ހޮނިހިރު 04 އޭޕުރިލް 2020
10 ރޭވަ
1441 ޝައުބާން 11
ފަތިސް 04:51
އިރުއަރާ 06:03
މެންދުރު 12:13
އަސްރު 15:14
މަޣްރިބް 18:16
އިޝާ 19:28
ރިޕޯޓު - މަގޭ ރިޕޯޓް

ޝިދާތާ: ކަމަނާ ބިނާކުރެއްވި ތާސްބައިގެ ގަނޑުވަރު ބިމާހަމަވީ ނާގާބިލުކަމުން

  • މިނިސްޓްރީ އޮތީ ބޮއްސުންލާފައި
  • ފެނުނީ ކޮންމެ ކަމަކުންވެސް ރެކެވަޑައިގަންނަވަން މަސައްކަތް ކުރެއްވި މަންޒަރު

އަލީ ސަމާޚް
AliSamah8

ކ. މާލެ 5 ފެބުރުއަރީ 2020 | ބުދަ 19:42 10,068

ޖެންޑަރ މިނިސްޓަރު ޝިދާތާ - ޓްވިޓަރ

މި ސަރުކާރަށް އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ރައްޔިތުން އެންމެ ގިނަ ފާޑުކިޔުންތައް އަމާޒުވާ މިިނިސްޓްރީތަކުގެ ތެރޭގައި ޖެންޑަރ މިނިސްޓްރީ ހިމެނޭ ކަމާއިމެދު ޝައްކެއްވެސް ނެތެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެ ވުޒާރާ ހިންގުމާއި ހަވާލުވެވަޑައިގެން ހުންނެވި ވަޒީރުގެ ދޯހަޅި ކަމާއި ނާގާބިލު ކަމުންނެވެ.

ވަޒީރުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ތަނުގައި ޖެންޑަރގެ ދަށުގައި ތިބޭ ކުދިންގެ މަސްއޫލިއްޔަތު ވެސް އެކަމަނާ އަށް އަދާކުރެވޭ ކަމަކަށް ނުވެއެވެ. މިނިސްޓްރީ އޮތީ ބޮއްސުންލާފައެވެ. ގެންގުޅުއްވަނީ ދެކޮޅު ނުޖެހޭ ސިޔާސަތުތަކެކެވެ. މަސައްކަތްކުރައްވަނީ އެހެން މީހެއްގެ ކުށް ދެއްކުމަށް ފަހު ރެކިގަނެވޭތޯއެވެ.

ފާއިތުވި ދުވަސްތަކުގައި އެ މަންޒަރު އިތުރަށް ކުލަވެ، ޒަމާނީ ގޮތުން ބުނާނަމަ "އެޗްޑީ"ވި އެވެ. ކުޑަކުދިންގެ މައްސަލަތަކުގައި ވެފައިވާ އިހުމާލުތައް ބޮޑުއިރު، ގޮތް ނިންމުމުގައި ނުކުޅެދުމުގެ ސަބަބުން އެކުދިން ނުރައްކަލަށް ހުށައެޅޭ ހިސާބަށް ދިޔައެވެ.

އިބްތިހާލްގެ މައްސަލަ އާއި ޖެންޑަރގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ޝައިމްގެ މައްސަލަތައް މީ ހައްތަހާވެސް އެ ކަމަނާގެ ބެލުމުގެ ދަށުން ހިނގާފައި ހުރި ކަންކަމެވެ. އަދި ނުވީތާކަށް، "ދަރުމަވެރިޔާ" ހިޝާން، ގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރެވިފައިވާކަމީ ޖެންޑަރ މިނިސްޓްރީއަށް އެނގޭ ކަންކަމެވެ. ހަމަހިލާ ވީއެއްކަމެއްވެސް ނެތެވެ. މިހެންވެސް މިދަންނަނަވަނީ ތޯތޯ އަކަށް ނޫނެވެ. ފެންމަތިވެފައި ހުރި ސާފު ހެކިތަކަށް ބިނާކޮށެވެ.

ހަގީގަތުގައި އެ ކަމަނާގެ އިތުބާރު ގެއްލި، ރައްޔިތުން އެކަމަނާ މަތިން ފޫހިވީ ދެކުނު ރަށެއްގައި ދެ އަހަރުގެ ތުއްތު ކުއްޖަކަށް އާއިލާގެ ޒިންމާދާރު މަގާމުތަކުގައި ތިބި ފިރިހެނުންތަކެއް ޖިންސީ ގޯނާކުރި ވާހަކަތައް ފެންމަތިވުމުން ދެން ކަންކުރެއްވި ގޮތުންނެވެ. ބަޔަކު އިހުތިޖާޖު ކުރަން ތިއްބާ، އެ ސަރަހައްދަށް ގޮސް، ރަށުތެރޭގައި ގަން ހިންގާ އުސޫލުން މުޅި މާލެގައި ހިނގާފައި ގޮސް ދެންނެވި އެންމެ ހަތަރު ލަފުޒުންނެވެ. "މިއީ އަޅުގަނޑުގެ ފްރައިޑޭ އިނގޭތޯ" ޝިދާތާ ވިދާޅުވިއެވެ.

