ކަރަންޓީން ފެސިލިޓީއެއްގައި ހުރި އަންހެން ކުއްޖަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުކުރެވެނީ ސިފައިންގެ މީހަކަށް!
19 ޖޫން 2020 | ހުކުރު 07:18އެއީ އެފެސިލިޓީގެ މެނޭޖަރެއްގެ ގޮތުގައި ހުންނެވި އެމްއެންޑީއެފްގެ ބޭފުޅެއް


ފ. ފިލިތެޔޮ އައިލެންޑް ރިސޯޓު، ޖެންޑާ މިނިސްޓްރީން ވަނީ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދީފައި
ކަރަންޓީން ފެސިލިޓީއެއްގައި ހުރި އަންހެން ކުއްޖަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ މައްސަލާގައި ތުހުމަތު ކުރެވެނީ ސިފައިންގެ މީހަކަށް ކަމަށް ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހުގެރޭ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ކަރަންޓީން ފެސިލިޓީއެއްގައި ހުރި ކުއްޖަކަށް ފުރައްސާރަ ކުރިކަމުގެ ޝަކުވާއެއް ޕޮލިހަށް ހުށަހަޅާފައިވާ ކަމަށެވެ. މަބްރޫކް ވިދާޅުވީ މިމައްސަލާގައި ތުހުމަތު ކުރެވެނީ އެފެސިލިޓީގެ މެނޭޖަރެއްގެ ގޮތުގައި ހުންނެވި އެމްއެންޑީއެފްގެ ބޭފުޅަކަށް ކަމަށެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ މިމައްސަލާގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާއިރު، އެމްއެންޑީއެފުން ވެސް މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި ޖެންޑާ މިނިސްޓްރީން މިކަމާ ގުޅިގެން އާއިލާއާ ވެސް ގުޅައި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ބުނީ ފ. ފިލިތެޔޮ އައިލެންޑް ރިސޯޓުގައި ކަރަންޓީންގައި ހުރި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
ބުރާސްފަތި ދުވަހުގެ ހަވީރު ހުށަހެޅި މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިމައްސަލާގައި އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައި ނުވެއެވެ.






