ދާހިލީ ސަލާމަތާ ރައްކާތެރިކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް މިނިސްޓަރު އިމްރާން އިންޑިއާއަށް!
18 ފެބުރުއަރީ 2020 | އަންގާރަ 13:37އިންޑިއާ ކަނޑުގެ ސަލާމަތާ ރައްކާތެރިކަމާ ބެހޭ މަޝްވަރާކުރާނެ


ހޯމް މިނިސްޓަރު އިމްރާން | ހޯމް މިނިސްޓްރީ
އިންޑިއާގެ ހޯމް މިނިސްޓަރުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ އިންޑިއާއަށް ވަޑައިގެންފިއެވެ.
ފުރާވަޑައިގަންނަވަމުން ދެއްވި އިންޓަވިޔުއެއްގައި މިނިސްޓަރު އިމްރާން ވިދާޅުވީ މިދަތުރުގައި އިންޑިއާ ކަނޑުގެ ސަލާމަތާ ރައްކާތެރިކަމާއި ރާއްޖޭގެ ދާހިލީ ސަލާމަތާ ރައްކާތެރިކަމާ ގުޅޭގޮތުން މަޝްވަރާކުރާ ކަމަށެވެ.
އިންޑިއާއާއި ރާއްޖޭގެ ގުޅުމަށް އަލިއަޅުއްވާލައްވާ މިނިސްޓަރު އިމްރާން ވިދާޅުވީ ދެގައުމުގެ ދެމެދުގައި ޒަމާންވީ ގާތްގުޅުމެއް އޮންނަ ކަމަށާއި، މިގުޅުން ހީނަރުވެގެން ދިޔަ ދުވަސްކޮޅެއް ވެސް އައިކަމަށެވެ. ނަމަވެސް ރާއްޖޭގެ ދާހިލީ ސަލަމާތާ ގުޅުންހުރި ކަންކަމުގައި އިންޑިއާގެ އެހީތެރިކަން ޒަމާނުއްސުރެ ލިބިގެން ގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ ފުލުހުންގެ މަސައްކަތް ތަރައްގީކޮށް ކުރިއެރުވުމަށް ބޮޑެތި އެހީތެރިކަމެއް ލިބެމުންދާ އިންޑިއާގެ ފަރާތުން މިފަހަރު އިތުރަށް އެހީތެރިކަން ލިބޭނެ ކަމަށެވެ. އަދި ދެގައުމުގެ މަސްލަހަތާއި، ދާހިލީ ސަލާމާތާއި ރައްކާތެރިކަމަށް އިތުރަށް މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށެވެ.








