މާވެޔޮ މިސްކިތް ނިމި މިހާރު ވަނީ ހުޅުވަން ތައްޔަރުވެފައި: އިސްލާމިކް މިނިސްޓަރު
9 ޖޫން 2020 | އަންގާރަ 05:02ހުޅުވާނެ ތާރީހާމެދު މަޝްވަރާ ކުރެވޭ

މާވެޔޮ މިސްކިތް، ކުރިން ހުޅުވަން ހަމަޖެހިފައި އޮތީ ރަމަޟާން މަހަށް
މާފަންނު މާވެޔޮ މަގުގައި ހުންނަ ބަހާއުއްދީން މިސްކިތް ނުވަތަ މާވެޔޮ މިސްކިތް އެއްކޮށް ނިމި, ހުޅުވަން ތައްޔާރުވެފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
މާވެޔޮ މިސްކިތް އަލުން އިމާރާތްކޮށް ނިންމާފައިމިވަނީ މިސްކިތް ތަޅާލިތާ ގާތްގަނޑަކަށް ހަތަރު އަހަރުވާން ކައިރިވެފައިވަނި ކޮށެވެ. އެ މިސްކިތް ތަޅާލުމަށް ފަހު، އާ މިސްކިތް ނުހަދައި ގިނަ ދުވަސްވަމުން ދާތީ، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް މިސްކިތެއްގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެ ބައެއް މީހުން ކަންބޮޑުވުން ވެސް މީގެ ކުރިން ފާޅުކުރިއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އިސްލާމިކް މިނިސްޓަރު ވިދާޅުވީ މިސްކިތުގެ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، ހުޅުވާނެ ތަރީހަކާ މެދު މަޝްވަރާތައް ކުރަމުންދާ ކަމަށެވެ.
މާވެޔޮ މިސްކިތް ތަޅާލުމަށްފަހު އަލުން އިމާރާތްކޮށްފައިވަނީ 2000 މީހުންނަށްވުރެ ގިނަ މީހުންގެ ޖާގަ ހިމެނޭ ގޮތަށް ހަ ބުރިއަށެވެ. އަދި މިސްކިތް އަޅައިދިނީ ރާއްޖޭގެ ވިޔަފާރިވެރިއެއް ކަމަށްވާ މުހައްމަދު އަލީ ޖަނާހު (ޖަނާ) ގެ އަމިއްލަ ހަރަދުގައެވެ. ކުރިން ދެ ބުރި ހިމެނޭ ގޮތަށް 400 މީހުންގެ ޖާގަ އޮތް މިސްކިތް، އަލުން ޖަނާ އަޅައި ދެއްވީ 50 މިލިއަން ދިވެހި ރުފިޔާއަށްވުރެ ބޮޑު ހޭދައެއް ކޮށްގެން ކަމަށް މައުލޫމާތު ލިބެއެވެ.
އިސްލާމީ މަރުކަޒު މަރާމާތުގެ ކުރުމުގެ މަސައްކަތަށް އަލިއަޅުއްވާލައްވާ އިސްލާމިކް މިނިސްޓަރު ވިދާޅުވީ އިސްލާމީ މަރުކަޒު މަރާމާތު ކުރުމުގެ މަސައްކަތް ހަލީފާ ފައުންޑޭޝަންގެ އެހީތެރިކަމާއެކު ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ.
މިނިސްޓަރު ޒާހިރު ވިދާޅުވީ މާރާމަތު ކުރުމުގެ މަސައްކަތުގެ ތެރެއިން މާލެ ސިޓީ ލޮކްޑައުންއަށް ދިޔައިރު ގިނަ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް ކުރަން ޖެހޭ މަސައްކަތްތައް ހުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ޒާހިރު ވިދާޅުވީ އިސްލާމީ މަރުކަޒު މަރާމާތު ކުރުމުގެ މަސައްކަތް އެންމެ ލަސްވެގެން ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އަދި ލޮކްޑައުންއާ ގުޅިގެން މާރާމާތަށް ބޭނުންވާ ބައެއް ސާމާނު އައުމުގައި ދަތިތައް ކުރިމަތިވެފައިވާ ކަމަށާއި، ނަމަވެސް ލޮކްޑައުން ނިމުމާއެކު މަސައްކަތަށް ބޭނުންވާ ސާމާނު ލިބޭނެކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.







