Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑް-19

ދުނިޔޭގެ ބަޙުސަކީ "ކޯވިޑު19ގެ އެގްޒިޓު" ކޮބައިހެއްޔެވެ؟ ރައީސް ސޯލިޙުގެ ޖަވާބުން، "އެގްޒިޓު" އޮތީ، ފެންނާށެވެ!

ކަންބޮޑުވުންތަކަށް ދޭނެ"ކެޕްސޫލް" ރައީސް ވަނީ، ދިވެހީންނަށް، ދެއްވަން ފައްޓަވައިފަ

މުހައްމަދު އާދަމް ސަލީމް
މުހައްމަދު އާދަމް ސަލީމް, ރާއްޖެ އެމްވީ | 27 މާރިޗު 2020 | ހުކުރު 16:11
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅުދައްކަވަނީ

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅުދައްކަވަނީ

ކޯވިޑު19ގެ ހާސްކަން މުޅިދުނިޔެއަށް ފެތުރި، ހުކުރު ދުވަހުގެ މެންދުރުން އެނބުރުމާ ހަމައަށް، ދުނިޔޭން ފަސްލައްކަ ފަންސާސް ހާހަށްވުރެން ގިނަ މީހުންނަށް، މި ވައިރަސް ޖެހިއްޖެއެވެ.25 ހާހަށްވުރެ ގިނަމީހުން،ހުކުރު ދުވަހުގެ މެންދުރުފަހާ ހަމައަށް، މި ބަލީގައި ދުނިޔެ ދޫކޮށްފިއެވެ. ދުނިޔެ އިސްޖެހިފައިވި، މި ޙާލަތުގައި، ސިއްޙީ މާހިރުންގެ މެދުގައި ފެށިފައިވި ބަޙުސަކީ، މި ޙާލަތުން އެ ގައުމު ތަކަށް ނިކުމެވެން އޮތް ދޮރަކީ ދެން ކޮބައިހެއްޔެވެ؟

މިއަދު ދުނިޔޭގައި ހިނގަމުން މިއަންނަ ބަޙުސުގެ މައުޟޫޢުއަކީ " ވެއަރ އިޒް ދަ އެގްޒިޓު؟" އެވެ! މި ހާލަތުން ނިކުމެވެން އޮތް ގޮތަކީ، ނުވަތަ ދޮރަކީ ކޮބައިހެއްޔެވެ؟ މި ބަޙުސްގައި، ސިއްޙީ މާހިރުންނާއި ސައެންސްގެ ތަޖުރިބާ ކާރުންގެ ޚިޔާލުތައްވަނީ ކަފިކަފިވެފައެވެ.

އެއްބައެއްގެ ނަޒަރުގައި، ފެންނާން އޮތް ދުރު ރާސްތާގެ ޙައްލަކީ ވެކްސިނެވެ. އެކަމަކު އެއީ، 18 ވަރަކަށް މަސްދުވަހުގެ އިންތިޒާރެކެވެ. 18 ވަރަކަށް މަހަށް، އާމްދަނީއެއް ނުލިބި ގޭގައި ބަންދުވެ ތިބެވިދާނެ ހެއްޔެވެ؟

މި ބަޙުސުގައި، އަނެއް ބައެއްގެ ނަޒަރު ތަފާތެވެ. އެ ނަޒަރުން ބަލާނަމަ، ގިނަ ބަޔަކަށް ބަލި ޖެހުމުން އެއާ ވިދިގެން އުފެދޭ ދިފާޢީ ނިޒާމުގެ އަސަރު، އާބާދީގެބޮޑު އިންސައްތަ އަކަށް ކުރާން ފެށުމާއި ހަމައިން، އަލުން އިތުރަށް ވައިރަސް ފެތުރުރެން އޮތް ދޮރުތައް، ހަނިވާން ފަށާނެއެވެ. އެއީ އިންސާނާގެ އިމިއުންގެ ތެރޭގައި، މި ވައިރަހުގެ ދިފާޢު އުފެދުމުގެ ނަތީޖާއެވެ.

އަނެއް ބައެއްގެ ޚިޔާލުގައި އޮތީ، މިހާރުވެސް ޓެސްޓު ކުރުމުގެ މަރުޙަލާގައިހުރި ބައެއް ބޭސް، މާކެޓަށް ނެރެވިއްޖެނަމަ، ކަންބޮޑުވުން ފިލައިގެން ހިނގައިދާނެ ކަމެވެ. ނޫނީ ދެން އޮތް ގޮތަކީ، މި ވައިރަސް ފެތުރުން ކޮންޓްރޯލު ކުރުމެވެ. އެކަމަށް އޮތީ، އެކަހެރިވެ ގޭގައި ގައިދުރު ވެގެން ތިބުމެވެ. ވަގުތީ " ލޮކްޑައުން" އަކަށް، ދިއުމެވެ. އޭރަށް އިތުރަށް، ވައިރަސް ނުފެތުރި، ޙާލަތު ގޯހުން ގޯހަށް ނުގޮސް، ކޮންޓްރޯލް ކުރެވިދާނެއެވެ.

ރާއްޖޭގައި ކޮރަންޓީނު ކޮށްފައިތިބި މީހުންގެ ތެރެއިން، ހުކުރު ދުވަހުގެ މެންދުރުފަހު، މިވަނީ، އަނެއްކައިވެސް އިތުރު މީހެއްގެ ކިބައިން، މި ވައިރަސް ފެނިފައެވެ. ކަންދިމާވި ގޮތުން، އެއީ އިނގިރޭސި ވިލާތުން އެމީހަކު އައިތަނުން، އައިސޮލޭޓު ކުރެވުނު ދިވެއްސެކެވެ. އެހެންކަމުން، ކޮރޯނާ ވައިރަސް ޖެހިގެން ރާއްޖެއިން ފެނުނު މީހުންގެ އަދަދު، 14 އަށް އެރީއެވެ. އޭގެ ތެރެއިން 9 މީހަކު ރަނގަޅު ކުރެވުނު އިރު، 5 މީހަކު، އެވަނީ، ބައްޔަށް ފަރުވާ ދިނުމުގެ މަރުޙަލާގައެވެ.

ރާއްޖޭގެ ވައިގެ ދޮރުތައް، ހުކުރުވިލޭރޭ ބަންދު ކުރުމުން، ރާއްޖެވެސް މި އޮތީ، ރާއްޖެއިން ބޭރުން، މި ވައިރަހަށް ވަދެވެން އޮތް، ދޮރުތައް ތަޅުލައިފައެވެ. އެހެންކަމުން، މިހާރު ހިނގަމުން އެދަނީ، ބޭރުން މިހާތަނަށް އެތެރެވި މީހުންގެ 14 ދުވަހުގެ ކޮރަންޓީނުގެ ވަގުތުވެ. އެއާއެކު، ހިންގަމުންދާ ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތެވެ.

އިސްވެ ދެންނެވިފަދައިން، މި ބަލި ޖެހިފައިވި މީހެއްގެ ގައިން، އަނެކާއަށް ބަލި ޖެހުމުގެ އިތުރުން، މި ނޫން އެހެން ގޮތެއްގައި، ދިވެހި މުޖުތަމައުގެ ތެރެއިން، އަދި މި ބަލީގެ އަސަރެއް ނުފެނެއެވެ. އެހެން ކަމުން މި ވަގުތު ރާއްޖޭގައިވެސް ތަންފީޒު ވަމުން އެދަނީ، ރަށްކާތެރި ކަމުގައި، ގައިދުރުވެގެން ތިބުމުގެ އިލްތިމާސެވެ.

މި ދެންނެވި ޙާލަތުގައި، ރާއްޖެ އޮތް ހިނދު، ރާއްޖޭގެ އިގްތިސާދީ ގަޑީގެ ކަށިވެސް މިހާރު ހިނގަމުން އެދަނީ އެހާމެ މަޑުންނެވެ. ސަރުކާރުގެ އޮފީސްތައް ބަންދުކޮށް، ސްކޫލްތަކާއި ކޮލެޖުތަކާއި، ޔުނިވަރސިޓީތައް ވަނީ ބަންދުވެފައެވެ. ރާއްޖޭގެ ފަތުރުވެރިކަން ހުއްޓި، މަހުގެ އެކްސްޕޯޓަށް ނުރަނގަޅު އަސަރުކޮށް، ވައިގެ ދަތުރުފަތުރު ހުއްޓުމުން، ވިޔަފާރިއާ އިގްތިސާދަށް މިވަނީ އެކަމުގެ ނުރަނގަޅު އަސަރު ކުރާން ފަށައިފައެވެ. އެހެން ނަމަވެސް، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު، މީގެ ދެދުވަހެއްގެ ކުރިން، ގައުމާ މުޚާތަބު ކުރެއްވުމާ ހަމައިން، ދިވެހި އުދަރެހުގައި އެވަނީ، އުންމީދީ ވިލާތައް ބޯވާން ފަށައިފައެވެ. އޭގެ ރޯޅި ހެޔޮވާން ފަށައިފައެވެ.

މިހާރުވެސް ރަޝިއާއިން، 300ށް ވުރެ ގިނަ ބުކިން، ރާއްޖެއިން ހޯދަން އެދިފައި އޮތް ކަމާއި، މީގެ ތިން މަހެއްހާ ދުވަހުގެ ފަހަށް، ޖަރުމަނުން އެކަނިވެސް 20 ހާހެއްހައި ބުކިން ރާއްޖެއަށް، ލިބިފައި އެބަ އޮތް ކަން، ރައީސްގެ މި ވާހަކަފުޅުތަކުން ވަނީ، މޭރުންވެފައެވެ.

އެހެންކަމުން، ރާއްޖޭގެ ޙާލަތު ރަނގަޅުވީހާ އަވަހަކަށް، އީސްޓު އޭޝިއާއަށް، ރާއްޖެ ހުޅުވާލައްވާނެ ކަމަށް، މި ދެންނެވި މުޚާތަބު ކުރެއްވުމުގައި، އެމަނިކުފާނު އިޝާރަތް ކުރެއްވިއެވެ. އީސްޓު އޭޝިއާއަކީ، ޗައިނާއާއި، ޖަޕާނާއި، ކޮރެއާވެސް ހިމެނޭ ބައްރެވެ. އެ ގައުމު ތަކަކީ، ރާއްޖެއަށް ގިނަ ޢަދަދެއްގެ ފަތުރުވެރިން އަންނަމުންދިޔަ ގައުމު ތަކެވެ. އެހެންކަމުން، އީސްޓު އޭޝިއާއަށް، ރާއްޖެ ހުޅުވިދާނެ ކަމުގެ އުންމީދު، ގުޅިފައި މިވަނީ، ޙާލަތުން އަރައި ގަތުމަށް ރާއްޖެއިން، ކުރަމުން ގެންދާ، މަސައްކަތާއެވެ. އަދި އޭގެ ހެޔޮ ނަތީޖާ އާއި އެވެ.

ރައީސް ސޯލިޙު ގައުމާ މުޚާތަބު ކުރައްވައި، ދެއްވި މެސެޖުތަކުގެ އިތުރުން، ހަމަ އެދުވަހު، ދެ ގަޑިއެއް ހާއިރު، ނޫސްވެރިންގެ ސުވާލުތައް ހުސްވަންދެއް، ދެއްވަމުން ގެންދެވި ޖަވާބުތަކަކީ، އުންމީދުން ފުރިފައިވި ބަސްފުޅު ތަކެކެވެ. ރާއްޖޭގައި ކޮރޯނާ ވައިރަސް، ފެތުރުން ކޮންޓްރޯލުކޮށް، ސަލާމަތުގެ އައްސޭރިއަކަށް ވާސިލުވުމަށް، ކުރަމުންދާ މަސައްކަތް ފެނިގެންދިޔަ ކަމެކެވެ. ލަސްތަކެއްނުވެ، މި ޙާލަތުން އަރައިގަނެވިދާނެ ކަމުގެ، އުންމީދީ އިޝާރާތެކެވެ.

ރައީސްގެ މި ބަސްފުޅަކީ، ދުނިޔޭގެ އެކި ގައުމު ތަކުގެ ފެންވަރުގައި، މިއަދު ކުރެވެމުން އަންނަ "ވެއަރ އިޒް ދަ އެގްޒިޓު" މި ބަޙުސަށް، ރާއްޖެއިން ލިބޭ އަލި ކަމެކެވެ. ފެންނަމުންދާ މަންޒަރު ތަކަށް ބަލާއިރު، ޗައިނާއަސްވެސް ލިބެމުން އެ، ދާފަދަ އަލިކަމެކެވެ. އަދި މިއީ، ދިވެހިރާއްޖެ، ލަސްތަކެއްނުވެ މި ޙާލަތުން އަރައިގެންފާނެ ކަމުގެ މަންޒަރު، ދިވެހިންގެ ލޯތަކަށް، ސިފަވެގެންދިޔަ ބަސްފުޅެކެވެ.

ކޮންމެއަކަސް، ކޯވިޑް19ގެ "އެގްޒިޓު" ދުނިޔޭގެ މައުޟޫއަކަށް ވެފައިވި، މި ދަނޑިވަޅުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙަށް ދިވެހިރާއްޖެ، މިޙާލަތުން އަރައިގަނެވޭނެ އުންމީދީ "އެގްޒިޓު"، އެބަ ފެނިވަޑައި ގަންނަވާކަން، ހާމަވެގެން އެބަ ދެއެވެ.

އޭގެ ފަހަތުގައި އޮތީ، މިއަހަރުގެ ޖެނުއަރީ 6 ވަނަ ދުވަހުން ފެށިގެން، ކޯވިޑް19ގެ ހޭލުންތެރިކަން އުފެއްދުމަށާއި، މި ކަމުން ރައްކާތެރިވާން، "އެލްތު ޕްރޮޓެކްޝަން އެޖެންސީ"( އެޗް.ޕީ.އޭ) އިން، އަޅަންފެށި ފިޔަވަޅުތަކެވެ. "ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ" ހިތްވަރެވެ. "ޑިޕާޓުމަންޓު އޮފް ޕަބްލިކު ހެލްތު"( ޑީ.ޕީ.އެޗް)ން، ވެސް ކުރި މަސައްކަތެވެ. ޚާއްސަ ގޮތެއްގައި، ރައީސް ސޯލިޙުގެ ސަރުކާރުން، އަޅުއްވަމުން ގެންދެވި ހަރުދަނާ ފިޔަވަޅުތަކެވެ.

ހަމަ އެހެންމެ، މިކަމުގައި ޑޮކްޓަރުންނާއި، ނަރުހުންނާއި، ސިފައިންނާއި، އަދި ފުލުހުންގެ މުއައްސަސާއިން ކުރަމުން ގެންދިޔަ މަސައްކަތެވެ. ޚާއްސަ ގޮތެއްގައި، ދިވެހި ރައްޔިތުންދިން އެއްބާރު ލުމެވެ. ސަރުކާރުގެ އިލްތިމާސަށް، ރައްޔިތުން ދިން ބަސްއިވޭ ކަންފަތެވެ.

ދިވެހި ރައްޔިތުންނާ މުޚާޠަބު ކުރަންވަން، ރައީސް ސޯލިޙު، މިދެންނެވި ނޫސްކޮންފަރެންސަށް، ވަޑައިގަތުމާއި ހަމައަށް، މިކަމުގައި ރައްޔިތުން ފިކުރާވެފައި ތިބި މިންވަރާއި ކަންބޮޑުވުން، ގައުމުގައި އޮތް މިންވަރު، އިޖުތިމާޢީ ވިއުގައިގެ ތެރެއިން ދިޔައީ، ފެންނަމުންނެވެ.

ހަމައެހެންމެ، އިދިކޮޅު ޕާޓީން އޭރު ބުނަމުން ގެންދިޔައީ، ސަރުކާރުން އަޅަމުންގެންދަނީ ހަރުދަނާ ފިޔަވަޅު ތަކެއް ނޫނެވެ. މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވި ޖަލްސާގައި، ރައީސް ގައުމާ މުޚާތަބު ކުރެއްވި އިރު، ޗައިނާގައި ފެތުރެމުންދިޔަ ކޮރޯނާ ވައިރަސްއަށް، ސަރުކާރުން ސަމާލުވިކަން، ހާމަވެފައި ނުވާކަމަށެވެ. ރައީސްގެ ވާހަކަފުޅުތަކުން އުންމީދު އާވެގެން ނުދާކަމަށެވެ. އެހެން ނަމަވެސް ޙަގީގަތަކީ، އެދުވަހުވެސް، މިކަމަށް ރައީސް އިޝާރަތް ކުރެއްވި ކަމެވެ. ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް އަންދާޒާކޮށްފައިވި 7.5 އިންސައްތައިގެ ކުރިއެރުމަށް، އެކަމުން އަސަރު ކުރާނެކަން ހާމަކުރެއްވި ކަމެވެ.

ކޮންމެއަކަސް، މި ހުރިހާ އަޑުތަކެއް އަހަމުން ގެންދިޔަ ދިވެހި ރައްޔިތުން، މިދެންނެވި އަޑުތަކަށް، މާބޮޑު ސަމާލުކަމެއް ނުދިނެވެ. ސުވާލަކީ ރައީސް ސާލިޙު، ދެއްކެވި ވާހަކަފުޅުތަކުން އުފަންވި، ޚަބަރުތަކާއި ރިޕޯޓުތަކުގެ "ކޮމެންޓު ބެނާ"ގެ ފަހަތުން "ހެޕީފޭސް" ދައްކާލި އިންސައްތަ، އެހާ މަތިވެގެން އެ ދިޔައީ ކީއްވެތޯއެވެ؟

މި ދެންނެވި "ހެޕީފޭސް"ތަކަކީ، ކިއުންތެރިޔާ، އެ ޚަބަރެއް ނުވަތަ ރިޕޯޓެއް ކިޔުމަށްފަހު، އެއިން އޭނާއަށް ކުރި އަސަރު، ނުވަތަ ވީ އިޙުސާސް، ހާމަކުރާ ހާމަކުރުމެކެވެ. އޭނާ ބޭނުންނަމަ، ރުޅިމޫނު ނުވަތަ މާޔޫސް މޫނަށްވެސް، އޭނާގެ އިޙުސާސް ބަނޑުން ކޮށްލެވިދާނެއެވެ.

މި ދެންނެވި އިޚުތިޔާރު، ކިއުންތެރިޔާއަށް ލިބިފައި އޮވެމެ، 75 އިންސައްތަ އަށްވުރެ ގިނަ މީހުން، ރައީސް ސޯލިޙުގެ ވާހަކަފުޅަށް، އިޚުތިޔާރުކުރީ، އުފާވެރި މޫނު، " ނުވަތަ "ހެޕީފޭސް" އެވެ. "މިހާރުއޮންލައިން"ގެ ސުރުޚީތަކާއި، "ރާއްޖެ އޮންލައިން"ގެ ޚަބަރުތަކާއި، މިނޫންވެސް އޮންލައިން ނޫސްތަކުގެ ޚަބަރު ތަކުގެ ފަހަތުން، މިހާރުވެސް ފެންނާން އެ އޮތީއެވެ.

އަޅުގަނޑަށް ވިސްނުނީ، އެދުވަހުގެ ކޮންމެ ޚަބަރަކާއި، ރިޕޯޓެއްގެ ފަހަތުން، "ހެޕީފޭސް"ގެ އިންސައްތަ ، 75 ފަހަނައަޅައި ދިއުމުގެ ސިއްރަކީ، މާޔޫސްވެ، އިސްޖެހިފައިވި ރައްޔިތުންގެ ކަންފަތުގައި ޖެހެމުން އެ ދިޔަ، އުންމީދީ ބަސްތަކެވެ. މިސާލަކަށް ދަންނަވާނަމަ، ކުރިއަށް އޮތް 10 މަހަށް، ރާއްޖެއަށް ބޭނުންވާނެ ހަނޑުލާއި ހަކުރު، އަދި 5 މަހަށް ބޭނުންވާ މިންވަރަށް ފުއް، އެޕްރީލް 15ގެ ކުރީން، ރާއްޖެއަށް ގެންނަވާނެ ކަމަށް،ރައީސް އެ ވިދާޅުވި ވާހަކަފުޅެވެ.

މިދެންނެވި ރައްޔިތުންގެ އިސް އުފުލައިލަދިން، އަނެއް ވާހަކަފުޅަކީ، ޑޮލަރުގެ އަގަށް ބަދަލެއް ނައިސް، ކުރިއަށް އޮތް ތިން މަހުގެ ތެރޭގައިވެސް ބޭއްވޭނެ ކަމަށާއި، އެމް.އެމް.އޭއިން ބޭންކު ތަކަށް ކޮންމެ ދުވަހަކަށް ބޭނުންވާނެ ޑޮލަރު ދޫކުރާނެ ކަމަށް ރައީސް ވިދާޅުވި ވިދާޅުވުމެވެ.

ރައީސް މިހެން ވިދާޅުވިއިރު، އިންޑިއާ އާއިއެކު، ރާއްޖެއިން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ނުވަތަ "ކަރަންސީ ސްވޮފް"ގެ ދަށުން، ރާއްޖެއަށް ހަމަޖެހިފައި އޮތް 400 މިލިއަންޑޮލަރު، އޭރުވެސް އޮތީ އަތްވެސް ނުލައެވެ. އެހެން ކަމުން، މިކަންކަން ކުރެއްވޭނެ ފުރުސަތު ރައީސަށް އެބަ އޮތެވެ. ކޮންމެއަކަސް އެ ޙަގީގަތްތައް، މި ދަނޑިވަޅުގައި ތިލަވެގެން ދިއުމީ، ރައްޔިތުން އެންމެ އުފާވި ކަންކަމެވެ.

ހަމަ އެހެންމެ، ބެންކުތަކުންނާއި ހައުސިން ފައިނޭންސުން، ރައްޔިތުން ނަގައިފައިހުރި، ލޯނުތައް ދެއްކުމުގެ މުއްދަތު 6 މަހަށް ، ފަސްކުރެއްވި ވާހަކައިގެ އިތުރުން، 400 ށްވުރެ ގިނަ ދަރިވަރުންގެ ސްޓޫޑެންޓު ލޯނު ދެއްކުންވެސް، އެ ބީދައިން ފަސްކޮށްދެއްވި ކަމަށް، ރައީސް ވިދާޅުވިއެވެ. އަދި ޢާންމު ރައްޔިތުންގެ ފެންބިލަށާއި ކަރަންޓު ބިލަށް، ބޮޑު ލުޔެއް ދެއްވިކަން، އެމަނިކުފާނު އިޢުލާން ކުރެއްވިއެވެ.

އެދުވަހު، ފިކުރާވެފައިތިބި ރައްޔިތުންގެ ކަންފުގައި ޖެހެމުންދިޔައީ، ވިޔަފާރިއާއި އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ހުއްޓުވަން، ލޯނު ފެސިލިޓީސްތައް ދެއްވާނެ ކަމުގެ ޚަބަރެވެ. އެއީ މުވައްޒަފުން ވަޒީފާތަކުން ކަނޑަން ނުޖެހި، މިޙާލަތުގައި، ޕްރައިވެޓު ސެކްޓަރަށް ކުރިއަށްދާން، ކޮށްޓަވައި ދެއްވި ދޮރެކެވެ.

ރައީސް ސޯލިޙު، ދަނޑުވެރީންނަށް ދެއްވި އުފާވެރި ޚަބަރަކީ، އެމީހުންގެ އުފެއްދުންތައް، އެސް.ޓީ.އޯއިން ގަންނާނެކަމެވެ. ބާޒާރަށް ދެއްވި ޚަބަރަކީ، ރާއްޖެއަށް ބޭނުންވާނެ ޒަރޫރީ ބާވަތްތައް، ޗާޓަރު ފްލައިޓު ބާއްވައިގެން ގެންނަވާނެ ކަމެވެ.

ސިވިލްސަރވިސް މުވައްޒަފުންގެ މުސާރަ އުނި ނުކުރައްވާނެ ކަމަށް ވިދާޅުވެ، ސިޔާސީ މަޤާމުތަކުގެ މުސާރައިން 20 އިންސައްތަ ކުޑަކުރައްވައި، ދައުލަތުގެ ޚަރަދުތައް ކުޑަކުރައްވަން ފެއްޓެވިކަމީ، ސަރުކާރަށް އޮތް އިތުބާރުގެ ހުޅުކޮޅު، ހުޅުދާންވެލި ޚަބަރެކެވެ. އެހެންކަމުން، މި ޚަބަރުތައް ވެގެން ދިޔައީ، މާޔޫސްވެ، ފިކުރާވެ، އިސްޖެހިފައިތިބި ރައްޔިތުން، މި ފިކުރުތަކުން އަރައިގަތުމަށް ދެއްވި ބޭހަކަށެވެ. "ކެޕްސޫލް" އަކަށެވެ.

މި ކެޕްސޫލުން ޢިލާޖަކަށްވި ރައްޔިތުންގެ ލޯތަކަށް ރައީސް، ދެން ކުރައްސައި ދެއްވީ، ﷲގެ ރަޙުމަތްފުޅުން، މި ޙާލަތުން ކުރިއަށް އޮތް، ތިން މަހެއްގެ ތެރޭގައި، ރާއްޖެއަށް އަރައިގަނެވިދާނެ ކަމުގެ އުންމީދެވެ.

އެހައިތަނުން، އީސްޓު އޭޝިއާގެ ފަތުރުވެރިންނަށް، ރާއްޖެ ހުޅުވާލެވޭނެ ފަހިކަން ލިބިދާނެ ކަމުގެ އުންމީދެވެ. މީގެ ތިންމަހުގެ ފަހަށް ނަޒަރު ހިންގާއިރު، ފެންނާން އޮތީ، 20 ހާސް ބުކިން ޖަރުމަނުން، ކޮންފާމުކުރަން ތައްޔާރަށް އޮތް މަންޒަރު ކަމަށް ވިދާޅުވެ، އެ މަންޒަރު ރައީސް ކުރައްސައި ދެއްވިއެވެ.

ހަމަ އެހެންމެ، ރަޝިއާއިންވެސް އެހާތަނަށް 300 ބުކިންއަށް އެދިފައިވާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން، ދުނިޔޭގައި މިއަދު، ސުވާލު އުފެދިފައިވި " ކޯވިޑް19ގެ އެގްޒިޓު؟"، ރައީސް، ސޯލިޙު، ދިވެހިރާއްޖެއަށް، އެ ގެންދަވަނީ ސިފަ ކޮށްދެއްވަ މުންނެވެ. ދިވެހީންނަށް އޮތްހާވެސް ކަމަކީ، އެ ދޮރުން ނިކުންނަން ގޮވައި ލަންދެއް، ކެތްތެރިކަމާއެކު، މިވަގުތަށް ގޭގައި މަޑުކޮށްލުމެވެ!

ކޮމެންޓް

އިތުރަށް ކިޔާލަން

ދުނިޔޭގެ އެންމެ ނުފޫޒުގަދަ އަންހެނުންގެ ނަސޭހަތަކީ ކޮބާ؟

ދުނިޔޭގެ އެންމެ ނުފޫޒުގަދަ އަންހެނުންގެ ނަސޭހަތަކީ ކޮބާ؟

08 ޑިސެމްބަރު 2017
މިއަދަކީ ދުނިޔޭގެ އެއިޑްސް ދުވަސް

މިއަދަކީ ދުނިޔޭގެ އެއިޑްސް ދުވަސް

01 ޑިސެމްބަރު 2017
 ދުނިޔޭގެ އިގްތިސާދު އާދަޔާ ހިލާފަށް ކުރިއަރަނީ، ނަމަވެސް އާމްދަނީގެ ބޮޑު ފަރަގެއް!

ދުނިޔޭގެ އިގްތިސާދު އާދަޔާ ހިލާފަށް ކުރިއަރަނީ، ނަމަވެސް އާމްދަނީގެ ބޮޑު ފަރަގެއް!

11 ނޮވެމްބަރު 2017
 "ދުނިޔޭގެ އެންމެ ބޮޑު ކޭކް އެޅުމުގައި 300 މީހުން"

"ދުނިޔޭގެ އެންމެ ބޮޑު ކޭކް އެޅުމުގައި 300 މީހުން"

29 އޮކްޓޯބަރު 2017
ދުނިޔޭގެ އާބާދީ 2050 ވަނަ އަހަރު 9.5 ބިލިޔަން އަށް އަރާނެ، ކިހާބޮޑު މައްސަލައަކަށް ވާނެބާ!

ދުނިޔޭގެ އާބާދީ 2050 ވަނަ އަހަރު 9.5 ބިލިޔަން އަށް އަރާނެ، ކިހާބޮޑު މައްސަލައަކަށް ވާނެބާ!

25 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

23 ޖެނުއަރީ
ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ
20251 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް
20224 އަހަރު ކުރިން
ރާއްޖެ

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު