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނު)ގެ 4 ވަނަ މާއްދާގެ ދަށުން 2015 ވަނަ އަހަރު އުފެދުނު ކޮމިޝަނެކެވެ. ފުލުހުންގެ އިދަރާގެ މުވައްޒަފުން ކުރާ ޤާނޫނާ ޚިލާފު ކަންކަން ބަލައި ތަހުޤީޤުކުރުމަށް ފުލުހުންނަށް ހުށައަޅައި، އެކަންކަމަށް ދައުވާ ކުރަން ޕީޖީ އޮފީހަށްވެސް ފޮނުވުމުގެ ބާރު ލިބިފައިވާ މިނިވަން މުއައްސަސާއެކެވެ.

ޚުދު އަމިއްލައަށްވެސް އެފަދަ މައްސަލަތައް ބަލައި ތަހުޤީޤުކުރުމުގެ ޤާނޫނީ ބާރު ލިބިގެންވާ އިދާރާއެކެވެ. އެހެން ނަމަވެސް ފުލުހުންގެ އަނިޔާވެރިކަމާ ގުޅޭ އެއްވެސް މައްސަލައެއް ފާއިތުވި 12 އަހަރު ތެރޭގައި އެންއައިސީން ޕީޖީ އޮފީހަށް ފޮނުވާފައެއް ނުވެއެވެ. އެހެން ކަމަށްވާނަމަ، އެންއައިސީއަށް ހުށައެޅޭ އެފަދަ މައްސަލަތަކުގައި އިންސާފު ލިބުމުގައި ދަތިތަކެއް ހުރީތޯ މިއީ ގިނަ ބައެއްގެ ހިތުގައި އުފެދޭ ސުވާލުތަކެކެވެ. އެއްވެސް މައްސަލައެއްގައި ދައުވާކުރަން ފޮނުވާ މަރުޙަލާއަށް ގޮސްފައިނުވަނީ ކީއްވެތޯ މިއީވެސް ހައްތަހާވެސް އުފެދޭ ސުވާލުތަކެވެ.

އެކަމާ ގުޅޭގޮތުން އެންއައިސީގެ ރައީސް އަހުމަދު ސުލައިމާނު ވިދާޅުވެފައިވަނީ އެންއައިސީން މިހާތަނަށް އެއްވެސް މައްސަލައެއް ޕީޖީ އޮފީހަށް ފޮނުވާފައި ނުވަނީ އެކަށީގެންވާ ވަރަށް ހެކި ނުލިބޭތީ ކަމަށެވެ. އެންއައިސީ އުފެދިގެން މިހާތަނަށް އައިއިރުވެސް އެއްވެސް މައްސަލައެއްގައި ދައުވާ ކުރަން ޕީޖީ އޮފީހަށް ހުށައަޅާފައި ނުވާ ސަބަބާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސުލައިމާނު ވިދާޅުވީ، ޖިނާއީ މައްސަލަތައް ސާބިތުކުރާ މިންގަނޑު ވަރަށް ތަފާތު ކަމަށެވެ. އެގޮތުން ޖިނާއީ މައްސަލަތައް ޝައްކެއް ނެތް މިންވަރަށް ސާބިތުވާންޖެހޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެ މިންވަރަށް ތަހުޤީޤަށް ސާބިތު ނުވާހާ ހިނދަކު ދައުވާ ކުރުމަށް ނުފޮނުވާ ކަމަށެވެ.

ސުލައިމާނު ވިދާޅުވީ، މައްސަލަތައް ބެލުމަށް އެންއައިސީއާ ހަމައަށް އައުމުން އިންވެސްޓިގޭޓަރުންނާ ޙަވާލު ކުރެވި އެ މަސައްކަތް ކުރިއަށްދިޔަ ނަމަވެސް، ޕީޖީ އޮފީހަށް މައްސަލަ ފޮނުވާނީ އެކަށީގެންވާ ހެކި ހުރުމުން ކަމަށެވެ.

އެންއައިސީން އެ މައްސަލަތައް ފުލުހުންނަށް ހުށައެޅުމުގެ ބާރުވެސް ދީފައިވާއިރު، ފުލުހުންގެ އިދާރީ ތަހުޤީޤުތަކަށް ފަހު، ދައުވާކޮށް ކޯޓު މަރުޙަލާއަށް ގޮސްފައިވާ އެއްވެސް މައްސަލައެއް އާޚިރުގައި ސާބިތުވެފައެއްވެސް ނެތެވެ. އެހެންކަމުން ފުލުހުންގެ އަނިޔާވެރިވުމުގެ މައްސަލަތަކުގެ ތަހުޤީޤު ފުރިހަމަ ވާ މިންވަރާއި، އެފަދަ މައްސަލަތައް ކުރިއަށްދާ މިންވަރު ރައްޔިތުންވެސް ބަލަން ނުހަނު ބޭނުންވެއެވެ.

ވީއިރު ފުލުހުންނަށް އިތުރު ބާރުތަކެއްދީ، ނުވަތަ އިތުރު "ލެސް ލީތަލް" ހަތިޔާރުތަކެއް ދިނުމުގެ ކުރިން މި ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު އެޅޭނެ ނިޒާމެއް އޮތުން މުހިއްމުކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ޓޭޒަރ ގަންއާއި، އިތުރު ބާރުތަކެއް ދިނުމަށްފަހު، އެކަމުގެ ނާޖާއިޒު ފައިދާ ނެގިއްޖެ ޙާލަތެއްގައި އެ މައްސަލަ ހުށައަޅައި، މައްސަލައިގައި އިންސާފު ހޯދުމަށް ދާ އިދަރާތަކުގެ މަސައްކަތްތައްވެސް އިތުރަށް ހަރުދަނާ ކުރަން ޖެހޭކަމަށް ގިނަ ބަޔަކު ދެކެއެވެ.

ހުށައެޅޭ މައްސަލަތަކުގެ ތެރެއިން ދައުވާކުރަން ފޮނުވާ މައްސަލަތަކުގެ އަދަދު ނިސްބަތުން އެހާ ދަށްވުމުގެ ސަބަބަކީ ކޮބައިތޯ މިއީވެސް ރައްޔިތުން އުފައްދާ ސުވާލުތަކެވެ. ކޮންމެހެން ޖަވާބު ބޭނުންވާ ސުވާލުތަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް
21 ޖޫން 2020 | އާދީއްތަ 12:42
ކާނަމް
ފުލިހުބް ސޯސަލް މީޑިޔާގައި ސިޔާސީވާ މައްސަލަ ހައްލުކުރަންޖެހޭ އެބަ