އަތާއަތް ޖޯޑުކޮށް ސަލާމް ކުރުމަކީ ލޯބި އިތުރުވާ ކަމެއް، ނަމަވެސް މިހާރު އަނގަބަހުން ކުރާ ސަލާމުން ފުއްދާލާ: ޚުތުބާ
5 ޖޫން 2020 | ހުކުރު 08:08ސަލާމުގެ ޖަވާބު ދިނުމަކީ ދެފަރާތަށް ވެސް އަމާންކަން ލިބިގެންވާ ކަމުގެ މެސެޖެއް


އިސްލާމީ މަރުކަޒު، މިއަދުގެ ޚުތުބާގެ މައުޟޫއަކީ އެއްމުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ހައްގުތައް
އަތާއަތް ޖޯޑުކޮށް ސަލާމް ކުރުމަކީ ލޯބި އިތުރުވާ ކަމެއް ނަމަވެސް މިއަދު ހަމަ އެކަނި އަނގަބަހުން ކުރާ ސަލާމުން ފުއްދާލުމަށް ހުކުރު ޚުތުބާގައި އިލްތިމާސް ކޮށްފިއެވެ.
''އެއްމުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަން ޖެހޭ ޙައްޤުތައް'' މި މައުޟޫއަށް އިއްވި ހުކުރު ޚުތުބާގައި ބުނީ އެއްމުސްލިމަކު އަނެއް މުސްލިކަމަށް އަދާކުރަން ޖެހޭ ހައްގުތަކެއްވާ ކަމަށެވެ.
ޚުތުބާގައި ބުނީ މުސްލިމުންގެ މެދުގައި ސަލާމް ބަދަލުކުރުމަކީ، ލޯބި އިތުރުވާ ކަމެއް ކަމަށާއި، ސަލާމް ކުރުމާއި ސަލާމުގެ ޖަވާބު ދިނުމަކީ ދެފަރާތަށް ވެސް އަމާންކަން ލިބިގެންވާ ކަމުގެ މެސެޖެއް ކަމަށެވެ. އަދި ސަލާމަކީ، ތިމާގެ ފަރާތުން އަނެކާއަށް އުނދަގުލެއް ތުރާލެއް ނުލިބޭނެކަމުގެ މައްޗަށް ވެވޭ އަޙުދެއް ކަމަށް ޚުތުބާގައި ވެއެވެ.
ޚުތުބާގައި ބުނީ ޙައްޤުތައް އަދާ ކުރުމުގައި މިއަދުގެ ޙާލަތަށް ރިޢާޔަތް ކުރުމަށް ފަހު އަތާއަތް ޖޯޑުކޮށް ސަލާމް ކުރުމަކީ ލޯބި އިތުރުވާ ކަމެއް ނަމަވެސް މިއަދު ހަމަ އެކަނި އަނގަބަހުން ކުރާ ސަލާމުން ފުއްދާލަން ޖެހޭ ކަމަށެވެ. އަދި ޖަނާޒާގައި ބައިވެރިވުމާއި، ބަލި މީހުންނާއި ގާތް ތިމާގެ މީހުންގެ ގާތަށް ޒިޔާރަތް ކުރުމަކީ މުހިންމު ކަމެއް ނަމަވެސް ފޯނާއި ސޯޝަލް މީޑިއާގެ ވަޞީލަތްތައް މެދުވެރިކޮށް، މިފަދަ ޒިޔާރަތް ތަކާއި، ބައްދަލުވުންތައް، ނުހަނު ފުރިހަމައަށް ބޭއްވޭނެ ކަމަށެވެ. މާލީ އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުން ވިޔަސް ބޭންކިން މެދުވެރިކޮށް އެ ޚިދުމަތް ވެސް ފޯރުކޮށްދެވޭކަން ޚުތުބާގައި ފާހަގަކޮށްފައި ވެއެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ ކަމާބެހޭ އިދާރާތަކުގެ ލަފަޔާއި، އިރުޝާދާ އެއްގޮތަށް، ސައިބޯނި ލައިގެން އަތްދޮވުމާއި، ބޭރުން ގެންނަ ތަކެތި ބުލީޗު ސޮލޫޝަން ބޭނުން ކޮށްގެން ޑިސް އިންފެކްޓުކުރުމާއި، އެ ތަކެތީގައި ހިފައި އުޅޭ އިރު އަންގި ލުމާއި، އަންގި ފަދަ ތަކެތި ބޭނުން ކުރުމަށްފަހު ރައްކާތެރިކަމާއެކު ނައްތާލުމަށް އެދޭ ކަމަށެވެ.
ޚުޠުބާގައި ބުނީ މުޖުތަމަޢުގެ ގުޅުންތައް ހަރުދަނާ ވެގެންދާނެ ކަންތަކުގެ ތެރޭގައި އެކަކު އަނެކަކަށް ޒިޔާރަތް ކުރުމާއި، ހިތާމަތަކާއި، އުފަލުގައި ބައިވެރިވުން ހިމެނޭ ކަމަށެވެ. އެހެންކަމުން ޙާލާތަށް ރިޢާޔަތްކޮށް އެޒިންމާ ނެގޭނެ އެންމެ ޒިންމާދާރު ގޮތަކަށް އެކަން ކުރުމަށް ޚުޠުބާގައި ވަނީ ގޮވާލާފަ އެވެ.






