ނަފްސާނީ ބަލިތަކަށް ބޭނުންކުރާ ބޭސް ލިބުން ދަތި: ޑރ.އާރިފް
29 އެޕްރީލު 2020 | ބުދަ 08:22ނަފުސާނީ ބައްޔަށް ފަރުވާ ހޯދާ މީހުންގެ ޢަދަދު އެތައް ގުނައަކުން އިތުރު


އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، ޑރ.އާރިފް މުހައްމަދު
ނަފްސާނީ ބަލިތަކަށް ބޭނުންކުރާ ބޭސް ލިބުން އަބަދުވެސް ދަތި ކަމަށާއި، މިހާލަތުގައި މަސައްކަތް ކުރަނީ ބޭސް ބޭނުން ކުރަން ނުޖެހި މީހާ އަށް ފަރުވާ ދެވޭތޯ ކަމަށް އައިޖީއެމްއެޗްގެ ނަފްސާނީ ބަލިތަކާއި ބެހޭ ޑރ.އާރިފް މުހައްމަދު ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ވާހަކަ ދައްކަވަމުން ޑރ. އާރިފް ވިދާޅުވީ ކޮވިޑް-19ގެ މިހާލަތާ ގުޅިގެން ނަފްސަނީ ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދު އެތައް ގުނައަކުން އިތުރުވެފައިވާ ކަމަށެވެ.
އެގޮތުން މިދިޔަ މަހު އެކަނި ނަފްސާނީ މައްސަލަތަކާ ގުޅިގެން 715 މީހަކަށް ފަރުވާ ދީފައިވާ ކަމަށާއި އެއީ މިދިޔަ އަހަރުގެ އަޅާ ބަލާއިރު ދެ ގުނަ އިތުރު އަދަދެއްްކަން ޑރ.އާރިފް ފާހަގަކުރެއްވިއެވެ.
ނަފްސާނީ ބަލިތަކަށް ބޭނުންކުރާ ބޭހުގެ ޑިމާންޑް ބޮޑުވާކަން ފާހަގަކުރައްވައި ޑރ.އާރިފް ވިދާޅުވީ ރާއްޖޭގައި ނަފްސާނީ ބަލިތަކަށް ބޭނުންކުރާ ބޭހުގެ ދަތިކަން އަބަދުވެސް ބޮޑު ކަމަށެވެ. ކޮވިޑް-19ގެ މިހާލަތުގައި ބޭސް ހޯދުމަށް ދަތިކަން އިތުރަށް ބޮޑުވެފައިވާ ކަމަށް ޑރ.އާރިފް ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ.އާރިފް ވިދާޅުވީ ހާސްކަން ބޮޑުވުމާއި، ނިދިން މަހުރޫމްވުމުގެ ފަދަ މައްސަލަ ކުރިމަތިވާ ބައެއް މީހުންނަށް އެންޓި އެންޒައިޓީ ބޭސް ބޭނުން ކުރުން މަޖުބޫރުވާ ކަމަށެވެ. ނަމަވެސް މަސައްކަތް ކުރަނީ އެންމެނަށް ވެސް ބޭސް ނުދީ ފަރުވާ ހޯދައި ދިނުމަށް ކަމަށް ޑރ. އާރިފް ވިދާޅުވިއެވެ.
ޑރ. އާރިފް ވިދާޅުވީ މިފަދަ ބޭސްތައް ސަޕްލައި ކުރުމަށާއި، އަދި ހުސްވިޔަ ނުދީ ސްޓޮކް ބެހެއްޓުމަށް ހެލްތު މިނިސްޓްރީ އާއި އެސްޓީއޯ ގުޅިގެން މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.







