ކ. މާލެ
|
26 ފެބްރުއަރީ 2020 | ބުދަ 14:24
މާރުކޭޓް- ރާއްޖޭގައި ކާނާގެ ފުދުއްތެރިކަން އިތުރުކުރުމަށް މެމްބަރުން ވަނީ އިލްތިމާސްކޮށްފައި
މާރުކޭޓް- ރާއްޖޭގައި ކާނާގެ ފުދުއްތެރިކަން އިތުރުކުރުމަށް މެމްބަރުން ވަނީ އިލްތިމާސްކޮށްފައި
ޝުއައިބް މުހައްމަދު އިގްބާލް
ރައްޔިތުންގެ މަޖިލިސް
ފުޑް ސެކިއުރިޓީ ގާއިމުކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށް ސަރުކާރަށް އިލްތިމާސްކުރުމަށް ފާސްކޮށްފި
 
ދަނޑުވެރިކަމާ ބެހޭ ފުޑް ސެކިއުރިޓީ ޤަރާރު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެމްބަރ އިބްރާހީމް ރަޝީދު
 
އެގޮތަށް ފާސްކޮށްފައިވަނީ 56 މެމްބަރުންގެ ވޯޓުން

ދަނޑުވެރިކަމާއި ބެހޭ ފުޑް ސެކިއުރިޓީ ގާއިމުކުރުމުގެ މުހިންމުކަމާއި އެކަމާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމަށް އެކިކަހަލަ ޕްރޮގްރާމްތައް ހިންގުމަށް ކަމާގުޅޭ ސަރުކާރުގެ އިދާރާތަކަށް އިލްތިމާސްކުރުމަށް މަޖިލީހުން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުން މިގޮތަށް އިލްތިމާސްކުރުމަށް ފާސްކޮށްފައިވަނީ ދަނޑުވެރިކަމާ ބެހޭ ފުޑް ސެކިއުރިޓީ ޤަރާރު ދިރާސާކުރި އިގްތިޞާދީ ކޮމިޓީން މިގަރާރު ދިރާސާކުރުމަށްފަހު ހުށަހަޅާފައިވާ ކޮމިޓީ ރިޕޯޓު ފާސްކުރުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެމްބަރުންގެ އިއްތިފާގުންނެވެ. މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެމްބަރ އިބްރާހީމް ރަޝީދެވެ.

އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ ގަރާރުގައި މައިގަނޑު ގޮތެއްގައި ފާހަގަކުރައްވާފައިވަނީ ދިވެހިރާއްޖޭގައި ކާނާގެ ފުއްދުންތެރިކަން ޤާއިމްކޮށް، ބޭރުގެ ދައުލަތްތަކަށް ބަރޯސާވުން ކުޑަކުރުމަށާއި، ކާނާގެ ގޮތުން ރައްކާތެރިވެ އަދި ފުއްދުންތެރިވުމަށާއި އަލަށް ކާންފަށާ ތުއްތު ކުއްޖާގެ ކާނާއާއި ސްކޫލަށްދާ ކުދިންގެ ދުޅަހެޔޮކަން ދެމެހެއްޓެނިވި ގޮތެއްގައި ހޯދައިދިނުމެވެ. މީގެއިތުރުން އެކަން ފުރިހަމަ ކުރުމުގައި ދަނޑުވެރިކަމުގެ ނިޒާމު ރަނގަޅުކޮށް، އެ ދާއިރާ ކުރިއަރުވައި، ދަނޑުވެރިކަމުގައި ބޭނުންކުރާ ވަޞީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށާއި، ދަނޑުވެރިކަމުގައި އަންހެނުން ބާރުވެރި ކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމަށް ޤަރާރުގައި އިލްތިމާސްކޮށްފައިވެ އެވެ.

މިގަރާރު ކޮމިޓީން ދިރާސާ ކޮށްފައިވާއިރު ފާހަގަކޮށްފައިވާ މުހިންމު ނުކުތާތަކުގެ ތެރޭގައި ހިމެނެނީ ދަނޑުވެރިކަން ކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އިން ދޫކޮށްފައިވާ ބައެއް ފަޅު ރަށްތަކުގައި އެކަށީގެންވާ މިންވަރަށް ދަނޑުވެރިކަމުގެ މަސައްކަތްކުރަމުން ނުދާކަމަށެވެ. އަދި އެރަށްރަށުގައި އެކަށީގެންވާ މިންވަރަށް ދަނޑުވެރިކަން ކުރަމުންދާނަމަ، ދިވެހިރާއްޖެއަށް އިމްޕޯޓްކުރެވޭ ކާބޯތަކެތީގެ މިންވަރު މަދުކުރެވޭނެ ކަމަށާއި، އަދި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ފަޅު ރަށްރަށުގެ މަސައްކަތްތައް މިހާރަށް ވުރެ ރަނގަޅަށް ހަރުދަނާކަމާއެކު މިނިސްޓްރީން ވިލަރެސް ކުރަންވާނެކަމަށް ކޮމިޓީން ވަނީ ފާހަގަކޮށްފަ އެވެ.

މީގެއިތުރުން ބޮޑެތި އާބާދީތަކުގައި ބިން ހުރި ރަށްރަށުގައި ދަނޑުވެރިކަން ފުޅާ ކުރެވޭނެގޮތަށް ޕްލޭންކޮށްގެން އޯގަނިކް ފާމިންގ ފަދަ ދަނޑުވެރިކަން ކުރެވޭނެ ގޮތްތައް ރާއްޖޭގައި ބައްޓަން ކުރެވެން ޖެހޭކަމަށާއި ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށާއި އެފަދަ ކަންކަމުން ސްކޫލްތަކުގައި މިހާރު ކުރިއަށް ގެންދާ ނާސްތާ ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނެކަމަށް ކޮމިޓީން ވަނީ ފާހަގަކޮށްފަ އެވެ. އަދި ދިވެހި ރާއްޖެއަކީ މޫސުމީ ބަދަލުތަކުން ވަރަށް ބޮޑެތި އަސަރުތަކެއް ކުރާ ޤައުމަކަށް ވާތީ، ކަނޑުގަދަވެ ވިއްސާރަ ދުވަސްވަރުގައި ރަށްރަށަށް ދަތުރުކުރުމުގައި ދަތިތަކާ ކުރިމަތިވުމުން، ކާޑުގެ ބާވަތްތަކާއި ކާބޯތަކެތި ރަށްރަށުން ލިބުމަށް ދިމާވާ ދަތިތައް ޙައްލުކުރުމަށް ރާއްޖެއަށް އެތެރެކުރެވޭ ކާޑުގެ ބާވަތްތައް ގުދަންކޮށް ބެހެއްޓުން އެއީ މާލޭގައި އެކަނި ކުރެވޭ ކަމަކަށް ނުހެދުން މުހިންމުކަން ފާހަގަކުރައްވާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކާޑުގެ ބާވަތްތައް ގުދަންކުރެވިގެން ރައްޔިތުންނަށް ލުއިފަސޭހަކޮށް އެތަކެތި ލިބޭނެ ގޮތްތަކެއް ރާވަން ޖެހޭކަމަށް ކޮމިޓީން ވަނީ ފާހަގަކޮށްފަ އެވެ.

ސަރުކާރުން އިސްނަގައިގެން ދަނޑުވެރިކަމަށް ބޭނުންކުރާ ފަހުގެ ޓެކްނޮލޮޖީ ތަޢާރުފްކޮށް، ރައްޔިތުން ޓެކްނޮލޮޖީއަށް އަހުލުވެރިކުރުވައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށް ދަސްކޮށްދީ، އަދި ދަނޑުވެރިކަމަށް ބޭނުންވާ އެކިއެކި ކަންތައްތައް ދިރާސާކުރުމަށްޓަކައި ރިސަރޗް ސެންޓަރެއް ޤާއިމުކުރުމުގެ މުހިންމުކަންވެސް ކޮމިޓީން ފާހަގަކޮށްފައިވެ އެވެ.

އެންމެ ފަހު ކަމެއްގެ ގޮތުގައި ކޮމިޓީން ފާހަގަކޮށްފައިވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުންދާ ރަށްތައް ފާހަގަކޮށް، އެ ރަށްރަށަށް ސަރުކާރުގެ އެހީތެރިކަމާއި އެއްބާރުލުން ދީގެން ފުޑް ސެކިއުރިޓީ ރަނގަޅަށް ޤާއިމްކުރަން ޖެހޭކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް