ހަލުއި ކަމާއެކު ސައުދީގައި ފެތުރެމުންދާ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް، ވަކި މުއްދަތެއް ނެތް ގޮތައް ސައުދީ އަރަބިއްޔާގައި ކާފިއުގެ މުއްދަތު ދަންމާލަން އެ ގައުމުގެ ރަސްގެފާނު އަމުރު ކުރައްވައިފި ކަމަށް ސައުދީ ޕްރެސް އޭޖެންސީން ބުނެފިއެވެ.
ވަކި މުއްދަތެއް ނެތް ގޮތައް ސައުދީ އަރަބިއްޔާގައި ބޭރަށް ނުކުމެ އުޅުން ފުރަތަމަ މަނާ ކުރީ، 21 ދުވަހުގެ މުއްދަތައް ހުސްވި މާޗް މަހުގެ 23 ވަނަ ދުވަހުން ފެށިގެންނެވެ.
ހޮނިހިރު ދުވަހު އަލަށް 382 މީހުންނަށް ކޮވިޑް-19 ޖެހުނު ކަމަށާއި، 5 މީހުން މަރުވެފައިވާ ކަމަށް ސައުދީގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
މިހާތަނަށް އެ ގައުމުގައި 4033 (ހަތަރުހާސް ތެއްތިރީސް) މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، 52 މީހުން ބަލިޖެހިގެން މަރުވެފައިވާ ކަމަށްވެސް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
ސިއްހަތާ ބެހޭ މިނިސްޓްރީން ހާމަ ކޮށްފައިވާ މައުލޫމާތައް ބަލާއިރު، މައްކާ، މަދީނާ، ރިޔާދް އަދި ޖިއްދާ އިން ވެސް މީހުންނަށް އަލަށް ބަލި ޖެހިގެން ރިޕޯޓު ކޮށްފައިވެއެވެ.
މިހާތަނަށް ކޮވިޑް-19 ޖެހިގެން ސައުދީ އަރަބިއްޔާގައި 720 މީހުންވަނީ ބަލި ފަސޭހަ ވެފައެވެ.
ސައުދީ ނޫސްތަކުން ބުނާ ގޮތުގައި، އެގައުމުގައި ކޮވިޑް 19 ބަލި ފެތުރުމަކަށް އަދި މަޑު ޖެހުމެއް ނާދެއެވެ. އޭގެ ބަދަލުގައި ފާހަގަ ވެފައިވަނީ ކޮންމެ ދުވަހަކުވެސް ބަލި ހަލުއި ކަމާއެކު ފެތުރެމުން އަންނަ ކަމަށެވެ.
ސައުދީ އަރަބިއްޔާގެ ސިއްހަތާ ބެހޭ ވަޒީރު މި ހަފްތާގެ ކުރީކޮޅު ވިދާޅުވެފައިވަނީ، ސައުދީގައި ބަލި ފެތުރިދާނެ ގޮތާ ބެހޭ ގޮތުން 3 ދިރާސާއެއް ކުރެވިފައިވާ ކަމަށާއި އެ ދިރާސާތަކުން ހާމަވާ ގޮތުގައި ކުރިއަށް އޮތް ހަފްތާ ތަކުގެ ތެރޭގައި، ބަލި ޖެހޭ މީހުންގެ އަދަދު 10000 އާއި 200000 މީހުންނާ ދެމެދުގެ އަދަދަކަށް އަރާނެ ކަމަށް އަންދާޒާ ކުރެވިފައިވާ ކަމަށެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސައުދީ އަރަބިއްޔާގައި ވަނީ ހަރުކަށި ފިޔަވަޅު ތަކެއް އަޅާފައެވެ. މީގެ ތެރޭގައި މަދީނާގެ ގިނަ ސަރަހައްދުތަކެއް ގައި ބޭރަށް ނުކުމެ އުޅުން މުޅިން ބަންދުކުރުން ފާހަގަ ކުރެވެއެވެ.