ކ. މާލެ
|
24 ފެބްރުއަރީ 2020 | ހޯމަ 09:19
އެފްރިކާގެ ޤައުމެއް ކަމަށްވާ ސޯމާލިއާގެ މަންޒަރުތަކެއް
އެފްރިކާގެ ޤައުމެއް ކަމަށްވާ ސޯމާލިއާގެ މަންޒަރުތަކެއް
އޭއެފްޕީ
ނޮވެލް ކޮރޯނާވައިރަސް
ނޮވެލް ކޮރޯނާވައިރަސް: އެފްރިކާ ބައްރުގެ ޤައުމުތައް ތައްޔާރުތަ؟
 
މިހާރުވެސް އެފްރިކާގެ 80،000 އަށްވުރެ ގިނަ ދަރިވަރުން ޗައިނާގައި ކިޔަވަމުންދޭ
 
ދާދި ފަހުން މިސްރުންވެސް މި ވައިރަސްއަށް މީހަކު ޕޮޒިޓިވްވެފައިވޭ
 
އިތުރު 29 ލެބޯޓަރީއަކަށް ބޭނުންވާ ޓެސްޓް ކިޓްތައް ފޮނުވާފައިވޭ

މިހާރު ފެތުރެމުންދާ ނުރައްކާތެރި ނޮވެލް ކޮރޯނާ ވައިރަސް އެކި ޤައުމުތަކުގައި ހަލުވިކަމާއެކު ފެތުރި ދުނިޔޭގެ ހުރިހާ ބައްރަކުންވެސް އެ ވައިރަސްގެ އަސަރު އެކި މިންވަރުތަކުގައި ވަނީ ފެނިފައެވެ. އެގޮތުން އޭޝިއާއާއި އެމެރިކާއާއި ޔޫރަޕުގެ އެކި ޤައުމުތަކުންވެސް މި ވައިރަސްއަށް ޕޮޒިޓިވްވެފައިވާ މީހުން ފެނިފައިވާއިރު، ދާދި ފަހުން މިސްރުންވެސް މި ވައިރަސްއަށް މީހަކު ޕޮޒިޓިވްވެ، އެފްރިކާ ބައްރުވެސް އެ ލިސްޓުގައި މިވަނީ ހިމެނިފައެވެ.

އެގޮތުން އެފްރިކާ ބައްރުގެ އިތުރު ޤައުމުތަކަށް ކޮރޯނާ ވައިރަސް ފެތުރުމުގެ ފުރުޞަތު އެބައޮތް ކަމަށާއި، އެކަމަށް ފުރިހަމައަށް ސަމާލު ވާންޖެހޭކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިންވެސް ވަނީ ބުނެފައެވެ. އަދި އެންމެ ބޮޑު ކަންބޮޑުވުމަކީ ސިއްޙީ ނިޒާމު ބަލިކަށި ޤައުމުތަކަށް މި ވައިރަސް ފެތުރިގެން ދިއުން ކަމަށް ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއާސިސްވެސް ވަނީ ވިދާޅުވެފައެވެ.

