ކ. މާލެ
|
27 ޖެނުއަރީ 2020 | ހޯމަ 16:09
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)
ރާއްޖެ އެމްވީ
މަގޭ ރިޕޯޓް/ އަދުރޭ
ކޮމިކަލް އަލީއަށް ވުރެން، ދޮގުހެދުމާއި އޮޅުވާލުމުގައި އަދުރޭ އުޅެނީ މާކުރީގައި!
 
އަދުރޭއަކީ ރާއްޖޭގެ ކޮމިކަލް އަލީގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރޭ
 
އެމެރިކާއިން ބޮން އަޅަމުންދިޔައިރު ވެސް ކޮމިކަލް އަލީ ބުނަމުންދިޔައީ އެމެރިކާއިން ހަމަލާ ނުދޭކަމަށް، އިރާގަށް ނާރާކަމަށް
 
ކޮމިކަލް އަލީ އަކީ އީރާގަށް އެމެރިކާ ސިފައިން އެރިއިރު، އިރާގުގެ އިންފޮމޭޝަން މިނިސްޓަރު

އެމެރިކާ ސިފައިން 2003 ވަނަ އަހަރު އިރާޤަށް އަރާ، އިރާޤުގެ ކުރީގެ ރައީސް ސައްދާމު ހުސައިންގެ ވެރިކަން ވައްޓަލައި، އިރާގު ހިފާ، އަދި ސައްދާމު ހުސައިން ވެސް މަރާލާފައި ވެއެވެ. އިރާޤަކީ ޢަރަބި ނުވަތަ މެދު އިރުމަތީގެ ޤައުމުގެ ތަކުގެ ތެރޭގައި އޮތް ތެލުގެ މުއްސަނދިކަން ލިބިފައިއޮތް ޤައުމެކެވެ. އަދި އިސްލާމީ ތާރީޚުގައި މުހިއްމު ބައެއް ކަންކަން ހިނގާފައިވާ އިސްލާމީ ތާރީޚެއް އޮތް މުހިއްމު ޤައުމެކެވެ.

އެމެރިކާއިން އިރާޤަށް ވެރިވެގަތުމަށް ދެއްކި ބަހަނާއަކީ، ނިއުކްލިއަރ ހަތިޔާރާއި ކެމިކަލް އިރާޤުގައި ހުރިކަމަށް ބުނެ، ހިންގި ޖަރީމާއެކެވެ. އަދި އދ. ގެ ސަމާލުކަން އެކަންގެނެސް، އިރާޤުގައި ނިއުކްލިއަރ ހަތިޔާރާއި ނުރައްކާތެރި ކެމިކަލް ނެތްކަން ޔަޤީންވުމާއެކު ވެސް ދެންވެސް ހަމަ އެވާހަކަތައް ބަހަނާއަކަށް ނަގައިގެން އެންމެފަހުން އިރާޤަށް އަރާ ސުންނާފަތި ކޮށްލިއެވެ. މިއަދާ ހަމައަށްވެސް އިރާޤު އެއޮތީ އެކަމުގެ އަޑިގުޑަންގަނޑުން އަރާނުގަނެވި އެވެ. އެމެރިކާގެ އަސްކަރީ ބޭސްތައް އިރާޤުގައި ޤާއިމުކޮށް، އެތަނުގައި އެމެރިކާގެ ގިނަ ޢަދަދެއްގެ ސިފައިން ދަނީ ޙަރަކާތްތެރިވަމުން ނެވެ.

އެމެރިކާއިން އިރާޤަށް ޙަމަލާދިން ދުވަހު، އެންމެ ބޮޑަށް މީހުންނަށް އަޅައިގެން އެއްކަމަކީ، އިރާޤުގެ އޭރުގެ އިންފޮމޭޝަން މިނިސްޓަރު މުޙައްމަދު ސަޢީދު އައް ޞައްޙާފުގެ ވާހަކަތަކެވެ. ޢާންމު ނަމުންނަމަ، ބަޣުދާދު ބޮބް ނުވަތަ ކޮމިކަލް އަލީ ވާހަކަތަކެވެ. އެމެރިކާ ސިފައިން އިރާޤަށް ޙަމަލާދީ، އިރާޤަށް އަރަމުންދާތަން ބައިނަލްއަޤުވާމީ މީޑިއާތަކުން ދިޔައީ ވަގުތުން ޓީވީން ދައްކަމުން ނެވެ. އެމެރިކާ ސިފައިން އިރާޤަށް އަރާ ޙަމަލާދެމުން ދާތީ، ބައެއް ޓީވީ ޗެނަލްތަކުން ކޮމިކަލް އަލީއަށް ގުޅިއެވެ.

