ކ. މާލެ
|
12 މެއި 2020 | އަންގާރަ 21:34
މަޖިލީހުގެ ޖަލްސާއެއްގައި ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މުގައްރިރު ޖީހާން ވާހަކަފުޅު ދައްކަވަނީ
މަޖިލީހުގެ ޖަލްސާއެއްގައި ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މުގައްރިރު ޖީހާން ވާހަކަފުޅު ދައްކަވަނީ
ރައްޔިތުންގެ މަޖިލިސް
ކޮވިޑް-19: މަޖިލީހުގެ ހުށަހެޅުންތައް
ރައްޔިތުންނަށް ފައިދާ ހުރި އެތައް ކަމަކަށް ގޮވާލާ ފާސްކުރި މަޖިލީހުގެ ހިއުމަންރައިޓްސް ކޮމިޓީގެ ރިޕޯޓަށް އިދިކޮޅުން ތާއީދެއް ނުކުރި
 
އެހީ ދިނުމުގައި އަންހެނުންނަށް ސަމާލުކަން ދިނުމަށް ގޮވާލާފައިވޭ
 
'ޔުނިވަރސަލް ބޭސިކް އިންކަމްއެއް' ތަޢާރަފްކުރުމަށް ރިޕޯޓުގައި ހިމަނާފައިވޭ
 
މި ދަނޑިވަޅުގައި އިންޓަނެޓްގެ ޚިދުމަތް އަސާސީ ޚިދުމަތެއްގެ ގޮތުގައި ބެލުމަށް ގޮވާލާފައިވޭ

ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ އިޤްތިސާދީ އަދި އިޖްތިމާއި މައްސަލަތަކާއި ގުޅިގެން ރައްޔިތުންގެ މަޖްލީހުން ދިރާސާ ކުރުމަށް ފަހު ހުށަހަޅާފައިވާ ރިޕޯޓްތަކުގެ ތެރެއިން ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއިން ހުށަހަޅާފައިވާ ރިޕޯޓު އަންގާރަ ދުވަހު މަޖިލީހުން ފާސްކޮށްފައިވާއިރު އިދިކޮޅޮ ޕާޓީތަކުގެ މެމްބަރުން މިރިޕޯޓަށް ތާއީދެއް ނުކުރިއެވެ.

އިދިކޮޅު ޕާޓީތައް އެކުލެވިގެންވާ ކޯލިޝަން ޕީ.ޕީ.އެމް އަދި ޕީ.،އެން.ސީ ކޯލިޝަނުން ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް އަންއެމްޕްލޯއިމަންޓް ބެނެފިޓް ދިނުމާއި، ހާލުގައި ޖެހިފައިވާ ފަރާތްތަކާއި އާއިލާތަކަށް އެހީތެރިވުމަށް ޔުނިވަރަސަލް ބޭސިކް އިންކަމް ދިނުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ތާއީދެއް ނުކުރިއެވެ. މީގެ އިތިރުން މިވަގުތު ދައުލަތުން އެންމެ ބޮޑު ބުރައެއް އުފުލަން ޖެހިފައިވާ ބިދޭސީންގެ މައްސަލައިގައި އިހުމާލުވެފައިވާ ފަރާތްކަށް ފިޔަވަޅުއަޅާއި އެފަރާތްތައް ޒިންމާދާރު ކުރުވަން ހުށަހަޅާފައިވާ ހުށަހެޅުމަށްވެސް އިދިކޮޅު އެއްވެސް މަޖްލިސް މެމްބަރަކު ތާއީދު ކޮށްފައެއް ނުވެއެވެ.

ކޮވިޑް-19 ގެ މަސައްކަތުގައި ކުރީސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް ސަރުކާރުން ޚާއްސަ އެލަވަންސެއް ދޭން ނިންމާ އިއުލާނުކޮށް އެކަމަށް މަސައްކަތް ފަށާފައިވަނިކޮށް ނައިފަރުދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް މިރިޕޯޓުގެ އިސްލާހެއްގެ ގޮތުން ހަމަ މިފަދަ އެލަވަންސެއް ދޭން ހުށަހެޅުމުން ގިނަ މެމްބަރުންވަނީ އެއިސްލާހަށް ތާއިދުނުކޮށް ބޭރުކޮށްލާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، މިކަން ރިޕޯޓުގެ ރެކޮމެންޑޭޝަނެއްގެ ގޮތުގައި ހިމަނާފައި ނުވަނީވެސް ސަރުކާރުން އެ މަސައްކަތް ކުރިއަށް ގެންދާތީ، ކޮމިޓީގެ މެމްބަރުންގެ މެދުގައި މަޝްވަރާ ކުރުމަށް ފަހުގައެވެ.

ކޮމިޓީ ރިޕޯޓުގައި ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް އަންއެމްޕްލޯއިމަންޓް ބެނެފިޓް ދިނުމާއި، ކޮވިޑް-19 އާއި ގުޅިގެން ލިބެމުންދާ އިޤްތިސާދީ ގެއްލުންތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ފުޅާވެގެންދާނޭ އިޤްސާދީ އަދި އިޖްތިމާއި ފަރަގު ކުޑަކޮށް، ފަޤީރުކަމުގެ ޙާލަތަށް ވެއްޓިދާނެ އާއިލާތައް ސަލާމަތްކުރުމަށް 'ޔުނިވަރސަލް ބޭސިކް އިންކަމްއެއް' ތަޢާރަފްކުރުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ރިޕޯޓުގައި ހުށަހަޅާފައިވަނިކޮށް ވަޒީފާ ގެއްލިފައިވާ ފަރާތްތަކުގެ ހުރިހާ ޚަރަދެއް ސަރުކާރުން އުފުލަން ޖެހޭ ގޮތަށް ނައިފަރު ދާއިރާގެ މެންބަރު ހުށަހެޅި ހުށަހެޅުން މެމްބަރުން ބަލައެއްނުގަތެވެ.

އިންސާނީ ޙައްޤުތަކުގެ ނަޒަރުން ކޮވިޑް-19 ދިރާސާކުރުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއިން ހުށަހަޅާ، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ރިޕޯޓު އެކުލެވިގެން ވަނީ ޖުމްލަ 33 ކަމެއްގެ މައްޗަށެވެ. މީގެ ތެރޭގައި:

1. މިފަދަ ޙާލަތެއްގައި އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އިންޓަރނެޓްގެ ޚިދުމަތާއި ޑިޖިޓަލް ކަނެކްޓިވިޓީ އަކީ ކޮންމެހެން ލާޒިމް ޚިދުމަތެއްކަމުން ހުރިހާ ރައްޔިތުންނަށް މި ޚިދުމަތް ފަސޭހަކަމާއި، ޚަރަދު ކުޑަގޮތެއްގައި ކަށަވަރުކޮށް ދިނުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި، މި ދަނޑިވަޅުގައި އިންޓަރނެޓަކީ، ފެނާއި ކަރަންޓުގެ ޚިދުމަތެކޭ އެއްގޮތަށް އަސާސީ ޚިދުމަތެއްގޮތަށް ކަނޑައެޅުމާއި؛

2. މި ޙާލަތާ ގުޅިގެން އާމްދަނީ އާއި ވަޒިފާ އަދި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް ހުއްޓިފައިވާ ފަރާތްތަކަގެ ތެރެއިން އަންހެނުން ދެނެގަތުމަށް ޚާއްސަ މަސައްކަތްތަކެއް ރާވާކުރިޔަށް ގެންދިއުމާއި، މިގޮތުން ކައުންސިލްތައް މެދުވެރިކޮށް ކުދި އަދި މެދު ފަންތީގެ އަމިއްލަ މަސައްކަތާއި ވިޔަފާރި ކުރަމުން ދިޔަ ފަރާތްތަކުގެ ތެރެއިން އާމްދަނީ ލިބުން ހުއްޓި، ވިޔަފާރިތަކަށް ގެއްލުން ލިބިފައިވާ އަންހެނުން ދެނެގަނެ މިފަރާތްތަކަށް ސަރުކާރުންދޭ ސްޓިމިއުލަސް އަދި ރިލީފް ޕެކޭޖްތައް ފޯރުކޮށްދެވޭކަން ކަށަވަރުކުރުމާއި؛

3. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ޚާއްސަ ބޭހާއި ވަކިން ޚާއްސަކޮށް ދިގު މުއްދަތައް ބޭނުން ކުރާބޭސް މެދުނުކެނޑި ލިބޭނޭ އިންތިޒާމްތައް ހަމަ ޖެއްސުމާއި މިޙާލަތުގައި ހުއްޓިފައިވާ އެކިބާވަތުގެ ތެރަޕީތަކާއި ފަރުވާތައް އޮންލައިން ނުވަތަ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ފޯރިކޮށްދީ އެފަދަ އާއިލާތަކަށް ބޭނުންވާނޭ އިރުޝާދުތަކާއި ލަފާ ދޭނޭ އިންތިޒާމްތައް ހަމަޖެއްސުމާއި؛

