ފައިސާގެ އެހީތެރިކަމަށް އެދި 60ށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވޭ: ހަޔަރ އެޑިއުކޭޝަން
21 މެއި 2020 | ބުރާސްފަތި 18:58އަމިއްލަ ހަރަދުގައި ތައުލީމް ހާސިލް ކުރުމަށް ގޮސް ތިބި ދަރިވަރުންނަށް އެހީވާނެ

ފައިލް ފޮޓޯ: ރާއްޖެޓީވީގެ ޕްރޮގްރާމްއެއްގެ ތެރެއިން ހަޔަރ އޭޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން
ރާއްޖެއިން ބޭރުގައި ތަޢުލީމު ޙާޞިލު ކުރާ ދަރިވަރުންގެ ތެރެއިން ފައިސާގެ އެހީތެރިކަމަށް އެދި 60 ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަނުން ބުނެފި އެވެ.
ބުދަ ދުވަހުގެ ރޭ ރާއްޖެޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ހަޔަރ އޭޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ޙަސަން ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ފައިނޭންސް ހަމަ ނުޖެހި ރާއްޖެއިން ބޭރުގައި ޙާލުގައި ޖެހިފައި ތިބި ވަރަށް ގިނަ ކުދިން އެބަތިބި ކަމަށެވެ.
އެގޮތުން މިދަރިވަރުންގެ ތެރެއިން އަމިއްލަ ޚަރަދުގައި ތަޢުލީމު ޙާޞިލު ކުރުމަށް ގޮސް ތިބި ދަރިވަރުންނަށް ވެސް ސަރުކާރުން އެހީވުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިހާތަނަށް 60 ފޯމެއް ލިބިފައިވާ ކަމަށާއި، ހުރިހާ ޑޮކިއުމެންޓްތައް ހަމަ ފޯމުތަކަށް ފައިސާ ހަމަޖައްސަމުންދާ ކަމަށެވެ. އަދި ފޯމު ހުށަހަޅާއިރު ހުރިހާ ޑޮކިއުމެންޓްތައް ހަމަކޮށް ހުށަހެޅުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.
މިނިސްޓަރު ވިދާޅުވީ އެހީއަށް އެދި ހުށަހަޅާއިރު އެދަރިވަރަކީ ކޮވިޑް-19ގެ ސަބަބުން ކިޔެވުމަށް ސްޕޮންސަރ ކުރާ ފަރާތުން ފައިސާ ދިނުމަށް ދަތިވެފައިވާ ފަރާތެއްކަން ނުވަތަ އެހީ ލިބުން ދަތިވެފައިވާކަން ސާބިތުކޮށްދޭން ޖެހޭ ކަމަށެވެ. އަދި މިގޮތަށް މިކަން ނުކުރާ ކަމަށްވާނަމަ މައްސަލައެއް ދިމާވެގެން ޖަވާބުދާރީ ނުވޭވޭނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.