ނަމަވެސް ކޮމިކަލް އަލީ ވިދާޅުވަމުން ގެންދެވީ އެމެރިކާ ސިފައިން އިރާޤަށް ނާރާ ކަމަށެވެ. އަދި ތަކުރާރުކޮށް އެވާހަކަ ކޮމިކަލް އަލީ ދައްކަވަމުން ދިޔައިރުވެސް ބައެއް ޗެނަލްތަކުން ދިޔައީ ޓީވީގެ ސްކްރީން ދެބައިކޮށް، އެއްބައިގަ ކޮމިކަލް އަލީގެ އިންޓަވިއު، އަނެއް ބައިގައި އެމެރިކާއިން އިރާޤަށް އަރާ ޙަމަލާދޭ މަންޒަރު ދައްކަމުން ނެވެ. އެކަމަކުވެސް ކޮމިކަލް އަލީ ގެންދެވީ، އިރާޤުގެ ސަރުކާރުގެ ދިފާޢުގައި ވާހަކަ ދައްކަވަމުން ނެވެ. އަދި އެމެރިކާއިން ޙަލާ ނުދޭކަމަށް ވިދާޅުވަމުންނެވެ.

މިއީ އޭރު އަދި މިހާރުވެސް ބައެއް މީހުން، މާބޮޑަށް ދޮގުހަދާ އޮޅުވާލާނަމަ މިސާލެއްގެ ގޮތުން ދައްކާއުޅޭ ވާހަކައެކެވެ. ކޮމިކަލް އަލީ ނުވަތަ ބަޣުދާދު ބޮބްއަކީ ދޮގުހަދާ އޮޅުވާލުމުގައި ކުޅާދާނަ މީހެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަ ކޮށްފައިވެއެވެ.

އެއީ އިރާޤުގެ އިންފޮމޭޝަން މިނިސްޓަރު ކޮމިކަލް އަލީގެ ވާހަކަ އެވެ. ރާއްޖޭގައި ވެސް ދޮގުހަދާ އޮޅުވާލާ މީހުން އުޅެއެވެ. އޭގެތެރެއިން ބައެއް މީހުންނަކީ އެކަމުގެ "މާސްޓަރުން" ނެވެ. އެގޮތުން އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ)ގެ ނަން ބައެއް ފަރާތްތަކުން ފާހަގަ ކުރަމުން ދެއެވެ.

އަދުރޭއަކީ ކުޅަދާނަ ޅެންވެރިއެކެވެ. އަދި ޖަޒުބާތުގައި ވާހަކަ ދައްކަން ކުޅަދާނަ ބޭފުޅެކެވެ. "ލޯބީގެ ދަރުބާރު" ފަދަ ލޯބީގެ ވާހަކަތައް ކިޔާލަން އެވަރެއް ނޯންނާނެ ކަމަށް ބައެއް މީހުން ބުނެއެވެ. އެއީ ސިޔާސީ ޕޯޑިއަމްތަކުގައި އިދިކޮޅު ސިޔާސީ ޕާޓީއަކަށް އެވަރަށް "ބެވުމަށް" ފަހު، ހަމަ ކުއްލިއަކަށް ޖަޒުބާތުގައި ޖެހި، ވާހަކައިގެ މުޅި ރާގު ބަދަލުކޮށްލުމަކީ އަދުރޭއަށް އެހާ އުނދަގޫ ކަމެއް ނޫނެވެ.

އަދުރޭ އެންމެ ބޮޑަށް ފާހަގަ ކޮށްލެވުނީ އޭނާ ނިޞްބަތްވާ ޕީޕީއެމް ކޯލިޝަނުގެ ސަރުކާރުގައި، އޭރުގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގަ އެވެ. ޚާއްޞަކޮށް، ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނެރުނު ކޯޓު އަމުރާއެކު ސަރުކާރު ވެއްޓުނު ޕްރެޝަރު ގަނޑުގެ ތެރޭގައި އަދުރޭ ފެނުނީ ސަރުކާރުގެ އިންފޮމޭޝަން މިނިސްޓަރުގެ ގޮތުގައެވެ. ކޮމިކަލް އަލީގެ ސިފައިގައެވެ.

އަދުރޭމެން ވެރިކަން ކުރީ ދައުލަތުގެ ހުރިހާ ބާރަކައި މުއައްސަސާއެއް މުށުތެރެއަށް ލައިގެންނެވެ. ބިރުންތިބެގެންވިޔަސް އަދުރޭމެން ބުނާ ކަމެއް ކުރުން ނޫން ގޮތެއް އެއްވެސް މުއައްސަސާއަކަށް ނެތްފަދަ އެވެ. އޭރު ސަރުކާރު ހިންގަމުންދިޔައީ މުލިއާގޭ ތެރެއިންނާއި ޕީޕީއެމް އޮފީހުގެ ތެރެއިންނެވެ. އޭރު މުލިއާގެއަކީ ވެސް ޕީޕީއެމް އޮފީހެއް ފަދަ ތަނެކެވެ.

ސަރުކާރުން މާބޮޑުކަމެއް ކުރާކަށް ނުޖެހެއެވެ. ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވާކަށް ވެސް ނުޖެހެއެވެ. ސަރުކާރުގެ މަޤާމުތަކުގައި ތިއްބެތި ބޭބޭފުޅުންނަށްވުރެ، އަދުރޭ އާއި ނިހާނު ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތައް މާބޮޑަށް ޝައުގުވެރިއެވެ. މިބުނާ ސުޕްރީމް ކޯޓުގެ ޢަމުރާއެކު ސަރުކާރު ޕްރެޝަރަށް ވެއްޓުމުން، އެކަމުން ސަލާމަތްވުމަށް ރައީސް ޔާމީނަށް ލަފާދެއްވަން ތިއްބެވީ އަދުރޭ މެންނެވެ. ދެން ވާނެގޮތް ނިކަން ވިސްނާލާށެވެ.

އަދުރޭ ޖަހާ ހިސާބު ޢަދަދުތައް ދިމާކުރުމަކީ އޭނާއަށް ނޫނީ ނުވާނެ ކަމެކެވެ. 50، ހަތަރަކާ ގުނަ ކުރީމައި އަދުރޭގެ ނަތީޖާއަކަށް އަންނަނީ ދެ ލައްކަ ކަމަށްވާތީ، އެއީ ވިސްނުމުގައި ވެސް ތަފާތު މީހެއްކަން އެނގޭ ނޫންތޯ އެވެ. ވައްކަން ކޮށްގެން ޖަލަށް ޙުކުމް ކޮށްފައި ހުރި މީހަކު ޖަލުން އަދުރޭ އަށް ފެނިއްޖެނަމަ، އަދުރޭއަށް އެމީހާ ފެންނަނީ ހަމަ "ޖަލު މީހެއް"ގެ ގޮތުގަ އެވެ. އަދި އޭނާ ޖަލު މީހެއްގެ ގޮތުގައި ފެނުމުން އަދުރޭއަށް ބުނަން ނޭނގޭ ގޮތްތަކެއްވެ، ރޮވޭ ގޮތްވެސް ވެއެވެ. ދުނިޔޭގައި މިވަގުތު ހުންނެވި އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ރޮނާލްޑޯ ކުޅޭ ފުޓްބޯޅަ މެޗެއް ބަލަން ސްޓޭޑިއަމްގަ އިނދެފައި، ރޮނާލްޑޯ ފެންނަނީ ހަމަ ފުޓުބޯޅަ ކުޅުންތެރިއެއްގެ ގޮތުގައޭ އަދުރޭ ވިދާޅުވުމަކީ ދުރުކަމެއް ނޫންތާ އެވެ.

އެކެއް ފެބްރުއަރީގައި ސްޕްރީމް ކޯޓުން ނެރުނު އެ ޢަމުރު ތަންފީޒު ނުކުރާނަމެކޭ އަދުރޭމެން ވިދާޅެއް ނުވެއެވެ. ނަމަވެސް ފަހެއް ފެބްރުއަރީގައި އެ ޢަމުރަށްވީގޮތް އެނގޭ ނޫންތޯ އެވެ. ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓު، ސަލާމަތީ ބާރުތަކުން ވަދެ، ހައިޖެކްކޮށް، ދެން ބޭއްވީ ނޫސްވެރިންގެ ބައްދަލުވުންތަކެކެވެ. ވެގެން އުޅޭގޮތް އެނގުނީ ދެނެވެ. ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރީ ކުރީގެ ރައީސް މައުމޫނާއި، އުއްތަމަ ފަނޑިޔާރާއި، އިތުރު ފަނޑިޔާރަކު ހައްޔަރުކޮށް، ސުޕްރީމް ކޯޓުގެ ޢަމުރު "އަނބުރާލުމުގެ" ބޭނުމުގައެވެ.

އަދުރޭ ވިދާޅުވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރިޝްވަތު ނަންގަވައި، މެލޭޝިއާގެ ސައިބަރ ޖާޔާއިން އަގުބޮޑެތި ފްލެޓްތަކެއް ގަތްކަމަށެވެ. ޚަރަދު ކުރީ ޤާސިމުގެ ވިލާ ކުންފުނިން ކަމަށެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި އެގޮތަށް އަދުރޭ ވިދާޅުވުމާއެކު، ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެމައްސަލަ ފުލުހުން ބަލަން ފަށައި، ފުލުހުން ވެސް ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވިއެވެ. ނަމަވެސް ފުލުހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ކުރިން އަދުރޭމެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި އެ ހުރިހާ ވާހަކަތަކެއް ދައްކައެވެ. އަދުރޭ އެވާހަކަތާ ގުޅިގެން ޒުވާން ވިޔަފާރިވެރިޔާ އަދި ޤާސިމުގެ ދަރިކަލުން ސިޔާދު ޤާސިމުވެސް ޖަލަށްލިއެވެ. އަދުރޭމެން ވިދާޅުވެގެން ރޭގަނޑު 10 ގެ ފަހުން ސިޔާސީ ޙަރަކާތް ހިންގުން ފުލުހުން މަނާކުރިއެވެ.

އަޞްލު ވެގެން އުޅޭގޮތް އެނގުނީވެސް ސިޔާދު ޤާސިމުގެ މަށްޗަށް އުފުލި ރިޝްވަތު ދިނުމުގެ ދަޢުވާގެ އަޑުއެހުމެއްގެ ތެރެއިންނެވެ. ޕޮރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޤާނޫނީ ވަކީލުން ވިދާޅުވެފައިވަނީ ރިޝްވަތު ދިންކަމުގެ ހެކި އެބަހުރި ކަމަށެވެ. ނަމަވެސް އެމީހުންގެ އަތުގައި މިވަގުތު ހެކި ނެތް ކަމަށެވެ. ދައުލަތުގެ ވަކީލުން އެހެން ވިދާޅުވުމުން ގާޒީ ވަނީ އެބުނާ ހެއްކެއް ކޯޓަށް ހުށަހެޅުމުގެ މުއްދަތެއް ދީފައެވެ.

ދިން މުއްދަތު ފަހަނައަޅާ ގޮސް އެތައް ދުވަހެއް ވީއިރުވެސް އެބުނާ ހެއްކެއް ފެންނަވަރެއް ނުވިއެވެ. ދެން މިވީގޮތް ބެލިއިރު، ކުރިންވެސް ހިތަށް އެރިގޮތަށް، ދައުލަތުން ހެކި ހުރިކަމަށް މިބުނަނީ ހެކި އެބަހުރި ކަމަށް އަދުރޭ ވިދާޅުވާތީ، އަދުރޭއަށް އިތުބާރު ކޮށެވެ. އެ ހެއްކަކީ ވުޖޫދުގައި ވެސް ނެތް އެއްޗެކެވެ. ރައީސް މައުމޫނާއި، ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދާއި، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެޑްމިނިސްޓްރޭޓަރ ހަސަން ސައީދާއި، އަދިވެސް އެތައް ބަޔަކު ހައްޔަރުކުރި އިރު، އެހުރިހާ ބޭފުޅުންގެ މައްޗަށް ތުހުމަތު ކުރެވޭ މައިގަނޑު މައްސަލައިގެން އަޞްލަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރިޝްވަތު ނެގިކަމަށް ކުރެވޭ ތުހުމަތެވެ. އަދި މުޅި މައްސަލަ ބިނާ ވެފައިވަނީ އަދުރޭ އެވިދާޅުވާ ވުޖޫދުގައިވެސް ނުވާ ހެއްކަށެވެ. ނަމަވެސް އާޚިރުގައި އެމައްސަލައިގެ ތެރެއިން އިތުރު އެހެން މައްސަލަތަކެއް ފެންމަތިވެ، އިތުރު އެހެން ދަޢުވާތަކެއް ކުރެވި، ޙުކުމްތަކެއް ކުރެވިގެންދިޔައިރު، ދިވެހި އެތައްރައްޔިތުންގެ ޙައްޤުތަކެއް ގެއްލި، ސީދާ ދައުލަތުން ރައްޔިތުންގެ ޙައްޤުތަކަށް އަރާގަނެފައި ވެއެވެ.

އަދުރޭއަކީ ރައީސް ޔާމީނުގެ ވެރިކަމުގައި އެންމެ ނުފޫޒު ގަދަ ބޭފުޅަށް ވާތީ، ފުލުހުންނަށް ވެސް ޕީޖީ އޮފީހަށްވެސް އަދުރޭ ވިދާޅުވާ ވާހަކަ ތެދުކޮށް، ތަހުޤީޤުތައް ހިންގާ، ދަޢުވާތައް އުފުލުމުގެ ނަތީޖާ ވަރަށް ހިތްޗެވެ. މުޅި ދައުލަތް ފެއިލްވުން ނޫންކަމެއް ނުވެއެއް ނޫންތޯއެވެ.

ނަމަވެސް ހަމަ އަދުރޭ މިހާރުވެސް އޭނާގެ ގޮތުގައި އޭނާ އެބަ ކުރިއަށް ދެއެވެ. އެފުރުޞަތު އޭނާއަށް މިހާރުވެސް ލިބެމުންދަނީ ކީއްވެތޯ ރައްޔިތުން ސުވާލު އުފައްދަ އެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ހިންގި ޖަރީމާތަކުގައި ބައިވެރިވެފައިވާ މީހުން ރަށުތެރޭގައި ދޫވެފައި މިނިވަންކަމާއެކު ބޭނުންހާ ވާހަކައެއް ދައްކަމުންދާއިރު، އެ ބޭފުޅުންގެ ސަބަބުން ދައުލަތަށް މާލީ ގޮތުންވެސް ބޮޑެތި ގެއްލުންތައް ދަނީ ދެމުން ނޫންތޯ އެވެ. މިކަމަށް އެއްވެސް ޙައްލެއް ހަމަ ނެތީތޯ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
79%
8%
13%
0%
0%
ކޮމެންޓް
28 ޖެނުއަރީ 2020 | އަންގާރަ 09:51
މޯޑް
ސައްހާފަކީ "ކޮމިކަލް އަލީ" ނުވަތަ ބަގްދާދު ބޮބް، "ކެމިކަލް އަލީ" އަކީ ހަމަ އިރާގުގެ އެހެން މީހެއް، އޭނާއަށް ކިޔަނީ އަލީ ހަސަން އަލް މާޖިދް
27 ޖެނުއަރީ 2020 | ހޯމަ 21:00
مجدى
صحاف އާއި ކެމިކަލް على މިއީ ދެމީހުންތޯނުވަތަ އެކަކުތޯ. އަޅުގަޑު ހީކުރަނީ ދެ މަގާމުގައި ތިބި ދެމީހުން ކަމަށް.