އޭގެއިތުރުން، ނޮވެލް ކޮރޯނާވައިރަސް އެންމެ ހަލުވި މިނެއްގައި ފެތުރެމުންދާ ޗައިނާއާއި އެފްރިކާ ޤައުމުތަކަކީ ވިޔަފާރީގެ ގުޅުންތައް ވަރުގަދަކޮށްފައިވާ ޤައުމުތަކަށްވާއިރު، އެގޮތުންވެސް ވައިރަސްގެ ނުރައްކާ އެފްރިކާއަށް ބޮޑުކަމަށް ގިނަ ބަޔަކު ބުނެއެވެ. ސަބަބަކީ މިހާރުވެސް އެފްރިކާގައި ޗައިނާގެ 10،000 އަށްވުރެ ގިނަ ވިޔަފާރިތައް އޮޕަރޭޓް ކުރާއިރު، އެފްރިކާ ބައްރުގެ އެކި ޤައުމުތަކުގައި މިހާރުވެސް ޗައިނާގެ އެއް މިލިއަނަށްވުރެ ގިނަ ރައްޔިތުން ދިރިއުޅެއެވެ. އަދި ސަރުކާރުގެ އެކި ސްކްލަރޝިޕްތަކާއި ފުރުސަތުތަކުގައި މިހާރުވެސް އެފްރިކާގެ 80،000 އަށްވުރެ ގިނަ ދަރިވަރުން ޗައިނާގައި ކިޔަވަމުންދާކަމަށް ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އޭގެއިތުރުން، އެފްރިކާ ބައްރުގެ ގިނަ ޤައުމުތަކަކީ މިހާރުވެސް ބައެއް ބަލިމަޑުކަން ތަހައްމަލުކުރަމުންދާ ޤައުމުތަކަށް ވުމުގެ އިތުރުން، ހަނގުރާމައިގެ ސަބަބުންނާއި، ފަޤީރު އާބާދީތައް ގިނަ ވުމާއި، ހައިހޫނުކަމުގެ ސަބަބުން ދިރިއުޅުމުގެ އާންމު ޙާލަތު ދަށް ޤައުމުތައް ހިމެނޭއިރު، އެފްރިކާއިން މި ވައިރަސްއަށް ތައްޔާރުވެފައި އޮތީ ކިހާ މިންވަރަކަށްތޯ އެއީ އުފެދޭ ސުވާލެކެވެ.

އެކަމާ ގުޅޭގޮތުން ޑަބްލިއުއެޗްއޯއިން އެފްރިކާއަށް ކަނޑައަޅާފައި ހުންނަ އެމަރޖެންސީ އޮޕަރޭޝަންސްގެ ހެޑް މައިކަލް ޔާއޯ ވިދާޅުވީ، އެފްރިކާ ބައްރުގެ ބައެއް ޤައުމުތަކުގައި މި ވައިރަސްއާ ކުރިމަތިލުމަށް ބޭނުންވާ "އެންމެ ދަށް މިންގަނޑު"ގެ ސިއްޙީ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މި ވައިރަސް ފުރަތަމަ ފެތުރެންފެށިއިރު މުޅި އެފްރިކާގައިވެސް ސާމްޕަލްތައް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ހުރީ އެންމެ 2 ލެބޯޓްރީގައި ކަމުގައިވީނަމަވެސް މިފަހުން ގާނާއާއި، މަޑަގަސްކަރައާއި، ނައިޖީރިއާއާއި ސެލޯންގައިވެސް ޓެސްޓް ސާމްޕަލްތައް ހެދުމުގެ އެންމެ ދަށް މިންގަނޑުގެ އިންތިޒާމްތައް ހަމަޖެހިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭގެ އިތުރުން، ޑަބްލިއުއެޗްއޯއިންވެސް ވަނީ އެފްރިކާ ބައްރަށް މި ވައިރަސްގެ ނުރައްކާ ބޮޑުވާނެ މިންވަރު އަންދާޒާ ކުރެވޭތީ އެ ބައްރުގެ ޤައުމުތަކުގެ އިތުރު 29 ލެބޯޓަރީއަކަށް ބޭނުންވާ ޓެސްޓް ކިޓްތައް ފޮނުވާފައެވެ. ނަމަވެސް ރިޕޯޓްތައް ބުނާގޮތުން ޗައިނާއާއި ޔޫރަޕްގެ އެހީގައި މިހިނގާ ފެބްރުއަރީ މަހުގެ ނިޔަލަށް އެފްރިކާ ބައްރުގެ 36 ޤައުމެއްގައި ސީދާ ނޮވެލް ކޮރޯނާވައިރަސްއަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.

