ގިނަ ބަޔަކު ވޮލަންޓިއަރުންނަށް ވުމަށް އެދި ހުށަހަޅައިފި: މިނިސްޓަރު މަހުލޫފް
18 އެޕްރީލު 2020 | ހޮނިހިރު 13:14އެމީހެއްގެ ފުލް ރިކޯޑް ބަލާނެ


ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވާހަކަދައްވަނީ
ކޮވިޑް-19އާ ގުޅިގެން މާލެސިޓީ ލޮކްޑައުން ކޮށްފައިވާތީ، ގޭގެއަށް ބޭނުންވާ ތަކެތި ފިހާރަތަކުން ޑެލިވަރީ ކޮށްދޭނެ ވޮލެންޓިއަރުން ހޯދުމަށް ހުޅުވާލި ފުރުސަތުގައި 400އާ ގާތްކުރާ އަދަދަށް މީހުން ނަން ހުށަހަޅާފައިވާ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީއަށް ދެއްވި ޚާއްސަ އިންޓިވިއުއެއްގައި މިނިސްޓަރު މަހުލޫފް ވިދާޅުވީ ޔޫތް މިނިސްޓްރީގެ އިސްނެގުމުގެ މަތިން ވޮލެންޓިއަރުން ހޯދުމަށް ފެށި މަސައްކަތުގައި ގިނަ ބައެއްގެ އެއްބާރުލުން ލިބިފައިވާ ކަމަށެވެ.
އެގޮތުން 400އާ ގާތްކުރާ އަދަދަކަށް މީހުން ނަން ފޮނުވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މަހުލޫފް ވިދާޅުވީ ވޮލެންޓިއަރުންގެ ގޮތުގައި މީހުން ނަގާނީ އެމީހުންގެ ޕޮލިސް ރިޕޯޓު، އައިޑީކާޑު އަދި ދިރިއުޅެމުންދާ އެޑްރެސްގެ ފުރިހަމަ މައުލޫމާތު ހޯދުމަށްފަހު ކަމަށެވެ.
ރިކޯޑް ކުލިއަރ ނޫން ނުވަތަ މައްސަލައެއް އުޅޭނަމަ އެމީހަކު ވޮލެޓިއަރުންގެ ޓީމަށް ނުނަގާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އާންމު ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް އަބަދުވެސް އިސްކަންދޭނެ ކަމަށެވެ. އެގޮތުން ވޮލެޓިންއަރުން މަސައްކަތަށް ނުކުތުމުގެ ކުރިން ކޮންމެ މީހެއްގެ ވެސް ސިއްހީ ހާލު ހުރި ގޮތް ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ވޮލެޓިއަރުންގެ ޓީމުން ހަރަކާތްތެރިވާނެ ގޮތަށް އަލިއަޅުއްވާލައްވާ މިނިސްޓަރު މަހުލޫފް ވިދާޅުވީ އެންމެ ފުޅާ ގޮތެއްގައި ޑެލިވަރީ ޚިދުމަތް ދެވޭނެ ގޮތަށް ބަލާ، ޚިދުމަތް ފޯރުކޮށްދޭ ބޮޑެތި ފިހާރަތަކު ޓީމުތަކާ ގުޅުވައިދޭނެ ކަމަށެވެ.
މިނިސްޓަރު މަހުލޫފް ވިދާޅުވީ މިމަސައްކަތް ކުރިއަށް ދާނީ އުސޫލެއް ލިޔެވިގެން ދެފަރާތުން ވެވޭ އެއްބަސްވުމުގެ ދަށުން ކަމަށެވެ.
މިދަނޑިވަޅުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިކަން ފޯރުކޮށް ދޭންޖެހޭކަން ފާހަގަ ކުރައްވައި މިނިސްޓަރު މަހުލޫފް ވިދާޅުވީ ގިނަ ޒުވާނުންތަކެއް މިކަމަށް އިޖާބަދިނުމުން އުފާކުރައްވާ ކަމަށެވެ. އަދި މިހާރު މަސައްކަތްތައް ކުރަމުންދަނީ ޑެލިވަރީގެ މިޚިދުމަތްތައް ލަސްވުމާ ގުޅޭ މައްސަލަތައް ހައްލުކުރުމަށް ކަމަށެވެ.