4. ކޮވިޑް-19އާ ގުޅިގެން ކުރާ ޚަރަދުތަކާއި ދައުލަތުގެ ބަޖެޓަށް ގެންނަ ބަދަލުތަކުގައި ސިއްޙަށާއި، ވަޒީފާގެ ފުރުސަތުތައް ފަހި ކުރުމަށާއި، އިޖްތިމާޢީ ރައްކާތެރިކަމަށް އިސްކަންދިނުމާއި؛

5. ބެލެނިވެރިޔާ ނުވަތަ ބެލެނިވެރިން ކޮވިޑް-19އަށް ފައްސިވެ ވަގުތީ ގޮތުން ބެލެނިވެރިކަމާ ޙަވާލުވާނޭ ފަރާތެއް ނެތް ކުޑަކުދިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ރައްކާތެރިކަން ދޭނެ އުސޫލުތަކާއި އިންތިޒާމްތައް ހަމަޖެއްސުމާއި؛

6. ކޮވިޑް-19 އަށް ފައްސިވެ އައިސޮލޭޝަން ފެސިލިޓީގައި ބޭތިއްބޭ ކުދިންގެ މައިންބަފައިން ނުވަތަ ބެލެނިވެރިންގެ ޙާލު ދެރަވެ އެކުދިންނަށް އަޅާނުލެވޭ ފަދަ ގޮތެއް މެދުވެރިވެއްޖެ ހިނދެއްގައި މިފަދަ ސެންޓަރުތަކުން އެފަދަ ކުދިންނާމެދު ޢަމަލުކުރާނެގޮތުގެ އުސޫލުތައް އެކުލަވާލާ، މިފަދަ ޙާލަތުތަކަށް ތައްޔާރުވެ، އިންތިޒާމްތައް ހަމަޖެއްސުމާއި؛

7. ކުރީ ސަފުގައި މަސައްކަތްކުރާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތައް ކޯވިޑްއާއު ގުޅިގެން ދިމާވާ ސަބަބަކައި ގުޅިގެން ކުއްޔަށް އުޅެމުންދާ ގެއިން ނުކުންނަން މަޖްބޫރުވެއްޖެނަމަ އެފަރާތްތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމާއި، މިފަރާތްތަކަށް މެދުނިކެނޑި ސައިކޯސޯޝަލް ސަޕޯޓ ލިބޭނޭ އިންތިޒާމް ހަމަޖެއްސައި ދިނުމަށް ގޮވާލުން ހިމެނެއެވެ.

މީގެ އިތުރުން ކޮވިޑް-19ގެ ހާލަތާއި ގުޅިގެން މާލޭގައި ދިރުއުޅެން ދަތިވެފައިވާ ފަރާތްތަކުގެ ތެރެއިން މާލޭ ނޫން އެހެން ރަށްރަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވެފައިވާ ފަރާތްތަކަށް އެކަމުގައި އިންތިޒާމްތައް ސަރުކާރުން ހަމަޖައްސައި ދިނުމަށާއި، ޙާއްސަ ރައްކާތެރިކަމަށް ބޭނުންވާ އެއްވެސް ފަރާތެއްގެ ބޯހިޔާވެހިކަމުގެ ޙައްޤު ގެއްލިއްޖެނަމަ އެފަރާތްތަކަށް ވަގުތީ ބޯހިޔާވެހިކަން ފޯރުކޮށްދިނުމަށް ކޮމިޓީން ގޮވާލާފައިވެއެވެ.

މުޖްތަމަޢުގައި ވައިރަސް ފެތުރެމުންދާ ހިނދުގައި، ޚާއްސަކޮށް ފުރަބަންދުވެފައިވާ ދަނޑިވަޅުތަކުގައި ކޮވިޑް-19 އިން ރައްކާތެރި ވުމަށް އެންމެ މުހިންމު އެއް ޙައްޤަކީ ބޯހިޔާވެހިކަން ކަމުގައި ވުމާއެކު މިހާލަތުގައި އެންމެންގެ ބޯހިޔާވެހިކަމުގެ ޙައްޤު ކަށަވަރު ކުރުމަށް ޓަކައި، ޤާނޫނީ، އިދާރީ، އަދި އެހެނިހެން ފިޔަވަޅުތައް އަޅާ އިންތިޒާމްތައް ހަމަޖެއްސުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއިން ހުށަހަޅާފައިވާއިރު، މިއިން އެއްވެސް ހުށަހެޅުމަކަށް އިދިކޮޅު ކޯލިޝަން ޕީ.ޕީ.އެމް އަދި ޕީ.އެން.ސީއިން ތާއީދު ކޮށްފައި ނުވާކަން ފާހަގަ ކުރެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
14%
48%
0%
33%
5%
0%
ކޮމެންޓް