އޭގެ އިތުރުން، އެފްރިކާގެ ގިނަ ޤައުމުތަކުން މިހާރު ނޮވެލް ކޮރޯނާވައިރަސްއާ ގުޅިގެން ތައްޔާރީ ފިޔަވަޅުތައް އަޅަމުންދާއިރު، ނައިޖީރާގެ ރެޑް ކްރޮސް ސޮސައިޓީން ބުނާ ގޮތުގައި އެ ޤައުމުން މިހާރު ވަނީ މިލިއަނެއްހާ ވޮލަންޓިޔަރުން އެލަރޓަށް ނެރި ތަމްރީނުކޮށް، ތައްޔާރީ ޙާލަތުގައި ބަހައްޓާފައެވެ. އަދި އިރުމަތީ އެފްރިކާ ޤައުމެއްކަމަށްވާ ތަންޒާނިއާގައިވެސް އެކި ސަރަޙައްދުތަކުގައި އައިސޮލޭޝަން ފެސިލިޓީސްތައް ޤާއިމު ކުރެވިފައިވާކަމަށް އެ ޤައުމުގެ ސިއްޙީ ވުޒާރާއިން މައުލޫމާތުދޭއިރު، ނޮވެލް ކޮރޮނާވައިރަސްއަށް ތައްޔާރު ވުމުގެ ގޮތުން 2000 އަށްވުރެ ގިނަ ސިއްޙީ އެހީތެރިން ވަނީ ތަމްރީނުކޮށްފައެވެ.

އެފްރިކާ ބައްރުގެ މިސްރު ނޫން ޤައުމަކުން ނޮވެލް ކޮރޯނާ ވައިރަސް މިހާތަނަށް ފެނިފައިނުވާނަމަވެސް އެފްރިކާގެ އެކި ޤައުމުތަކުން ވަނީ ޝައްކު ކުރެވޭ ކޭސްތައް ފެނިފައެވެ. އެގޮތުން ކެންޔާ، އިތިއޯޕިއާ، އައިވަރީކޯސްޓް، ގާނާ ފަދަ ޤައުމުތަކުން ކޮރޯނާވައިރަސްއަށް ޝައްކު ކުރެވޭ ކޭސްތައް ފެނުނު ނަމަވެސް އެ ހުރިހާ މީހުންވެސް ވަނީ ވައިރަސްއަށް ނެގަޓިވް ވެފައެވެ.

އެފްރިކާގެ ގިނަ ސަރަޙައްދުތަކުގައި ސިއްޙީ ނިޒާމް ބަލިކަށިކަމަށް ގިނަ ބަޔަކު ބުނާއިރު، 2014 ވަނަ އަހަރުން ފެށިގެން ހަލުވި މިނެއްގައި އެބޯލާ ވައިރަސް ފެތުރިގެންދިއުމާއެކު އެކަން ވަނީ ސާބިތުވެފައެވެ. އެގޮތުން ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ދާދި ފަހުންވެސް އެބޯލާ ފެތުރި ގިނަ ބަޔަކު މަރުވެގެންދިއުމާއެކު އޭރު ޕަބްލިކް ހެލްތު އެމަރޖެންސީވެސް އިއުލާނު ކޮށްފައިވެއެވެ. އަދި އެކަންކަމާ ގުޅިގެންވެސް އެފްރިކާގެ ޤައުމުތަކުގައި ސިއްޙީ ނިޒާމު ބަލިކަށިކަމާއި، ބަލިތައް ފެތުރިގެންދާ ޙާލަތްތަކުގައި އެ ޤައުމުތަކުގެ ރައްޔިތުންނާއި ސަރުކާރަށް އޮތް ގޮންޖެހުން ބޮޑުކަން ފެނިގެން ދިޔައެވެ.

ވުމާއެކު، ނޮވެލް ކޮރޯނާ ވައިރަސްފަދަ ބަލިމަޑުކަމެއް އެފްރިކާގައި ފެތުރިގެން ގޮސްފިނަމަ އޭގެ ނުރައްކާ ނުހަނު ބޮޑުވެގެންދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އަދި އެކަމަށް ދުރާލާ ތައްޔާރުވާން ޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް