15 އަހަރުގެ ކުއްޖާ ރޭޕް ކުރި ދެ ސިފައިން އަދިވެސް ވަޒީފާގައި، އޭގެފަހުން ކިތައް ކުދިން އެމީހުންގެ ޝިކާރައަކަށްވިބާ؟
އެ މައްސަލަ ހުށަހެޅީ އެ ކުއްޖާގެ މަންމަ ކަމަށް ވިދާޅުވި


އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް
ދެ ސިފައިން ވެގެން، 15 އަހަރުގެ ކުއްޖަކު ރޭޕް ކުރި ކަމަށާއި، އެ ސިފައިން އަދިވެސް ތިބީ ވަޒީފާގައި ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ހުކުރު ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ބޭއްވި ކުއްލި ބައްދަލުމުގައި ވާހަކަދައްކަވަމުން ރޮޒެއިނާ ވިދާޅުވީ 15 އަހަރުގެ ކުއްޖާ ރޭޕް ކުރި މައްސަލަ ފުލުހުންނަށް ހުށަހެޅީ އެ ކުއްޖާގެ މަންމަ ކަމަށެވެ. އަދި އެ މައްސަލައިގައި ކުރިއެރުމެއް ނުލިބިގެން މެންބަރު އަމިއްލަ އަށް ފުލުސް އޮފީހަށް ދިޔަނަމަވެސް އެއްވެސް މަޢުލޫމާތެއް އަދި އެ މައްސަލައިގެ އަޕްޑޭޓެއް ނުލިބުނު ކަމަށެވެ.
މެންބަރު ވިދާޅުވީ އެ 15 އަހަރުގެ ކުއްޖާ ރޭޕް ކުރި މީހުން އަދިވެސް ތިބީ މިނިވަންކޮށްކަމަށެވެ. އަދި ރޮޒެއިނާ ވަނީ އޭގެ ފަހުން އެމީހުންގެ ޝިކާރައަކަށް ވެފައިވަނީ ކިތައް ކުދިން ކަމާއި މެދު ސުވާލުއުފައްދަވާފައެވެ.
ތަކުރާރުކޮށް މިފަދަ މައްސަލަތައް ވަމުންދާ ކަން ފާހަގަކޮށް ރޮޒެއިނާ ވިދާޅުވީ ސިސްޓަމްގެ ތެރެއިން އެކަހަލަ ކުޑަކުދިންނަށް ލިބެންޖެހޭ ޙައްޤުތައް ނުލިބޭ ކަމަށެވެ. އަދި ރަށްރަށުގައި ވެސް އެކަންކަން އެނގިތިބެ، އެފަދަ ވާހަކަތައް ދައްކަމުންދަނީ ޖޯލިފަތީގައި ތިބެގެން ދައްކާލާ ވާހަކައެއްހެން ކަމަށެވެ.
މެންބަރު ވިދާޅުވީ އެ ފަދަ މައްސަލަތައް ރިޕޯޓު ކުރި ނަމަވެސް އެ ރިޕޯޓުތަކާއި ގުޅޭ ގޮތުންއަޅަންޖެހޭ ފިޔަވަޅުތައް އެކަށިގެންވާ ބާރުމިނުގައި ނޭޅޭ ކަމަށެވެ. އެހެންކަމުން ކަމާބެހޭ މުއައްސަސާތަކަށް ރިޕޯޓު ކުރެވިފައިވާ އެފަދަ މައްސަލަތައް ރިޕޯޓު ކުރެވިފައިވާ ތާރީހުތަކާއި އެ ފަދަ ކިތައް މައްސަލަ ރިޕޯޓު ކުރެވިފައިވާވޭތޯ ކަމާބެހޭ އިދާރާތަކުން ހޯދަން ފެންނަކަމަށް ވެސް ރޮޒެއިނާ ވިދާޅުވިއެވެ. މެންބަރު ވިދާޅުވީ ކޮމެޓީން އަވަސް ރޭޓެއްގައި މަސައްކަތް ކޮށްފި ނަމަ، އެފަދަ އެތައް ކުދިންނެއް ސަލާމަތްކުރެވިދާނެ ކަމަށެވެ.








