ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމުން ފަހުންކުރާ ފައިދާ މާބޮޑުވާނެ: މިނިސްޓަރު އަސްލަމް
7 ޖޫން 2020 | އާދީއްތަ 03:20ރާއްޖޭގައި ތަނެއް މިހާ ފުންކޮށް ހިއްކާ މިއީ ފުރަތަމަ ފަހަރު

ވިޔަފާރި ބަނދަރު ބަދަލުކުރުމަށް އެންމެ އެކަށީގެންވާ ސަރަހައްދަކީ ގުޅިފަޅު ކަމަށްވެސް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ފާހަގަކުރައްވާފައިވޭ
ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލު ކުރުމުން ފަހުން ކުރާ ފައިދާ މާބޮޑުވާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހު މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީން އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި ޕްލޭނިން މިނިސްޓަރު އަސްލަމް ވިދާޅުވީ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން ރާއްޖޭގައި ތަނެއް މިހާ ފުންކޮށް ހިއްކާ މިއީ ފުރަތަމަ ފަހަރު ކަމަށެވެ. ނަމަވެސް ސިންގަޕޫރު ފަދަ ގައުމުތަކުގައިވެސް އެހާ ފުން ތަންތަން ހިއްކާ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މެމްބަރު ވިދާޅުވީ ގުޅިފަޅުން ހިއްކާ ބައެއް ސަރަހައްދުތަކުގެ ފުންމިނުގައި 20 މީޓަރު ހުންނަ އިރު އެއީ މިހާތަނަށް ރާއްޖޭގައި ހިންގި ބިން ހިއްކުމުގެ ޕްރޮޖެކްޓްތަކުގައި ބޭނުންކުރި ވެއްޔާ ނުބައްދަލު މިންވަރެއް ކަމަށެވެ. އަދި 20 މިލިއަން ކޮޑިމީޓަރުގެ (30 މިލިއަން ޓަނުގެ) ވެލި ބޭނުންކުރާނެ ކަމަށް ބެލެވޭ އިރު ސިންގަޕޫރު ފަދަ މުސްހަނދި ގައުމުތަކުގައި ވެސް 15 މީޓަރަށް ވުރެ ފުންވެއްޖެ ނަމަ ނުހިއްކާކަމަށް މެމްބަރު ވިދާޅުވި އެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ ގުޅިފަޅު ފުންވެފައި، ބޭނުންވާ ވެލީގެ މިންވަރު ގިނަވި ނަމަވެސް ރާއްޖެއަށް ލިބޭ ފައިދާ މާ ބޮޑު ކަމަށެވެ.
ޕްރޮޖެކްޓްގެ ސަރވޭއަށް އަލިއަޅުއްވާލައްވާ މިނިސްޓަރު އަސްލަމް ވިދާޅުވީ މިސަރވޭގެ ބައެއް މައުލޫމާތުތައް ހިއްސާ ކުރެވޭނެ ކަމަށާއި ނަމަވެސް ހުރިހާ މައުލޫމާތެއް ހިއްސާ ނުކުރެވޭނެ ކަމަށެވެ. އަދި މަޝްރޫއުގެ ކޮންޓްރެކްޓް ވެސް ހުރިހާ މައުލޫމާތެއް ހިއްސާ ނުކުރާނެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެއީ އެހެން ބައެއްގެ އަތަށް ދީގެން އޭގެ އެޑްވާންޓޭޖް ނެގުމުގެ ފުރުސަތު އޮތީމަ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު އަސްލަމް ވިދާޅުވީ ގުޅިފަޅު ހިއްކަން ވެލި ނަގަނީ މާލެ އަތޮޅުން ކަމަށާއި، ދުރު ނޫން ހިސާބަކުން ވެލި ލިބޭނެކަމަށް ސަރވޭއިން ދައްކާ ކަމަށެވެ.
ކޮވިޑް-19އާ ގުޅިގެން ގިނަ ޕްރޮޖެކްޓްތައް މެދުކަނޑާލި ނަމަވެސް ގުޅިފަޅު ޕްރޮޖެކްޓް އެހާ ބާރަށް ކުރިއަށް ގެންދަނީ ކީއްވެތޯ ކުރި ސުވާލަށް ރައްދުދެއްވައި މިނިސްޓަރު އަސްލަމް ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން އަމަލީ މަސައްކަތް ފަށާފައިވާ އެއްވެސް ޕްރޮޖެކްޓެއް ހުއްޓާލާފައިނުވާ ކަމަށެވެ. އަދި އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނިންމެވުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ ގުޅިފަޅު ޕްރޮޖެކްޓް ބާރުލާފައި ކުރިއަށް ނުގެންދާ ކަމަށެވެ.









