ކުރެއްދޫގައި 93 މީހަކު ރޫމް އައިސޮލޭޝަންގައި، ބަތަލާގައި 11 މީހަކު ރޫމް ކަރަންޓީން ކޮށްފަ
24 ފަރާތެއްގެ ޓެސްޓްހެދި 20 މީހުން ނެގެޓިވް އަދި 2 މީހަކު ޕޮޒިޓިވްވެފައިވޭ


ކޮވިޑް-19 ގެ ސްޕޯކްސްޕާސަން މަބްރޫކް (ކ) އަދި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން (ވ) އާދީއްތަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި
ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގައި ކޮރޯނާގެ ޕޮޒިޓިވް 2 ކޭސްއެއް ފެނުމާއި ގުޅިގެން 93 މީހަކު ރޫމް އައިސޮލޭޝަންގައި ބަހައްޓާފައިވާ ކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ޙާލަތާއި ގުޅޭގޮތުން އެންމެ ފަހުގެ މަޢުލޫމާތު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ މިހާތަނަށް ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނެގިފައިވަނީ 24 ފަރާތެއްގެ ކަމަށެވެ. އަދި އޭގެ ތެރެއިން ޕޮޒިޓިވްވީ 2 ފަރާތެއް ކަމަށާއި 20 ފަރާތެއް ނެގެޓިވްވެފައި ވާއިރު، 2 ފަރާތެއްގެ ސާމްޕަލްގެ ނަތީޖާ ލިބިފައި ނުވާ ކަމަށެވެ.
މީގެ އިތުރުން ފަރުކޮޅުފުށީގައި 8 މީހަކު އައިސޮލޭޝަންގައި އެބަތިބި ކަމަށާއި، އިތުރު 2 ފަރާތެއް ކަރަންޓީންގައި އެބަތިބި ކަމަށެވެ. އަދި ކުރެއްދޫގައި 93 ފަރާތެއް ރޫމް އައިސޮލޭޝަންގައި ބަހައްޓާފައިވާ އިރު، ކޮންޓެކްޓް ޓްރޭސިންގެ ގޮތުގައި މިހާތަނަށް ކުރެއްދޫއިން 80 ފަރާތެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އަދި ސޭޑީޒް ބަތަލާގައި ރޫމް ކަރަންޓީންގައި 11 ފަރާތެއް ބައިތިއްބާފައިވާ އިރު، ފޯކައިދޫން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތެއް ހުރި ފަރާތެއް ފަރުކޮޅުފުއްޓަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ކުރެއްދޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވް 2 މީހުންގެ ޙާލު ރަނގަޅުކަމަށެވެ. އަދި މިހާތަނަށް އިތުރު އެއްވެސް ކަމެއް އެ ދެމީހުންގެ ގައިން ފެނިފައި ނުވާ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.
ބަތަލާ އައިލެންޑްގައި ޗުއްޓީ ހޭދަކުރަމުން އައި އިޓަލީގެ ޓޫރިސްޓެއްގެ ގައިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމާ ގުޅިގެން، އޭނާގެ ޓެސްޓުތައް ހެދުމަށާއި މޮނިޓަރ ކުރުމަށްޓަކައި އެ ރިސޯޓަށް އަރައިފޭބުން ވަގުތީ ގޮތުން ވަނީ މަނާކޮށްފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް-19 ގެ ސްޕޯކްސްޕަރސަން މަބްރޫކް އަޒީޒް ވިދާޅުވީ ވ. ތިނަދޫގައި އަދި ސަމަރ އައިލެންޑްގައި ޓެސްޓް ކުރެވުނު ހުރިހާ ކޭސްއެއް ނެގެޓިވްވުމާއި ގުޅިގެން އެ 2 ރަށް އަރާފޭބުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި ބަތަލާގައި މިކަމަށް ޝައްކުކުރެވުނު ބަޔަކު ޓެސްޓް ކުރަން ގެނެވިފައި އެބަތިބި ކަމަށެވެ.
ށ. ފޯކައިދޫއިން ކުރެއްދޫގެ ކޭސްއަށް ފަހު، އެކަކު ޓްރޭސްކުރެވުމާއި ގުޅިގެން އެ ރަށާމެދު އަޅާނެ ފިޔަވަޅުތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް މުލީއާގޭގައި ބައްދަލުވުމެއް އާދީއްތަ ދުވަހުގެ ރޭ ވަނީ ބާއްވާފައެވެ. އަދި ބައްދަލުވުމުގެ މަޢުލޫމާތު ހިއްސާކުރާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.







