މުދާ ކްލިއަރ ކުރުމަށް މަޖޫރީން ކޮންމެހެން ވަންނަންޖެހޭ: އެމްޕީއެލް
1 މެއި 2020 | ހުކުރު 11:03ރައްކާތެރިވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައި


ކޮންޓެއިނަރއަކުން މުދާ ބޭލުމުގެ މަސައްކަތް ކުރަނީ
މުދާ ކްލިއަރ ކުރުމަށް މަޖޫރީން ކޮންމެހެން ވަންނަންޖެހޭ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) މެނޭޖިންގް ޑިރެކްޓަރ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.
އެމްޕީއެލްގެ މަސައްކަތްތަކާ ބެހޭ ގޮތުން މަޢުލޫމާތު ދިނުމަށް ހުކުރު ދުވަހުގެ މެންދުރުފަހު ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ މުދާ ކްލިއަރ ކުރުމުގެ މަސައްކަތް ކުރުމަށް މަޖޫރީން ކޮންމެހެން ވަންނަންޖެހޭ ކަމަށާއި، ނުވަންނަ އުޞޫލަކުން މަސައްކަތް ކުރާނަމަ މިގެންދާ ރޭޓްގައި ވެސް ކްލިއަރެންސްގެ މަސައްކަތް ކުރުމަށް ވަރަށް އުދަނގޫވާނެ ކަމަށެވެ.
އެގޮތުން މަޖޫރީންނާއި، އެމްޕީއެލްގެ މުއައްޒަފުން ވީހާ ވެސް ބޮޑަށް ދުރުން މަސައްކަތް ކުރެވޭނެ އުޞޫލެއްގެ ދަށުން މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ކޮންމެ މަޖޫރީއަކު ވެސް ހެނދުނު އެތެރެއަށް ވަންނަންޖެހޭ ގަޑިއެއްގައި ވަންނާނެ ކަމަށާއި، އެމީހުން ވަންނައިރުގައި ޓެންޕަރޭޗަރ ސްކްރީނިން ކޮންމެ ދުވަހަކު ހަދާނެ ކަމަށެވެ.
ޝާހިދު ވިދާޅުވީ އެމްޕީއެލްގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ވަރަށް ބޮޑަށް ޕްލޭން ކުރެވިގެން ކަމަށެވެ.
އެގޮތުން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފުރިހަމަ ފިޔަވަޅުތައް އަޅަމުންދާކަން ޝާހިދު ފާހަގަކުރެއްވިއެވެ.







