ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ޓެލެ ކްލާސްތައް ފަށާނެ: އެޑިއުކޭޝަން މިނިސްޓްރީ
19 މެއި 2020 | އަންގާރަ 23:02މިހާލަތުގައި ދަރިވަރުންނާ މުއާމަލާތް ކުރެވޭނެ ގޮތްތައް ދަނީ ރާވަމުން


އިސްކަންދަރު ސުކޫލް - ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކިޔަވައި ދިނުން ވަނީ މެދުކަނޑާލާފައި
ޓެލެ ކްލާސްތައް ކުރިއަށް ގެންދިއުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އަލުން ފެށިގެން ދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ރާއްޖެޓީވީގެ ކޮވިޑް-19ގެ ކަވަރޭޖަށް ދެއްވި އިންޓަވިއުއެއްގައި ސީނިއަރ ޕޮލިސީ ޑިރެކްޓަރު މޫސާ އާދަމް ވިދާޅުވީ ކޮވިޑް-19ގެ މިހާލަތާ ގުޅިގެން ދިގު މުއްދަތަކަށް ސްކޫލު ބަންދު ވެގެންދާއިރު ދަރިވަރުންނާ މުއާމަލާތް ކުރެވޭނެ ގޮތްތަކަށް ކަންކަން ރާވަމުންދާ ކަމަށެވެ.
މޫސާ އާދަމް ވިދާޅުވީ މިބަންދުގެ މުއްދަތުގައި އަނެއްކާވެސް ޓެލެ ކްލާސްތައް ފެށުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޓެލެ ކްލާސްތައް ފެށިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ މިހާލަތުގައި ވެސް ބައެއް ސްކޫލުތަކުގައި އެކި އޮންލައިން ފްލެޓްފޯމްތައް މެދުވެރިކޮށް ކްލާސްތައް ނަގާ ދިނުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.
މުސާ އާދަމް ވިދާޅުވީ މިދަނޑިވަޅުގައި ކްލާސްތައް ކުރިއަށް ގެންދިޔައީ ދަރިވަރުންގެ މެންޓަލް ހެލްތް، ސައިކޯ ސޯޝަލް ސަޕޯޯޓް މިބައިތަކަށް ބޮޑަށް ސަމާލުކަން ދީގެން ކަމަށެވެ.
މީގެ އިތުރުން މުސާ އާދަމް ވިދާޅުވީ މިފަހަރުގެ ޓެލެ ކްލާސްތައް ފެށިގެން ދާނީ މީގެކުރިން ދިމާވި އަދި ބެލެނިވެރިން ފާހަގަކުރި މައްސަލަތައް ހައްލު ކުރުމަށްފަހު ތަފާތު ބަދަލުތަކާ އެކު ކަމަށެވެ. އެގޮތުން މިފަހަރުގެ ޓެލެ ކްލާސްތައް ނަގާދެވޭ ވަގުތު ދަރިވަރަށް އެޓެންޑް ނުވެވުނު ކަމުގައި ވިޔަސް ފަހުން ފިލާވަޅު ބެލޭނެ އިންތިޒާމް ހަމަޖައްސާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މޫސާ ވިދާޅުވީ ފިލާ ޕޯޓަލް މެދުވެރިކޮށް ޕްރެޒެންޓޭޝަންގެ އިތުރުން ކިޔެވުމަށް ބޭނުންވާ މެޓީރިއަލްތައް ލިބިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ ކިޔަވާ ދެވޭ ޓީޗަރު މެދުވެރިކޮށް އެކުލާހެއްގެ ހާޒިރީ ނެގުމުގެ މަސައްކަތްތައް ކުރާނެ ކަމަށާއި، ޓެލެ ކްލާސްތައް ރީޗްވަނީ ކިހައި ކުދިންނަށްކަށްތޯ ބަލާނެ ކަމަށެވެ.
މޫސާ އާދަމް ވިދާޅުވީ ދަރިވަރުންގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށްޓަކައި ދިރާގާއި، އުރީދޫގެ އެހީތެރިކަމާއެކު ދަރިވަރުންނަށް މޯބައިލް ޑޭޓާގެ ޕެކޭޖެއް ވެސް ތައާރަފް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ކޮންމެ ކުއްޖަކަށް 5 ޖީބީގެ ޑޭޓާ، މުދަރިސުންނަށް ވެސް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 10 ޖީބީ ޑޭޓާ ފޯރު ކޮށްދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އޮންލައިންކޮށް ކްލާސްތަކަށް ނުވަދެވޭ ދަރިވަރަކު ފާހަގަކުރެއްވިއްޖެ ކަމުގައިވާނަމަ މިނިސްޓްރީން އެކުއްޖަކަށް އެފުރުސަތު ހޯދައިދޭނެ ކަމަށެވެ.