މައްސަލަ އިތުރަށް ހޫނުވެ، މަޖިލީހަށް ހާޒިރުކުރުމުން އެނގިގެން ދިޔައީ، އެ ކަމަނާއަށް މުހިންމީ އަމިއްލަ ފަސްބައި ތާހިރުކޮށް ބެހެއްޓުން ކަމެވެ. އެކަމެއް ހިނގި ރަށެއްގެ ކައުންސިލަރަށް ގުޅުއްވުމުންވެސް މަސައްކަތްކުރެއްވީ މުޅި މީޑިއާގެ ކުރިމަތީގައި އެ ކަމަނާގެ ކުށެއް ނެތްކަން ދެއްކުމަށެވެ. ދެރަވަރެވެ.

މަޖިލީހުގައި ފާހަގަކުރެއްވި އިތުރު ކަމަކަށް ޖެހިލާއިރު، މުވައްޒަފަކު ނެތް ވާހަކަ ކަމަނާ ތިލަކުރެއްވީ ހުރިހާ ކަމެއްވެ ނިމުމުންނެވެ. ކަމަނާގެ ވުޒާރާއިން ކުރި އިއުލާންތަކަށް ބަލާލިއިރު، މިދިޔަ އަހަރު ޑިސެމްބަރާއި ޖެނުއަރީގައި ކުރި އިއުލާންތަކުގެ ފަހުން، ދެން އިއުލާނެއްވެސް ކޮށްފައި އޮތީީ ހަ މަސް ފަހުންނެވެ. އެކަމަކު މުވައްޒަފަކު ނެތި އަހަރެއްވެފައިވާ ކަމަށްވެސް ވިދާޅުވީ ހަމަ ކަމަނާގެ ދުލުންނެވެ.

ތެދެކެވެ. ކަމަނާ ވަކިކުރެއްވިޔަސް، އިސްތިއުފާ ދެއްވިޔަސް، ޖިންސީ ގޯނާގެ މައްސަލަތައް ނުހުއްޓޭނެއެވެ. ނަމަވެސް، ބޭނުންވަނީ އެކަންކަން ކުރިޔާލާ ދެނެގަނެ، ޕްރިވެންޓެޓިވްއޭ އިނގިރޭސިން މިކިޔާ ޒާތުގެ ފިޔަވަޅު އަޅަން ކެރޭ، އެވަރަށް ލޯ ހުޅުވިފައި ހުންނެވި ވަޒީރެކެވެ.

އޭގެއިތުރުން، މިއީ ކަމަނާގެ އެކަނި ޒިންމާއެއް ނޫންކަންވެސް ގަބޫލުކުރަމެވެ. ތިޔަ ވުޒާރާގައި ވަރުވަރުން ތިބި ހުރިހާ މުވައްޒަފުންގެވެސް ޒިންމާއެކެވެ. ނަމަވެސް، އެއެންމެން ލީޑު ކުރައްވަން ހުންނެވި ފަރާތަށް ވެހުރެ، ހަމަ އާޙިރުގައި މިކަމުގެ އެންމެ ބޮޑު ޒިންމާވެސް، އަދި އެންމެ ބޮޑު އިހުމާލުވެސް އެޅެނީ ކަމަނާގެ އިސްތަށިފުޅުގައެވެ.

މިއީ އެއްވެސް ވަރަކަށް ޒާތީވެގެން ދައްކާ ވާހަކަތަކެއް ކަމަށް ހީފުޅުނުކުރެއްވުމަށް އަދަބު އިހުތިރާމާއެކު ހަނދުމަފުޅު އަރުވާލާނަމެވެ. މިއީ ހަމަ ކަމަނާގެ ޒިންމާ އަދާނުކުރެއްވުމުން އެކަމާ ހިތާމަކުރާ ހާލު ފާޅުކުރާ ވާހަކަތަކެވެ. މި ސަރުކާރު ގެނައީ ކަންކަން އިސްލާހުކޮށް ހަމަމަގަށް އެޅުވުމަށެވެ. އެހެންކަމުން، އިިސްވެ ކަންކަން ނުކުރެވޭ ވަޒީރަކަށް ދެވަނަ ފުރުސަތެއް ދޭކަށް ދެނެއް ރައްޔިތުން ބޭނުންމެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް