ކ. މާލެ
|
8 ޑިސެންބަރ 2017 | ހުކުރު 23:44
އަންހެނުން ބާރުވެރިކުރުން ދައްކުވައިދޭ ފޮޓޯއެއް
އަންހެނުން ބާރުވެރިކުރުން ދައްކުވައިދޭ ފޮޓޯއެއް
ގޫގުލް
އަންހެނުން ބާރުވެރި ކުރުވުން
ދުނިޔޭގެ އެންމެ ނުފޫޒުގަދަ އަންހެނުންގެ ނަސޭހަތަކީ ކޮބާ؟
ދުނިޔޭގެ މަޝްހޫރު ކުންފުނިތަކުގެ އިސް މަގާމުތަކުގައި އަންހެނުން ދަނީ މަސައްކަތް ކުރަމުން
ކާމިޔާބުވުމަށް އަމިއްލަ ނަފްސަށް އިތުބާރުކުރުން މުހިއްމު
ކުރިމަތިވާ ދަތިތަކާ ނުވަތަ ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލުން ވަރަށް މުހިއްމު

އަންހެނުންނަށް އޮންނަ ފުރުސަތުގެ ވާހަކަ އާއި އަންހެނުންނަށް މަސައްކަތުގެ މައިދާނުގައި ދިމާވާ އުނދަގޫތަކުގެ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. އެހެންނަމަވެސް ހަގީގަތަކީ އަދިވެސް މުޖުތަމައުގެ ވިސްނުމާއި ފިކުރު އަންހެންނުންނާ މެދު ގެންގުޅޭ ގޮތުން، ނުވަތަ ދެކޭ ގޮތުގެ ސަބަބުން އަންހެނުންނަށް ވަޒީފާގެ މާހައުލުގަ އާއި ކުރިއެރުން ހޯދުމަށް ދަތިތަކާ ކުރިމަތި ލާންޖެހޭ ކަމަށެވެ.

ހަގީގަތުގައި އަންހެނުން މުޖުތަމައުގައި ބޭނުންވެގެން އުޅެނީ ހާއްސަ މަގާމެއް ނުވަތަ ހާއްސަ ދަރަޖައެއް ވެސް ނޫނެވެ. އަންހެނުން ބޭނުން ވަނީ، ފިރިހެނުންނާ އެއްހަމަ ފުރުސަތުތަކެވެ.

މިތަފާތު އުނދަގޫތަކާ އެކުވެސް ދިރިއުޅުމުގައި ކާމިޔާބު ހާސިލްކުރާ އަންހެންނުން މަދެއް ނޫނެވެ.

އެގޮތުން އެފަދަ ބައެއް ފަރާތްތަކުން ކާމިޔާބު މީހުންނަށް ވުމަށްޓަކައި ގަބޫލު ކުރި ގަބޫލުކުރުން ނުވަތަ ކުރިއަރަން ބޭނުންވާ އަންހެނުންނަށްދޭ މެސެޖުތަކަށް ބަލައިލާނެމެވެ.

ދުނިޔޭގެ އެންމެ ބާރު ގަދަ ނުވަތަ ކާމިޔާބު މީހުންގެ ލިސްޓުން އެންމެ ފާހަގަކޮށްލެވޭ އެއް އަންހެނަކީ އެމެރިކާގެ މަޝްހޫރު އިންޝިއުރެންސް ކުންފުންޏެއް ކަމުގައިވާ އެޓްނާ އިންޝިއުރެންސްގެ ރައީސް ކެރެން ލީންޗްއެވެ. އޭނާ ވިދާޅުވީ ކޮންމެ މީހަކު ވެސް އެމީހެއްގެ ހަގީގީ ސިފަ މަސައްކަތުގެ މާހަލުގައި ދެއްކުން މުހިއްމު ކަމަށާއި އެއްވެސް ކަމެއްގައި ނުވަތަ މީހަކު ރުއްސުމަށް އަމިއްލަ މީހާ ގަބޫލުކުރާ ނުވަތަ ދެކޭ ކަންކަން ބަދަލު ކުރުން އެއީ އޭނާ ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.

"ވަޒީފާގެ ކުރިއެރުން ދިނުމަށް ކުރި އިވެލުއޭޝަންގައި ފިޔާތޮށި ކުލައިގެ އަންނައުނު މަދުން  ބޭނުން ކުރުމަށް ނުސީދާކޮށް ބުނި. ފިޔާތޮށި ކުލައިގެ އަންނައުނު ބޭނުން ކުރުމުން މާ އަންހެން ވަންތަ ކަމަށް އެމީހުންނަށް ގަބޫލު ކުރެވޭތީ. އަދި މާ އަންހެންވަންތަ މުވަކީ ވަޒީފާ އަދާކުރުމުގައި ގޮންޖެހުމެއް ކަމަށް އެމީހުންނަށް. އެހެން ނަމަވެސް އެކަމަށް ފަރުވާއެއް ނުބަހައްޓާ، ފިޔާތޮށި ކުލައިގެ އަންނައުނު ބޭނުން ކުރުން ހުއްޓައެއް ނުލަން،" ކެރެން ލިންޗް ވިދާޅުވިއެވެ.

ޑިފެންސް، ސްޕޭސް އެންޑް ސެކިއުރިޓީ ބޯއިންގެ ރައީސް އަދި ސީއީއޯ ލިއެން ކެރެޓް ބުނެފައި ވަނީ ކޮންމެ ކަމެއް ކުރި ނަމަވެސް އަމިއްލަ މީހާގެ އަމިއްލަ ވަންތަކަން ދޫނުކުރާ ކަމަށް ކާމިޔާބު ހާސިލު ކުރުމަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.

މަލްޓިޗެނަލް ރީޓެއިލް ބެސްޓް ބައިގެ ރައީސް ޝެރީ ބެލާޑް ވިދާޅުވީ ކާމިޔާބެއް ހާސިލު ކުރުމުގައި އަމިއްލަ ނަފްސު ވަރަށް ރަގަޅަށް ދަންނަން ޖެހޭ ކަމަށާއި އެކަން އިމްތިހާނު ކުރާނެ ކަން ގަބޫލުކޮށް، އަމިއްލަ ނަފްސު ގަބޫލުކުރާ ކަންކަން ދިފާއު ކުރުމުގައި ދެމިހުރުން މުހިއްމު ކަމަށެވެ.

ކާމިޔާބު މީހަކަށް ވުމަށްޓަކާއި އަމިއްލަ ނަފްސަށް އިތުބާރުކުރުން ވަރަށް މުހިއްމެވެ. އެގޮތުން ޕަރސަނަލް އިންވެސްޓިންގެ ރައީސް ކެތުލީން މާފީ ވިދާޅުވެފައި ވަނީ، ކުރަން ބޭނުންވާ ކަމެއް ކުރުމަށް ފަހަތަށް ނުޖެހި މަސައްކަތް ކުރާ ކަމުގައިވާ ނަމަ އެކަން ހާސިލުވާނެ ކަމަށެވެ.

ޔޫޓިއުބްގެ ރައީސް ސޫޒަން ވޮޖްސިސްކީ ވިދާޅުވެފައި ވަނީ، ބޭނުންވާ ކަންކަން ހާސިލު ކުރުމަށް ހިތަށް އަރާ ކަންކަން ނުބުނެ ނުހުރުމަށާއި ކަންކަން ހާސިލް ވަނީ އަމިއްލައަށް ބޭނުންވާ ކަންކަން ކިޔާދީގެން ކަމަށެވެ.

ޑެލޮއިޓް ކުންފުނީގެ ސީއީއޯ ކެތީ އެންގަލްބާޓް ވިދާޅުވެފައި ވަނީ އަމިއްލައަށް ބޭނުންވާ ކަންކަން ހާސިލްކުރުމަށް ފަސް ނުޖެހި ރިސްކު ނަގައިގެން ނޫނީ ކާމިޔާބު ނުވާނެ ކަމަށެވެ.

ޖެނެރަލް މޮޓޯސްގެ ޗެއަރމަން އަދި ސީއީއޯ މޭރީ ބާއްރާ ވިދާޅުވީ ވަނީ، ކެރިއަރުގައި އެހާ އަވަހަށް ފުރުސަތުތައް އަމިއްލައަށް ބަންދު ނުކުރުމަށާއި ލިބޭ ފުރުސަތުތަކުގެ ބޭނުން ކުރުމަށް އަބަދުވެސް ޖެހިލުން ނުވާ މީހަވާންޖެހޭ ކަމަށެވެ.

 ފޭސްބުކްގެ ސީއޯއޯ ޝެރީލް ސޭންޑްބާގް ވިދާޅުވެފައި ވަނީ އާ ގޮންޖެހުންތަކާއި ފަސް ޖެހުމެއް ނެތި ކުރިމަތިލައިފި ނަމަ ކާމިޔާބު މީހަކަށް ވާނެ ކަމަށެވެ.

މަޝްހޫރު ކޮމްޕިއުޓަރ އުފައްދާ ކުންފުންޏެއް ކަމުގައިވާ އައިބީއެމްގެ ރައީސް އަދި ޗެއަރމަން ޖީނީ ރޮމެޓީ ބުނެފައި ވަނީ އަމިއްލަ މީހާ ޑިވެލޮޕްވާނެ ފުރުސަތުތައް އަބަދުވެސް ދެނެގަނެ، އެ ފުރުސަތުތަކުގެ ބޭނުން ކުރުމަށެވެ. އެފަދަ ފުރުސަތުތަކުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިދާނެ ކަމަށާއި އެހެން ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން ކުރުމުން ބޮޑު ފަސޭހައެއް ކުރިމަތިވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

އަލްފަބެޓް ކުންފުނީގެ ޗީފް ފައިނޭންޝިއަލް އޮފިސަރ ރުތު ޕޮރަޓް ވިދާޅުވެފައި ވަނީ މަސައްކަތުގައި އުޅޭ އިރު ގޮތްތައް ނިންމާ އިރު، އެހެން މީހުން އިތުބާރު ކުރާ މީހުންނާއެކު މަސައްކަތް ކުރުމަށާއި އެންމެ އުނދަގޫ ހާލަތްތަކުގައި އެހީތެރިވާނެ ބަޔަކު ތިބުމުގެ މުހިއްމު ކަމަށެވެ.

ވޯލްމާޓްގެ ސީއޯއޯ ޖުޑިތު މެކްކެނާ ވިދާޅުވީ ކުންފުންޏަށް މީހުން ނެގުމުގައި ތިމާ އަށް ވުރެ މޮޅެތި މީހުން ގެންނަން ބިރު ނުގަތުމަށާއި ތިމާ އާއި ތަފާތު މީހުންނާ އެކީގައި މަސައްކަތް ކުރުމަށް ފަސްނުޖެހުމަށެވެ. އެގޮތަށް މަސައްކަތް ކުރުމަށް އުނދަގޫވެދާނެ ކަމަށާއި އެހެންނަމަވެސް އޭގެ ސަބަބުން ތިމާއަށް އޭގެ ފަހުން ލިބޭ ފައިދާ ބޮޑުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ މާލީ ކުންފުންޏެއް ކަމުގައިވާ މޯގަން ޗޭސް ކުންފުނީގެ ޗީފް ފައިނޭންޝިއަލް އޮފިސަރ މެރިއޭން ލޭކް ވިދާޅުވި ގޮތުގައި މަސައްކަތުގައި ކާމިޔާބު ހާސިލް ކުރެވޭނީ، އެކުގައި މަސައްކަތް ކުރާނެ ރަގަޅު ޓީމެއް އޮވެގެން ކަމަށެވެ.

ސިންކްރޮނީ ފައިނޭންޝިއަލްގެ ރައީސް އަދި ސީއީއޯ މާގްރެޓް ކީން ވިދާޅުވީ ބައެއް ހާލަތްތަކުގައި މަސައްކަތާއި އައިލާ ބެލެހެއްޓުން ކުރިއަށްގެންދިއުމުން އުނދަގޫތަކާ ކުރިމަތިވެ، މީހާގެ ހަގީގީ ފެންވަރު ދެއްކުމުގެ ބައްދަލުގައި އެއަށްވުރެ މަސްއޫލިއްޔަތު ކުޑަ މަސައްކަތްތަކެއް ކުރުމަށްދާ ކަމަށެވެ.

ހާޝީ ކުންފުނީގެ ރައީސް އަދި ސީއީއޯ މިޝޭލް ބަކް ވިދާޅުވީ އަމިއްލަ ދިރިއުޅުން ބޭނުންވާ ގޮތަށް ކުރިއަށް ގެންގޮސްފިކަމުގައިވާ ނަމަ، ކެރިއަރުގެ އިތުރުން، ރަގަޅު މަންމައަކަށް ވެސް ވެގެންދާނެ ކަމަށެވެ.

މައިކްރޯސޮފްޓްގެ ޗީފް ފައިނޭންޝިއަލް އޮފިސަރ އެމީ ހުޑް ބުނީ މިއަދު ޕްލޭން ކުރާ ކަމެއް ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި، ބަދަލުވެ ހަޔާތުގެ އިސްކަންދޭ ކަންކަން އެއްކޮށް ބަދަލުވެގެންދާނެ ކަމަށެވެ. އެކަންކަމާ ގުޅިގެން ނިންމާ ނިންމުންތައް ވެސް ބަދަލުވެގެން ހިނގައިދާނެ ކަމަށެވެ.

މިހުރިހާ ފަރާތްތަކެއް ވެސް ކާމިޔާބު ހާސިލުކޮށްފައި ވަނީ، ގިނަ ދުވަހެއްގެ ބުރަ މަސައްކަތުންނެވެ. މި ކުޅަދާނަ އަންހެނުން ދައްކުވައިދީފައި ވަނީ  އަންހެނަކަށްވީ ނަމަވެސް ބާރުވެރި، ހަރުދަނާ ކާމިޔާބު ބަޔަކަށް ވެވިދާނެ ކަމެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް