މިނިސްޓަރު އަލީ ވަހީދުގެ ތައުރީފް މިނިސްޓަރު އަމީންއަށް!
7 މާރިޗު 2020 | ހޮނިހިރު 08:14ކޮވިޑް19 އިން ރައްކާތެރިވުމަށް ކުރި މަސައްކަތްތައް ލީޑް ކުރެއްވީ މިނިސްޓަރު އަމީން


ހެލްތް މިނިސްޓަރު އަމީންއާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ކޮވިޑް19 ނުވަތަ ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް ރާއްޖޭގައި އަޅަމުން ގެންދާ ފިޔަވަޅުތައް ފާހަގަކުރައްވާ ހެލްތް މިނިސްޓަރު އަބްދުﷲ އަމީންއަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފިއެވެ.
ހުކުރު ދުވަހުގެ ރޭ ކޮވިޑް19ގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިއަދާ ހަމައަށް މިބަލިން ސަލާމަތްވުމަށް ކުރި ހުރިހާ މަސައްކަތްތަކާއި ރާއްޖެ މިހިސާބަށް ގެންދިއުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިރުޝާދުގެ ދަށުން މިމަސައްކަތް ލީޑް ކުރެއްވީ މިނިސްޓަރު އަމީން ކަމަށެވެ.
މިނިސްޓަރު އަލީ ވަހީދު މިބީދައިން ވާހަކަ ދައްކަވާފައިމިވަނީ ނިމިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި މިނިސްޓަރު އަލީ ވަހީދުކަމަށް ތުހުމަތުކުރެވޭ މީހަކު ވާހަކަ ދައްކާ އޯޑިއޯތަކެއް ލީކްވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ލީކުވި އޯޑިއޯތަކުގެ ތެރެއިން އެއް އޯޑިއޯއެއްގައި މިނިސްޓަރު އަމީންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ހަޑިހުތުރު ބަސް ބޭނުންކޮށްފައިވެއެވެ.
ނަމަވެސް މި އޯޑިއޯތަކާ ގުޅިގެން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށާއި، އެއީ އަގުވައްޓާލުމުގެ ނިޔަތުގައި ބަޔަކު ހިންގާ ޖަރީމާއެއް ކަމަށެވެ. އަދި މި މައްސަލަ ތަހުގީގުކޮށްދިނުމަށް މިނިސްޓަރު ވަނީ އޭރު އެދިވަޑައިގެންފައެވެ.




