ކ. މާލެ
|
16 އޭޕްރިލް 2020 | ބުރާސްފަތި 10:06
ދެކުނު ކޮރެއާގެ އިންތިޚާބުގައި މާސްކް އަޅައިގެން ހުރި އަންހެނަކު ވޯޓުލާ މަރުކަޒު ކައިރިން ހިނގާފައި ދަނީ
ދެކުނު ކޮރެއާގެ އިންތިޚާބުގައި މާސްކް އަޅައިގެން ހުރި އަންހެނަކު ވޯޓުލާ މަރުކަޒު ކައިރިން ހިނގާފައި ދަނީ
ރޮއިޓަރސް
ދެކުނު ކޮރެއާގެ އާއްމު އިންތިޚާބު
ދެކުނު ކޮރެއާގެ އިންތިޚާބު ވެރިކަން ކުރާ ޑިމޮކްރަޓިކް ޕާޓީ ބޮޑުތަނުން ކާމިޔާބު ކޮށްފި
 
އައިސޮލޭޝަންގައި ތިބި މީހުންނަށްވެސް ވޯޓު ލުމުގެ ފުރުސަތު ދިން
 
ކޮވިޑް-19 ޖެހިފައިވާ މީހުން ވޯޓު ލުމަށް ޚާއްސަ ބޫތު ބެހެއްޓިފައި ހުރި
 
ވޯޓުލީ މީހުންގެ ނިސްބަތް ކުރީ އިންތިޚާބަށް ވުރެ މަތި

ދެކުނު ކޮރެއާގެ މިހާރުގެ ރައީސް މޫން ޖައި-އިން ގެ ޕާޓީން އެ ގައުމުގައި ބުދަ ދުވަހު ބޭއްވި އާއްމު އިންތިޚާބު ކާމިޔާބު ކޮށްފިއެވެ.

ރޮއިޓާސް އިން ބުނެފައިވާ ގޮތުގައި ބޮޑު އަޣްލަބިއްޔަތަކުން ވެރިކަން ކުރާ ޕާޓީން އިންތިޚާބު ކާމިޔާބު ކުރުމުގެ އެންމެ ބޮޑު ބާރަކަށް ވީ، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސަރުކާރުން ގެންގުޅުނު ހަރުދަނާ ސިޔާސަތުގެ ސަބަބުންނެވެ.

މުޅި ދުނިޔޭގެ ސަމާލުކަން ލިބުނު މި އިންތިޚާބަކީ، ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރުނު ފަހުން ގައުމެއްގައި ބޭއްވުނު ފުރަތަމަ އިންތިޚާބެވެ.

އިންތިޚާބު ކުރިއަށް ދިޔައީ ރައްކާތެރި ކަމުގެ ގޮތުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކާ އެކުގައެވެ. މި ގޮތުން ވޯޓުލުމަށް ކަނޑައަޅާފައިވާ 14,000 (ސާދަ ހާސް) މަރުކަޒު ޑިސްއިންފެކްޓް ކުރުމާއި، ވޯޓުލާން އައި އެންމެންގެ ހުން ބެލުމާއި، މާސްކް އެޅުން މަޖުބޫރު ކުރުމާއި، ވޯޓުލާން ކިއުގައި ތިބޭއިރު ގައިދުރުކަން ބެހެއްޓުން މީގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން ވޯޓުލާން އައުމުން ކޮންމެ މީހަކަށް ޕްލާސްޓިކް އަންގި އެއް ދިނުމާއި، ހޭންޑް ސެނިޓައިޒަރ ލިބޭގޮތައް ވޯޓުލާ މަރުކަޒުގައި އިންތިޒާމްތައް ހުރީ ހަމަޖައްސާފައެވެ.

ދެކުނު ކޮރެއާގެ ނޭޝަނަލް އިލެކްޝަންސް ކޮމިޝަނުން ބުނީ، ވޯޓުލާން ނުކުތް މީހުންގެ އިން ސައްތަ 66.2 ގައި ހުރި އިރު މިއީ އެންމެ ފަހުން 1992 ވަނަ އަހަރުގެ އިންތިޚާބުގައި ވޯޓުލާން ނުކުތް މީހުންގެ ނިސްބަތައްވުރެ މަތީ އަދަދެއް ކަމުގައެވެ.

މި އިންތިޚާބުގައި ފާހަގަ ކުރެވުނު އަނެއް ކަމަކީ، ކޮވިޑް-19 ބަލީގައި އުޅެމުންވެސް ވޯޓުލެވޭނެ މަގު ތަނަވަސްކޮށްދީފައި އޮތުމެވެ. މިގޮތުން ބަލި މީހުންނަށް ވޯޓު ލެވޭނެ ދެ ގޮތެއް ހަމަޖައްސާފައި ހުއްޓެވެ. އެއީ އީމޭލްގެ ޒަރީއާއިންނާއި، ވޯޓުލާ މަރުކަޒުގައި ބަލީގެ މީހުންނަށް ޚާއްސަ ކޮށްފައި ހުރި ބޫތަކަށް ގޮސް ވޯޓު ލުމެވެ.

ރޮއިޓާސް އިން ބުނެފައިވާ ގޮތުގައި މި އިންތިޚާބުގައި ކޮވިޑް-19 ޖެހިފައިވާ ގާތްގަނޑަކަށް 2800 މީހުން ވޯޓުލާފައި ވާއިރު، ކަރަންޓީނު ކޮށްފައިތިބި 13,000 (ތޭރަ ހާސް) މީހުންނަށް ވޯޓު ލުމުގެ ފުރުސަތު ތަނަވަސް ކޮށްދީފައި ވެއެވެ.

ދެކުނު ކޮރެއާގެ ރައީސް މޫންގެ ޑިމޮކްރަޓިކް ޕާޓީއަށް މި އިންތިޚާބުގައި، ގާނޫނު ހަދާ މަޖިލީހުގެ 300 ގޮނޑީގެ ތެރެއިން 180 ގޮނޑި ވަނީ ކާމިޔާބު ވެފައެވެ. އެންމެ ފަހުން ބޭއްވި އިންތިޚާބުގައި އެ ޕާޓީއަށް ލިބުނީ 120 ގޮނޑިއެވެ.

މި އިންތިޚާބުގައި އިދިކޮޅު ކޮންޒަވެޓިވް ކޯލިޝަން އަށް ލިބުނީ 103 ގޮނޑިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް