Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއެޖެންޑާ 19 ރަށަށް

އެޖެންޑާ 19 ރަށަށް: ދަތުރުމަތިން

17 ޖެނުއަރީ 2020 | ހުކުރު 13:41

މި ދަތުރު ފަށާފައިވަނީ އާދިއްތަ ދުވަހު ހަވީރު 4:30 ގައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 17 ޖެނުއަރީ 2020 | ހުކުރު 13:41
ައެމްޑީޕީން ތިލަދުންމައްޗަށް ކުރި ދަތުރު ނިންމާލުމަށްފަހު މާލެއަށް އައުން

ައެމްޑީޕީން ތިލަދުންމައްޗަށް ކުރި ދަތުރު ނިންމާލުމަށްފަހު މާލެއަށް އައުން

ކުރިއަށް ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕޭން ކުރުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޓީމެއް ތިލަދުންމައްޗަށް ފުރާފައިވަނީ މި ދިޔަ އާދިއްތަ ދުވަހު ހަވީރު 4:30 ގައި ކުޅުދުއްފުއްޓާއި މާލެއާއި ދެމެދު ދަތުރުކުރާ ބޯޓެއްކަމަށްވާ ކުޅުދުއްފުށީ "ސީ ކުއީން" ބޯޓުގައެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، އެޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި، އެމްޑީޕީގެ ގިނަ އަދަދެއްގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އާންމު މެންބަރުން ހިމެނޭ ގޮތަށް 300 އެއްހާމީހުން މި ބޯޓުގައި ގާތްގަނޑަކަށް ފަސް ދުވަސް ހޭދަކުރެވިފައިވާއިރު މިއީ މިހާ ދިގު ދަތުރެއްގައި އަޅުގަނޑު ބައިވެރިވި ފުރަތަމަ ދަތުރެވެ. އެހެންކަމުން މި ދަތުރުގައި ކުރެވުނު ތަޖުރިބާ އަޅުގަނޑު ހިއްސާކޮށްލާނަމެވެ.

ދަތުރަށް ފެށީ ހަވީރުގެ ވަގުތެއްގައިކަމުން ބޯޓަށް އަރާ ބޯޓު ތެރެއަށް ފުރަތަމަ ނަޒަރު ހިންގާލިއިރު ތިން ބުރިއަށް ހަދާފައިވާ މި ބޯޓުގައި ދެ ބުރީގައި ވަނީ މީހުން ނިދުމަށްޓަކައި އެނދުތައް ބަހައްޓާފައެވެ. ބޯޓުން ދަތުރުކުރި އެންމެންވެސް ބޯޓަށް އަރާ އެމީހަކަށް ދީފައިވާ އެނދުގައި އިށީންދެ ހަމަޖެހިލާ މަންޒަރު ފެނިގެން ދިޔައެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ބޯޓުގެ ފަޅުވެރިން ޑަބިޔާ ތަކުގައި ކުޅިކާޖާ އާއި ސަޔާއި ކޮފީ ބަހަން ފެށިއެވެ.

ޕާޓީގެ ކެމްޕޭން ލަވައިގެ ފޯރިއާއިއެކު އެންމެން އެކުގައި ބޯޓުތެރޭގައި ސައިބޮމުން ދިޔަ ވަގުތު ރައީސް ނަޝީދުވެސް ވަނީ އެންމެނާއެކު ސައިފޮދު ހިއްޕެވުމުގައި ބައިވެރިވަޑައިގެންފައެވެ. އެންމެން ސައި ބޮމުން ދިޔަ ވަގުތު ޕާޓީގެ ރައީސް ބޯޓުތެރޭގައި ހިންގަވާ ޕާޓީގެ މެންބަރުނާއި ވާހަކަދައްކަވާ އުޅުއްވާ މަންޒަރު ފެނިގެން ދިޔައެވެ.

