ޓްރީ ޓޮޕް ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް އެކިއުޕްމެންޓް ގަންނަނީ ސަރުކާރުން: މަބްރޫކް
10 މެއި 2020 | އާދީއްތަ 10:47ޓްރީ ޓޮޕްގެ ޔުޓިލިޓީސް ބަލަހައްޓާނީ ސަރުކާރުން


ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކޮވިޑް-19 ޕޭޝަންޓުންނަށް ދަނީ ފަރުވާ ދެމުން
ޓްރީ ޓޮޕް ހޮސްޕިޓަލުގެ އައިސީޔޫގައި އެނދުތައް އިތުރުކޮށް، ފަރުވާދޭން ބޭނުންވާ މެޑިކަލް އެކިއުޕްމެންޓް ގަތުމުގެ ޚަރަދު ކުރާނީ ސަރުކާރުން ކަމަށް ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ރޭ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ޓްރީ ޓޮޕް ހޮސްޕިޓަލާއެކު މިހާރު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އެގޮތުން މިހާރު ކޮވިޑް-19 ބަލި މީހުން އެޑްމިޓް ކުރާ ހޮސްޕިޓަލެއްގެ ގޮތުގައި ތައްޔާރު ކުރެވި އެތާނގައި ބަލި މީހުންނަށް ފަރުވާ ދޭން ފަށާފައިވާކަން މަބްރޫކް ފާހަގަކުރެއްވިއެވެ.
މަބްރޫކް ވިދާޅުވީ ހޮސްޕިޓަލަށް ބޭނުންވާ ބޭސް، ކޮންސިޒިއުމަބަލް އަދި އެތާނގެ ޔޫޓިލިޓީސް ގެ ކަންކަންވެސް ބަލަހައްޓާނީ ދިވެހި ސަރުކާރުން ކަމަށެވެ. އެގޮތުން ފެނާއި ކަރަންޓަށް ސަރުކާރުން ޚަރަދުކުރާއިރު، އައިސީޔޫ ބެޑް އިތުރު ކުރުމަށް ކުރާ މަސައްކަތުގައި ވެސް ބޭނުންވާ މެޑިކަލް އެކިއުޕްމެންޓް ގަތުމަށް ސަރުކާރުން ޚަރަދުކުރާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ މިމަސައްކަތް ކުރުމަށް ޕްލޭން ކުރެވިފައިވަނީ ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ހަތަރުވަނަ ފިޔަވަހި ނިމޭއިރު، 100 އެނދުގެ ޖާގައިގެ އައިސީޔޫއަކާއި 60 އެނދުގެ އައިސޮލޭޝަން ފެސިލިޓީއެއް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ޤާއިމު ކުރެވިގެންދާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ.








