މިދަނޑިވަޅުގައި ހުރިހާ ޚިދުމަތެއް ހޯދަން ވެސް ދަތިވާނެ: މަބްރޫކް
5 މެއި 2020 | އަންގާރަ 18:20ސިއްހީ އެހެން ބަލިތަކަށް ފަރުވާ ހޯދުމަށް ދަތިވާ ކަމުގެ ޝަކުވާ ބޮޑުވެފައިވޭ


ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ކެތްތެރިކަން އިސްކުރުމަށް އެދިވަޑައިގެންފައި
ކޮވިޑް-19ގެ މިދަނޑިވަޅުގައި ހުރިހާ ޚިދުމަތެއް ހޯދަން ވެސް ދަތިވާނެ ކަމަށާއި، ކެތްތެރިކަން އިސްކުރުމަށް ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް އެދިވަޑައިގެންފިއެވެ.
އަންގާރަ ދުވަހުގެރޭ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ހުރިހާ ޚިދުމަތްތަކެއް ހޯދުމުގައި ވެސް ދަތިތައް ހުންނާނެ ކަމަށާއި، މިދަނޑިވަޅުގައި އެގޮތަށް ހޭނެން ޖެހޭ ކަމަށެވެ.
އެހެނިހެން ބަލިތަކަށް އައިޖީއެމްއެޗުން ޚިދުމަތް ހޯދުމަށް ދަތިވާ މައްސަލައަށް އަލިއަޅުއްވާލައްވާ މަބްރޫކް ވިދާޅުވީ މިހާރު ވެސް އިމަރޖެންސީ ހާލަތްތަކުގައި ހޮސްޕިޓަލުން ފަރުވާ ލިބޭނެ ކަމަށާއި، އެފަރުވާ ލަސް ނުކުރާނެ ކަމަށެވެ. އަދި އެމަރޖެންސީކޮށް ހަދަންޖެހޭ ޓެސްޓެއް ނަމަވެސް އެމަސައްކަތް ވެސް ކުރާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ އައިޖީއެމްއެޗްގެ 45 އިންސައްތަ މެޑިކަލް ސަރވިސަަސް އާންމުކޮށް ދޭ ޚިދުމަތްތަކަށް ދޫކޮށްފައިވާއިރު، 55 އިންސައްތަ ރިސޯސް ބޭނުން ކުރެވޭނީ ކޮވިޑް-19ގެ މަސައްކަތްތަކަށް ކަމަށެވެ. ނަމަވެސް ބޮޑުކަމެއް ދިމާވެއްޖެ ހާލަތުގައި ހޮސްޕިޓަލުން ވަގުތުން އެޓެންޑްވާނެ ކަމުގެ ޔަގީންކަން މަބްރޫކް ވަނީ ދެއްވާފައެވެ.