ދިގު ދަތުރެއް ކަނޑު ބޯޓެއްގައި ކުރަން ޖެހުމުން ދަތުރު ފެށުނު އިރު މާޔޫސްވެފައި ހުރި އަޅުގަނޑުގެ މާޔޫސްކަން ފިލައިދިޔައީ މިމަންޒަރުތައް ފެނިއެވެ. ހިތަށް ފިނިކަން ލިބި ހިތްހަމަޖެހުން ލިބި އަޅުގަނޑުގެ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދިޔައެވެ. ފޫހިނުވެ މި ދަތުރު ނިންމާލެވޭނެކަން ކަށަވަރުވެގެން ދިޔައީ، އެނެގި ފޯރިއާއި މަޖަލާ ހެދިއެވެ.

އިރުއޮއްސުމާއިއެކު ރޭގަނޑުގެ ކެއުމުގެކުރިން ރައީސް ނަޝީދު އިސްކޮށްހުންނަވާ ދަތުރުގެ ޕްރޮގްރާމް ރާވަމުން ގެންދިވިއެވެ. ޕްރޮގްރާމް ރާވަމުން ދިޔައިރު، އަޅުގަނޑު ހިތަށް ކުއްލިއަކަށް އައި ސުވާލަކީ، މިހާ ގިނަ އަދަދެއްގެ މީހުންނަށް އަނެއްކާ މިބޯޓުގައި ކެއުމުގެ އިންތިޒާމްތައް ހަމަޖެހިފައި ހުރީ ކިހިނެއްބާވައެވެ.

މިއެންމެނަށް ކެއުން ތައްޔާރުކުރާގޮތެއް ހޯދާ ބަލާލުމަށް، ސީކުއީން ބޯޓުގެ ކައްކާގެ ކައިރިއަށް ބަދިގެއަށް ވަދެލިއިރު، ބޮޑު ތެއްޔެއްގައި ބިރިޔާނީ ކައްކާ ކެއުމަށް ތައްޔާރުކޮށްފައި ހުރި މަންޒަރު ފެނިގެން ދިޔައެވެ. ބިރިޔާނީ ތެލީގެ ބޮޑުކަން ފެނި، މިހާ ގިނަ އަދަދެއްގެ ބަޔަކަށް ބޭނުންވާ ކާބޯތަކެތި ތައްޔާރު ކުރަނީ ކިހިނެތްތޯ ބޯޓުގެ ކައްކާ މޫސަ އާއި ސުވާލު ކޮށްލުމުން ކައްކާ ބުނީ މިއީ އޭނާއަށް އާކަމެއް ނޫން ކަމަށެވެ. ހަމަޖެހިލާފައި މޫސަ ބުނީ "މިޔަށް ވުރެ ގިނަ މީހުންނަށް ވެސް ކައްކާފައި ހުންނާނެ" ކަމަށެވެ.

ރޭގަނޑުގެ ކެއުމަށްފަހު ބައެއް ފަރާތަކުން ނިދުމަށް މަސައްކަތް ކުރަމުން ދިޔައެވެ. އަޅުގަނޑުވެސް ބޯޓުތެރޭގެ އިންތިޒާމްތައް ބަލައިލިއިރު ބޯޓުގައި ފަސް ފާޚާނާ އާއި ނަމާދު ކުރުމަށް ވަކިން ޚާއްސަ ކޮޓަރިއެއް ވެސް ހަދާފައި ހުއްޓެވެ. ބޯޓުގެ އިންތިޒާމުތައް ފުރިހަމަކަމުން ބޯޓުގެ ވެރިފަރާތަކީ ކޮބައިތޯ ފަޅުވެރިއަކާއި ސުވާލު ކުރުމުން ބޯޓުދުއްވަން އިން ކައްޕި އިންނަ ކޮޓަރިއަށް އަޅުގަނޑު ގެންދިޔައެވެ.

އެ ކޮޓަރީގައި އިން މީހަކު ދެއްކުމަށްފަހު މިއީ ބޯޓުގެ ވެރިފަރާތް އެޑަމް އޭ ބުނެ އޭނާ އަޅުގަނޑަށް ތަޢާރަފް ކޮށްދިނެވެ. ބޯޓާއި ގުޅޭގޮތުން އެޑަމް އާއި އާޅުގަނޑު ވާހަކަ ދައްކާލީމެވެ. އެޑަމް ބުނީ ތިލަދުންމައްޗަށް އެމްޑީޕީން ކުރާ ދަތުރަށް، އޭނާގެ ބޯޓު އިހުތިޔާރު ކުރުމަކީ، ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

ދެން ސުވާލުކޮށްލީ މިދަތުރުގައި ބައިވެރިވާން ދިޔަ އެމްޑީޕީގެ ބައެއް މެމްބަރުންނާއެވެ. މިފަދަ ދަތުރަކަށް އެރުމުން ކުރެވޭ އިހުސާސްތައް އޮޅުން ފުލިވުމަށް ބޯޓުގެ އެކި ބައިތަކުގައި ތިބި މީހުންނާއި ވާހަކަދައްކާ ދަތުރާއި ގުޅޭ ގޮތުން ސުވާލުކޮށްލީމެވެ. ސުވާލުކޮށްލުމުން އެނގިގެންދިޔައީ، މިއީ އެވެރިންނަށް އައު ކަމެއް ނޫންކަމެވެ. މީގެކުރިންވެސް އިންތިހާބުތަކާއި ގުޅިގެން މިކަހަލަ އެތައް ދަތުރެއް ކޮށްފައިވާކަމަށް ބުންޏެވެ. އެންމެންގެ ވާހަކައިންވެސް ފާހަަގަކުރެވުނު އެއްވާހަކައެއް އޮތެވެ. އެއީ ރައީސް ނަޝީދާއެކު މިދަތުރުކުރަން ލިބުނުކަމެވެ.

އޭގެއިތުރުން މިދަތުރުގައި އަންހެނުން ގިނަކަންވެސް ފާހަގަކޮށްލަންޖެހެއެވެ. މިހާ ދިގު ދަތުރެއްގައި ގިނަ އަންހެނުންވެސް ބައިވެރިވުގެ މަޤްސަދަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމަށް ކަމަށް އަންހެންވެރިން ބުންޏެވެ.

ދަތުރުގެ ޝެޑިއުލް ރޭވިފައި އޮތްގޮތަށް ކުރިޔަށްދާނެ ކަމަށާއި، އެންމެންވެސް ގަޑިއަށް ފަރުވާތެރިވުމަށް ނަސޭހަތްތެރިވެ ދަތުރުގެ ފުރަތަމަ މަންޒިލާ ގާތްވެފައިވާ ވާހަކަ ލައުޑް ސްޕީކަރުން އިއުލާން ކުރިއެވެ. އޭރު މިއުޅެނީ ލޮލު ފިޔައެއްވެސް ޖަހާނުލެވިއެވެ. އަވަސްވެގަތީ ތައްޔާރުވެގެން އަވަހަށް ސައިބޮއެގެން ފޭބުމަށެވެ.

މި ދަތުރުގެ އެންމެ ފުރަތަމަ މަންޒިލަކަށް ދިޔައީ ހއ. އިހަވަންދޫއަށެވެ. އިހަވަންދޫއަށް ފޭބުމަށްފަހު، އެމްޑީޕީގެ ޓީމުތަކުން ދޮރުން ދޮރަށް ކެމެޕޭން ހިންގުމަށްފަހު ކަންމަތީ ބައްދަލުވުން ބާއްވާފައިވެއެވެ. އެރަށުން ފުރައިގެން ދެން ދަތުރު ފެށީ ހއ. ހޯރަފުއްޓަށް ދިއުމަށެވެ. ހޯރަފުއްޓަށް ބޯޓު ލެފި ގަޑިއަކީ މެންދުރުގެ އެންމެ އަވިބާރު ވަގުތެވެ. ނަމަވެސް ޓީމަށް މަރުހަބާކިއުމަށް ހޯރަފުށިން ގިނަ އަދަދެއްގެ ބަޔަކު ވަނީ ބަނދަރު ސަރަހައްދަށް އެއްވެފައެވެ.

ހޯރަފުށީގައިވެސް ކަންމަތީ ބައްދަލުވުމާއި ދޮރުން ދޮރަށް ހަރަކާތްތައް ބޭއްވުމަށްފަހު ދެން ފުރައިގެން ދިޔައީ އެ އަތޮޅު ކެލާ އަށެވެ. ކެލާއަށް ފަހު ދެން ދިޔައީ ބާރަރަށެވެ. ބާރަށަށް ދެވުނު ވަގުތަކީ ހަވީރުގެ ވަގުތުކަމުން ދިޔަވަރު ހިކިފައިވުމުން ބޯޓަށް އެރަށަށް ކައިރި ނުކުރެވޭތީ އެރަށަށް ފައިބަން ޖެހުނީ ކުޑަ ދޯންޏެއް ބޯޓުކައިރިއަށް ގެނެސްގެން ދޯނީގައެވެ. ބާރަށުގައި ކަންމަތީ ބައްދަލުވުން ބޭއްވުމަށް ފަހު އެރަށުން ސައިބޮއެގެން ޓީމުން ދެން ފުރީ ދިއްދޫއަށް ދިއުމަށެވެ.

ދިއްދޫއަށް ލެފުނު ވަގުތަކީ ހޯމަ ދުވަހުގެ އިރު އޮއްސުނު ވަގުތެވެ. ދިއްދޫއިން ޓީމަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ. ހޯމަ ދުވަހުގެރޭ ދިއްދޫގައި ބޮޑު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާތީ ޓީމުގެ ބައެއް މެންބަރުން ރަށުގެ އެކި ގޭގެއަށް ގޮސް ތައްޔާރުވިއިރު އަނެއް ބަޔަކު ޖަލްސާއަށް ދިއުމަށް ފެންވަރާ ތައްޔާރުވީވެސް ބޯޓުގައެވެ.

ހދ އަށް ދިއުމަށް ކަނޑައެޅިފައިވާ ގަޑިއަކީ އަންގާރަ ދުވަހު ހެނދުނު ކަމަށް ވާތީ ދިޔަވަރު ހިކި ގަޑީގައި ދިއްދޫ ފަޅުން ބޯޓު ނެރެން އުދަގޫވާނެތީ އެރޭ ބޯޓީ އޮތީ ދިއްދޫ ބޭރުގައި ބަނދަރު ކޮށްފައެވެ. ޕާޓީގެ ރައީސްވެސް ނިދިކުރެއްވީ ޕާޓީގެ މެންބަރުންނާއި އެކު ބޯޓުގައެވެ. އެންމެ ފުރަތަމަ ދިޔައީ އެއަތޮޅު ހަނިމާދޫއަށެވެ. އެރަށުގައިވެސް ދޮރުން ދޮރަށް ހަރަކާތްތަކާއި ކަންމަތީ ބައްދަލުވުން ބޭއްވުމަށްފަހު ދެން ދިޔައީ ނޭކުރަންދޫއަށެވެ. ނޭކުރަންދޫގައި އެވަގުތު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުވެސް ހުންނެވިއެވެ.

ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން ގުޅިގެން ރާއްޖޭގެ ކަނޑުފަޅުތަކުގައި ކުރާ ދިރާސާ ޕްރޮގްރާމްގެ އަމަލީ މަސައްކަތް ފެއްޓެމަށް ދިއްދޫގައި ބޭއްވި ރަސްމިއްޔާތުގައި ދެރައީސުން ބައިވެރިވެލެއްވުމަށްފަހު ދެރައީސުން ދެން ވަޑައިގެންނެވީ ކޭލަކުނު ސަރަހައްދަށް ފީނުމަށެވެ.

މި ހަރަކާތް ނިމެންދެން ބޯޓު ކޭލަކުނު ބޭރުގައި ބަނދަރު ކޮށްފައި އޮތުމަށްފަހު ޕާޓީގެ ރައީސް ބޯޓަށް އަރާވަޑައިގަތުމުން ބޯޓުން ދަތުރުފެށީ ހދ. ކުމުންދޫއަށެވެ. ކުމުންޑޫގައިވެސް ބައްދަލުވުން ބޭއްވުމަށްފަހު ވައިކަރަދޫއަށް ދިޔަ މަގުމަތީގައި ކަނޑުމަތިން ރައީސް ސާލިހު ވަނީ ކުޅުދުއްފުށީ ސީކުއީން ބޯޓަށް އަރާވަޑައިގެން ކެމްޕޭން ޓީމާއި ގުޅިވަޑައިގެންފައެވެ.

ދެ ރައީސުން އެކުގައި ވަނީ ވައިކަރަދޫ، އަދި ނޮޅިވަރަން އަދި ކުޅުދުއްފުޓަށް ޒިޔާރަތް ކުރައްވާފައެވެ. ނޮޅިވަރަމު ފަޅަށް ވެސް ބޯޓަށް ކައިރި ނުކުރެވުމުން ޓީމާއި ދެރައީސުންވެސް ނޮޅިވަރަމަށް ފައިބާ ވަޑައިގެންނެވީ ކުޑަ މަސްދޯންޏެއްގައެވެ.

އަންގާރަ ދުވަހުގެރޭ 9:30 ގައި ކުޅުއްދުއްފުށީ "ސީކުއީން" ބޯޓުގައި ދެރައީސުން އެކުގައި ކުޅުދުއްފުށީ ސިޓީއަށް ވަޑައިގެންނެވުމުން އެ ސިޓީން ވަނީ ދާއިރާގެ ދެ އެމްޕީންނާއި ގިނަ އަދަދެއްގެ ބަޔަކު ނުކުމެ ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި ކުޅުދުއްފުށީ ބަނދަރު ސަރަހައްދުގައި، އެމްޑީޕީގެ ޓީމަށް ވަނީ ބޮޑިބަތް ފަރިއްކޮޅެއްއަރުއްވާފައެވެ.

ކުޅުދުއްފުށީ ސިޓީގައި ރޭ ކުރެއްވުމަށްފަހު ބުދަ ދުވަހު ހެނދުނު 9:00 ގައި ރައީސް ސޯލިހު ވަނީ އެރަށުގައި ބޭއްވި ތިލަދުންމަތީ "އިރުވައި ކޮންފަރެންސް" ހުޅުއްވައިދެއްވާފައެވެ. މި ކޮންފަރެންގައި ދެ ރައީސުންނާއި ހއ. އަދި ހދ. ގެ ދާއިރާތަކުގެ ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންނާއި ދާއިރާތަކުގެ މަޖިލިސް މެންބަރުންނާއި އެމްޑީގެ ޓީމުން ވަނީ ބައިވެރިވެފައެވެ.

މި މަހާސިންތާގައި ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުންނާއި، އަތޮޅުގެ ތަރައްގީއަށް ކުރިޔަށް ގެންދަން ބޭނުންވާ މަޝްރޫއުތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައިވެއެވެ. އަދި ބޮޑެތި ބަދަލުތަކަކާއިއެކު އަމަލުކުރަން ފެށުނު ލާމަރުކަޒީ ގާނޫނާ ގުޅޭގޮތުން، މަހާސިންތާގެ ބައިވެރިންނަށް މައުލޫމާތު އެރުވުނެވެ.

ކުޅުދުއްފުށީ ސިޓީގެ ފަރާތުން ޓީމަށް ދިން ޚާއްސަ މަލާފަތެއް އެރޭ 8:00 ގައި އެރަށުގެ ތައުލީމީ މަރުކަޒުގައި އޮތެވެ. ދިވެހި ޘަޤާފަތް ދައްކުވައިދޭ ގޮތަށް ތައްޔާރު ކޮށްފައިވާ މި މަލާފަތުގައި އިހުޒަމާނުގައި ކެއުމަށް ބޭނުންކުރާ ބައެއް ތަކެތި ވަނީ ތައްޔާރު ކޮށްފައެވެ. މި މަލާފަތުގައި ދެ ރައީސުންވެސް ވަނީ ބައިވެރިވެފައެވެ. އަދި ކެއިންބެއްލެވީ، އިހު ޒަމާނުގައި ދިވެހިންގެ ޖާފަތްތަކުގައި ތިބޭހެން، ދެފައި ވަށްކޮށްލައިގެން ތަޅުންމަތީ އިށީންދެވަޑައިގެން ތިއްބަވައެވެ.

މި މަލާފަތުގައި ހަނޑުލުބަތް، ކުކުޅު، މަސްބޮނޑި، އަސާރަ، ދޮންކެޔޮ، ސާގު ބޮނޑިބަތް، ހަނދޫލު ބޮނޑިބަތް، ހަލުވިދާ ހުއްޓެވެ. ބުއިމަކަށް ހުރީ ކުޅުދުއްފުށީ މީހުން ކިޔާ ކެއްކި ފެނެވެ. އެފެން ތައްޔާރުކުރަނީ ކަރަންފުލާއި، ފޮނިތޮއްޓާއި ކާފޫރުތޮޅި އަދި ސައިފަތް އަޅައިގެން ތައްޔާރުކޮށްފައިވާ ބުއިމެކެވެ. އަތްދޮވުމަށްޓަކައި ފެންކުރާ ބަހައްޓާފައި ހުއްޓެވެ.

މަލާފަތަށް ފަހު ދެން ކުރިއަށް ދިޔައީ އެރަށުގައި ބޭއްވި ބޮޑު ޖަލްސާއެވެ. ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި ޖަލްސާ ނިންމާލުމަށްފަހު ޕާޓީގެ ރައީސާއި ޓީމުން މާލެ އައުމަށް ފުރީ ބުދަ ދުވަހުގެ ދަންވަރު 1:30 ގައެވެ. ޓީމަށް މާލެ އާދެވިފައި ވަނީ ބުރާސްފަތި ދުވަހުގެ މެންދުރު 2:30 ގައެވެ. މި ދަތުރުގައި ޓީމުގައި ބައިވެރިވި މެންބަރުންގެ ނިދުމާއި ކެއުމާއި ފެންވެރުމާއި ހުރިހާ އިންތިޒާމްތަކެއް ވެސް ކުރިއަށް ގެންގޮސްފައިވަނީ ކުޅުދުއްފުށީ "ސީކުއީން" ބޯޓުގައެވެ. ބޯޓުގެ ފަޅުވެރިން ހީވާގި ކަމާއި ބޯޓުގައި އިންތިޒާމްތައް ހަމަޖެހިފައިވަނީ ވަރަށްވެސް ފުރިހަމައަށެވެ.

މުޅި ދަތުރުން ފެނިގެންދިޔައީ ރޭވިގެން ހިންގާ ސިޔާސީ ފުރިހަމަ ކެމްޕޭނެއް ކުރުމަށް ސިޔާސީ ޕާޓީއެއް ފަރިތަވެފައިވާ މިންވަރު އެވެ. ރައްޔިތުންގެ ގާތުން، ރައްޔިތުންގެ ވާހަކަތައް އަޑުއަހައި، ކެމްޕޭން ކުރުމުގެ ވައްޓަފާޅި ފުރިހަމަ ޕާޓީއެއްގެ މަންޒަރު އެވެ. ސިޔާސީ މައިދާނުގައި ކޮންމެ ކަނޑަކަށްވެސް ހެޔޮވަރު ފަހުލަވާނުންތަކެއް ތިބި ޕާޓީއެއްގެ މެމްބަރުންތަކުގެ ހިއްވަރު އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

05 ސެޕްޓެމްބަރު 2024

ގައުމަށްވުރެ އިސްކުރަނީ އަމިއްލަ ސިޔާސީ އެޖެންޑާ

05 ސެޕްޓެމްބަރު 2024
ގައުމަށްވުރެ އިސްކުރަނީ އަމިއްލަ ސިޔާސީ އެޖެންޑާ
07 ނޮވެމްބަރު 2023

މަޖިލީހުގެ ގަވާއިދު އިސްލާހުކުރުމުގެ މައްސަލައަށް ވީ ކިހިނެއް؟ - "މައްސަލަ އެޖެންޑާކުރަން އީވާއަށް ދަންނަވާފައިވޭ"

07 ނޮވެމްބަރު 2023
މަޖިލީހުގެ ގަވާއިދު އިސްލާހުކުރުމުގެ މައްސަލައަށް ވީ ކިހިނެއް؟ - "މައްސަލަ އެޖެންޑާކުރަން އީވާއަށް ދަންނަވާފައިވޭ"
17 ޖުލައި 2022

ރަށަށް ނުދެވޭނެ ކަމުގެ މާޔުސްކަން ފިލުވައިދިން ބައިވެރިޔާ

17 ޖުލައި 2022
ރަށަށް ނުދެވޭނެ ކަމުގެ މާޔުސްކަން ފިލުވައިދިން ބައިވެރިޔާ
03 ނޮވެމްބަރު 2021

ދައުލަތުގެ މާލިއްޔަތުން "ސޫޓާއި ބޫޓު" ގަތް ބޭފުޅުންގެ ދެކޮޅުނުޖެހޭ އެޖެންޑާ!

03 ނޮވެމްބަރު 2021
ދައުލަތުގެ މާލިއްޔަތުން "ސޫޓާއި ބޫޓު" ގަތް ބޭފުޅުންގެ ދެކޮޅުނުޖެހޭ އެޖެންޑާ!
03 ނޮވެމްބަރު 2019

އަތޮޅު ތެެރެއިން މީހުން ރަށަށް އަރާ ފެރިދޫ ''ޗާލު'' ކޮށްލައިފި

03 ނޮވެމްބަރު 2019
އަތޮޅު ތެެރެއިން މީހުން ރަށަށް އަރާ ފެރިދޫ ''ޗާލު'' ކޮށްލައިފި
09 އޯގަސްޓު 2019

އީދު ޗުއްޓީއަށް ރަށަށް ނުދެވޭ ކުދިން ކޮބާ؟

09 އޯގަސްޓު 2019
އީދު ޗުއްޓީއަށް ރަށަށް ނުދެވޭ ކުދިން ކޮބާ؟
26 މާރިޗު 2019

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

26 މާރިޗު 2019
އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!
01 ޖެނުއަރީ 2019

އަފްޒަލްގެ މަރާއެކު ދެ ރަށަށް ބޮޑު ހިތާމައެއް!

01 ޖެނުއަރީ 2019
އަފްޒަލްގެ މަރާއެކު ދެ ރަށަށް ބޮޑު ހިތާމައެއް!
18 ޑިސެމްބަރު 2017

ޖެރޫސަލަމް އިޒްރޭލްގެ ވެރިރަށަށް ނުވާނެ ސަބަބު

18 ޑިސެމްބަރު 2017
ޖެރޫސަލަމް އިޒްރޭލްގެ ވެރިރަށަށް ނުވާނެ ސަބަބު
24 ޖޫން 2017

މާލޭގެ ބަނދަރު ހުސްވެފައި، އީދު ބަންދަށް ގިނަ ބަޔަކު ރަށްރަށަށް!

24 ޖޫން 2017
މާލޭގެ ބަނދަރު ހުސްވެފައި، އީދު ބަންދަށް ގިނަ ބަޔަކު ރަށްރަށަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް