ކޮވިޑް-19އާ ގުޅިގެން ގެވެށި އަނިޔާކުރާ މައްސަލަތައް ހުށަހެޅޭ މިންވަރު މަދު: ފުލުހުން
30 އެޕްރީލު 2020 | ބުރާސްފަތި 09:46މިފަދަ މައްސަލަތައް ހުށަހަޅާފައިވާ ގެތަކުގެ ހާލަތު ވަރަށް ގާތުން ބަލަމުންދޭ


ގެވެށި އަނިޔާގެ މައްސަލަތައް ސީރިއެސް މައްސަލައެއް ގޮތުގައި ބަލާނެ
ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި ގެވެށި އަނިޔާކުރާ މައްސަލަތައް ހުށަހެޅޭ މިންވަރު މަދު ކަމަށް ފުލުހުން ބުނެފިއެވެ.
މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19އާ ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި ގެވެށި އަނިޔާގެ މައްސަލަތައް އިތުރުވެ، ރިޕޯޓު ކުރާ މިންވަރު ވަނީ އިތުވެގެން ގޮސްފައެވެ. އެގޮތުން ރާއްޖެއަށް ވެސް މިފަދަ ޙާލަތެއް ކުރިމަތިވެދާނެ ކަމަށް ފުލުހުން ވަނީ ޚާއްސަ މަސައްކަތްތަކެއް ކޮށްފައެވެ.
މިމަސައްކަތްތައް އިތުރަށް ތަފުޞީލު ހާމަކޮށްދެއްވައި ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ފައިރޫޝް ވިދާޅުވީ ފުރަބަންދުވުމުގެ ކުރިން ވެސް ފުރަބަންދަށް ފަހު ވެސް މިފަދަ މައްސަލަތައް ހުށަހަޅާފައިވާ ގެތަކުގެ ޙާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި މިދަނޑިވަޅުގައި މިފަދަ މައްސަލަތައް ކުރިމަތިވިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ޚާއްޞަ އިސްކަމެއްދިންކަން ފައިރޫޝް ފާހަގަކުރެއްވިއެވެ.
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒު ވިދާޅުވީ ކޮވިޑް-19ގެ ކަންކަން ފެށިގެން އައިރުގައި ޖެނުއަރީ ފެބްރުއަރީ އަދި މަރޗްމަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މައްސަލަތައް ހުށަހެޅޭ މިންވަރު މަދުވަމުންދިޔަ ކަމަށެވެ.
ރިޔާޒު ވިދާޅުވީ މައްސަލަތައް ރިޕޯޓު ކުރުމުގައި މައްސަލައެއް އުޅޭތޯ ބެލުމަށް ފެމިލީ ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓާއެކު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ފާހަގަކުރެވުނު ބައެއް ގެތަކަށް ޒިޔާރަތްކޮށް ވަރަށް ގާތުން ބެލިކަމަށް ރިޔާޒުވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުންނަށް މެސެޖަކުން ލިބުނަސް އެ މައްސަލައަކަށް ފުލުހުން އެޓެންޑްވާނެ ކަމަށެވެ.
ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކަށް އަލިއަޅުއްވާލައްވާ ރިޔާޒު ވިދާޅުވީ ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކާ ކުޑަ ކުދިންނާ ގުޅުން ހުރި މައްސަލަތައް ވެސް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ.









