ޓެސްޓު ރިސަލްޓް ލަސްވެގެން މަރުވާ މީހުންގެ އަދަދު އިތުރެއް ނުވާނެ :ޑރ. އަލީ ލަތީފް
ޓެސްޓު ކުރުމަކީ މުހިއްމު ކަމެއް: ޑރ. އަލީ ލަތީފް


ކޮވިޑް-19 އަށް އައިޖީއެމްއެޗްގެ ލެބުގައި ޓެސްޓު ކުރަނީ
ކޮވިޑް-19 އަށް ޓެސްޓުކުރުމަށްފަހު ނަތީޖާ ލިބުން ލަސްވެގެން މަރުވާ މީހުންގެ ޢަދަދު އިތުރު ނުވާނެކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ޑރ. ޢަލީ ލަޠީފް ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހުގެ ދަންވަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ޢަލީ ލަޠީފް ވިދާޅުވީ ކޮވިޑް-19 އަށް ޓެސްޓުކުރުމަށްފަހު ނަތީޖާ ލިބުން ލަސްވެގެން މަރުވާ މީހުންގެ ޢަދަދު އިތުރެއް ނުވާނެ ކަމަށެވެ.
ޑޮކްޓަރު ވިދާޅުވީ ހައި ރިސްކު ކޮންޓެކްޓެއް ޓެސްޓު ހެދިޔަސް، ނުހެދިޔަސް، ބަލަން ޖޭހޭނީ ކޮވިޑަށް ޕޮޒިޓިވްވެދާނެ ކަމަށެވެ.
ޑޮކްޓަރު ވިދާޅުވީ ކޮވިޑަށް ޓެސްޓު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ނަތީޖާ ލިބުމަކީވެސް މުހިއްމުކަމެއްކަން ފާހަގަކުރައްވާ ޑރ. ޢަލީ ލަޠީފް ވިދާޅުވީ އޭރުން ބައްޔަށް ޝައްކު ކުރެވޭ ފަރާތަކީ އައިސޮލޭޝަނަށް ދާން ޖެހޭ މީހެއް ކަން ޔަޤިން ކުރެވޭނެކަމަށެވެ.
ޑރ. ޢަލީ ލަޠީފް މިހެން ވިދާޅުވެފައިވާއިރު، ޢަލާމާތްތައް ހުރި މީހުންގެ ޓެސްޓު ކުރުމަށް ސާމްޕަލް ނެގުމަށްފަހު ނަތީޖާ ލިބުން ލަސްވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރާއްޖޭގައި މިހާތަނަށް ފެނިފައިވާ ކޮވިޑް-19 ގެ ކޭސްތަކުގެ ޢަދަދު ވަނީ 280 އަށް އަރާފައެވެ. މި ބައްޔަށް ފަރުވާލިބިގެން 17 މީހުން ރަނގަޅުވެފައިވާއިރު، ވައިރަސް ޖެހުން އެކަކު ވަނީ ނިޔާވެފައެވެ.








