އިރުޝާދުތަކާ ހިލާފަށް ބޭރުގައި އުޅޭ މީހުން ވަރަށް ގިނަ، ބަލީގެ ނުރައްކާ ކުޑަނުވާކަމުގެ އިންޒާރު ދީފި
20 ޖޫން 2020 | ހޮނިހިރު 22:18ހުއްދައާ ނުލާ ބޭރުގައި އުޅުމުގެ ހުއްދަ ދިނީ ޒަރޫރީ ބޭނުންތައް ފުއްދުމަށް


ހޮނިހިރު ދުވަހުގެ ރޭ އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އިރުޝާދުތަކާ ހިލާފަށް މާލެ ސިޓީ ބޭރުގައި އުޅޭ މީހުން ވަރަށް ގިނަކަން ފާހަގަކޮށް ބަލީގެ ނުރައްކާ ކުޑަނުވާ ކަމުގެ އިންޒާފުދީފިއެވެ.
ހޮނިހިރު ދުވަހުގެރޭ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ލޮކްޑައުންގެ ދެވަނަ ފޭސްގައި ހުއްދައާ ނުލާ ބޭރުގައި އުޅުމުގެ ހުއްދަދިނީ ގިނަ ބަޔަކު ޒަރޫރީ ބޭނުންތަކުން މަހުރޫމްވެ، ގިނަ ދަތިތަކެއް ވަމުންދާތީވެ، ޒަރޫރީ ބޭނުންތައް ފުއްދުމަށް ކަމަށެވެ. ޑރ. ޝަހީދު ވިދާޅުވީ ދެވުނު ލުއިތަކާއެކު މަގުމަތީގައި އެއްދުވަހުން އަނެއް ދުވަހަށް މީހުން ގިނަވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ގައިދުރު ކަމެއް ނެތި އެއްތަނަކަށް ގިނަ އަދަދަކަށް މީހުން އެއްވާ ކަމަށް ޝަހީދު ވިދާޅުވިއެވެ.
ކުޑަކުދިންނަށް ބޭރަށް ދިއުމަށް ޚާއްސަކޮށްފައިވާ ވަގުތަށް އަލިއަޅުއްވާލައްވާ ޑރ. ޝަހީދު ވިދާޅުވީ ހަވީރު 16:00 ން 18:00 ށް ހުއްދަދީފައި އޮތް ނަމަވެސް ކޮންމެ ދުވަހަކު ކުދިން ގޮވައިގެން ބޭރަށް ނުކުތުން ރައްކާތެރި ނޫން ކަމަށެވެ. އަދި ކުދިން ބޭރަށް ނެރޭއިރު ވެސް ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުއަޅައި ވަރަށް މަދުން ވަކި ހަފްތާއެއްގެ ވަކި ދުވަހެއް ބޭރަށް ނުކުތުމަށް ކަނޑައެޅުމަށް ޑރ. އިލްތިމާސްކުރެވިއެވެ.
މީގެ އިތުރުން ޑރ.ޝަހީދު ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް ފަތިހު 5:00 ން ހެނދުނު 8:00 ށް ބޭރަށް ނުކުތުމަށް ޚާއްސަކުރީ ކަސްރަތުކޮށް، ހިނގާލުމަށް ކަމަށެވެ. އަދި އެއީ ބަލީގައި ނުރައްކާ ބޮޑު ބަޔަކަށް ވާތީ ކަމަށް ޑރ ވިދާޅުވިއެވެ. ނަމަވެސް މިވަގުތުގައި ވެސް ވަރަށް ގިނަ ޒުވާނުން ބޭރަށް ނުކުމެ އުޅޭ ކަމަށާއި، މިއީ ކަންބޮޑުވާ ކަމެއްގެ ގޮތުގައި ޑރ. ޝަހީދު ފާހަގަކުރެއްވިއެވެ.
ޑރ. ޝަހީދު ވިދާޅުވީ ދުވަސްވީ މީހުންނަށް ޚާއްސަ ކޮށްފައިވާ ގަޑީގައި ބޭރަށް ޒުވާނުން ކަސްރަތުކޮށް ދުވުމަށް ނުނިކުތުމަށް އިލްތިމާސްކުރާ ކަމަށެވެ. ޑރ. ޝަހީދު ވިދާޅުވީ ހުއްދައާ ނުލާ ބޭރަށް ނުކުމުތުގެ ހުއްދަ ދީފައި އޮތް ނަމަވެސް ވަކި ވަގުތުތަކެއް ވަކި ބަޔަކަށް ޚާއްސަ ކޮށްފައި އޮތީ ޚާއްސަ މަގުސަދެއް ކަމަށާއި، ދެވޭ އިރުޝާދުތަކާ އެއްގޮތަށް އާންމުން އަމަލު ކުރުމަށް އެދޭ ކަމަށެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުންތަކާ ދެވޭ އިރުޝާދުގެ ބޭނުން ހިފައި އެއާ އެގޮތަށް އަމަލުކުރުމަށް އެދޭ ކަމަށާއި، ބޯލެބުން ވަރަށް މުހިންމު ކަމަށް ޑރ ޝަހީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ކޮވިޑް-19ގެ ނުރައްކާ ކުޑަ ނުވާ ކަމަށެވެ.








